May 12, 2024 05:39
Advertisement

-Advertisement-

އިބޫ: ތަފާތު ތަޖުރިބާތަކާއެކު ފާހަގަކުރެވޭ ހުނަރުވެރިއެއް

ވަރަށް ކުޑައިރުއްސުރެ ޑިޒައިން ކުރުމާއި ފެހުމަށް ލޯބި ޖެހިފައިވާ އިބްރާހިމް އަލީ އާއްމު ނަމުންނަމަ އިބޫ އަކީ މިދާއިރާގައި ފާހަގަކުރެވޭ މީހެކެވެ. އިބޫއަކީ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. ފެހުމާއި، ޑިޒައިން ކުރުމާއި، މޭކަޕް ކުރުން އަދި އިންޓީރިއަރ ޑިޒައިންގެ ބައެއް މަސައްކަތްތަކަކީ އިބޫ އިސްވެ ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކެވެ. އިބޫ އަކީ މިމަސައްކަތުގައި 40 އަހަރާއި ގާތްކުރާ ވަރަށް މަސައްކަތްކޮށް ތަފާތު ގިނަ ތަޖުރިބާތައް ލިބި މީހުންގެ ލޯބި ލިބިފައިވާ މީހެކެވެ. ފެހުމުގެ މަސައްކަތް ކުރަމުން އައީ އޭނާ ދިރިއުޅޭގެ އެދުރުވެހީގަ އެވެ. ވަރަށް ފަހުން ހުޅުމާލެ ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލުކޮށް އަނބިކަބަލުންނާއެކު މިހާރު ދިރިއުޅެމުން އަންނަނީ ހުޅުމާލޭގައެވެ.

ނުވަދިހައިގެ އަހަރުތަކުގައި އިބޫ ފަހައިދިން ވެޑިންގ ޑްރެސްތަކެއް

ދާއިރާއަށް ޝައުގުވެރިވި ގޮތް:

އިބޫއަކީ ވަރަށް ކުޑައިރުއްސުރެވެސް ފެހުމާއި ޑިޒައިން ކުރުމަށް ލޯބި ޖެހިފައިވާ މީހެއް ކަމުން ފުރަތަމަ ހެދުން ފަހައިދީ އުޅުނީ ގޭ ކުދިންނަށާއި ރައްޓެހިންނަށެވެ. އެއީ 1984 ވަނަ އަހަރުން ފެށިގެންނެވެ. އިބޫގެ ޚާއްސަ ލޯތްބެއް ޖެހިފައި ހުންނަ 'ވެޑިން ޑްރެސް' އާއި 'ވެޑިން ޑެކަރޭޝަން' އަކީ އެންމެ ޝައުގުވެރިކަމާއެކު ވަގުތު ހޭދަކޮށްގެން ކުރާ އެއްކަންތަކެވެ. 

Advertisement

އާއްމުންނަށް ތައާރަފުވެގެން ދިޔައީ ކޮންއިރަކު؟

ވަރަށް ކުޑަކުޑަކޮށް ފެހުމުގެ މަސައްކަތް ފެށިގެންގޮސް 1996 ވަނަ އަހަރުން ފެށިގެން އާއްމުންނަށް އިބޫ އެނގެން ފެށިއެވެ. އިބޫ ބުނިގޮތުގައި އަބަދުވެސް ބަލަނީ ކަސްޓަމަރުން ހިތްހަމަޖައްސައިދީ އެންމެ ފުރިހަމައަށް މަސައްކަތް ނިންމުމަށެވެ. އެއީ ކިތަންމެ ގިނަ ވަގުތެއް ހޭދަވި ކަމުގައިވިޔަސްމެއެވެ. ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަން އޮންނާނެ ގޮތަށް އިބޫ މިކަމުގައި ޝާމިލުވެއެވެ. އެއީ ހެދުން ފަހާ ފޮތިން ފެށިގެން ހެދުން ގަޔަށް ހެޔޮވަރުކޮށް ނިމެންދެނެވެ. ގަޔަށް ރީތި ފޮތި ހޯދުމާއި ކަސްޓަމަރާއި ގުޅޭ ގޮތަށް ހެދުން ބައްޓަން ކުރުމުގައި އިބޫގެ ހުރިހާ އެއްބާރުލުމެއް ދޭކަމަށް ފާހަގަކުރިއެވެ. 

"ކަސްޓަމަރު ހިތްހަމަޖެހޭ ކަހަލަ ފޮއްޗެއް ރާއްޖެއިން ލިބެން ނެތްނަމަ ލަންކާ ނުވަތަ އިންޑިއާއަށް ގޮސްގެން ނަމަވެސް ބޭނުންވާ މެޓީރިއަލްގެ ފޮތި ހޯދައިގެން އެމަސައްކަތް ކުރަން" ވަރަށް އުފަލާއެކު އިބޫ ކިޔައިދިނެވެ. ވެޑިން ޑްރެސްއަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް ލާން ބޭނުންވާ އެންމެ ރީތި ހެދުމަށްވާތީ އެމީހަކާއި ގުޅޭގޮތަށް ހެދުން ބައްޓަން ކޮށްދެވޭތޯ ވަރަށް މަސައްކަތްކުރާ ކަމުގައި އިބޫ ކިޔައިދިނެވެ.

އެންމެ ހީނުކުރާ ކަހަލަ ކަމަކަށް ދިމާވީ ކޮންކަމެއް؟

ދާއިރާގައި ގިނައިން ހެދުން ފަހައިދެނީ ދިވެހިންނަށް ކަމަށްވާތީ ރާއްޖެއިން ބޭރު މީހެއްގެ ވެޑިން ޑްރެސްއެއް ފަހަން ލިބުމަކީ ވަރަށް ފަޚުރުވެރިވި ދުވަހެއް ކަމުގައި އިބޫ ބުނި. ޔޫ.އެސް.އޭ ގެ "މޯލީ" ނަމަކަށް ކިޔާ މީހެއްގެ ވެޑިން ޑްރެސް ފަހައިދީ އޭނަގެ ފަރާތުން ލިބުނު ހިތްހަމަޖެހުން ވަރަށް ބޮޑެވެ. އޭނާގެ ވެޑިން އޮތީ "ޔޫ.އެސް.އޭ ގައެވެ. އެހެންނަމަވެސް އެހެދުން ޑިޒައިން ކުރުމުގެ ޝަރަފު ލިބުނީ އިބޫ އަށެވެ. އެހެދުމުގެ މަސައްކަތް ކުރެވިފައިވަނީ އިންޑިއާއާއި މާލޭގައެވެ.

ދާއިރާގައި ކުރެވުނު ތަޖުރިބާ:

ފެހުމާއި ޑިޒައިން ކުރުމުގައި ކުރެވުނު ތަޖުރިބާތައް ވަރަށްވެސް ގިނައެވެ. އިބޫއަކީ ރާއްޖޭގައި ބޭއްވި ވަރަށް ގިނަ ފެޝަން ޝޯވ ތަކުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އެންމެ ފުރަތަމަ އިބޫގެ ޑިޒައިން ފެނިފައިވަނީ 1997 ވަނަ އަހަރު ބޭއްވި 'ފަރުވާ ޝޯވ' އިންނެވެ. އެއަށްފަހު 'ނާޒިޔާ ޑިޒައިން ވެއާ 2001' އިންނެވެ. އެންމެ ފާހަގަކޮށްލެވޭ އެންމެ ފުރިހަމައަށް ޑިޒައިން ދައްކާލެވުނު ފެޝަން ޝޯވއެއް ކަމުގައި އިބޫ ފާހަގަ ކުރަނީ 2007 އަދި 2008 ވަނަ އަހަރު ބޭއްވުނު 'ރަންވޭ ފެޝަން ޝޯވ' އެވެ. އެޝޯވގައި އޮތް 'އާތް ވެއަރ' ގެ 'ބެސްޓް ޑްރެސް' އާއި 'ވުޑު ވެއަރ' ގެ 'ބެސްޓް ޑްރެސް' ލިބުނީ އިބޫއަށެވެ. "އެއީ ވަރަށް އުފާވި އަދި ވަރަށް ހިތްހަމަޖެހުނު ދުވަހެއް"  އިބޫ ކިޔައިދިނެވެ.

ގައުމީ އިނާމް ލިބުނު ދުވަހަކީ އެންމެ އުފާވި އެއްދުވަސް ކަމުގައި އިބޫ ފާހަގަކުރޭ

މިދާއިރާގައި ފެހުމުގެ އިތުރުން މޭކަޕް ކުރުމަކީވެސް އިބޫ ވަރަށް ފުރިހަމައަށް ކުރާ މަސައްކަތެކެވެ. ބައެއް ވެޑިންގ ތަކުގައި ވެޑިންގ ޑްރެސްގެ އިތުރުން މޭކަޕް ކޮށްދިނުމާއި 'ބެކް ޑްރޮޕް' ހަދައިދިނުން، 'ސެންޓަރ ޕީސް' ޑިޒައިން ކޮށްދިނުވެސް ހިމެނެއެވެ. ވެޑިންގެ ހުރިހާ މަސައްކަތެއް އެއްކޮށް ފުރިހަމަކޮށްދިނުމުގައި ފުރިހަމަ އެއްބާރުލުން ދިނުމަކީ އިބޫގެ ފަރާތުން ފެންނަ ތަފާތެކެވެ. 

މޭކަޕްގެ މަސައްކަތްތަކަށް ބަލާއިރު ޓީވީއެމް އިން ގެނެސްދިން އެހަނދާނުގައި ޝޯވ ހިމެނެއެވެ. އޭގެ އިތުރުން ބައެއް ލަވަތަކުގައިވެސް މޭކަޕް ކޮށްދިނެވެ. އިންޓީރިއަރ ޑިޒައިންއަކީވެސް އިބޫގެ ވަރަށް ޚާއްސަ މަސައްކަތެކެވެ. މިގޮތުން 2009 ވަނަ އަހަރު ވިލިގިލީގައި ހެދި 'ސީފުޑް ރެސްޓޯރެންޓް'ގެ އިންޓީރިއަރ ޑިޒައިނަކީވެސް އިބޫގެ މަސައްކަތެކެވެ. 2011 ވަނަ އަހަރު ހުޅުމާލޭގައި ހުޅުވި 'އައިބެރީ ކެފޭ'ގެ ޑިޒައިނަކީވެސް އިބޫގެ މަސައްކަތެވެ. އިބޫ އަކީ ބައެއް ދިވެހި ލަވަތައް ޑައިރެކްޓްކޮށްފައިވާ މީހެކެވެ. އޭގެ ތެރެއިން 'ކައިރިއަށް ކަލާ އައިމާ ވީ އުފާ' މިލަވަ ހިމެނެއެވެ. މީގެ އިތުރުން ބައެއް އިޖުތިމާއީ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސް 'ސްވަޑް' އެންޖީއޯ ގައި ބުރަކޮށް މަސައްކަތްކޮށްފައިވާ މީހެކެވެ.

މޯލީގެ ހެދުން ފެހުމުގައި އިބޫ

ޑިޒައިން ކުރުމާއި ފެހުމުގެ ތެރެއިން އެންމެ ފަޚުރުވެރިވި ދުވަހަކީ ކޮބާ؟

ޑިޒައިން ކުރުމުގައި އެންމެ ފަޚުރުވެރިވި ދުވަހަކީ އެމެރިކާގެ 'މޯލީ ޗަހެލް'ގެ ވެޑިން ޑްރެސް ޑިޒައިން ކުރެވުނު ދުވަހެވެ. މޯލީގެ ވެޑިން އޮތީވެސް އެމެރިކާގައެވެ. މިހެދުން ޑިޒައިން ކުރުމަށް ވަރަށް ވަގުތު ހޭދަވިއެވެ. ހެދުން ޑިޒައިންކޮށް ފަރުމާކުރުމަށް އިންޑިއާއިން ތަކެތި ހޯދައި މިހެދުން ޑިޒައިން ކޮށްފައި ވަނީ އިންޑިއާ އަދި މާލޭގައެވެ. އަދި ހަމަ އެހެންމެ ގައުމީ އިނާމު ލިބުނު ދުވަހަކީވެސް ވަރަށް އުފާވެރިކަމާއެކު ފާހަގަކުރާ ދުވަހެކެވެ.

އާއިލާގެ މެންބަރުންނާއެކު އިބޫ

ޝުކުރު އަދާކުރަން ބޭނުންވާ މީހުން

ދާއިރާގައި ޝުކުރު އަދާކުރަން ބޭނުންވަނީ އަނބިކަބަލުން ރަހުމާ އީސާ އާއި އާއިލާގެ މެންބަރުންނަށެވެ. "ފެހުމުގެ ދާއިރާގައި ލިބުނު ހުރިހާ ކާމިޔާބެއްގެ ފަހަތުގައި އަނބިކަބަލުން ހުންނާނެ. އެންމެ ބޮޑު އެއްބާރުލުންވެސް ލިބުނީ އަންހެނުންގެ ފަރާތުން. މިހާރު ދެން ކުދިންވެސް ބޮޑެތިވީމަ ކުދިންގެ ފަރާތުންވެސް އެއްބާރުލުމާއި ޚިޔާލުވެސް ލިބޭ". އިބޫ

ދެކެން ބޭނުންވާ ހުވަފެން

މިދާއިރާއިން އިބޫ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ހުރިހާ ފަންނާނުންވެގެން ސަގާފަތް ދިރުވައި ދަމަހައްޓަން އެއްބާރުލުން ދޭނެ ދުވަހެކެވެ. ފަންނާނުންގެ މަސައްކަތް އެއް ފުރާޅެއްގެ ދަށުން ކުރެވި އެކުއެކީގައި މަސައްކަތްކުރަން ލިބޭނެ ދުވަހެކެވެ. އަދި ޚާއްސަކޮށް ސަގާފަތް ކުރިއަރުވަން މަސައްކަތްކުރާނެ ބަޔަކު މުޖުތަމައަށް ނެރެވުމެވެ.

+1
0
+1
5
+1
3
+1
1
+1
0
+1
0
+1
0

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް