May 12, 2024 17:02
Advertisement

-Advertisement-

އެކަނިވެރިމައަކަށް ވުމުން ހިތްވަރު ދޫނުކޮށް ތަފާތު މީރު ކެއުންތައް ތައްޔާރު ކުރުމުގައި އަވަދިނެތި!

މިއީ 4 ކުދިންގެ މަންމަ އެކެވެ. އެކަނިވެރިމައަކަށް ވުމުން ހިތްވަރު ދޫނުކޮށް މަސައްކަތް ފެށީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ކުރެވެންހުރި މަސައްކަތެއް ކުރުމަށެވެ.

ދޮށީ ދަރިފުޅަށް 17 އަހަރެވެ. ދެވަނަ ދަރިފުޅަށް 14 އަހަރު، އަދި އެއްމާބަނޑު ދެކުދިންނަށް 8 އަހަރެވެ. ކައިވެނި ރޫޅުނީ އެއްމާބަނޑު ދެކުދިންނަށް 1 އަހަރު ނުވަނީސް ކަމަށް ވަނީ ބުނެފައެވެ.

މާޅޮސްކެޔޮ ކަނދި

ދިވެހިންނަށް ކަމުދާ ގޮތަށް ދިވެހިވަންތަ ކެއުން ތައްޔާރު ކުރުމުގައި އދ. މަހިބަދޫ އަށް އުފަން ހައްވާ ޝިރާނީ ފާހަގަކޮށްލެވެއެވެ.

Advertisement

ޝިރާނީގެ އުފެއްދުންތައް:

މާޅޮސްކެޔޮ އަދި ކަށިކެޔޮ ކަނދި، ބޮނޑިބަތް، މަޖާ، ސަބްމެރިން ސޯސް، ކަނަމަދުރޮށި، ލޮނުމިރުސް، ދިވެހިހަވާދުގެ އިތުރުން ކުޅިބޯވަވެސް ޝިރާނީ ދަނީ ތައްޔާރު ކުރަމުންނެވެ.

ދިވެހި ކެއުންތަކުގެ ތެރޭގައި ބަނބުކެޔޮބަތް، ރިހާކުރުދިޔަ، ފިހުނުމަސް، އަލަ، ކައްޓަލަ ފަދަ ބާވަތްތައް ހިމަނައިގެން ތައްޔާރުކޮށްފަ ހުންނަ ކެއުންތައް ހިމެނެއެވެ.

ކާބަފައިންގެ ޒަމާނުއްސުރެ ކެއުމަށް ބޭނުންކުރާ ދިވެހިކެއުމެއް

" ސަބްމެރިން ސޯސް އެއީ ވަރަށް ވިކޭ އެއްޗެއް. ބޯކުރި ފަޅޯ އަދި ބޯކުރި ބަނބުކެޔޮ ވަރަށް ވިކޭ. އަޅުގަނޑުގެ ދާއިމީ ކަސްޓަމަރުން އެބައުޅޭ. الحمد لله. މީރުވެގެން ތަކުރާރުކޮށް ގަންނާތީ ވަރަށް އުފާވޭ. ޑެލިވަރީ ކުރަނީ ދެތައްޓަށް ވުރެ ގިނައިން ގަންނަނަމަ. 'މީރު ބްރޭންޑް' އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖް މެދުވެރިކޮށް އޯޑަރު ދެވޭނެ".

ސަބްމެރިންސޯސް

ޝިރާނީގެ އުފެއްދުމުގެ ތަފާތު ކަމަކީ ކަނދި ގަންނަން ބޭނުންވާ މީހުންނަށްވެސް އެއާއެކު ކާލާނެ ކުޅިއެއްޗެއް ދޭތީއެވެ. އަދި ބައެއް ފޮނި ބާވަތްތައް ތައްޔާރު ކުރާއިރު ހުވަނދުމާފެން އަޅާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ ރަހަމީރުކޮށް ކަސްޓަމަރުން ބޭނުންވާ ގޮތަށް ތައްޔާރުކޮށްދެވޭތޯ ކަމަށް ފާހަގަކުރިއެވެ.

ދިވެހި ކެއުމެއް، މިއީ ގިނަ ބަޔަކަށް ކަމުދާ ކެއުމެއް

" ރިހާކުރުދިޔަ ތައްޔާރުކުރިއަސް އެންމެ މީރު، ރަނގަޅު ރިހާކުރު ނުލިބޭނަމަ ތައްޔާރު ނުކުރަން. އެއީ އަޅުގަނޑަށް ރަހަ ރަނގަޅު ނޫން އެއްޗެއް ބޭނުމެއް ނޫން ވިއްކަން. އަގުވެސް ބޮޑެއް ނުވާނެ. އާންމުކޮށް ހުންނަ ރޭޓާއި ބަލާއިރު އަގުހެޔޮވާނެ" ޝިރާނީ ފާހަގަކުރިއެވެ.

ކަނަމަދުރޮށި

ތަފާތު ދިވެހިވަންތަ ކެއުންތައް ކެއްކުމަށްފަހު ވިއްކާތާ 4 އަހަރު ވީއިރު އޭގެ ކުރިން ޝިރާނީ ވިއްކަމުން ދިޔައީ ސަނާމުގު، އަދި ލޮނުމިރުހާއި ދިވެހި ހަވާދެވެ.

" އެއްމާބަނޑު ދެކުދިންގެ އުމުރުން އެއް އަހަރު ނުވަނީސް ފެށީ ސަނާމުގު ވިއްކަން. އެކުދިންގެ އުމުރުން ދެއަހަރުގަ ލޮނުމިރުސް އަދި ހަވާދު ވިއްކަން ފެށީ. އެއީ ބުރަ މަސައްކަތަކަށް ވާތީ ދެން ފެށީ ތަފާތު ދިވެހިވަންތަ ކެއުން ތައްޔާރު ކުރުމުގެ މަސައްކަތް". 

ބޯކުރި ބަނބުކެޔޮ

ކުދިންގެ ބައްޕަ ދީފައި ހުރި އެއްކޮޓަރީގެ އެޕާޓްމެންޓްގައި 4 ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ ޝިރާނީ ފާހަގަކުރިގޮތުގައި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމަށް އަމިއްލަ މަސައްކަތުން އާމްދަނީއެއް ލިބުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ.  

+1
3
+1
119
+1
9
+1
3
+1
7
+1
3
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް