May 12, 2025 18:01
Advertisement

-Advertisement-

ކޮވިޑުގެ ދުވަސްވަރު ދިވެހި ނަރުހުން ސާމްޕަލް ނެގުމުގައި

ނަރުހުންނަކީ ފަރުވާގެ ހިތުގެ ވިންދެވެ!

ފުރިހަމަ ސިއްހަތަކީ ހާސް ނިއުމަތޭ ބުނެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. ފުރިހަމަ ސިއްހަތެއްގައި ދިރި ދެމިހުރުމަކީ ހަމަ ކޮންމެ ފަރުދަކުވެސް އެދި އެދި ހުންނާނޭ ކަމެކެވެ. ބަލިހާލު ޖެހި އެހެންމީހުންގެ އެހީތެރިކަމަށް އިންސާނާ ހުށަ އެޅިގެން ދިއުމަކީ މީހާގެ ބަލިކަށިކަން އަމިއްލައަށް އިހްސާސް ވާނޭ ވަގުތެކެވެ. ފުރިހަމަ ފަރުވާ އާއި ފޫހިކަމެއް ނެތް އަޅާލުމާއި ލޯތްބަކީ މިފަދަ ވަގުތެއްގައި ބަލިމީހާ އެދޭނެ ކަންކަމެވެ. އެހެންކަމުން ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި އެބައިމީހުންގެ މުޅި ދިރިއުޅުން ވޭތު ކުރާ އެތަކެއް ބަޔަކު އަޅުގަނޑުމެންގެ މުޖްތަމައުގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ހަކީމުން، ޑޮކްޓަރުން އަދި ނަރުހުން ހިމެނެއެވެ. ނަރުހުންނަކީ އެބައިމީހުންގެ އެހީތެރިކަމާ ނުލާ އަދުގެ ސިއްހީ ފަރުވާ  ފުރިހަމަ ނުވާނެ ބައެކެވެ. ސިއްހީ ފަރުވާ ފޯރު ކޮށްދިނުމުގައި ނަރުހުން އަދާ ކުރައްވަނީ ޝުކުރު ހައްޤު މަސައްކަތެކެވެ. އެހެނީ އެބައިމީހުންނީ ބަލިމީހާ އާއި އެންމެ ގާތުން އަބަދުމެ ފެނިދެނިވާ ފަރާތެވެ.

ނަރުހުންގެ މުހިންމުކަން އަޅުގަޑުމެންނަށް އެނގިގެންދިޔަ އެންމެ މުހިންމު ދަނޑިވަޅަކީ މުޅި ދުނިޔެ އެކަމެއްގައި ކެކި އަރަމުންދިޔަ ކޮވިޑް ގެ ވޭންދެނިވި ވަބާއެވެ. ފުނި ފުންޏަށް އެދުމަތި ކުރެވެމުން އައި ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ނަރުހުން އަދާ ކުރެއްވީ ތައުރީފު ހައްޤު ލާމަސީލު ރޯލެވެ. މުޅިދުނިޔެ އަޅަމުންދިޔަ ކަރުނަތައް ފޮހެލާދިން އެންމެ ގާތް މިތުރުންނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި އޯގާތެރި ނަރުހުންނެވެ. ނުނިދާ ހޭލާ، އާއިލާތަކާއި ދުރުގައި، އެބައިމީހުންގެ އުފާތަކުން އަމިއްލައަށް އެއްކިބާވެ ތިބެ ދުނިޔެއަށް ދައްކައިދެއްވި ރީތި ނަމޫނާއިންވެސް އެނގިގެން ދަނީ ނަރުހުންނަކީ އޯގާތެރިކަމާއި އަޅާލުމުގެ މަތިވެރި މިސާލެއްކަމެވެ. މިކަމަށް ހެކިދޭ އެންމެ ބާރުގަދަ ހެއްކަކީ ބަލިތަކުން ފަސޭހަވެ، އާންމު ދިރިއުޅުމަށް ﷲގެ ތަނަވަސް ރަހްމަތާއި އެކު ނުކުމެވުނު ބަލިމީހުން ދުނިޔެއަށް ހާމަ ކޮށްދެއްވި އަގުހުރި ބަސްތަކާއި މެސެޖްތަކެވެ. އެދުވަސްވަރު ބަލިމީހުން ތިބީ ހަމައެކަނި ނަރުހުންގެ ބެލުމުގެ ދަށުގައި ކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެނީ އެންމެހާ ބަލިމީހުންގެ ހުރިހާ ކަމެއް އެންމެ ގާތުން ބައްލަވަމުން ގެންދެވީ ފަޚްރުވެރި ނަރުހުންނެވެ. އެބައިމީހުންގެ ކެއުމާއި، ބުއިމާއި، ސާފުތާހިރު ވުމަށް އެހީތެރި ވުމަކީ އެދަނޑިވަޅުގައި ނަރުހުންގެ ޒިންމާ އެއްކަމުގައި ވަނީ ވެފައެވެ. އެހެން ނަމަވެސް ނަރުހުން ގެންދެވީ ބަލިމީހުންނަށް ކުރަންޖެހުނު ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ކުރައްވަމުންނެވެ. ހާސްކަމާއި އުދާހުގެ ހެދުން ތަކެއްގައި ބަނދެވި ތިބެ އަމިއްލަ ނަފުސުގެ މިނިވަން ކަމުން މަހްރޫމް ކުރުވާ 'ހެޒްމަތުގެ' ހެދުންތައް އަޅައިގެން ތިބެ ބަލިމީހުންނަށް އެބައިމީހުން ދެއްވި ފަރުވާ އަކީ އެއް އިންސާނަކު އަނެއް އިންސާނަކަށް ވާނެ އެންމެ މަތިވެރި ޤުރުބާނީ އެވެ. މިފަދަ އެތަށް ކަމަކުން ދުނިޔެއަށް ހާމަވަނީ ނަރުހުންނަކީ ސިއްހީ ހިދުމަތުގެ ހިތުގެ ވިންދުކަމުގައެވެ.   

ހިތަކީ ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަނެވެ. ހިތުގެ ވިންދާނުލާ އިންސާނަކަށް ދިރިއެއް ނުހުރެވޭނެއެވެ. ހަށިގަނޑުގެ ހުރިހާ ބައިތަކަށް ހަކަތަ ލިއްބައިދޭ ލޭ ފޯރުކޮށް ދެނީ ހިތުގެ އެހީގައެވެ. އިންސާނާ ގެ ފުރިހަމަ ހަށިގަނޑު މި ކުޑަ ކުޑަ މަސްކޮޅަށް ބަރޯސާ ވެފައި ވާ މިންވަރުން ހިތުގެ މުހިންމުކަން ވިސްނާ ފިކުރު ކުރާ ސިކުނޑިއަކަށް ވިސްނުމަކީ ދަތިކަމެއްނޫނެވެ. ނަރުހުންގެ މަސައްކަތަކީވެސް ސިއްހީ ފަރުވާގެ ވިޔުގައިގާ މިފަދައިން މިސާލު ނެގިދާނެ ކަމެކެވެ. ނަރުހުންނަކީ ބަލިމީހާ އާއި އެކުގައި އަބަދުމެ ހުންނަ އެހީތެރިޔާ އެވެ. މަންމައެއް ނެތްތާކު އެއީ މަޔެކެވެ. ދަރިޔަކު ނެތްތާކު އެއީ ދަރިންނެވެ. މަޝްވަރާ ބޭނުން ވެއްޖެ ނަމަ އެއީ އެކުވެރި އެކެވެ. އެވަގުތަކު ބަލިމީހާ އަށް ބޭނުންވި ކޮންމެ އެހީތެރިއަކަށް ނަރުހުން ބަދަލުވެ ފަރުވާގެ ފުރިހަމަ ޒިންމާ ނަންގަވަނީ ލޯތްބާއި އަޅާލުމާއި އެކުގައެވެ.                                                                   

Advertisement

ދުނިޔޭގެ ފެންވަރުގެ ދުވަހެއް ނަރުހުންނަށް ޚާއްސަކޮށް މުޅިދުނިޔެ އެއް އަޑަކުން ޝުކުރުގެ ހާރުތައް އަމުނަމުންދާ މިދުވަހުގައި އެބައިމީހުންގެ މަސައްކަތްތަކަށް ބަލާލުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ. ނަރުހުންނަކީ ފުރަތަމަ އިންސާނާ ދުނިޔެއަށްލާ ނޭވަޔާއި އެކު ލިބެންޖެހޭ ފުރިހަމަ އެހީ ދެއްވުމުގައި އެންމެ ގާތުގައިވާ އެހީތެރިޔާއެވެ. އަދިހަމަ އެހެންމެ މުސްކުޅިވެ ދާންތަކުގައި އޮށޯތުމަށް ނަސީބު މިންވަރު ކުރައްވައިފި ނަމަ ގިނަފަހަރު އެބައިމީހުން ތިބެނީ ނަރުހުންގެ ބެލުމުގެ ދަށުގައިއެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މިއީ ކަންކަން ހިނގާ އުސޫލު ކަމުގައި ނުވިނަމަވެސް ދުނިޔޭގެ ބޮޑެތި އާބާދީ ތަކުގައި ކަންހިގަނީ މިއުސޫލުންނެވެ. މުސްކުޅި އުމުރުގައި އެބައިމީހުން އާއިލާތަކާއި ދުރުވެ ނަރުހުންގެ ބެލުމުގެ ދަށަށް ގެންދަނީ ނަރުހުންނަށް ކުރެވޭ އިތުބާރަކުންނެވެ. ބަލިހާލު ޖެހި އެހީތެރިކަމަށް ބޭނުންވާ ހިނދުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލައިދޭނެ ކަމުގެ ޔަޤީން ކަން އޮތަތީ މުސްކުޅި އުމުރުގައިވެސް ނަރުހުންގެ އެހީތެރިކަން ހޯދަނީއެވެ. މިދެންނެވުނީ ނަރުހުން ސިއްޚީ ޚިދުމަތުގެ ވިންދު ކަމުގައި ބެލެވިގެންދާނެ ތަފާތު މިސާލުތަކެވެ.

ނަރުހުންގެ މުހިންމުކަން އެނގި ލައްވަނީ ބަލިހާލު ޖެހި ނަރުހުންގެ އެހީތެރިކަން ތަޖްރިބާ ކުރެވުނު މީހަކަށެވެ. ނަރުހުންނާއި ނުލާ މި ނިޒާމް ފުރިހަމަކޮށް ހިންގުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ ހިތުގެ ވިންދާ ނުލާ ހަށިގަނޑު މަސައްކަތް ކުރުމަކީ ވާނޭ ކަމެއް ކަމުގައިނުވާތީއެވެ. ދުނިޔޭގެ ނަރުހުންގެ ދުވަހުގެ ތަހްނިޔާ އެންމެހާ ލޮބުވެތި ނަރުހުންނަށް ހިތުގެ އިޚްލާސްތެރިކަމާ އެކު ދަންނަވަމެވެ. ޤައުމަށް ކޮށްދޭންޖެހޭ ކަންކަން ތަރުތީބުވެގެން އަންނަނީ ހަމަ ކޮންމެ ރައްޔިތަކުވެސް ހިއްސާ އެކަމުގައި އޮންނާނެ ގޮތަށެވެ. ކޮންމެ ފަރުދަކީ، ވެސް ހަމަ ވަރަށް މުހިންމު މީހެކެވެ. ގައުމުގެ އެކިއެކި އޮފިތަކެވެ. ކޮންމެ އޮތްޕަކުން ވެސް ދެނީ ހިޔަލާއި، މީރު ރަހަލާ މޭވާތަކެވެ. ނޫންނަމަ މީރުވަސް ދުވާ މާމެލާމެއްޔެވެ. ނަރުހުންނަކީވެސް އެފަދަ މިސާލެކެވެ. ކޮންމެ ނަރުހަކީވެސް މިފަދަ އެހީ އެއް ދެއްވާނެ ފަރާތެކެވެ. ސިއްހީ ނިޒާމް ބައްޓަންވެ ގޮސް ގަހެއްގެ އޮފިތައް ފަދައިން ކުރިލާ ހެދިފައިވާ ޒަމާނެއްގައި މިއިން ކޮންމެ ބައެއްގައި ނަރުހުން ތަމްސީލު ކުރައްވާ ކަމީ އަމިއްލަ ޒަމީރު އެކަމަށް ފަޚްރުވެރިވާ އަދި ހަމަ އެހާމެ އުފާވާ ކަމެކެވެ. ތާ އަބަދުގެ ދުޢާ އަކީ ފޫހިކަމެއްނެތި އިންސާނިއްޔަތަށް އެހީތެރިވާ ސިއްހީ ޙިދުމަތުގެ ހިތުގެ ވިންދު ކަމުގައިވާ ލޮބުވެތި ނަރުހުންނަށް ހެޔުމަގު ދައްކަވާދެއްވާ ﷲ ތައާލާގެ ނިމުމެއްނެތް ތަނަވަސް ރަޙްމަތް މިންވަރު ކޮށްދެއްވުމެވެ.                                                                          

+1
0
+1
0
+1
6
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް