May 20, 2024 23:40
Advertisement

-Advertisement-

މުސްތަފާ: އުފެދުމުގައި އެހެންމީހުންނާއި ތަފާތުވިނަމަވެސް ފަރުވާލެއްނެތް!

ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވަނީ އެކި ގޮތެވެ. ފަސްއިނގިލި އެއްވަރު ނުވާނޭ ބުނާ ބީދައިން ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. މިޒާޖުގެ ގޮތުން ނުވަތަ މާތް ﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާ ގޮތުގައިވެސް ތަފާތު ހުރެއެވެ. ނަމަވެސް ދުނިޔޭގައާއި އާޚިރަތުގައި ކުރިއެރުން ލިބޭނީ އެ ހުރި ތަފާތުތަކަށް ވިސްނުމެއްނެތި ހިތްވަރާއެކު ކުރިއަށްދާ މީހުންނަށެވެ. މިފަދަ މީހުން ކާބިޔާބީއަށް ވާސިލްވުމަށާއި ކުރިއަށްދިއުމުގެ ހިތްވަރުހޯދުމަށް މުޖުތަމައުގެ އެންމެހާ ފަރުދުންގެ އެހީތެރިކަން ބޭނުންވެއެވެ.

ދިވެހި މުޖުތަމައުގައިވެސް ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ނުވަތަ ތަފާތުކޮށް ކުޅެދޭ ގިނަ އަދަދެއްގެ މީހުން އެބައުޅެއެވެ. މިފަދަ މީހުންނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދިއުން ވެގެންދިޔައީ މިފަދަ ފަރާތްތައް ނިސްބަތްވާ އާއިލާތަކަށް އަދި މުޅި މުޖުތަމައަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމަކަށެވެ. މި ރިޕޯޓުގައި މި ބަލާލަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގައި ބަސް އެޓެންޑެންޓެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން އަންނަ މުހައްމަދު މުސްތަފާއަށެވެ.

ފ. އަތޮޅު ނިލަންދޫ އަށް އުފަން މުސްތަފާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ 2018 ވަނަ އަހަރުން ފެށިގެން 2 އަހަރުގެ މުއްދަތަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގައެވެ. އެއަށްފަހު އެމްޓީސީސީ ގައި ވަޒީފާ އަދާކުރާތާ 3 އަހަރު ވީއެވެ. އިންޓަވިއު ފަށަމުންވެސް މުސްތަފާ ފާހަގަކުރީ ހިތްވަރުގެ ބަސްތަކެކެވެ. އުފެދުމުގައި ދެއަތް އެހެން މީހުންނާއި ތަފާތު ގޮތަކަށް ހުއްޓަސް ތަފާތުކޮށް ކުޅެދޭ މީހެއްގެ ގޮތުގައި ދުވަހަކުވެސް އިހްސާސް ނުވާކަމަށް ވަނީ ބުނެފައެވެ.

Advertisement

"ހިތްވަރު ބޭނުމީ. އިރާދަކުރެއްވިއްޔާ ކުޅެދޭ. ބޭނުންވަނީ ކުރާ ކޮންމެ މަސައްކަތެއްގައި ކުރިއަށްދާން. އެ އަޒުމުގައި މި ހުންނަނީ" ހިނިތުންވުމާއެކު 'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި މުސްތަފާ ފާހަގަކުރިއެވެ.

އެހެން މުވައްޒަފުންނެކޭ އެއްގޮތަށް މުސްތަފާ ވެސް ޑިއުޓީ އަދާކުރަނީ ދުވާލަކު 8 ގަޑިއިރުއެވެ. އެމްޓީސީސީ އަށް ބަދަލުވިފަހުން ގިނައިން މަސައްކަތްކުރަނީ އެކުންފުނީގެ އާންމު ބަސްދަތުރުފަތުރުގެ މައި މަރުކަޒުކަމުގައިވާ މާފަންނު ބަސް ޓާރމިނަލްގައެވެ.

"ބޮޑަށް އޮޕަރޭޝަން މަސައްކަތުގައި މިއުޅެނީ. އާންމު ބަހުގެ ބެކްއޮފީހުގެ އޮޕަރޭޝަންގެ ހިންގާނެ ގޮތްތައް ކިޔައިދީފައި ހުރީ. ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ މި ކުންފުނީގައި މަސައްކަތްކުރަން ފެށި ފަހުން. އާންމު ދަތުރުފަތުރަކީ ވަރަށް ގާތުން ކަސްޓަމަރުންނާ މުއާމަލާތްކުރަންޖެހޭ ޚިދުމަތެއް. ކަސްޓަމަރުންނާއި މުއާމަލާތްކުރާނެ ގޮތް ވަނީ އަޅުގަނޑުމެންނަށް ކިޔައިދީފަ. މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންތައްތަކުން އަރައިގަނެވޭނެ ހިތްވަރު އިރާދަކުރެއްވިއްޔާ އެބަހުރި." ހިތްހަމަޖެހުމާއެކު މުސްތަފާ ފާހަގަކުރިއެވެ. މުސްތަފާގެ އުންމީދަކީ ޕަބްލިކް ޓްރާންސްޕޯޓް ދާއިރާއިން ކުރިއަށްދިއުމެވެ. އެހެން މީހުންނަށްވެސް ކުރެވޭ މަސައްކަތްތައް އޭނާ އަށް ވެސް ކުރެވޭނެކަން ސާބިތުކޮށްދިނުމަކީ ބޭނުންވާގޮތެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބަލަންވެސް ބަލާ އެކީގައި މަސައްކަތްކުރާ މީހުން. ޝަކުވާވެސް ކުރަން އެހެން ތަފާތުކޮށް ރަނގަޅަށް ހިތާތީވެސް. އަޅުގަނޑު މަސައްކަތްކުރަނީ އަޅުގަނޑަކީ ތަފާތުކޮށް ކުޅެދޭ މީހެއްކަން އެހެން މީހުންނަށް އިހްސާސްވިޔަ ނުދިނުމަށް."

މުސްތަފާ ވަޒީފާ އަދާކުރަނީ ކުރާހިތުންނެވެ. މަސައްކަތަށް ޖެހިފައިވާ ލޯބި އެންމެ ބޮޑަށް އަންގައިދެނީ އޭނަގެ ފަރުވާތެރި ކަމެވެ. "ގަޑިޖެހުމުގެ 15 މިނިޓް ކުރިން އަބަދުވެސް ޑިއުޓީއަށް ދެވޭތޯ ބަލަން. ގަޑިޖެހެން 5 ވަރަކަށް މިނިޓަށް ވީމަ އާދެވުނަސް ހުންނާނީ ހިތްނުތަނަވަސްވެފަ. އެއީ އެހާވެސް ކުރާހިތުން މިމަސައްކަތް ކުރާތީ، ގަޑިޖެހެން ބޭނުންނުވަނީ. ވަރަށް ކުރިއަށްދާން ބޭނުންވާ ދާއިރާއެއް އާންމު ދަތުރުފަތުރުގެ ޚިދުމަތަކީ" އުންމީދާއެކު މުސްތަފާ ފާހަގަކުރިއެވެ.

މަދުންނަމަވެސް މިފަދަ މީހުން ތަފާތުކުރާ މީހުންވެސް އުޅެއެވެ. އަދި އެތަފާތުތައް ނައްތާލާ ހަމަހަމަ ފުރުސަތު ހޯދައިދޭން މަސައްކަތްކުރާ އެމްޓީސީސީ ފަދަ ކުންފުނިތައް މުޖުތަމައުގައި ގިނަވަމުންދިއުމަކީ ލިބޭ އުންމީދެކެވެ. މުޖުތަމައަށް މުސްތަފާ ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ.

"ކުރިއަށްދާށޭ. ތިމާ މީހާއަކީ ތަފާތުކޮށް ކުޅެދޭ މީހެއްގެ ގޮތުގައި ނުދެކި ކުރިއަށްދާން މަސައްކަތްކުރީމަ އިރާދަކުރެއްވިއްޔާ ކޮންމެ މީހަކަށްވެސް ކުރިއަށްދެވޭނެ. އެމްޓީސީސީއިން އަޅުގަނޑުމެންކަހަލަ މީހުން ބާކީ ނުކޮށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮސްދީ، މަސައްކަތް ހަވާލުކޮށް، މަސައްކަތް ބަލައިގަންނާތީ ވަރަށް އުފާވޭ." ޝުކުރުވެރިކަމާއެކު އިންޓަވިއު ނިންމާލަމުން ފާހަގަކުރިއެވެ.

މުސްތަފާގެ މަސައްކަތް ސުޕަވައިޒްކުރާ ޒައިދު އަމްޖަދު ދެކޭގޮތްވެސް ބަލާލީމެވެ.

"ވަރަށް ރަނގަޅު! އެންމެ ހަރުދަނާ އިތުބާރުކުރެވޭ އެއް މުވައްޒަފު އެއީ. އެހެން އެންމެންނާއި ގުޅިގެން މަސައްކަތްކުރާނެ. އޭނަގެ އެހެން މުވައްޒަފުންނާއި އެކީގައި ނުކުރެވޭ އެއްވެސް ކަމެއް ނޯންނާނެ" މުސްތަފާ އާއި މެދު ދެކޭގޮތް ހާމަކުރަމުން ޒައިދު ބުންޏެވެ.

މުސްތަފާ މަސައްކަތްކުރާ ޓާމިނަލަށް 'ޒީޓައިމްސް' ގެ ޓީމް ދިޔައިރުވެސް ފެނުނީ މުރާލިކަމާއެކު މަސައްކަތްކުރަމުން އައި ހިތްވަރުގަދަ ޒުވާނެކެވެ.

+1
2
+1
18
+1
42
+1
1
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް