ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ޤާނޫނީ އެހީތެރިކަން ބޭނުންވާ އާންމުންނަށް ހިލޭ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މި ޚިދުމަތް ފޯރުކޮށްދޭނީ ޤާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުން ތަމްރީންކުރުމުގެ މަޤްސަދުގައި ޤާއިމް ކުރި އައިޔޫއެމް ލީގަލް ކުލިނިކުންނެވެ. އައިޔޫއެމް ލީގަލް ކުލިނިކަކީ، ޤާނޫނީ ވަކީލުންނަށް ވާން ބޭނުންވާ ދަރިވަރުން ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ލައިސަންސް ލިބިފައިވާ ޤާނޫނީ ވަކީލުންގެ އިރުޝާދުގެ ދަށުން އާންމުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ވަސީލަތްތަކާއެކު ޤާއިމްކޮށްފައިވާ ކުލިނިކެކެވެ.

ހިލޭ ލިބޭނެ ޚިދުމަތްތައް:
- ޤާނޫނީ ލަފާދިނުން
- މައްސަލަތަކުގެ ލިޔުންތަކާއި ފޯމުތައް ތައްޔާރުކޮށްދިނުން
- އެއްބަސްވުންތަކާއި ޕަވަރ އޮފް އެޓަރނީ ފަދަ ލިޔުންތައް ހަދައިދިނުން
ޚިދުމަތް ހިނގާގޮތް:
- އާންމު ފަރާތަކުން މައްސަލަ ހުށަހެޅުން
- ލައިސަންސް ލިބިފައިވާ ވަކީލެއްގެ ބެލުމުގެ ދަށުން ދަރިވަރުންގެ ޓީމަކުން މައްސަލަ ދިރާސާކުރުން
- ޔުނިވަރސިޓީގައި ވަކީލަކާއެކު ބައްދަލުވުން ބާއްވައި ޤާނޫނީ ލަފާދިނުން

އައިޔޫއެމް ލީގަލް ކުލިނިކްގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރުމުން ނުވަތަ އައިޔޫއެމްގެ ރިސެޕްޝަންއަށް ގުޅުމުން ޚިދުމަތް ލިބޭނެ ކަމަށް ވަނީ މައުލޫމާތުދީފައެވެ.













