April 30, 2024 12:50
Advertisement

-Advertisement-

ރައީސް ޑރ.މުޢިއްޒު

ދިވެހި ބަހުގެ ދުވަސް: ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވައިފަ

އޮފީސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި، ތަޢުލީމާއި، މުޢާމަލާތުގެ ހުރިހައި ދާއިރާއަކުންވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ގޮވައިލައްވައިފައެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.  
އެމަނިކުފާނު ބޭނުންފުޅުވަނީ، ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރައްވަން ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ބަހުގެ ޢިލްމު އުނގެނުމަށް ބާރުއަޅުއްވައި އިލްތިމާސް ކުރެއްވީ، އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި، ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަށެވެ. ހަމައެއާއެކު، ދިވެއްސަކަށް ވީތީ ފަޚްރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ޤައުމު އަލިވިލޭން ޖާގަ ދެއްވުމަށް ކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ބަޔާން ކުރައްވާފައިވެއެވެ.
އައު ސަރުކާރުން ފަށައިފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ބޭނުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އަލިއަޅުއްވައިލައްވާފައިވެއެވެ. އަދި އެކަންކަމުން ލިބިގެންދާނެ ފައިދާތައް ފާހަގަކުރެއްވިއެވެ.
ދިވެހިބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނަށްކަން ބަޔާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނުގެ ޙަޔާތްޕުޅުން ލިބިގެންދާ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން ދިވެހި ބަހުން ކިޔަވައިގެން ޢިލްމުވެރި ވެވިދާނެކަމާއި، އެހެން ބަސްބަހުގެ ޢިލްމުތައް ދިވެހި ވެށްޓަށް ގެނެވިދާނެކަމާއި، އަމިއްލަ މާދަރީ ބަހަށް މޮޅުވުމުން އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވެވޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހި ބަހުގެ ދުވަހެވެ. ދިވެހި ބަހުގެ އެކަޑަމީއިން މިއަހަރުގެ މި ދުވަހަށް ކަނޑައަޅައިފައިވާ ޝިޢާރަކީ "ދިވެހި ބަހުން ވިސްނަމާ" އެވެ. ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑޮކްޓަރ އަޝްރަފް އަބްދުއްރަޙީމް ސޮއިކުރައްވާ ނެރުއްވި މެސެޖުގައި ވަނީ މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގައި އަޒުމެއް ކަނޑައެޅުމަށް ބާރުއަޅުއްވާފައެވެ. "ބޮޑެތި މީހުންނެވެ. މަންމައިންނެވެ. ބައްޕައިންނެވެ. ޒިންމާދާރު ކޮންމެ ދިވެއްސެކެވެ. އެއީ ދިވެހި ވެށީގެ ތަކެއްޗާއި ދިވެހި މަސައްކަތްތަކާއި އެ މަސައްކަތްތަކަށް ކިޔާނޭ ދިވެހި ނަންތައް ދިވެހިން ވިސްނާލަމާތޯއެވެ؟ ހަމައެކަނި ވިސްނަވާނީީއެއް ނޫނެވެ. ދިވެހި ސިކުނޑިތަކުގައި ދިވެހި ނަންތައް ހަރުލައްވަމާތޯއެވެ؟ އެއަށްފަހު އެ ލަފުޒުތައް ބޭނުންކުރައްވަމާތޯއެވެ؟ ހިތުގައި އުފެދޭ ޖަޒުބާތާއި ޝުޢޫރުތައް ވެސް ދިވެހީން ފާޅުކުރައްވަމާތޯއެވެ؟ އޭރުން ދިވެހީންގެ ދިވެހި ބިމުގައި އުޅޭނީ ދިވެހީންނެވެ. ދިވެހި ބިމާއި ދިވެހި ބަސްދެކެ ލޯބިވާ ދިވެހި ބަހަށް ޤަދަރުކުރާ ދިވެހީންނެވެ".  ދިވެހި ބަހުގެ އެކަޑަމީގެ ރައީސްގެ މެސެޖުގައި ބަޔާންކޮށްފައިވެއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް