May 20, 2024 21:23
Advertisement

-Advertisement-

ދިމީގެ ފަރާތުން އުފާވެރި ޚަބަރެއް މަންމައިންނަށް!

ސޯޝަލް މީޑިއާ ޚާއްސަކޮށް ފޭސްބުކް ގެންގުޅޭ ވަރަށްގިނަ މަންމައިންނަށް ދިމްނާ ފާކިރު ނުވަތަ އާންމު ނަމުންނަމަ ދިމީ އޭ ބުނުމުން އެނގޭނެއެވެ. ކުޑަކުދިން ޝައުގުވެރިވާގޮތަށް ކުޑަކުދިންގެ ވާހަކައާއި، ޅެން އަދި ތަފާތު ވީޑިއޯތައް އަމިއްލައަށް ތައްޔާރުކޮށް އާންމުންނާ ހިއްސާކުރަމުންދާ ދިމީ ފާހަގަކުރެވެނީ ކުޑަކުދިންގެ ތަފާތު ހުނަރު ކުރިއެރުވުމަށް ވޭތުވެދިޔަ އަހަރުތަކުގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ މީހެއްގެ ގޮތުގައެވެ.

ތާ ތާ ތަ ތަ ތަ. ތޯ ތޯ ތޮ ތޮ ތޮ. މިގޮތަށް ތަފާތު އަކުރުތަކާއި ގުޅޭގޮތުން ހަށަނަރަ ދިވެހި އަޑުގެ ނަމުގައި ދިމީގެ އަޑުން ލަވަ ރެކޯޑު ކުރުމަށްފަހު، ދިމީވަނީ ދާދިފަހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިއީ ކިހިނެއް ފެށުނު ކަމެއްތޯ ސުވާލު ކުރުމުން ދިމީ ބުނީ "ކުޑަކުދިން ދިވެހިބަހަށްވުރެ އިނގިރޭސިބަހަށް ލޯބިކުރާ ވާހަކަ އަބަދުވެސް އެންމެން ދައްކާ އެހެންނޫންތޯ؟ އަދި އޭގެ އެއް ސަބަބެއްކަމުގައި އަޅުގަނޑު ދެކެނީ މިފަދަ ދިވެހި ރައިމްސް އަދި ވާހަކަތައް، ކުޅޭ އެއްޗެހި މަދުކަން. ހަށަނަރަ ލަވަތައް ބެލިމީހުންގެ އަދަދު ގިނަ. ވަރަށްގިނަ މީހުން މެސެޖުކުރޭ އެލަވަތައް ގެނެސްދޭން ފެށިފަހުން. އަސްލު ގިނަ ކުދިން ދިވެހިބަހާއި ދުރުވާހެން ހީވާތީ އާންމުކޮށް މިލަވަތައް ހިއްސާކުރަންފެށީ. މިއީ ދިމީ އުފައްދާފައިވާ ސްކިލްސް ޖީނިއަސް ޕްރޮގްރާމްގައި ދައްކާ ލަވަތަކެއް" މިގޮތަށެވެ.  

ސ.ފޭދޫ އަށް އުފަން 38 އަހަރުގެ ދިމީ އަކީ ފުޅާ ދާއިރާއެއްގައި އަމިއްލަ ޓްރެއިނިންގ ސެންޓަރެއްވެސް ހިންގާ ފަރާތެކެވެ. ސްކިލް ޓްރެއިނިންގ ސެންޓަރ އިން ކުރިއަށްގެންދާ އެކި ޕްރޮގްރާމްތައް މިހާތަނަށް 5000 އަށް ވުރެ ގިނަ ކުދިން ފުރިހަމަކޮށްފައިވާ ކަމަށް ދިމީވަނީ 'ޒީޓައިމްސް' އަށް މައުލޫމާތުދީފައެވެ.

Advertisement

"2012ވަނަ އަހަރުން ފެށިގެން ސްކިލްސް ޓްރެއިނިންގ ސެންޓަރ ރަޖިސްޓްރީ ކޮށްގެން ހިންގަން ފެށިއިރު ދަސްކޮށްދެނީ ޕްރެޝަރ ނުކޮށް ކިޔަވައިދޭނެ ގޮތް. 'ސްކިލްސްޖީނިއަސް' ކްލާސްތަކުގެ އިތުރަށް 'ޕްރީޓުޕްރައިމަރީ' ކްލާސްތައް ކުރިއަށްގެންދަން. އަދި ގްރޭޑް އެކަކަށް ވަންނަ ކުދިންނަށް ޚާއްސަ ޕްރޮގްރާމެއްވެސް ކުރިއަށްގެންދަން. 2014ވަނަ އަހަރުން ފެށިގެން ޑެއިލީ ކްލާސްތައް ކުރިއަށް ގެންދާއިރު ބެލެނިވެރިންގެ ފީޑްބެކް ފޯމް އިން އެނގޭ ބެލެނިވެރިން ވަރަށް ހިންހަމަޖެހޭކަން ޕްރޮގްރާމްތަކާމެދު"

 ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގާ ޕްރޮގްރާމް ފެށުނީއްސުރެ އެއްވެސް އަގެއްނެތި ކުރިއަށް ގެންދިއުން އެއީ ވަރަށް ފާހަގަކުރެވޭ ކަމެކެވެ. ކޮވިޑް ހާލަތާއި ގުޅިގެން އެސެންޓަރުގެ ކްލާސްތައް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މިގޮތުން އުމުރުން 3 އަހަރުން މަތީގެ ކުދިންނަށް ބައިވެރިވެވޭ މިކްލާސްތަކުގައި އެކި ރަށްރަށުގެ 240 ވަރަކަށް ކުދިން ބައިވެރިވެ ޕްރޮގްރާމް ނިންމާފައިވާކަމަށް ދިމީވަނީ ފާހަގަކޮށްފައެވެ.

ދިމީ ގެންދަނީ ބެލެނިވެރިންނަށް ޚާއްސަކޮށްގެން މަމީޓީޗަރ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދަމުންނެވެ. "ސްކިލްސް ޓްރެއިނިންގ ބެލެނިވެރިންނަށް ހިލޭ މިޕްރޮގްރާމްގައި ބައިވެރިވެވޭނެ. އެހެން ބެލެނިވެރިންނަށް ފީއެއް ނަގައިގެން ކުރިއަށްގެންދަނީ. ކުދިންނަށް ކިޔަވައިދޭގޮތް ކިޔައިދެވޭނެ. އަޑު ބޭނުންކޮށްގެން ކިޔައިދިނުމުގެ އިތުރުން، ހުނަރު ކުރިއަރުވާގޮތް ކިޔައިދެވޭނެ"

ހުނަރުން ފުރިގެންވާ ދިމީގެ ހުނަރުވެރިކަމުގެ ސިއްރެއްގެ ގޮތުގައި، ތަފާތު ދާއިރާތަކުން ދިމީ ފުރިހަމަކޮށްފައިވާ ކޯސްތައް ވާނެކަން ޔަގީނެވެ. އެޑިޔުކޭޝަން ދާއިރާއިން މާސްޓާސް ފުރިހަމަކޮށް، ބެޗެލަރ އޮފް އާރޓްސް،  ބެޗެލަރ އޮފް ބިޒްނަސް ހިއުމަން ރިސޯސަސް ފުރިހަމަކޮށް މިހާރުގެންދަނީ އެދާއިރާއިން މާސްޓާސް ފުރިހަމަ ކުރަމުންނެވެ. މީގެއިތުރުން ކައުންސިލިންގް، އައި.ޓީ ކޯސްތައް ފުރިހަމަ ކޮށްފައިވެއެވެ. ދިމީ ކޮށްދެމުންދާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެގޮތުން ޔޫތް އެވޯޑް 2015 އަދި ރިވެލި އެވޯޑްގެ އިތުރުން އައުޓް ސްޓޭންޑިންގ ޔަންގ ޕާސަންސް އެވޯޑް ދިމީއަށް ވަނީ ލިބިފައެވެ.

ދިމީގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު އުމުރުން ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެއެވެ. ހަޔާތުގެ ބައިވެރިއަކީ އަލިމަނިކު(ދާރީ) އެވެ. ކައިވެންޏަށް މިހާރު 8އަހަރު ވެފައިވާއިރު، ހަތަރުފަހަރު ބަލިވެއިނދެ ބައިގެންދިއުމަށްފަހު ދިމީގެ ދެމަފިރިންނަށް ވަނީ ލޯބިލޯބި އަންހެން ކުއްޖެއް 2017 ވަނަ އަހަރު ލިބިފައެވެ. ދިމީގެ އުމުރުން 1 އަހަރުގައި ދިމީގެ މަންމަ މަކީނާ ވަނީ ދުނިޔެ ދޫކޮށްފައެވެ. އަދި ދިމީއާއި ދާރީގެ ދަރިފުޅަށް މަންމަގެ ނަމުން ނަންދިނެވެ. މިހާރު 3 އަހަރުވެފައިވާ މަކީނާ ނައުޝީން އަލީ އާއި ދިމީގެ ފިރިމީހާ ދާރީ އަކީ ދިމީގެ ކާމިޔާބީގެ ސިއްރެވެ. ދިމީ އުފައްދާ ވީޑިއޯތަކުންވެސް ކުޑަކުޑަ ނައުޝީންގެ ބައިވެރިވުން ވަރަށްފުރިހަމައަށް ފެނިގެންދެއެވެ. އެވީޑިއޯތަކަށް ކުޑަކުދިން ޝައުގުވެރިވާ އެއްސަބަބަށްވެސް އެކަން ވެގެންދާނެއެވެ.

ސްކިލްޓްރެއިނިންގް ސެންޓަރ އިން ތައްޔާރުކުރާ ވީޑިއޯ، ފްލަޔަރ ފަދަ ތަކެތި ޑިޒައިންކޮށް، ކުރަހާ، އަދި ދަރިފުޅަށް ތަފާތު ހެދުން، ކޮސްޓިއުމްސް، ކުޅޭ ސާމާނު ފެހުމަކީވެސް ދިމީ ކުރަމުންދާ ކަމެކެވެ. ދަރިފުޅު ގަޔާވާގޮތަށް ތަފާތު ވާހަކަތައް އަތުން ލިޔެ، ކުރަހާ، ޑިޒައިން ކުރެއެވެ.

"ނައުޝީންގެ އުމުރުން 3 މަހުން ފެށިގެން އެކިކަހަލަ ފޮތިފޮތް އަދި ހިފާގެންގުޅެން ތަފާތު ކުޅޭ އެއްޗެހި އަތުން ތައްޔާރުކުރިން. އެ އެއްޗެހި ބޭނުންކޮށްގެން އުމުރުން 15 މަހުގައި ދިވެހި، އިނގިރޭސި އަދި އަރަބިކް އަކުރުތައް ނަގައިގަނެ 2 އަހަރުގައި ޤުރުއާނުން ގިނަ ޢަދަދެއްގެ ސޫރަތްތައް ހިތުންދަސްވެ، ދިވެހި އަދި އިނގިރޭސި ކުދިބަސްތައް އަޑު ބޭނުން ކޮށްގެން ކިޔަން ދަސްވި. މިގޮތަށް ދަސްކޮށްދެން ގޭތެރޭގައި އުޅޭއިރު ނައުޝީން އަތުޖެހޭ ހިސާބުގައި ފޮތްތަކާއި އަކުރުތައް ބަހައްޓައި، 1 އަހަރުވަންދެން ސްކްރީން ނުދައްކައި ގެންގުޅުނީ. އަދި ކޮޓަރީގައި ބެހެއްޓީ ސްޕީކަރއެއް. އޭގެން ޤުރުއާން އަދި ތަފާތު ރައިމްސް އިއްވިން" ނައުޝީން ފޮތްތަކަށް ޝައުގުވެރިވީގޮތް އުފަލާއިއެކު ދިމީ ހިއްސާކުރިއެވެ.

ދިމީ ދަނީ ހަށަނަރަ ދިވެހި ފޮތިފޮތްވެސް އަމިއްލައަށް ތައްޔާރުކޮށް ވިއްކަމުންނެވެ. އަދި ކުޑަކުދިންގެ ވާހަކަފޮތާއި ހަށަނަރަ ދިވެހިއަޑުގެ ފޮތް ވަރަށް އަވަހަކަށް އާންމުކޮށް ލިބޭނެގޮތް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ މަންމައިންނަށް ދިމީ ދޭ އުފާވެރި ޚަބަރެކެވެ.

ދެންއޮތީ ފުޅާދާއިރާއެއްގައި ގައިޑް ހަރަކާތުގައި ދިމީ އުޅެންފެށި ގޮތުގެވާހަކަ އެވެ. 1989ވަނަ އަހަރު ބްރައުނީ އަކަށް ކްލާހުން ހޮވުނު ކުދިންތަކުގެތެރޭގައި ހިމެނުމުން ދިމީގެ ގައިޑް ޙަރަކާތް ފެށުނެވެ. އަދި އޭގެފަހުން، ގައިޑް ޙަރަކާތުގައި މެދުކެނޑުމެއްނެތި މިއަދާއިހަމައަށް ރާއްޖެ އަދި އެކި ޤައުމުތަކުގައި ފްރެންޑްސް އޮފް ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވެއެވެ. މޯލްޑިވްސް ގަރލްގައިޑް އެސޯސިއޭޝަންގެ އެކްސްކޯގައި 14އަހަރު އުޅުނެވެ. އަދި މިހާރު ތަފާތު ޤައުމުތަކުގައި ގައިޑް ޙަރަކާތް ކުރިއަރުވަން އެހީ ފޯރުކޮށްދެއެވެ.

އިންޓަވިއު ނިންމާލަމުން ދިމީ ދިނީ "އަބަދުވެސް ވިސްނަންވީ އެއްވެސް އާކަމެއް ނޯންނާނެކަން. ތިމާގެ ޚިޔާލު އެހެން މީހަކު "ކޮޕީ" ކޮށްފާނެތީ އެޚިޔާލުގެ ވާހަކަ މީހުންނާ ހިއްސާނުކޮށް ނުހުރެ އެކަމަށް ޢަމަލީ ފިޔަވަޅު އެޅުން މުހިންމު. އެއްވައްތަރެއްގެ މަސައްކަތްކުރާ ވަރަށްގިނަ މީހުން އުޅޭނެ. އަމިއްލަ ހުނަރުތައް ދެނެގަނެ އެކަމާއި ގުޅޭ މަސައްކަތްތައް ދިރިއުޅުމުގެ ޙާލަތާއި އެއްގޮތަށް ކުރެވޭތޯ އަބަދުވެސް ބަލަންވާނެ. އެމީހަކު އަމިއްލައަށް އެމީހެއްގެ ދިރިއުޅުމުގައި ކުރި ފަޅުވާނީ. އެހެންމީހަކު އަދި ބަޔަކު ކުރިއެރުނަ ނުދޭން މަސައްކަތް ކުރިޔަސް، އަބަދުވެސް ރަނގަޅަށް ވިސްނާ، ގަދައަޅާ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ. އިންޝާ ﷲ އެއްވެސް ކަމެއް ނުވާނެކަމަށް ނިންމާ ދޫނުކުރާށޭ ބުނަން ބޭނުމީ. ޅައުމުރުގައި ޤައުމަށް ބޭނުންތެރި އާ މަސައްކަތްތައް ކުރަން މަސައްކަތް ކުރާށޭ" މިމެސެޖެވެ.

ދިމީގެ އިންޓަވިއު ނިންމާލަމުން ވަނީ މަންމައަކާއި ނުލާ ދިމީ ބަލައި ބޮޑުކުރި ބައްޕަ، ބޮޑޭ، މުންނާގެ އިތުރުން ފިރިމީހާ، ލޯބިވާ ދަރިފުޅު، އަންމު، ދޮންތަ، ދޮންބެ އާއި ޢާއިލާގެ ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

+1
5
+1
7
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް