May 20, 2024 20:39
Advertisement

-Advertisement-

އޭދަފުށީ ހޮނިހިރު ބަތްޕެން މިހާ މަޝްހޫރުވީ ކިހިނެއް؟

އެވޭލާ ޒަމާނުއްސުރެ އޭދަފުށީ މީހުންނަކީ ބަތްޕެން ކެއުމަށް އާދަވެފައިވާ ބައެކެވެ. ފެންބަތްޕެނާއި ކުޅިބަތްޕެނާއި ލޮނުލީ ބަތްޕެނެވެ. އޭގެތެރެއިން ފެންބަތްޕެނަކީ ހޮނިހިރު ދުވަހުގެ އާންމު ކެއުމެވެ. އިހުގައި ރަށުގެ ކޮންމެ ގެއަކުވެސް ހޮނިހިރު ދުވަހު ކެއުމަށްޓަކައި ބުރާސްފަތި ދުވަހުގެ ހަވީރު ފެންބަތްޕެން ކައްކައެވެ. އެގެއެއްގެ ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ ނިސްބަތުން އެބަތްޕެން ކައްކަނީ އެކިވަރުގެ މުށިފުފޭގައެވެ. ނުވަތަ މުށިގަނޑުގައެވެ. ނުވަތަ ސައްޓީގައެވެ. ފަހަކަށްއައިސް ކައްކަނީ ތެލީގައެވެ.

ހުކުރުވިލޭރެއާއި ހުކުރުދުވަހު ރައްކާތެރިކޮށް ފިނިކަންމަތީ އެބަތްޕެން ބެހެއްޓުމަށްފަހު ކޮންމެ ގޭބިސީއަކުންވެސް ހޮނިހިރުވިލޭރެއާއި ހޮނިހިރުދުވަހުގެ ޢާއްމު ކެއުމަކީ ފިނިބަތްޕެނެވެ. ހެދިކާއާއި ކާއްޓާމަހާއެކުގައެވެ. ނުވަތަ ހަމައެކަނި ކާއްޓާމަހާއެކުގައެވެ. ބައެއްމީހުން ހަކުރާއި ހުނި ނުވަތަ ކިރުހަކުރު އަޅައިގެންވެސް ކައިއުޅެއެވެ. އޭރު ބަތްޕެން ރައްކާތެރިކޮށް ބެހެއްޓުމަށް ބައެއް ގޭގޭގައި އެކިވަރުގެ މުށިހަދު ހިރިމި މުށިގަނޑުފަދަ އާލާތް ބޭނުންކޮށް އުޅުނެވެ.

ބަތްޕެން ކެއްކުމަށްފަހު އިތުރުވާ ބަތްޕެން ހަފްތާގެ ނިމުމާހަމައަށް ބަހައްޓައެވެ. ބައެއްފަހަރު ބައެއްމީހުން އެބަތްޕެން ކެއުމަށް ބޭނުން ކުރުމަށްޓަކައެވެ. އެފަހަރަކު އެއެއްޗަކުން ބަތްޕެން ނެގި މިންވަރަކަށް އެބަތްޕެން އެއްޗަށް ނުކައްކާ ހިހޫފެން އަޅައެވެ. ދެތިންދުވަސްވާއިރު އެބަތްޕެން ހުންނަނީ ފުށަށްވެފައެވެ. ވަރަށް ހުތްވެފައެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އެހެންކަމުން އޭދަފުށީ ފިނިބަތްޕެން ހޮނިހިރުބަތްޕެން، ހުތްބަތްޕެން މިނަމުން އެބަތްޕެން ވަނީ ރާއްޖޭގައި މަޝްހޫރުވެފައެވެ.

Advertisement

ހަނގުރާމައިގެ ދަތި ދުވަސްވަރު ރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބުން ދަތިވެ ލިބޭމަދު ހަނޑޫކޮޅުން ކައްކައި އުޅުނު ބަތްޕެން ފެންއުއިގައި ތާންލުމަށްވެސް ބޭނުންކޮށް އުޅުނެވެ. މިދެންނެވީ ފޭރާން ވިޔުމަށް ޚާއްސަކޮށް އަންނަ ފޭލި ވިޔުމަށް ބޭނުންކުރާ އުއިގަނޑުގައި ތާންލުމަށެވެ.

އިހުގައި އޭދަފުއްޓަކީ ފޭލިވިޔުމަށް ރާއްޖޭގައި މަޝްހޫރު ރަށެކެވެ. އޭރު ދައުލަތުގެ ރަސްމީ ޢިއްޒަތުގެ ބައެއް ހެދުންކޮޅުތަކުގައި ހިމެނޭ އެކިބާވަތުގެ ހެދުމަށް ބޭނުންކޮށް އުޅުނު ފޭލިވެސް ވިޔެ އުޅުނީ އޭދަފުށީ ވިޔުންތެރިން ލައްވައެވެ. އެހެންކަމުން ފޭލިވިޔުމަށް ބޭނުންކުރާ އުއިގަނޑުގައި ތާންލާއިރު ދަރިތާނަކަށް ބަތްޕެންފެން ބޭނުންކޮށް އުޅުނެވެ. އެއީ އެދުވަސްވަރު ފާއިތުވެ ދިއުމަށްފަހުގައިވެސް މެއެވެ. ސަބަބަކީ ބަތްޕެނުގެ ތާންލުމުން އުއިފަތްތައް ހަރުވެ އޮފުއަރާތީއެވެ.

ބަތްޕެން

ގަދީމީ ޒަމާނުއްސުރެ 1960ގެ އަހަރުތަކާ ހަމައަށް އިސްވެދެންނެވި ސަގާފަތް ދިޔައީ ހިނގަމުންނެވެ. ބަނަވަމުންދާ ދުނިޔޭގެ ހާލަތު ބަދަލުވަމުންދާ ދިއުމުގައި ސައިބުއިން އާއްމުވަމުން ދިއުމުން އޭދަފުށީގައި ހޮނިހިރުބަތްޕެން ކައިއުޅުންދިޔައީ މަދުވަމުން ނެތެމުންނެވެ. އިހުގައި ހެނދުނާއި ހަވީރުގެ ނާސްތާއަކީވެސް ބަތްޕެނެވެ. އަދި ފަހަކަށް އައިސް ރާއްޖޭގެ ކަންކޮޅުތަކުގައިވެސް ބަތްޕެނަކީ، ޚާއްސަކޮށް ބަލިވެއުޅޭ މީހުންނަށް ސިއްޙީ ގޮތުންވެސް ފައިދާހުރި ކާނާއަކަށް ވަނީ ވެފައެވެ. ކަންއޮތީ މިހެންކަމަށްވާއިރު އޭދަފުށީ ހޮނިހިރުބަތްޕެން އެހާ މަޝްހޫރުވީ ކީއްވެތޯ ތިޔަ ކުރައްވާ ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ.

ފުޓުބޯޅައަކީ ރާއްޖޭގައި ގިނަ ބަޔަކު އެންމެ ޝައުޤުވެރިވާ ކުޅިވަރު ކަމަށްވެފައި ފުޓުބޯޅައަށް މަޝްހޫރު މައިކަލް ޑިސިލްވާގެ ވާދައިގެ ތައްޓަށް ރާއްޖޭގައި ކުޅެވެމުންއައި ޤައުމީ ފުޓުބޯޅަ މުބާރާތުގެ ތެރެއިން 1964 ވަނަ އަހަރު މާލޭގައި ކުޅެވުނު ޤައުމީ ފުޓުބޯޅަ މުބާރާތަކީ އެމުބާރާތުގެ ޗެމްޕިއަންކަން މާލޭ ރާނީ ކުލަބަށް ލިބިއްޖެނަމަ ފުޓުބޯޅަ ތަށި އެކުލަބަށް މިލްކް ވާން އޮތް މުބާރާތެވެ. އެއީ އޭދަފުށީ ބ.ސ.މ.ދ ޖަމްޢިއްޔާ ޤައުމީ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުވެސް މެއެވެ. މުބާރާތް ރޭވިފައި އޮތްގޮތުން ބ.ސ.މ.ދ ޖަމްޢިއްޔާއާއި ރާނީ ކްލަބް ބައްދަލު ކުރެވުނު މެޗް ކުޅެވުނު ދުވަސް ދިމާވީ ހޮނިހިރު ދުވަހަކަށެވެ. ނަތީޖާއެއްގެ ގޮތުން ދަނޑުމަތި ގުގުމާލައި ކުޅެވުނު މިމެޗް 01 ލަނޑު 0 ލަނޑުން ބ.ސ.މ.ދ ޖަމްޢިއްޔާ ކާމިޔާބު ކުރި ކުރުމަކީ ރާނީ ކްލަބަށް ތަށި މިލްކް ވުމަށް އޮތް ފުރުސަތު ގެއްލިގެން ދިއުމެވެ. ވީމާ އެމެޗަކީ ވަރަށް އާދަޔާ ޚިލާފު ވަރަށް އިއްތިފާގީ، ފޯރިގަދަ ތާރީޚީ މެޗަކަށް ވެގެންދިޔައެވެ.

އެމެޗަކީ ކުޅިބަލަން ވަރަށް ގިނަ ބަޔަކު ދަނޑަށް ހާޒިރުވި މެޗެކެވެ. އެހެން ކަމާއި އެކު މެޗް ކުޅެވެމުންދިޔައިރު ވަރަށްގިނަ ބަޔަކު ސަޕޯޓު ކުރަމުން ގެންދިޔައީ ރާނީ ކްލަބަށެވެ. އެހިނދު އޭދަފުށީ ހޮނިހިރު ބަތްޕެން، ފިނިބަތްޕެން، ހުތްބަތްޕެން މިނަންނަމުން އޭދަފުއްޓަށް ނިސްބަތްކޮށް ބެލުންތެރިން އަޑުހަރުކޮށް ގޮވަމުން ގެންދިޔައީ ބ.ސ.މ.ދ ޖަމްޢިއްޔާ ޓީމް ދެރަކޮށްލުމަށާއި، ހިތްވަރު ބަލިކޮށްލުމުގެ މުހުތާދުގައެވެ. ނަމަވެސް ނަތީޖާއަކަށްވީ އެހެން ގޮވި ބަޔަކު ލަދުވެތިވާންޖެހުމެވެ. އެހާތަނުން އޭދަފުށީ ހޮނިހިރު ބަތްޕެން، ފިނިބަތްޕެން، ހުތްބަތްޕެން މިނަންނަން ރާއްޖޭގެ ކަންކޮޅުތަކަށް މަޝްހޫރުވެގެން ދިޔައެވެ. އެކަމަކު އޭދަފުށީ މީހުން އޭރުވެސް އަދި މިހާރުވެސް ދެކެނީ އެއީ އޭދަފުށްޓަށް ލިބުނު ވަރަށް ޝަރަފުވެރި ފަޚުރެއްކަމުގައެވެ. ފަޚުރުވެރިވާ ހޮނިހިރު ބަތްޕެނެވެ.

ނޯޓް: މި ރިޕޯޓް އަށް މައުލޫމާތު ދީފައިވަނީ ކުރީގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އޭދަފުށީ ޢަބްދުﷲ އަހްމަދު އެވެ. 

+1
1
+1
4
+1
9
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް