May 3, 2026 13:55
Advertisement

-Advertisement-

ހާމަކަންބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން- ރައީސް

ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް ރައީސް އަރިސްކުރެއްވިއެވެ.

މީޑިއާއަކީ، ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" ކަން ފާހަގަކުރައްވައި، ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވައި، ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޚިޔާލުފާޅުކުރުމުގައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާކަން ހަނދުމަފުޅުކޮށްދެއްވިއެވެ.

ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަވަމުން ގެންދަވާ އެންމެ މަތީ އެއް މަޞްލަޙަތު ކަމަށާއި ނޫސްވެރިންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި މިވަގުތަކީ، ނޫސްވެރިކަމާއި، ޓެކްނޮލޮޖީ އާއި، މަދަނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެއް ކަމަށާއި، ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ޢަމަލީ މަސައްކަތުގެ ތެރެއިން ސަރުކާރުގެ މޯލްޑިވްސް 2.0 ގެ ތަޞައްވުރު ޙަޤީޤަތަކަށްވެގެންދާއިރު، ހުރިހާގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެންދާނެކަމުގައި ވިދާޅުވިއެވެ.

Advertisement

ރައީސްގެ ޚިޠާބުގައި، ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭކަމަށާއި، އެގޮތުން ރާއްޖޭގެ އާބާދީގެ ކުޑަކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ފައިހަމަކުރާނެ، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދެއްވަމުންދާކަމަށާއި އަދި މީޑިއާގެ ދާއިރާއިން ވެ ވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުންގެންދަވާކަން ހާމަކުރެއްވިއެވެ. މިގޮތުން ސަރުކާރުން މީޑިއާ ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ ބައެއް ކަންކަމުގެ ތަފްސީލް ޚިޠާބުގައި ހިއްސާކުރެއްވިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އިނގިރޭސި ބަހުންވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައިވެއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދިފާއުކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި ޖަމްއިއްޔާތަކުގެ މުހިންމުކަމަށް ސަމާލުކަން ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ފަރާތްތަކަކީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ބާރުކަމުގައި ވިދާޅުވިއެވެ. އަދި މިނިވަން ނޫސްވެރިކަމަކީ މަދަނީ ބައިވެރިވުން ވަރުގަދަކޮށްދޭ ކަމެއްގެ އިތުރުން ތެދު މަޢުލޫމާތު ރައްކާތެރިކޮށްދޭ ވަސީލަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި، ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދަނީ މީޑިއާއަށް އިންވެސްޓްކޮށް، މަޢުލޫމާތު ލިބޭނެ މަގުތައް ފަހިކޮށް، އަދި ހުޅުވާލެވިފައިވާ ބަހުސްތަކަށް ފުރުސަތު ދީގެން، ހޭލުންތެރި އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ކަމުގައި ވިދާޅުވިއެވެ. ރައީސްގެ މެސެޖު ނިންމަވާލެއްވީ ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި، ހިތްވަރާއި އިޙްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރަމުންދާ ނޫސްވެރިންގެ މަސައްކަތް ސަރުކާރުން ބަލައިގަންނަކަން ހާމަކުރައްވައި، ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރަމުންދާ މި އަގުހުރި ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ނޫސްވެރިންނަށް އިލްތިމާސްކުރައްވަމުންނެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް