May 20, 2024 20:02
Advertisement

-Advertisement-

މަރްޔަމް ވަހީދާ: ފާހަގަކޮށްލެވޭ ނަމޫނާ ކަނބަލެއް!

އެކިދާއިރާތަކުން މުޖުތަމަޢަށް ފައިދާހުރި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް އެގޮތުގައި ދެމިހުންނެވި ބޭކަނބަލަކަށް ހ.ދުނި މަރްޔަމް ވަހީދާ ވެގެންދާނެއެވެ.

މަރްޔަމް ވަހީދާ

މަރްޔަމް ވަހީދާއަކީ، މާލޭ ކުޑިގޭ ޢަބުދުއްލަތީފާއި، މުގުރިގޭ ފާތިމަތު ވަހީދާއަށް ލިބިވަޑައިގެންނެވި 2 އަންހެން ބޭކަނބަލުންގެ ތެރެއިން އެންމެ ދޮއްޓަށް ހުންނެވި ބޭކަނބަލެވެ.

Advertisement
މަރްޔަމް މަންމައާއިއެކު

މަރްޔަމް ވަހީދާގެ ބައްޕަގެ ބައްޕައަކީ އޭދަފުށީ ބޭފުޅެކެވެ. އަދި މަންމަގެ މަންމައަކީ ފުވައްމުލަކަށް ނިސްބަތްވާ ކަނބަލެކެވެ. ކުޑިގޭ ޢަބުދުއްލަތީފަކީ އުރުދޫބަހުގެ މުދައްރިސެއްގެ އިތުރުން ސަލާހުއްދީންގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅަކަށްވާއިރު، މަރްޔަމް އާއި ދެންތިއްބެވި ތިންބެއިންނަށްވެސް ކިޔަވައިދެއްވީ ގޭގައެވެ. ދިވެހިރާއްޖޭގެ އެއްވެސް މަދަރުސާއެއްގައި މަރްޔަމް ކިޔަވާވިދާޅުނުވެ އިތުރަށް ތަޢުލީމް ހާސިލްކުރެއްވުމަށް ވަޑައިގަތީ ސްރީލަންކާއަށެވެ.

" އަޅުގަނޑުގެ މަންމައާއި ބައްޕަ އަޅުގަނޑުމެން ވަރަށްކުޑައިރު ވަކިވެއްޖެ. އަޅުގަނޑު ހުރީ މަންމަ ކައިރީގައި. އެއިރު މަންމަ ކައިވެނި ބައްލަވައިގެން އުޅުއްވީ ރަދުން އާ. ސްރީލަންކާއަށް ކިޔަވަން ދިޔަތާ މާގިނަ ދުވަހެއްނުވެ ބައްޕަ ނިޔާވެއްޖެ. އެއިރު ކިޔަވަންދިޔަ ވަރަށްގިނަ ކުދިންތިބީ ސަރުކާރުގެ ބެލުމުގެދަށުގައި. ބައެއް ކުދިންތިބީ ނަރުގިސްވިލާގައި. އަޅުގަނޑު ބެލެހެއްޓީ އަމީނާ، މުޙައްމަދު އަމީންގެ މަންމާފުޅު. ސަރުކާރުން ތަފާތު ބޯޑިންގ ތަކަށް އަޅުގަނޑުމެން ބައްސަވާލެއްވި" ޒީޓައިމްސް އަށް މަޢުލޫމާތު ދެއްވަމުން މަރްޔަމް ވިދާޅުވިއެވެ.

މަރްޔަމްގެ އަމިއްލަ ދިރިއުޅުއްވުމަށް ބަލާއިރު ދެވަނަ ކައިވެނި ރޫޅުމުގެ ފަހުން އިތުރު ކައިވެންޏެއް ނުކުރައްވައެވެ. 5 ދަރިކަލުން ތިއްބެވިއިރު އޭގެތެރޭގައި ހިމެނެނީ 3 އަންހެން ކުދިންނާއި 2 ފިރިހެން ކުދިންނެވެ. މީގެތެރޭގައި އެއްމާބަނޑު އަންހެންކުއްޖަކާއި ފިރިހެންކުއްޖެއް ހިމެނެއެވެ.

އިޖުތިމާއީ ދާއިރާ:

އިޖްތިމާއީ ދާއިރާގެ މަސައްކަތަކީ ސްކޫލު ދައުރުގައި ގައިޑް ހަރަކާތުން ބައްޓަންވެގެން އައި މަސައްކަތެކެވެ. ސްރީލަންކާގައި ކިޔަވަންއުޅުއްވި ދުވަސްވަރު ގައިޑް ހަރަކާތާއިގުޅުން ވެގެންދިޔައީ މަރްޔަމްގެ ހިތްޕުޅުގައި އެހެންމީހުންނަށް އެހީތެރިވުމުގެ ޝައުގު އުފެދުމުގެ ފެށުމަށެވެ. އަދި ބޯޑިންގައި ފަހުން ހުންނަންޖެހުނީ މައިންބަފައިން މަރުވެފައިތިބި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންންވާ ކުދިންތަކަކާއި އެކުގައެވެ. އެހިސާބުން ހަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނަންފެށިކަމަށް މަރްޔަމް ވިދާޅުވިއެވެ.  

1988ވަނަ އަހަރުން ފެށިގެން ދިގުމުއްދަތަކަށް ހިލޭސާބަހަށް ލިޔުމުގެ މަސައްކަތް ކުރެއްވި މަރްޔަމް ލިޔުއްވި ނޫސް އަދި މަޖައްލާތަކުގެ ތެރޭގައި ހަވީރު ނޫސް، ފުރަދާނަ، ކަމަނަ، ޖަމާޢަތުގެ ޚަބަރު، ހުވަނދު، އުދަރެސް ގުރަހެލި ހިމެނެއެވެ. ދުވަހުނޫސް ހަވީރަށް 15އަހަރު ދުވަހު މަރްޔަމްވަނީ ލިޔުއްވާފައެވެ. އަދި އެމެރިކާއިން ނެރުނު މެގަޒިން އަކަށްވެސް ލިޔުއްވިއެވެ. އަދި ސައުތް އޭޝިއަން ޕަބްލިކޭޝަނަކަށްވެސް ދިވެހި އަންހެނުންނާއި ގުޅޭގޮތުން ލިޔުއްވިއެވެ. މަރްޔަމް އަށް ވަނީ ނޫސްވެރިކަމަށް 50 އަހަރު ފުރުނު މުނާސަބަތުގައި ދެއްވި ރިހިގަލަން ލިބިވަޑައިގެންފަ އެވެ.

މަރްޔަމްގެ އެންމެ ފާހަގަކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 1988-1990 ވަނަ އަހަރާއި ދެމެދު ޓީވީއެމްއިން ގެނެސްދިން އަންހެނުންނަށް ޚާއްސަ ޕްރޮގްރާމް ފާހަގަކުރެވެއެވެ. 'ރެހެންދި' ނަމަކަށް ކިޔާ މިޕްރޮގްރާމްގެ 100 ޕްރޮގްރާމް އަމިއްލައަށް އުފައްދަވާ ހުށަހެޅުއްވިއެވެ. އަދި ސިއްޚީ ޕްރޮގްރާމެއް ކަމުގައިވާ 'ފަރުވާ' ގެ 14 ޕްރޮގްރާމްވެސް އުފައްދަވާ ހުށަހެޅުއްވިއެވެ. މިހުރިހާ މަސައްކަތަކީ ހިލޭސާބަހަށް ކޮށްދެއްވި މަސައްކަތްތަކެވެ.

މިއީ ކިހިނެއް ފެށުނު ކަމެއްތޯ ސުވާލުކުރެއްވުމުން މަރްޔަމް ވިދާޅުވީ "އަޅުގަނޑު ގާތު މިނިސްޓަރުކަން ކުރެއްވި އިބުރާހީމް މަނިކު ވިދާޅުވި ބޭނުންފުޅުވެއޭ އަންހެނުންނަށް ޚާއްސަ ޕްރޮގްރާމެއް އުފައްދަވަން އަދި އަޅުގަނޑު އެކަން ކޮށްދީފާނަންތޯ؟ އަޅުގަނޑު ދެންނެވިން ވަރަށް ކުރާހިތްވޭ އެކަމަކު ޓީވީގެ އެއްވެސް ބެކްގްރައުންޑެއް ނެތޭ. އެއިރު ސްކްރިޕްޓް ރައިޓިންގ ކޯހެއް ހަދާފަހުރީ. އިބްރާހީމް މަނިކު ވިދާޅުވި ވަރަށް އަވަހަށް މިއުޅެނީ މެލޭޝިއާގެ ބަޔަކު ގެނެސްގެން ޕްރޮޑަކްޝަން ކޯހެއް ކުރިއަށްގެންދާށޭ. ދެން އެ ކޯސް ހަދާފަ ފެށީ. ޓީވީގެ މުވައްޒަފުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު" މިގޮތަށެވެ.

މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަނާއި ހަވާލުވެވަޑައިގަތުމަށް ޓީވީގެ ޕްރޮގްރާމްތައް އުފައްދަވާ ހުށަހެޅުއްވުމާއި ދުރަށް ވަޑައިގެންނެވި މަރްޔަމް މިހާރުވެސް ގެންދަވަނީ ފޭސްބުކްގައި 3 ޕޭޖެއް ހިންގަވަމުންނެވެ. 'މަރްޔަމް ވަހީދާ' 'މަރްޔަމް ކޯޓްސް' ގެ އިތުރުށް މަރްޔަމް ހައްދަވާ ޅެން ހިމެނުއްވުމަށް 'މަރްޔަމް ޕޮއިންމްސް' ނަމުގައި ޕޭޖެއް ހިންގަވައެވެ. މީގެތެރެއިން 'މަރްޔަމް ކޯޓްސް' ޕޭޖްގައި ދާދިފަހުންވަނީ ކޮވިޑްގެ ހާލަތުގައި ތަފާތު ދާއިރާތަކުން ފާހަގަކުރެވޭ 16 އަންހެނުންނާއި 8 ފިރިހެނުންގެ މައުލޫމާތު ގެނެސްދީފައެވެ.

 ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރާ ކޮމިޓީގެ މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މަރްޔަމް އަކީ އެއްދުވަސްވަރެއްގައި ކައުންސިލިންގ ދެއްވުމުގައިވެސް ހަރަކާތްތެރިވި ކަނބަލެކެވެ. އަދި ބައެއް ހާލަތްތަކުގައި މީހުންނަށް އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް ކުރައްވާ މަރްޔަމް އަށް ނިމިގެންދިޔަ ޑިސެމްބަރު ވަނީ، ޝަރަފްވެރިކަމުގެ އިނާމް އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން ލިބިވަޑައިގެންފަ އެވެ.

ގައިޑް ހަރަކާތް:

މަރްޔަމްގެ އުމުރުން ވަރަށްކުޑައިރު ގައިޑް ހަރަކާތްތަކާއި ގުޅިވަޑައިގަތެވެ. މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަޤާމު 2 ޑިސެމްބަރު 1992 އިން ފެށިގެން 29 މާރިޗް 2009 އާއި ހަމައަށް އަދާ ކުރެއްވިއެވެ. ގައިޑް ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން 12 ލީޑަރުން ތަމްރީން ކުރުމަށް މެލޭޝިއާއަށް ފޮނުވުނުއިރު، ގައިޑް ފޮތް ޗާޕްކޮށް، ބެޖް އަދި ނުރަސްމީ ޔުނިފޯމް އެސޯސިއޭޝަނުން ލިބޭނެގޮތް ހަމަޖެހިގެންދިޔައެވެ.

" ކޮންމެ އަހަރަކު ކޮންމެ ބްރާންޗަކަށް ޓްރޭނިންގ ކޭމްޕް ބޭއްވުނު. އަދި ތިމާވެށީގެ ކޭމްޕް ވެސް ބޭއްވުނުއިރު ކޮންމެ ކޭމްޕެއްގައި 300 ކުދިން ބައިވެރިވި. އެންމެފުރަތަމަ ޕްރެޒިޑެންޓް ގައިޑްގެ ބެޖް ގައިޑްކުއްޖަކަށް ލިބިގެންދިޔަ ދުވަހަކީ ވަރަށް އުފާވި ދުވަހެއް. އަޅުގަނޑުގެ ދައުރުގައި އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ލިބުން އެއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަޅުގަނޑު އިސްތިއުފާދިންއިރު 15000 އަށްވުރެ ގިނަ މެންބަރުން ރާއްޖޭގަ ތިބި"

ގައިޑް ހަރަކާތްތަކުގައި އިސްކޮށް އުޅުއްވިއިރު ޔޫތް ގުރޫޕުން ފެށި ސަރވިސް ޕްރޮޖެކްޓް އަދިވެސް ކުރިއަށްދާކަމީ އުފާކުރައްވާ ކަމެއް ކަމަށް މަރްޔަމް ފާހަގަކުރެއްވި އެޕްރޮޖެކްޓަކީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެވެ.

"ގުރައިދޫ މަރުކަޒަށް ވިޒިޓް ކުރަމުން އައީ ކޮންމެ ކުޑައީދެއްގައި. އަޅުގަނޑުމެންދަނީ ޖެންޑަރ މިނިސްޓްރީއިން މައުލޫމާތު ހޯދައިގެން ކިތައް ފިރިހެނުންތޯ ކިތައް އަންހެނުންތޯ ބަލާފަ އެއްޗެހި ތައްޔާރުކޮށްގެން. ސްޕޮންސަރއާއި މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން މިކަންކުރަމުން ދަނީ"

 އޭޝިއާ ޕެސިފިކް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ ވައިސް ޗެއާރގެ 3 އަހަރުގެ ދައުރެއް އަދާކުރެއްވި މަރްޔަމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގަ އެވެ. މިތަނުންވެސް އިޖުތިމާއީ ގިނަ ޕްރޮގްރާމްތަކެއް ހިންގިއިރު އޭގައި މަރްޔަމްގެ ބައިވެރިވުން ވަރަށްބޮޑެވެ.

ފިލްމީ ދާއިރާ:

ހުސައިން ޝިހާބު ހެއްދެވި ފިލްމް ހަދިޔާގެ ދެވަނަ ބަތަލާގެ ބައިގެ އިތުރުން، ޢަބްދުލް މުހައިމިން އުފެއްދެވި މަޝްހޫރު ދިވެހިފިލްމް ދެރިޔާގެ ސަޕޯޓިންގ އެކްޓްރެސް އެއްގެ ރޯލްގެ އިތުރުން، ޔޫސޭގެ ފިލްމެއްގެ ރޯލެއްވެސް އަދާކުރެއްވިއެވެ.

" ހުސައިން ޝިހާބު ވިދާޅުވި އެބޭފުޅާ ވާހަކައެއް ލިޔެގެންނޭ މިއުޅެނީ، އެވާހަކަލިޔުނު އިރު އަޅުގަނޑު ވިސްނުމުގައި ބަހައްޓައިގެންނޭ ލިޔުނީ. ފިލްމުގެ އެބައި ކުޅެދެވިދާނެތޯ އެއްސެވި. ދެން އޮފީހުގެ އެންމެން ކިޔާތީ އާއެކޭ ދެންނެވިން. ހިލޭ އެފިލްމް ކުޅުނީ" މަރްޔަމް ވިދާޅުވިއެވެ.

ސަރުކާރަށް ޚިދުމަތް ކުރެއްވުން"

މަރްޔަމް ވަހީދާއަކީ އެކިއެކި ދާއިރާތަކުން ސަރުކާރަށް 42 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ ކަނބަލެކެވެ. 7 ޑިސެންބަރު 1970ވަނަ އަހަރު އަމީނިއްޔާ ސްކޫލް މުދައްރިސެއްގެ ގޮތުގައި ސަރުކާރަށް ޚިދުމަތްކުރައްވަން ފެއްޓެވިއިރު، ސަރުކާރުގެ ވަޒީފާގައި އެންމެގިނަ ދުވަހު އުޅުއްވީ ޕްލޭނިންގ މިނިސްޓްރީގަ އެވެ. 22 އަހަރު އެކި މަޤާމްތައް މިމިނިސްޓްރީގައި އަދާކުރެއްވިއިރު، ސާކް ޑޮކިޔުމެންޓޭޝަންގެ ގަވަނިންގ ބޯޑްގައި ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި މަރްޔަމް މަސައްކަތް ކުރެއްވިއެވެ.

" އެއްދައުރުގައި ޗެއާގެ ގޮތުގައިވެސް މަސައްކަތްކުރިން. މިބޯޑުގައިކުރި މަސައްކަތުގެ ދަށުން ރާއްޖޭގެ ލައިބްރަރީގެ މުވައްޒަފުން ތަމްރީން ކުރެވުނު" މަރްޔަމް ވިދާޅުވިއެވެ. 2013ވަނަ އަހަރު ރިޓަޔަރ ކުރެއްވީ ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އެއްގެ ގޮތުގައި 5 އަހަރު މަސައްކަތް ކުރައްވާ ކޮންޓްރެކްޓް ހަމަވުމުންނެވެ.

ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ މަރްޔަމް އަމިއްލަ ދިރިއުޅުއްވުމަށް ބަލާއިރު އެންމެ ބޭނުންވެ މިހާތަނަށް ހާސިލްނުވެ އޮތް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، އަމިއްލަފުޅު އާއިލާއާއިއެކު އެއްފުރާޅެއްގެ ދަށުގައި ދިރިއުޅުމުގެ ފުރުސަތު ލިބިވަޑައި ނުގެންނެވުމެވެ.

" ދިރިއުޅުމުގައި ދިމާވީ އެއާ މުޅިން އިދިކޮޅަށް. އެވިސްނުން ބަދަލުކުރަން އަދިވެސް މިއުޅެނީ އުދަގޫވެގެން. އެބަދަލު އެބަޖެހޭ ޤަބޫލުކުރަން. ޒަމާނަށް ވަރަށްބޮޑެތި ބަދަލުތަކެއް އަތުވެއްޖެ" މަރްޔަމްގެ 3 އަންހެން ދަރިކަނބަލުން ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ. 2 ފިރިހެންބޭފުޅުން ދިރިއުޅުއްވަނީ ދިވެހިރާއްޖޭގަ އެވެ.

 

 މަރްޔަމްގެ ގިނަގުނަ ޚިދުމަތްތަކުގެ އިތުރުން، ކަސްރަތަށް އެދެއްވާ އަހަމިއްޔަތާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވި ބައެއް ދުވުންތަކުގައި ބައިވެރިވުން މިއީވެސް ވަރަށް ފާހަގަކުރެވުނު ކަންތައްތަކެވެ.

+1
0
+1
8
+1
2
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް