April 19, 2024 11:14
Advertisement

-Advertisement-

ވަކިވީ އަސަރާއި މަންޒަރު (ތިންވަނަބައި)

ނަސީބަކުން އެއްވެސް ކަމެއް ކުރިމަތި ނުވެއެވެ. ކޮޓަރި ބޭރުން ވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަހަރެންގެ އަނބިމީހާ ވީތަނެއްވެސް ނޭނގެއެވެ. އަދި ބައްދަލު ވާނެ އިރެއްވެސް ނޭނގެއެވެ. މިއީ މިރަށުގެ މީހުންގެ ސަގާފަތެއް ބާއޭ ހިތަށް އެރިއެވެ. އެކި ޚިޔާލު ތަކުގައި އޮއްވާ އަހަރެންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. އަހަރެންނަށް ހޭލެވުނީ ކޮޓަރީގައި މީހަކު ޓަކި ޖަހައިލި އަޑަށެވެ. މަޑުމަޑުން ގޮސް ދޮރު ހުޅުވައިލީމެވެ. ކުރިމަތީގައި ހުރީ އަހަރެންގެ ލޯބިވާ އަނބިމީހާ އަލީފާއެވެ. އަހަރެންގެ ހިތް އުފަލުން ފުރުނެވެ.

"ކޮންތާކު ނިދީ. ކައިފިންތަ. ނިދުނުތަ" އަލީފާ ކޮޓަރިއަށް ވަނުމުން އަހަރެން ހުރިހާ ސުވާލެއް އެއްފަރާ ކޮއްލީމެވެ. އަހަރެން ބޭނުންވީ އަލީފާގެ ހާލު ހުރިނެތް ގޮތެއް ބަލާށެވެ.

"ދައްތަމެންގެ ގޭގައި. އެމީހުން އަހަރެން ބޭރަށް ނިކުތަ ނުދީ ހިފެހެއްޓީ" އަލީފާ ހޭން ފެށިއެވެ.

Advertisement

"ފިލި ނަމަ" އަހަރެންނަށް ބުނެވުނެވެ.

"ކިހިނެއް ފިލާނީ. ދޮރު ބޭރުން ހުރީ ތަންޑު އަޅުވާފައި" އަލީފާ ބުނެލިއެވެ.

'ދެން ހިނގާ ސައިބޯން ދާން. އެހެން މީހުންވެސް އެބަތިބި އިންތިޒާރުގައި" އަލީފާ އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. އަހަރެން ފެނުމާއި އެކު އެންމެން ދިމާކޮއްލިއެވެ. ކައިވެނި ކުރި ރޭގައި އަނބިމީހާ ގެއްލުނީތާއެވެ. އެންމެންވެސް ތިބީ ވަރަށް މަޖާވެފައެވެ. އަހަރެން ގޮސް ކާ މޭޒު ދޮށުގައި އިށީނީމެވެ. އަހަރެންނާއި ޖެހިގެން އިން ގޮނޑީގައި އަހަރެންގެ ލޯބިވާ އަނބިމީހާ އަލީފާ އިށީނެވެ. އަހަރެން އިނީ ވަރަށް އުފަލުންނެވެ.

"ދަރިފުޅުމެން އަންނަންވާއިރަށް މީރު އެއްޗެއް މަންމަ ހަދާފައި މިހުރީ. ރަނގަޅަށް ސައިބޯތި" އަލީފާގެ މަންމަ އައިސް އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ.

ސައިބޮއި ނިމިގެން އަހަރެމެން ތައްޔާރުވީ ސްކޫލްގެ ހޯލު ތައްޔާރު ކުރާ ތަނަށް ދިއުމަށެވެ. މިރޭ އަހަރެމެންގެ ކައިވެނީގެ އުފަލުގައި ބާއްވާ ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރަށު ސްކޫލް ހޯލުގައެވެ. މިރެއަށް އެތަން ތައްޔާރު ކުރުމުގެ ކަންތައް އަލީފާގެ އާއިލާގެ މީހުން ދިޔައީ ކުރަމުންނެވެ. އަލީފާގެ އާއިލާގެ މީހުންނަކީ ވަރަށް ރަނގަޅު ވަރަށް އޯގާތެރި ބައެކެވެ. ސައިބޮއި ނިމުމާއިއެކު އަލީފާ ގޮވައިގެން ސްކޫލާއި ދިމާއަށް ހިނގައިގަތީމެވެ. އަހަރެމެން ސްކޫލް ދޮރާށިން ވަނުމާއިއެކު އެންމެން އަހަރެމެންނާއި ދިމާކޮއްލިއެވެ. ކައިވެނި ކުރި ރޭގައި އަނބިމީހާ ގެއްލުނީއޭ ކިޔާފައެވެ. އެމީހުންތިބީ އަހަރެމެންނާއި ދިމާކޮއްލަން ތައްޔާރުވެގެންނެވެ.

"މިވަރަށް މަސައްކަތް ކުރާއިރުގައި ސައިފޮދެއްވެސް ނުލިބޭ" އެތަނުން އަހަރެމެންނާއި ދިމާކޮއްލުމުގެ ގޮތުން މީހަކު ބުނެލިއެވެ.

އަހަރެން ސައިބޯން ދަޢުވަތު ދިނީމެވެ. ބޭނުމިއްޔާ ސްކޫލަށް ނުވަތަ ރެސްޓޯރަންޓަކަށް ދާށެވެ. އެމީހުން ބޭނުންވާ ގޮތަކަށް ދޫކޮއްލީމެވެ. ނަމަވެސް އެމީހުން އެވަގުތު ދާކަށް ބޭނުމެއް ނުވިއެވެ. އަހަރެންނަށް ފަހުން އެނގުނު ގޮތުގައި އެމީހުންގެ ސައިގެ ކަންތައް އަލީފާގެ ބޭބެ ވަނީ ހަމަޖައްސާފައެވެ. އެ ޕާޓީއަށް ގަންނަން ބޭނުންވާ ތަކެއްޗާއި އެހެނިހެން ކަންތަކުގައި އަހަރެން އުޅުނީ ބޭރުގައެވެ. އަލީފާ ސްކޫލްގައި މަޑުކުރީއެވެ. އަހަރެންނަށް ދަތިވި އެއްވެސް ކަމެއް ނެތެވެ. އެތަން ޒީނަތްތެރި ކުރުމުގައިވެސް އަހަރެންގެ ޚިޔާލާ ނުލައި އެއްވެސް ކަމެއް ނުކުރެއެވެ. އަދި އެކަމުގައި އަހަރެންގެ މައިންބަފައިންގެ އެހީތެރިކަންވެސް އިންތިހާއަށް ލިބުނެވެ.

ރެއަށް އިރު އޮއްސުމާއިއެކު އަހަރެމެން ދެމީހުން ތައްޔާރު ވަމުން ދިޔައީ ކައިވެނި ޕާޓީއަށެވެ. އަލީފާ ނޫކުލައިން ޖަރީވެފައިވާ ހެދުމެއްލީއިރު އަހަރެން ލައިގެން ހުރީ މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ގަދަ ނުލާއި ހުދު ރޮނގު ދެމި ޓައިއެކެވެ. އަދި ގަދަ ނޫކުލައިގެ ކޯޓެކެވެ. ދެމީހުންވެސް ގަޑިއަށް ތައްޔާރުވެގެން ގޮސް ޕާޓީ ބާއްވާ ހޯލުގައި މަޑުކޮއްލީމެވެ. އަހަރެމެންގެ އިންތިޒާރުގައި އަހަރެންގެ އާއިލާގެ މެންބަރުން ސްކޫލް ހޯލުގައި ތިއްބެވެ. އަހަރެން ފެނުމާއިއެކު ފަހަރަކު މީހަކު އައިސް އަހަރެންގެ ގައިގައި ބައްދަމުން މަރުހަބާ ކިޔަމުން ދިޔައީ އުފަލުންނެވެ. އަހަރެން އެމީހުންނާއިއެކު ހޯލުތެރެއަށް ވަނީމެވެ. މުޅި ހޯލުތެރެ އޮތީ ނޫކުލައިގެ ބޮކިން ދިއްލާފައެވެ. ހާދަ ފުރިހަމައޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ވަށައިގެން ހޯދައިލީމެވެ. ދަޢުވަތު ދީގެން އަންނަ މެހެމާނުންނަށް މަރުހަބާ ކިޔަން އަހަރެމެންނަށް ހަދާފައިވާ ކުޑަ ސްޓޭޖް މަތީގައި އަލީފާ ހުއްޓެވެ. އަދި އަހަރެން ފެނުމާއިއެކު އައިސްބަލާށޭ ބުނެ އަތުން އިޝާރާތް ކޮއްލިއެވެ. އަހަރެން ގޮސް އަލީފާގެ ގާތުގައި މަޑުކޮއްލީމެވެ. މެހެމާނުން އަންނާތީ އަލީފާ ގޮވީއެވެ. ތެދެކެވެ. މެހެމާނުން ސްކޫލްގެ ދޮރާށިން ވަދެގެން އަންނަނީއެވެ. އަހަރެން ހަމަޖެހިލީމެވެ. ފަހަރަކު މީހަކު ސަލާމް ކޮއްލުމަށްފަހު ކޮންމެވެސް ހަދިޔާއެއް ދެމުން ދިޔައެވެ. އަހަރެމެން ކައިރީގައި ދެފަރާތުގައި އާއިލާގެ މީހުން ތިއްބެވެ. އަލީފާގެ އާއިލާގެ މީހުންގެ ތެރެއިން ހުރިހާ މީހުންވެސް މި ޕާޓީގައި ބައިވެރިވިއެވެ. ޕާޓީ ނިމިގެންދިޔައީ ވަރަށް ވެސް އުފާވެރި ކަމާއި އެކުގައެވެ. ކޮންމެ ކަމެއްވެސް އެހާ ފުރިހަމައަށް ނިންމާލެވުނީތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ކައިވެނީގެ ޕާޓީ ނިންމާލިއިރު ހުރީ ގަޑިން އެގާރަގަޑި ބައިވާން ގާތްވެފައެވެ. އަލީފާ އާއި އަހަރެން އަވަހަށް ގެއަށް ދާން ހިނގައިގަތީ ހެދުން ބަދަލު ކޮއްލުމަށްފަހު އެނބުރި ސްކޫލް ހޯލަށް އަންނާށެވެ. އަހަރެމެން ގޮސް ގޭތެރެއަށް ވަން އިރަކު އެއްވެސްކަހަލަ ތަފާތު ކަމެއް ނެތެވެ. އަދި ގޭތެރޭގައި މީހަކުވެސް ނޫޅެއެވެ. އަހަރެން ގޮސް ދޮރުގެ ތަޅުގައި ހިފައިލިއިރު  ތަޅު ލާފައެވެ. އަނެއްކާވެސް ބާރަށް ހިފައިލީމެވެ. ކަމަކު ދާކަށް ނެތެވެ. ދޮރުފަތް ވެއްޓުނީ ކޮޓަރި ތެރެއަށެވެ. ކުރިން ހުސްކޮށް ހުރި ކޮޓަރި މިރޭ ވަނީ ވަރަށް ފުރިހަމަ ކޮއްލާފައެވެ. އެނދުމަތީގައި ފަންވަތުން އުފާވެރި ކައިވެންޏަކަށް އެދެން މިހެން ލިޔެފައި ހުއްޓެވެ. އަލީފާ ހުރީ އަވަހަށް ގައި ދޮވެލަން ބޭނުން ވެފައި ކަމަށް ވާތީ އަވަހަށް ފާޚާނައަށް ވަނެވެ. ވަދެފައި ދެތިން މިނިޓްވެސް ނުވަނީ ހަޅޭލައިގެންފައި ބޭރަށް ކޮޓަރިތެރެއަށް ނިކުތެވެ. ކިހިނެއް ވީތޯ އަހަރެން ސުވާލު ކޮއްލީމެވެ. އަލީފާ ދެއްކީ ފާޚާނަ ތެރެއެވެ. މުޅި ފާޚާނަ އޮތީ ރަތް ކުލައިން ތަތްތެޅިފައެވެ. އަހަރެން ބިރު ގަތެވެ. އަދި އަލީފާގެ މޫނަށް ބަލައިލީމެވެ. އެއްވެސް ކަހަލަ ބިރުވެރި ކަމެއް އަލީފާގެ މޫނުމަތިން ފެންނާކަށް ނެތެވެ.

"އެމީހުން އެހުރީ ފެންވަރާ މާގަނޑަށް ރަތް ކުލަ އަޅާފައި" އަލީފާ ހޭންފެށިއެވެ.

އެންމެފަހުން ހެދުން ބަދަލު ކޮއްލައިގެން ކޮޓަރިން ބޭރަށް ނިކުތީމެވެ. ދެފަރާތުގެ އާއިލާގެ މެންބަރުން އަހަރެމެން ނިކުންނަންދެން ސިޓިންގރޫމްގައި މަޑުކޮއްލައިގެން ތިއްބެވެ. އަހަރެމެން ފެނުމާއި އެކު އެމީހުން ހޭންފެށިއެވެ.

"ކާކު މާގަނޑަށް ކުލަ އެޅީ" އަލީފާވެސް ހޭންފެށިއެވެ.

"ދެން ސްކޫލަށް ދާނެކަމެއް ނެތް. ހުރިހާ ކަމެއް ނިމިއްޖެ" އަލީފާގެ ބައްޕަ ބުނެލިއެވެ.

"މިރޭ ހިއެއް ނުވޭ އަހަރެމެންނަށް ނިދޭނެހެން. މި މީހުން ހުރެދާނެ ކޮންމެ ފަދަ ކަމެއްވެސް ކޮއްލާފައި" އަލީފާ އޭނަގެ ދޮންބެ އަތުގައި ހިފައިލިއެވެ. އަލީފާ ބުނާ ގޮތުން މިހުރިހާ ކަމެއްގެ އަޑީގައި ހުންނަނީ އޭނަގެ ދޮންބެއެވެ. އަހަރެން ގޮސް މަންމައާއި ބައްޕަގެ ގާތުގައި އިށީނީމެވެ. ފެންނަމުންދާ މަންޒަރާއި އެކުވެރިކަން ފެނިފައި އެމީހުންވެސް ތިބީ އުފަލުން ފޮޅިފައެވެ. އެންމެން ވާހަކަ ދައްކަން ތިބެފައި މާދަމާގެ ޕްލޭން ރާވައިލިއެވެ. މިކަމުގައިވެސް އިސްކޮށް އުޅުނީ އަލީފާގެ ދޮންބެއެވެ. ޕްލޭން ރާވާލާފައި އެންމެންވެސް މާދަމާ ވަރަށް ހެނދުނު ހޭލަން ވާނެއޭ ކިޔާފައި އަލީފާގެ ދޮންބެ ނިދަން ކޮޓަރިއަށް ދިޔައެވެ.

އަލީފާ އާއި އަހަރެން ދިޔައީ އަހަރެންގެ އާއިލާގެ މީހުން ތިބޭ ގެއަށް އެމީހުން ގެންގޮސް ދޭށެވެ. އެގެއަށް އެމީހުން ލާފައި އަހަރެމެން އައީ ގެއަށެވެ. މާދަމާ ވަރަށް ހެނދުނާއި ހޭލަން ޖެހޭތީ ބޭނުންވީ އަވަހަށް ނިދާލާށެވެ. އަހަރެމެން ގޮސް ކޮޓަރިއަށް ވަދެ އޮށޯތީ ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ކުޑަ ދޮރު ކައިރީގައި ހުރި ބިއްލޫރި އެއްޗެއް ވެއްޓި ތެޅުނު އަޑަށް އަހަރެން ތެދުވީމެވެ. އަދި ތެޅުނު ބިއްލޫރި ސާފު ކޮއްލުމަށްފަހު އަނެއްކާވެސް އޮށޯތީމެވެ. ނިދުނުތާ ދިހަ ވަރަކަށް މިނިޓްވެސް ނުވަނީސް ކޮންމެވެސް ޕާރުސަލެއްގެ ތެރެއިން ގަޑިއެއް އެލާމްވާ އަޑު އިވުނެވެ. ވަށައިގެން ހޯދައިލީމެވެ. ނަސީބަކުން އެ ޕާރުސަލް އޮތީ މޭޒުމަތީގައި ވަކިންނެވެ. އެލާމް އޮފް ކޮއްލުމަށްފަހު އަނެއްކާވެސް އޮށޯތީމެވެ. ކަމަކުދާކަށް ނެތެވެ. ކޮންމެ ދިހަ މިނިޓަކުން ގަޑިއެއް އެލާމް ވާން ފަށައިފިއެވެ. މުޅި ކޮޓަރި ހީވަނީ ހަނގުރާމައެއްގެ ތެރޭގައި އުޅޭހެންނެވެ. އަހަރެން މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވައި ބޭރު ބަލައިލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ވޭތޯއެވެ. ހުރީހާ މީހުން ތިބީ ނިދަން ކޮޓަރިތަކަށް ވަދެއެވެ. އަލީފާ ކޮޓަރި ތެރޭގައި ހަމަ އެނބުރެނީއެވެ. އެ ހުރިހާ ޕާރުސަލެއް ހުރީ އަހަރެމެންގެ ކޮޓަރީގައެވެ. އަލީފާ ބުނިހެން އަހަރެމެންނަށް މިރޭ ނިދޭނެހެން ހީނުވެއެވެ. އެހެން ތިއްބާ ފަތިސް ނަމާދަށް ގޮވީއެވެ. އަހަރެން ވުޟޫ ކޮއްލައިގެން މިސްކިތަށް ދާން ހިނގައިގަތީމެވެ. އަހަރެން ބޭރަށް ނިކުތް ފަހުން އަލީފާގެ މަންމަ އާއި ބައްޕަވެސް ސިޓިންގރޫމަށް ނިކުތެވެ. އަހަރެން ނަމާދު ކޮއްލައިގެން އައިސް ކޮޓަރިއަށް ވަން އިރު އަލީފާ އޮތީ ނިދިފައެވެ. އަހަރެން އަލީފާއަށް ނުގޮވާ ގޮސް ނިދަން އޮށޯތީމެވެ. އަހަރެމެންނަށް ހޭލެވުނީ ދޮރުގައި ބާރަކަށް މީހަކު ތަޅާ އަޑަށެވެ.

"ކޮބާ އަދިވެސް ނިކުންނާކަށް ނުވޭތަ" އެމީހަކު ގޮވަމުން ދިޔައެވެ. އަހަރެން ގޮސް ދޮރު ހުޅުވައި ބޭރަށް ނިކުމެލީމެވެ. ކުރިމަތީގައި ހުރީ އަލީފާގެ ދައްތަ އާއި އޭނަގެ ފިރިމީހާއެވެ. އެމީހުންގެ އަތުގައި ދަބަހެއް އޮތެވެ. ހީވަނީ ދަތުރު ދާން ތައްޔާރުވެގެން ތިބިހެންނެވެ. އެކަމަކު ރޭގައި ރޭވީ ހެނދުނު ސަޔަކަށް ދާށެވެ.

"ކޮންތާކަށް ދާން ތި އުޅެނީ" އަހަރެން ސުވާލު ކޮއްލީމެވެ.

"ދަތުރު ދާން" އަލީފާގެ ދައްތަ ބުނެލިއެވެ.

"އެކަމަކު ރޭގައި ހަމަޖައްސާފައި އޮތީ ހެނދުނު ސަޔަކަށް ދާން. ކިހިނެއް މިވަނީ. އޮޅުން ބޮޅުން ވެއްޖެ" އަހަރެން ހޭން ފެށީމެވެ.

"ކޮބާ އަލީފާ. ކޮބާ އިމްރާންގެ މަންމަމެން" އަލީފާގެ ދައްތަ ބުނެލިއެވެ.

އަހަރެން ކޮޓަރިތެރެއަށް ވަނީމެވެ. އަލީފާއަށް ގޮވުމަށެވެ. އެކަމަކު އަލީފާއަށް ދައްތަމެންގެ އަޑު އިވިގެން އަވަހަށް ފާޚާނައަށް ވަނީއެވެ. ތައްޔާރު ވެލުމަށެވެ. އަލީފާ ނިކުތުމުން އަހަރެންވެސް އަވަސް ކޮއްލައިގެން ބޭރަށް ނިކުތީމެވެ. އެވަގުތު އަހަރެންގެ މަންމަމެން އައިސް ގޭތެރެއަށް ވަންނަނީއެވެ.

= ނުނިމޭ =  

+1
0
+1
5
+1
4
+1
1
+1
0
+1
1
+1
2

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ދެން އެކަމަކު އިމްރާންއަށް ތިޔަވަރު ކުރާކަށް ނުވާނެ ދޯ. ފުކެއް ބޮޑުވަރު. އަލީފާވެސް އަދި ހެނީއެ…

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް