May 15, 2025 21:15
Advertisement

-Advertisement-

އަނީސް

އަނީސް: މަސައްކަތުގައި ބުރަކޮށް އުޅެނިކޮށް ކިޑްނީ ފެއިލްވެ ބަލި އެނދުގައި، އެދެނީ އެހީތެރިކަމަށް!

އައްޑޫސިޓީ ހިތަދޫ 'ސެރިނިޓީ' އަބްދުﷲ އަނީސް އަކީ 'އެމްއާރްޑީސީ' ގައި ޑްރައިވަރަކަށް ބުރަކޮށް ވަޒީފާ އަދާކުރަމުން އައި 4 ކުދިންގެ ބައްޕައެކެވެ. އުމުރުން 56 އަހަރުގެ އަނީސްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައީ ކިޑްނީ މަސައްކަތް ނުކުރަން ފެށުމުންނެވެ.  

އަނީސްގެ އަންހެނުން ޏ. ފުވައްމުލަކަށް އުފަން އާމިނަތު ނަހުޒާ ވަނީ ފިރިމީހާގެ ހާލަތު 'ޒީޓައިމްސް' އަށް ކިޔައިދީފައެވެ. އެންމެ ފުރަތަމަ ކާއެއްޗެހި ނުކެވި ހޮޑުލެވޭ ގޮތްވުމުން ޑޮކްޓަރަށް ދެއްކުމުން ދިނީ ގޭހުގެ ބޭހެވެ. އެކަމަކު އަނީސްގެ ހާލަތަށް ބަދަލު ނައުމުން އެތެރެހަށީގެ އިތުރު ޑޮކްޓަރަކަށް ދެއްކިއެވެ.

އަނީސްގެ ބަލިހާލަތާއި ގުޅޭގޮތުން ދީފައިވާ ލިޔުން

" ޓެސްޓްތައް ހެދުމުން އެނގުނީ ކިޑްނީ މައްސަލަ އުޅޭކަން. ޑައިލިސިސް ހަދަން ބުނީ. އެހާހިސާބުން މާލެ އައިސް ޑޮކްޓަރަށް ދައްކާފަ ޓެސްޓް ހެދުމުން އައިޖީއެމްއެޗްއިން ބުނީ މައްސަލަ އުޅޭތީ އެވަގުތުން ވަގުތަށް ޑައިލިސިސް ހެދުމަށް. ވަރަށް ޕޮޓޭޝިއަމް މަތިކޮށް ހުރީ. ސްޓްރޯކެއް ޖެހިދާނޭ ނޫނީ ހުއްޓިވެސް ދާނޭ ބުނީ. އެދުވަހުން ފެށިގެން ޑައިލިސިސް ހަދަން ފެށީ. ފުރަތަމަ ހަފްތާއަކު 2 ދުވަހު. ފަހުން ހަފްތާއަކު 3 ދުވަހު ހަދަންޖެހޭ. އައްޑޫގައި ދިރިއުޅޭތީ އެކޮޅުން ޑައިލިސިސް ހަދަނީ". އާމިނަތު ކިޔައިދިނެވެ.

Advertisement

އާއިލާއިން ދަނީ އަނީސްގެ ކިޑްނީ ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. ކިޑްނީ ހަދިޔާ ކުރަނީ އަނީސްގެ އެއްބަނޑުއެއްބަފާ ކޮއްކޮއެކެވެ.

" ބޭނުންވާ ލިޔުންތައް ކޯޓަށް ހުށަހަޅައިގެން ތައްގަނޑުޖަހައިގެން އާސަންދަ އަށް ހުށަހެޅެން އޮތީ. ފިރިމީހާގެ އެއްބަނޑުއެއްބަފާ ކޮއްކޮ ކިޑްނީ ހަދިޔާ ކުރަނީ. އިންޑިއާގެ ޗެންނާއީއިން އައި ޑޮކްޓަރުންގެ ޓީމަކަށް ދެއްކުމުން ބުނީ އެއްބަނޑުއެއްބަފާ މީހެއްވީމަ ވަކި ވައްތަރެއްގެ ލޭ ހުންނަނަމަ ކިޑްނީ ދިމާވާނެ ކަމަށް".

އަނީސްގެ އާއިލާއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފަރުވާއަށް އިންޑިއާގައި 5 ވަރަކަށް މަސްދުވަސް ހޭދަކުރަންޖެހޭތީއެވެ. އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ނެތުމުންނެވެ.

" 18 އަހަރު ނުފުރޭ 4 ކުދިން އެބަތިބި ޚަރަދުކުރަންޖެހޭ. އަޅުގަނޑު ހުންނަނީ ޝަރަފުއްދީން ސްކޫލުގައި ސަޕޯޓް ސްޓާފަކަށް. ބަލިވިފަހުން ފިރިމީހާއަށް ވަޒީފާއަށް ނުދެވޭ. ހެވީ ވެހިކަލް ދުއްވާ މީހެއްވީމަ ޑޮކްޓަރު ބުނެފައި އޮތީ އެމަސައްކަތް މިދުވަސްވަރު ނުކުރުމަށް. އެހެންވެ އޮފީހުން ވަކިއެއްޗެއް އަންގަންދެން ގޭގައި ހުންނަނީ. ރޯދަމަހުން ފެށިގެން އެގޮތަށް ގޭގައި ހުންނާތީ ލިބޭ މުސާރަ މަދު. އަދި ގެ ހަދަން ކުރިން ނަގާފައިވާ ލޯނަކަށް މަހަކު 5000 ރުފިޔާ ފިރިމީހާ ދައްކަންޖެހޭ". އާމިނަތު ކިޔައިދިނެވެ.

އިންޑިއާގައި ގިނަ ދުވަސްތަކަކަށް ފަރުވާ ފުރިހަމަ ކުރުމަށް ތިބުމަށް އަނީސްގެ އާއިލާއިން އެދެނީ އާންމުންގެ ދީލަތި އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ. އާސަންދައިން ބޭސްފަރުވާ ކުރެވުނު ކަމުގައިވިއަސް ހުރުމާއި ކެއުން އަދި ޓްރާންސްޕޯޓާއި ޒަރޫރީ އިތުރު ކަންތައްތަކަށް ފައިސާ ބޭނުންވެއެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ އަނީސްގެ އަންހެނުން އާމިނަތު 7911315

އަބްދުﷲ އަނީސްގެ ދިވެހި ރުފިޔާ އެކައުންޓް ނަންބަރު: 7704261411101

އަބްދުﷲ އަނީސްގެ ޑޮލަރު އެކައުންޓް ނަންބަރު: 7770000192888

ނޯޓް: މިއީ ޒީޓައިމްސްއިން ގެނެސްދޭ މިފަދަ އެހީގެ 48 ވަނަ ރިޕޯޓެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވަނީ ބަލިމީހާގެ އެކައުންޓަށެވެ. ޝުކުރިއްޔާ!

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
3

Advertisement

ކިޔުންތެރިންގެ ހިޔާލު

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް