މިއީ ވަރަށް ފަސޭހައިން އަދި އަވަހަށް ތައްޔާރުކޮށްލެވޭ، ހަށިގަނޑަށް ފައިދާހުރި މީރު ބަތްގަނޑެކެވެ. އާންމުކޮށް މި ބަތްގަނޑު ތައްޔާރުކުރަނީ ހުދު ހަނޑުލުން ކަމަށްވީނަމަވެސް، މިރެސިޕީގައި އަޅުގަނޑުމެން ބޭނުންކޮށްފައިވަނީ ސިއްޙީ ގޮތުން މާ ފައިދާހުރި ރަތް ހަނޑުލެވެ.

މި ބަތްގަނޑަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ދަގަނޑުގެބައި (އަޔަން) ހޯދަން އުނދަގޫވާ މާބަނޑު މީހުންނަށާއި ކުޑަކުދިންނަށް ޚާއްސަކޮށް ވަރަށް ރަނގަޅު ކެއުމެކެވެ. މީގެ އިތުރުން، މި ރެސިޕީގައި ރަތް ހަނޑޫ ބޭނުންކޮށްފައިވުމުން، މިއީ ލޭގެ ހަކުރު ކޮންޓްރޯލްކޮށްދީ އިންސިއުލިން ރެސިސްޓެންސް ކުޑަކޮށްދޭ އެއްޗަކަށް ވުމާއެކު، ހަކުރު ބަލި ހުންނަ މީހުންނަށާއި، ހޯމޯން އަދި މެޓަބޮލިޒަމްގެ މައްސަލަތައް ތަހައްމަލުކުރާ މީހުންނަށްވެސް ސިއްޙީ ގޮތުން ބޮޑެތި ފައިދާތަކެއް ކޮށްދޭނެ ފުރިހަމަ ކެއުމަކަށް ވާނެކަން ކަށަވަރެވެ.
ބޭނުންވާ ތަކެތި: (3 މީހުންނަށް ވާ ވަރަށް)
2 ޖޯޑު ފެން ނުވަތަ ވެޖިޓަބަލް ސްޓޮކް
1/2 ބޮޑު ލުނބޯ
ރާނބާފަތް
½ ސަމުސާ ލޮނު
1 ½ ރަތް ހަނޑޫ
2 ޖޯޑު ބޭބީ ސްޕިނެޗް (ބޯވެލިފަތް) ކުދިކޮށް ކޮށާފައި
ބޭނުންނަމަ ހިމުންކޮށް ކޮށާފައި ހުރި ބަދަން (އަލްމަންޑް)
ތައްޔާރުކުރާނެ ގޮތް:
1. ކެއްކުމުގެ ކުރިން ރަތް ހަނޑޫކޮޅު ރަނގަޅަށް ދޮވުމަށްފަހު، މަދުވެގެން 15 އިން 20 މިނެޓު ވަންދެން ފެނަށް އަޅާފައި ބަހައްޓާށެވެ (ފޯކުރާށެވެ). މިހެން ހެދުމުން ހަނޑޫ އަވަހަށް މަޑުވެ، ބަތްގަނޑު އަވަހަށް މަޑުވާނެއެވެ.
2. ތެއްޔަކަށް ފެން (ނުވަތަ ސްޓޮކް)، ލުނބޯ ފަޅި އޮތްގޮތަށް، ރާމބާފަތް އަދި ލޮނު އެޅުމަށްފަހު މެދުގިނީގައި ކައްކަން އުދާށެވެ. ފެންގަނޑު ކެކިގަތުމުން ފޯކޮށްފައި ހުރި ރަތް ހަނޑޫކޮޅު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ތެލީގެ މަތި ރަނގަޅަށް ބަންދުކޮށް، ގިނި މަޑުކޮށްލުމަށްފަހު ފެންގަނޑު ހިނދި ހަނޑޫކޮޅު ރަނގަޅަށް މަޑުވަންދެން ކައްކާށެވެ. (ނޯޓު: ރަތް ހަނޑޫ ކެއްކުމަށް ހުދު ހަނޑުލަށްވުރެ ކުޑަކޮށް ގިނަ ވަގުތު ނަގާނެއެވެ). ބަތް މަޑުވުމުން އުނދުންމަތިން ބާލާށެވެ.
(ބަތްކައްކާ ކުކަރު ބޭނުން ކުރާނަމަވެސް ހަނޑޫ އަޅާނީ ފުރަތަމަ ތަކެތި އަޅާލައި ފެންގަނޑު ކެކުމުންނެވެ.)
3. އުނދުންމަތިން ބޭލުމަށްފަހު ވަގުތުން ބަތްގަނޑުގެ މައްޗަށް ކޮށާފައި ހުރި ސްޕިނެޗް ފަތްތައް އަޅާލައި، އަވަހަށް މަތި ޖަހާށެވެ. ފަތްތައް މަޑުވަންދެން 3 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު، މަޑުމަޑުން ފަތްތައް ބަތްގަނޑާ އެއްކޮށްލާށެވެ. ބޭނުންނަމަ، ކެއްކިއިރު އެޅި ލުނބޯ ފަޅި އެއްލާލުމުގެ ކުރިން ބަތްގަނޑުގެ މައްޗަށް ހުތް ފިތާލެވިދާނެއެވެ. އެއަށްފަހު ބޭނުންނަމަ މައްޗަށް ބަދަންކޮޅެއް ބުރުވާލާށެވެ. މިމީރު ބަތްގަނޑު ތައްޔާރުވެވުނީއެވެ.

ނިއުޓްރީޝަންގެ މިންގަނޑުތައް:
ކެލޮރީސް: 101
ފެޓް: 1g
ކާބްސް: 25g
ޕްރޮޓީން: 3g

މި ކެއުމުން ލިބޭ ސިއްހީ ފައިދާތައް:
ދަގަނޑުގެބައި މުއްސަނދިވުން: ބޯވެލިފަތް (ސްޕިނެޗް) އަކީ ގިނަ އަދަދަކަށް ދަގަނޑު އެކުލެވޭ ފަތެކެވެ. މިއީ ހަށިގަނޑުގައި ލޭގެ ރަތް ސެލްތައް އުފެއްދުމަށާއި، ވަރުބަލިކަން ކުޑަކޮށް ހަކަތަ އިތުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
ރަތް ހަނޑުލުގެ ފައިދާ: ރަތް ހަނޑުލަކީ ހުދު ހަނޑުލަށްވުރެ ގިނަ އަދަދަކަށް ފައިބަރާއި، އެންޓިއޮކްސިޑެންޓްސް އަދި ވިޓަމިން ބީ އެކުލެވޭ އެއްޗެކެވެ. މިއީ ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށާއި ހިތުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ހަނޑުލެކެވެ.
ވިޓަމިން ސީ ލިބުން: މި ރެސިޕީގައި ހިމެނޭ ލުނބޮލުގެ ސަބަބުން ވިޓަމިން ސީ ލިބިގެންދެއެވެ. ވިޓަމިން ސީ އަކީ ފަތުގައި ހުންނަ ދަގަނޑުގެބައި ހަށިގަނޑަށް އެންމެ ފުރިހަމައަށް ދަމައިގަތުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
ބަނޑުގެ ހަޖަމުކުރުމަށް ފަސޭހަވުން: ރަތް ހަނޑުލާއި ސްޕިނެޗްގައި ހުންނަ ފައިބަރުގެ މިންވަރު މަތިވުމުގެ ސަބަބުން ބަނޑުހަރުވުމުން ދުރުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދެއެވެ.
ނިންމާލަމުން ދަންނަވާނަމަ، މިއީ މުޅި އާއިލާގެ ސިއްހަތަށް ފައިދާހުރި، ކޮންމެ ސުފުރާއަކާވެސް ގުޅޭނެ ފުރިހަމަ އަދި މީރު ބަތްގަނޑެކެވެ!













