އަޖްނާމެން ދިޔައީ ދިއްލީގައި ހުންނަ "ރެޑް ފޯޓް" ބަލާށެވެ. އެއީ ވެސް އިންޑިޔާ މީހުން އެ ތަނަކާމެދު ފަޚުރުވެރިވާ އެމީހުންގެ ރަމްޒީ ރީތި ބިނާއެކެވެ. މި ރެޑް ފޯޓް ނިސްބަތް ވަނީ އިންޑިޔާގެ މަޝްހޫރު އިސްލާމިކް މޫގަލް އެމްޕަރ އަށެވެ. އެތަނަކީ 25،000 މީހުނަށް ދިރިއުޅެވޭ ގޮތަށް ހަދާފައިވާ ވަރަށް ބޮޑު ރީތި އާސާރީ ބިނާއެކެވެ.

ރެޑް ފޯޓް ބިނާކޮށްފައި ވަނީ ވެސް އެމްޕަޔަރ ޝާހު ޖަހާނައެވެ. ރެޑް ފޯޓް އެ ހުންނަނީ ދިއްލީގައި އެންމެ ފުރަތަމަ މީހުން އާބާދުވީ އަވަށުގައި ކަމަށް ބުނެވެއެވެ. ރެޑް ފޯޓް އިމާރާތް ކުރަން 8 އަހަރާއި 10 މަހާއި 25 ދުވަސް ނެގިކަމަށް ވެއެވެ. މިތަނަކީ ވެސް ފަތުރުވެރިންގެ ވަރަށް މުހިންމު ސަމާލުކަމެއްދޭ ބިނާއެކެވެ.
ކޮންމެ އަހަރެއްގެ ވެސް އިންޑިޔާގެ މިނިވަން ދުވަހު، އިންޑިޔާގެ ބޮޑުވަޒީރުގެ ހާޒިރުގައި ރެޑް ފޯޓްގައި ހުންނަ ބޮޑު ދިދަ ނެގުން ޚާއްޞަ ރަސްމިއްޔާތަކާއެކު އޮވެއެވެ. އެ ރަސްމިއްޔާތު ބަލަން ވަރަށް ގިނަ އަދަދެއްގެ މީހުން އެ ތަނަށް އެއްވެ އުޅެއެވެ.
ރެޑް ފޯޓަކީ ވެސް ދިއްލީއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލަކަށް ވާތީ، އަބަދުވެސް އެތާ ކައިރީގައި ފަތުރުވެރިން ޙަރަކާތްތެރިވެ ފޮޓޯ ނަގަމުންދެއެވެ. އަޖްނާމެން ވެސް އެތަނަށް ގޮސް އެ ދުވަހު ވަރަށް ގިނަ ފޮޓޯތައް ނެގިއެވެ.
ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާއަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 47 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.













