July 23, 2026 12:38
Advertisement

-Advertisement-

ޑރ. ޝާފިޔާގެ ގަލަމުން: ސޯޝަލް މީޑިއާއާއި އާއިލީ ގުޅުންތަކުގެ ކަންބޮޑުވުންތަކާއި ދިރާސީ ހެކިތައް

ކޮލަމް ތަޢާރަފް

"ޑރ. ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޚާއްސަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިސްލާޙުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

ފޮޓޯ ކްރެޑިޓް: ޕޭރެންޓިންގ ފަސްޓްކްރައި

ދިވެހިރާއްޖެއަކީ މުޅި ދެކުނު އޭޝިއާގައިވެސް އިންޓަރނެޓާއި ސޯޝަލް މީޑިއާގެ ބޭނުންކުރުން އެންމެ މަތީ އެއް ގައުމެވެ. ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް، ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުން، ދުވަހުގެ ގިނަ ވަގުތު ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތަކުގައި (މިސާލަކަށް TikTok, Instagram, Facebook, އަދި WhatsApp) ހޭދަކުރެއެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއެކު، ދިވެހި މުޖުތަމައުގެ ތެރޭގައި ވެސް، އަދި ޚާއްޞަކޮށް ބެލެނިވެރިންގެ މެދުގައި މިކަމާމެދު ބޮޑު ނުތަނަވަސްކަމަކާއި ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. އެއީ ސޯޝަލް މީޑިއާގައި ކުދިން ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އާއިލީ ގުޅުންތައް ހީނަރުވާކަން ލިޔުންތަކުގައި ފާހަގަކުރެވިފައިވެއެވެ. އަދި މައިންބަފައިންނާއި ކުދިންގެ މެދުގައި އޮންނަ ގާތްކަން ކުޑަވެ، ގޭތެރޭގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ބެލެނިވެރިން އެކި ފޯރަމްތަކާއި އާންމު މަޝްވަރާތަކުގައި ފާހަގަކުރަމުންދެއެވެ.

Advertisement

ނަމަވެސް، މި ކަންބޮޑުވުންތަކަކީ އާންމު އިހުސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމުގައިވީ ނަމަވެސް، ސޯޝަލް މީޑިއާ ބޭނުންކުރުމާއި އާއިލީ ގުޅުންތަކުގެ ފެންވަރާ ދެމެދު އޮތް ސީދާ ގުޅުމާ ބެހޭގޮތުން ދިގު މުއްދަތެއްގެ ސައިންޓިފިކް ދިރާސާތަކެއް ރާއްޖޭގެ މާހައުލުގައި ހެދިފައެއް ނެތެވެ. ގިނަ ފަހަރަށް އިވިގެންދަނީ ހަމައެކަނި ވަގުތީ ނުވަތަ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކަތަކެވެ.

ސޯޝަލް މީޑިއާ ގުޅޭ ނަޒަރިއްޔާތުތައް

ސޯޝަލް މީޑިއާ ބޭނުންކުރުމާއި އާއިލީ ގުޅުންތަކަށް ކުރާ އަސަރާ ބެހޭގޮތުން ތަފާތު ނަޒަރިއްޔާތައް ވަނީ ހުށަހަޅާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ތިއަރީއަކީ ސޯޝަލް ޑިސްޕްލޭސްމަންޓް ތިއަރީ (Social Displacement Theory) އެވެ. މި ތިއަރީގައިވާ ގޮތުން، ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު އިތުރުވުމުގެ ސަބަބުން އާއިލާގެ މެންބަރުން އެކުގައި ވަގުތު ހޭދަކުރުމާއި، އެކުގައި ކުރާ މުއާމަލާތްތައް (face-to-face interactions) މަދުވެގެންދެއެވެ (ކްރައުޓް އަދި އެހެންބޭފުޅުން، 1998). މީގެ ސަބަބުން އާއިލީ ގުޅުންތައް ވަރުގަދަކުރުމަށް ބޭނުންވާ އެކަކު އަނެކަކާމެދު ކުރެވޭ އިހުސާސްތަކާއި ގުޅުންތައް، އަދި އެކަކު އަނެކަކާމެދު އޮންނަ އިތުބާރުފަދަ ކަންކަމަށް ހުރަސްއެޅިގެންދެއެވެ.

މި ތިއަރީއާ މުޅިން ތަފާތު ވިސްނުމަކުން ބަލާއިރު، ޑޮމެސްޓިކޭޝަން ތިއޮރީ (Domestication Theory) ގައި ބަޔާންކުރަނީ އާއިލާތަކުން ސޯޝަލް މީޑިއާ ބޭނުންކުރަނީ އާއިލީ އާންމު ދިރިއުޅުމުގެ ތެރެއަށް ފެތޭގޮތަށް ކަމަށެވެ (ބަރކަރ އަދި އެހެންބޭފުޅުން، 2006؛ ސިލްވަރސްޓޯން އަދި ހާރޝް، 1992). މިސާލަކަށް ފޮތެއް ކިޔުން ނުވަތަ ގޭގޭގެ މަސައްކަތް ކުރުން ފަދައިން، ސޯޝަލް މީޑިއާ ބޭނުންކުރުމަށްފަހު ވެސް އާއިލާގެ މެންބަރުން އެކުގައި މުއާމަލާތްކޮށް ގުޅުން ދެމެހެއްޓިދާނެއެވެ. މިއީ އާއިލީ ގުޅުންތަކަށް ސީދާ ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ނޫންކަމަށް މި ތިއަރީއިން ބަޔާންކުރެއެވެ.

ކުރީގެ ދިރާސާތަކުން ދައްކާގޮތް

ކުރީގެ ބައެއް ދިރާސާތަކަށް ބަލާއިރު، ސޯޝަލް މީޑިއާއާއި އާއިލީ ގުޅުމާ ދެމެދު އޮތް ހުށަހެޅިފައިވާ ނަތީޖާތައް އެކިފަހަރު ތަފާތެވެ. ދާދިފަހުން ހެދިފައިވާ ސިސްޓެމެޓިކް ރިވިއުތަކުން (ލިއޫ އަދި އެހެންބޭފުޅުން، 2024؛ ފޮސެން އަދި އެހެންބޭފުޅުން، 2024) ދައްކާ ގޮތުގައި، ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާއި އާއިލީ ގުޅުންތައް ހީނަރުވުމާ ދެމެދު ގާތް ގުޅުމެއްވެއެވެ. ނަމަވެސް، މި ދިރާސާތަކަކީ ހަމައެކަނި ކުދިންގެ އަމިއްލަ ރިޕޯޓްތަކަށް ބަރޯސާވުމުން އުފެދޭ "ކޮމަން-ރޭޓަރ ބަޔަސް" (common-rater bias) އެކުލެވޭ ދިރާސާތަކެއް ކަމަށް ބެލެވިދާނެއެވެ.

މިއާ ޚިލާފަށް، މައިންބަފައިންނާއި ކުދިން، ދެފަރާތުގެ މައުލޫމާތު ހިމަނައިގެން ހަދާފައިވާ ދިރާސާތަކުގައި (ގާރޓްސް އަދި އެހެންބޭފުޅުން، 2022؛ އޯޒަސްލަން އަދި އެހެންބޭފުޅުން، 2022) ހާމަކުރާ ގޮތުގައި ސޯޝަލް މީޑިއާއާއި އާއިލީ ގުޅުންތަކާ ދެމެދު އޮތް ގުޅުން ވަރަށް ކުޑައެވެ.

ފަހުގެ ދިރާސާތަކުން، ޚާއްޞަކޮށް ދިގުމުއްދަތެއްގައި ހަދާފައިވާ ދިރާސާތަކުން ހާމަވާ ގޮތުގައި ސޯޝަލް މީޑިއާގެ އަސަރު އާއިލީ ގުޅުންތަކަށް ފޯރަނީ ވަރަށް ކުޑަކޮށެވެ. ސިމްޕްސަން އަދި އެހެން ބޭފުޅުން (2023) ގެ ދިރާސާއިން ފިރިހެން ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުން އާއިލީ ގާތްކަން ކުޑަވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، އަންހެން ކުދިންގެ މެދުގައި އެފަދަ ގުޅުމެއް ފާހަގަކުރެވިފައި ނުވެއެވެ. އަދި ލޫ އަދި އެހެން ބޭފުޅުން (2025) ގެ ދިރާސާއިން، މައްސަލަތައް ކުރިމަތިވާ ގޮތަށް ސޯޝަލް މީޑިއާ ބޭނުންކުރުމާއި (problematic social media use) އާއިލީ ކަންކަމާ ދެމެދު ސީދާ ގުޅުމެއް ނެތްކަން ވަނީ ހާމަވެފައެވެ.

ނޯވޭގެ ދިގު މުއްދަތުގެ ދިރާސާ އަދި އޭގެ ހޯދުންތައް

ނޯވޭގެ 'ޖާރނަލް އޮފް ޔޫތު އެންޑް އަޑޮލެސެންސް' (2026) ގައި ޝާއިއުކޮށްފައިވާ ދިރާސާއަކީ ނޯވޭގެ ތްރޮންޑްހައިމްގައި 10 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިކޮށްގެން 10 އަހަރުގެ މުއްދަތަށް ކުރިއަށްގެންދިޔަ ދިރާސާއެކެވެ. ނޮބަޚްތު އަދި އެހެން ބޭފުޅުން (2026) ކުރިއަށްގެންދިޔަ މި ދިރާސާގެ މައިގަނޑު މަގުސަދަކީ ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރުމަކީ އާއިލީ މަސްރަހު ގޯސްވެ ގުޅުންތައް ހީނަރުވާ ކަމެއް ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ދެނެގަތުމެވެ. މި ދިރާސާއަކީ ދިވެހިރާއްޖެއަށް ވެސް ނުހަނު ބޭނުންތެރި ދިރާސާއެކެވެ.

މި ދިރާސާގައި ތްރޮންޑްހައިމްއިން 979 ކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިކޮށް، އުމުރުން 10، 12، 14، 16، 18، އަދި 20 އަހަރުގައި (ޖުމްލަ 6 މަރުހަލާއަކުން) މައުލޫމާތު އެއްކުރެވުނެވެ. މައުލޫމާތު އެއްކޮށްފައިވަނީ ކުދިން ސޯޝަލް މީޑިއާ ޗެކްކުރާ މިންވަރާއި، ކުރާ ހަރަކާތްތަކުގެ އިތުރުން އައިފޯންގެ އޮބްޖެކްޓިވް 'ސްކްރީން ޓައިމް' ބޭނުންކޮށްގެންނެވެ. ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ހޯދީ ސުވާލުކަރުދާހެއްގެ ބޭނުންކޮށްގެންނެވެ. އަދި އާއިލީ ގުޅުންތަކާ ބެހޭ މައުލޫމާތު އެއްކުރެވުނީ އާއިލާގެ އެކުއުޅުމާއި، މައިންބަފައިންނާއި ކުދިންގެ މެދުގައި އޮންނަ ގާތްކަން އޮބްޒާރވްކޮށްގެންނެވެ.

ދިރާސާގެ މައިގަނޑު ހޯދުންތައް:

  • ދިގު މުއްދަތުގެ ނޭދެވޭ އަސަރެއް ނެތުން: ސޯޝަލް މީޑިއާ ބޭނުންކުރުން އިތުރުވި ނަމަވެސް، ދިގު މުއްދަތެއްގައި އާއިލީ ގުޅުންތަކުގެ ފެންވަރު ދަށްވާކަމުގެ ނުވަތަ މައްސަލަތައް އިތުރުވާކަމުގެ އެއްވެސް ހެއްކެއް ނުފެނުނެވެ.
  • ދެ މަރުހަލާގައިވެސް ގުޅުމެއް ނެތުން: ވަކި އާއިލާއެއްގެ ތެރޭގައި (within-family) އަދި އާއިލާތަކުގެ މެދުގައި ބެލިނަމަވެސް (between-family)، ސޯޝަލް މީޑިއާ ގިނައިން ބޭނުންކުރާ އާއިލާތަކާއި މަދުން ބޭނުންކުރާ އާއިލާތަކުގެ މެދުގައި އާއިލީ ގުޅުމުގެ ފެންވަރުގައި މާބޮޑު ތަފާތެއް ނެތެވެ.
  • ބެލެނިވެރިންގެ އަމަލުތައް: ބެލެނިވެރިން ސޯޝަލް މީޑިއާ ބޭނުންކުރުމުގެ މައްސަލަތައް (problematic use) ހުންނަ ކަމަށް އަމިއްލައަށް ގަބޫލުކުރި ނަމަވެސް، އެކަމުގެ ސަބަބުން އާއިލީ ގުޅުމަށް ނޭދެވޭ އަސަރެއް ނުކުރެއެވެ.

ދިރާސާގެ ނަތީޖާއަށް ތަހުލީލީ ނަޒަރަކުން ބަލާލުން

މި ދިރާސާއިން ހާމަވާ ގޮތުގައި، ސޯޝަލް މީޑިއާގައި ހޭދަކުރާ މުޅި ވަގުތުގެ ގިނަމިނަކީ (generic time-use) އަމިއްލައަށް އާއިލީ ގުޅުންތައް ހަލާކުކޮށްލާ މައިގަނޑު ސަބަބެއް ނޫނެވެ. މީގެ މައިގަނޑު ސަބަބަކީ ބެލެނިވެރިންނާއި ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމަށްފަހު ވެސް، އާއިލީ މުއާމަލާތްތަކާއި އެކުގައި ހޭދަކުރާ ވަގުތު އިއާދަކޮށް (compensation) ގުޅުންތައް ދަމަހައްޓާތީއެވެ. ނަމަވެސް، އާއިލީ ގުޅުންތަކަށް އަސަރުކުރަނީ ހަމައެކަނި ވަގުތުގެ ގިނަމިނުން ނޫން ކަމަށާއި، ސޯޝަލް މީޑިއާ ބޭނުންކުރާ ސައިކޮލޮޖިކަލް މާހައުލާއި، ސީދާ ވާހަކަދައްކަން ތިބޭ ވަގުތު ފޯނަށް ސަމާލުކަން ދިނުން ފަދަ ނުވަތަ ފޯނުފަދަ ތަކެތި ބޭނުންކުރާ ގޮތުގެ ސަބަބުން ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

ދިވެހިރާއްޖެއަށް މި ދިރާސާ މުހިންމުވާ ސަބަބުތައް

އާންމުކޮށް ސޯޝަލް މީޑިއާ ބޭނުންކުރުމަކީ އާއިލީ ގުޅުންތަކުގެ ފެންވަރު ދަށްކޮށް، އާއިލީ މަސްރަހު ހަލާކުކޮށްލާ ކަމެއް ކަމަށް ދެކެވޭ ވާހަކަތަކަށް މި ދިގު މުއްދަތުގެ ދިރާސާއިން ތާއީދެއް ނުލިބެއެވެ. ރާއްޖޭގެ މާހައުލަށް ބަލާއިރު މި ދިރާސާ މުހިންމުވާ މައިގަނޑު ސަބަބުތަކެއް ފާހަގަކޮށްލެވިދާނެއެވެ.

  1. "ޑިޖިޓަލް ބިރުވެރިކަން" ކުޑަކޮށް އެކަން މެނޭޖްކުރަން ދެނެގަތުން: ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރުމަކީ ސީދާ އާއިލީ ގުޅުން ހަލާކުވާ ކަމެއް ނޫންކަން ސައިންޓިފިކް ހެއްކާއެކު އެނގިގެންދެއެވެ. މިއީ އާންމު ބިރުވެރިކަން (technophobia) ކުޑަކޮށް، ގޭތެރޭގައި ހަމަޖެއްސޭ ހުދޫދުތަކާއި އިންތައް ގާއިމުކޮށްގެން ސޯޝަލް މީޑިއާ ރަނގަޅަށް މެނޭޖްކުރަން ބެލެނިވެރިންނަށް ލިބޭ ފުރުސަތެކެވެ.
  2. ވަގުތުގެ މިންވަރަށްވުރެ ބޭނުންކުރާ "މާހައުލަށް" އިސްކަންދިނުން: ކުދިން ފޯނު ބޭނުންކުރާ މުޅި ވަގުތު (screen time) މަނާކުރުމަށް އެކަނި އިސްކަންދިނުމުގެ ބަދަލުގައި، އާއިލީ ސައި/ކާގަޑިތަކުގައާއި މައިންބަފައިންނާ ދެކެވޭ ވާހަކަތަކުގައި ފޯނަށް ސަމާލުކަން ނުދީ، އާއިލީ އުސޫލުތައް އެކުލަވާލުން މުހިންމެވެ.
  3. ބެލެނިވެރިން ނަމޫނާއަކަށްވުމާއި ހޭލުންތެރިކަން އިތުރުކުރުން: ސޯޝަލް މީޑިއާ މުޅިން މަނާކުރުމުގެ ބަދަލުގައި، ސޯޝަލް މީޑިއާ ބޭނުންކުރުމަށް ފަހުވެސް އާއިލީ ގުޅުންތައް ވަރުގަދަކޮށް ދަމަހައްޓާނެ ގޮތްތައް ކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. އަދި ބެލެނިވެރިން އަމިއްލައަށް ފޯނު ބޭނުންކުރި ނަމަވެސް، ކުދިންނާއެކު ތިބޭ ވަގުތު ސީދާ އެކުދިންނަށް ސަމާލުކަން (active engagement) ދިނުން މުހިންމެވެ.
  4. ސިޔާސަތުތަކާއި ޕްރޮގްރާމްތައް ސައިންޓިފިކް ދިރާސާތަކަށް ބަރޯސާވެގެން އެކުލަވާލުން: ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އުސޫލުތައް ހަދާއިރު، ހަމައެކަނި ސޯޝަލް މީޑިއާއަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ދިގު މުއްދަތުގެ ދިރާސާތަކަށް ބަރޯސާވެ، އާއިލީ ގުޅުންތައް ހަރުދަނާކުރާނެ ގޮތްތަކަށް ބެލެނިވެރިން ހޭލުންތެރިކުރުވުން މުހިންމެވެ.

ސޯޝަލް މީޑިއާއަކީ އަމިއްލަޒާތުގައި އާއިލީ ގުޅުންތައް ރޫޅާލާ އާލަތެއް ނޫންކަން ދިރާސާތަކުން ސާބިތުވެއެވެ. އެހެންކަމުން ޓެކްނޮލޮޖީ ދެކެ ބިރުގަތުމުގެ ބަދަލުގައި ބެލެނިވެރިން އިސްކަންދޭންވީ ކުދިން ފޯނުގައި ހޭދަކުރާ މުޅި ވަގުތު މަނާކުރުމަށްވުރެ ގޭތެރޭގައި މުހިންމު އިންތަކެއް ގާއިމުކޮށްގެން ފޯނު ބޭނުންކުރާ ގޮތް ހިކުމަތްތެރިކަމާއެކު މެނޭޖްކުރުމަށެވެ. އެގޮތުން ކާގަޑިތަކާއި އާއިލީ މުއާމަލާތްތައް ކުރާ ވަގުތުތަކުގައި ފޯނު ވަކިން ބެހެއްޓުމުގެ އާދަ އަށަގަންނުވައި، ކުދިންނާއެކު ތިބޭ ވަގުތު ސީދާ އެކުދިންނަށް ސަމާލުކަންދީގެން މައިންބަފައިން އަމިއްލައަށްވެސް ނަމޫނާ ދެއްކުން މުހިންމެވެ. އާއިލާއެއްގެ ގާތްކަން ދެމިއޮންނަނީ ސްކްރީނުގެ ތެރެއަކުންނެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް ދެވޭ އަޅާލުމާއި ސަމާލުކަމުގެ ތެރެއިން ކަމަށްވާތީ، ސޯޝަލް މީޑިއާގެ ވަސީލަތްތަކާއެކު ވެސް އާއިލީ ގުޅުންތައް ވަރުގަދަކޮށް ދަމަހައްޓާނެ ގޮތްތައް ކުދިންނަށް ދަސްކޮށްދިނުމަށް ސަމާލުކަން ދިނުން މުހިންމެވެ. ހަމައެއާއެކު ގުޅުންތައް ބަދަހިކޮށް ބެލެހެއްޓުމުގެ އާދަތައް އަށަގަންނުވުމަކީ މިއަދު އާއިލީ އުފާވެރިކަމަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ.

ހަވާލާދޭލިޔުންތައް

  • ބަރކަރ، ޓީ.، ހާރޓްމަން، އެމް.، ޕޫނީ، ވައި އަދި ވާރޑް، ކޭ. (އެޑިޓަރުން). (2006). ޑޮމެސްޓިކޭޝަން އޮފް މީޑިއާ އެންޑް ޓެކްނޮލޮޖީ. އޯޕަން ޔުނިވަރސިޓީ ޕްރެސް.
  • ގާރޓްސް، އެސް. އެމް.، ކޯނިންގ، އައި. އެމް.، ފޮސެން، އެޗް. ޖީ. އެމް.، އަދި ވަން ޑެން އިއިންޑެން، އާރ. ޖޭ. ޖޭ. އެމް. (2022). ރޫލްސް، ރޯލް މޮޑެލްސް އޯ އޯވަރޯލް ކްލައިމެޓް އެޓް ހޯމް؟ ރެލަޓިވް އެސޯސިއޭޝަންސް އޮފް ޑިފަރެންޓް ފެމިލީ އެސްޕެކްޓްސް ވިތު އެޑޮލެސެންޓްސް ޕްރޮބްލެމެޓިކް ސޯޝަލް މީޑިއާ ޔޫޒް. ކޮމްޕްރެހެންސިވް ސައިކިއޭޓްރީ، 116، އާރޓިކަލް 152318. https://doi.org/10.1016/j.comppsych.2022.152318
  • ކްރައުޓް، އާރ.، ޕެޓަރސަން، އެމް.، ލަންޑްމާރކް، ވީ.، ކީސްލަރ، އެސް.، މުކޯޕަދްޔާ، ޓީ.، އަދި ޝަރލިސް، ޑަބްލިއު. (1998). އިންޓަރނެޓް ޕެރަޑޮކްސް: އަ ސޯޝަލް ޓެކްނޮލޮޖީ ދެޓް ރެޑިއުސަސް ސޯޝަލް އިންވޮލްވްމަންޓް އެންޑް ސައިކޮލޮޖިކަލް ވެލް-ބީއިންގ؟ އެމެރިކަން ސައިކޮލޮޖިސްޓް، 53(9)، 1017–1031. https://doi.org/10.1037/0003-066X.53.9.1017
  • ލިއޫ، އެކްސް.، ލިއޫ، ޖޭ.، ފްލޯރެސް، ޑީ. ޑީ.، އަދި މެކްޑޮނަލްޑް، ސީ. ސީ. (2024). ފެމިލީ ފެކްޓަރސް ރިލޭޓެޑް ޓޫ އެޑޮލެސެންޓް ސްކްރީން މީޑިއާ ޔޫޒް އެންޑް މެންޓަލް ހެލްތު އައުޓްކަމްސް: އަ ސިސްޓެމެޓިކް ރިވިއު އެންޑް ރެކޮމެންޑޭޝަން ފޯރ ޕްރެކްޓިސަސް. ޖާރނަލް އޮފް އެޑޮލެސެންސް، 96(7)، 1401–1427. https://doi.org/10.1002/jad.12367
  • ލޫ، އެޗް.، ރެން، ޒެޑް.، ޒެން، ޕީ.، ސޫ، ޒެޑް.، އަދި ވޫ، وايި. (2025). ދަ ލޮންގިޓިއުޑިނަލް އެސޯސިއޭޝަން ބިޓްވީން ފެމިލީ ފަންކްޝަނިންގ އެންޑް ޕްރޮބްލެމެޓިކް ސޯޝަލް މީޑިއާ ޔޫޒް އެމަންގް ޗައިނީޒް ޔުނިވަރސިޓީ ސްޓޫޑެންޓްސް: މެޑިއޭޝަން ވިއާ ލޯންލީނެސް އެންޑް އަ ސަބްގްރޫޕް އެނަލިސިސް. އެޑިކްޓިވް ބިހޭވިއަރސް، 166، އާރޓިކަލް 108337. https://doi.org/10.1016/j.addbeh.2025.108337
  • ނޮބަޚްތު، އެޗް. އެން.، ވިޗްސްޓްރޯމް، އެލް.، އަދި ސްޓެއިންސްބެކް، އެސް. (2026). ސޯޝަލް މީޑިއާ ޔޫޒް އެންޑް ދަ ކޮލިޓީ އޮފް ފެމިލީ ރިލޭޝަންޝިޕްސް: އަ ސިކްސް-ވޭވް ލޮންގިޓިއުޑިނަލް ސްޓަޑީ އޮފް ވިދިން-ފެމިލީ އިފެކްޓްސް ފްރޮމް އޭޖް 10 ޓޫ 20. ޖާރނަލް އޮފް ޔޫތު އެންޑް އަޑޮލެސެންސް، 55، 1361–1373. https://doi.org/10.1007/s10964-026-02362-5
  • އޯޒަސްލަން، އޭ.، ލްޑިރިމް، އެމް.، ގުނޭ، އީ.، ގުޒެލް، އެޗް. އެސް.، އަދި އިޝެރީ، އީ. (2022). އެސޯސިއޭޝަން ބިޓްވީން ޕްރޮބްލެމެޓިކް އިންޓަރނެޓް ޔޫޒް، ކޮލިޓީ އޮފް ޕޭރެންޓް-އެޑޮލެސެންޓްސް ރިލޭޝަންޝިޕް، ކޮންފްލިކްޓްސް، އެންޑް މެންޓަލް ހެލްތު ޕްރޮބްލެމްސް. އިންޓަރނޭޝަނަލް ޖާރނަލް އޮފް މެންޓަލް ހެލްތު އެންޑް އެޑިކްޝަން، 20(4)، 2503–2519. https://doi.org/10.1007/s11469-021-00529-8
  • ސިލްވަރސްޓޯން، އާރ.، އަދި ހާރޝް، އީ. (އެޑިޓަރުން). (1992). ކޮންސިއޫމިންގ ޓެކްނޮލޮޖީސް: މީޑިއާ އެންޑް އިންފޮމޭޝަން އިން ޑޮމެސްޓިކް ސްޕޭސަސް. ރޫޓްލެޖް.
  • ސިމްޕްސަން، އީ. ޖީ.، ބެކްމަން، އޭ.، އަދި އޯހެނެސިއަން، ސީ. އެމް. (2023). ފެމިލީ ފަންކްޝަނިންގ އެންޑް ސޯޝަލް މީޑިއާ ޔޫޒް އިން އާރލީ އެޑޮލެސެންސް. ޖާރނަލް އޮފް ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް، 32(11)، 3459–3471. https://doi.org/10.1007/s10826-023-02625-w
  • ފޮސެން، އެޗް. ޖީ. އެމް.، ވަން ޑެން އިއިންޑެން، އާރ. ޖޭ. ޖޭ. އެމް.، ވިސަރ، އެލް.، އަދި ކޯނިންގ، އައި. އެމް. (2024). ޕޭރެންޓިންގ އެންޑް ޕްރޮބްލެމެޓިކް ސޯޝަލް މީޑިއާ ޔޫޒް: އަ ސިސްޓެމެޓިކް ރިވިއު. ކަރަންޓް އެޑިކްޝަން ރިޕޯޓްސް، 11، 511–527. https://doi.org/10.1007/s40429-024-00559-x

އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަ ދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް