"ސިއްތީ، ކިހިނެއްވީ؟" އަމީނާގެ މަންމަ ސުވާލުކުރިއެވެ.
"ކިހިނެއް. ނުވަނީ ކަލޭގެ ދަރިފުޅުގެ ޢަމަލުތަކާ ހެދި މުޅި ރަށުގައި ބިރުވެރިކަން އުފެދިއްޖެ. އަހަރެން ކުރިންވެސް ބުނިން އަދި މިހާރު އަޝްރަފްވެސް ތިޔަބައިމީހުންގެ ނުފޫޒުގެ ދަށަށް ވައްޓާލައިފި" ސިއްތި ވަރަށް ރުޅިއައިސްފައި ވާކަން އޭނާގެ އަޑުން ދޭހަވިއެވެ.
"އެއަށްވުރެ ސިއްތިގެ އުނދަގޫ މާ ބޮޑުވެއްޖެ. ތިޔަ އުޅެނީ އަހަރެމެންގެ ފަހަތުން ނުނެއްޓިގެން" އަމީނާގެ މަންމަގެ ރުޅިވެރިކަން ކޮންޓްރޯލުން ނެއްޓުނެވެ.
"އަހަރެންތަ މިއުޅެނީ؟ ކަލޭގެ ދަރިން މީހުންނަށް އަނިޔާކޮށް، އެމީހުން ނިކަމެތިކޮށް، އަދި މަރަމުން ގެންދަނީ" ސިއްތި ހަރުކަށިކޮށް ރައްދު ދިނެވެ.
"ތިޔަ ދައްކާ ވާހަކައިގެ ނަތީޖާ ދެން ތިޔަ ސިއްތިއަށް ފެންނާނެ" އަމީނާގެ މަންމަ ވެސް ހަރުކަށި ރާގެއްގައި ޖަވާބު ދިނެވެ.
ކުއްލިއަކަށް އަމީނާގެ މަންމަ ސިއްތިގެ ކައިރިއަށް ޖެހިލައި، އޭނާގެ ކަރުގައި ހިފަން މަސައްކަތް ކުރިއެވެ. ނަމަވެސް ސިއްތި ވަރަށް ހުޝިޔާރުކަމާއެކު އަވަހަށް ފަހަތަށް ޖެހިލައި، އެ ހަމަލާއިން ސަލާމަތްވިއެވެ. އެހެންނަމަވެސް، އެ ވަގުތު ސިއްތިގެ އަތުން އަމީނާގެ މަންމަގެ މޫނަށް ވަރުގަދަ ހަމަލާއެއް އެރިއެވެ.
މި ހާދިސާ ހިނގަމުންދިޔައިރު، އަޝްރަފް ދުރުގައި ހުރެ މި މަންޒަރު ބަލަމުން ދިޔައެވެ. ސިއްތި ވަރަށް ރުޅިއައިސް، އަމީނާގެ ހުރިހާ ސިއްރެއް ރަށުގެ އެންމެންނަށް ހާމަކުރާނެ ކަމުގެ އިންޒާރު ދިނެވެ. މި ވަގުތު އަޝްރަފްގެ ހިތުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދުނެވެ.
"މިއަދު މުޅި ރަށަށް އެނގޭނެ ކަލޭމެންގެ އަސްލު. ކަލޭމެންގެ ދަރިފުޅު ކޮށްފައި ހުރި ހުރިހާ ކަމެއް އަހަރެން ހާމަކުރާނަން ސިއްތި ހަޅޭއްލަވަމުން ބުންޏެވެ.
ރަށުގެ މީހުންނަށް އަމީނާގެ ސިއްރު ހާމަވެއްޖެނަމަ، އެކަމުގެ ނުރައްކާތެރި ނަތީޖާ އަޝްރަފަށް ވިސްނުނެވެ. އޭނާ ގޭގެތެރެއަށް ވަދެ، އަމީނާ ހޯދަން ފެށިއެވެ.
"އަމީނާ! އަމީނާ!" އަޝްރަފް ގޮވަމުން ދިޔައެވެ.
އަމީނާ ކުއްލިއަކަށް ކޮޓަރިން ނުކުމެ، އެންމެންގެ ކުރިމައްޗަށް އައެވެ. އޭނާގެ މޫނުމަތީގައި ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.
ސިއްތި، ވަރަށް މާފަށް އެދެން. އަހަރެން ކުރި ކަންތައްތަކަކީ ރަނގަޅު ކަންތައްތަކެއް ނޫން. އެކަމަކު އަހަރެން މިހާރު އެ ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރަމުން މި ދަނީ" އަމީނާ ބުންޏެވެ.
"ކަލޭ ކުރި ކަންތައްތަކުން ވަރަށް ގިނަ މީހުންނަށް ގެއްލުން ވެއްޖެ. އެކަން ކަލެއަށް އެނގޭތަ؟" ސިއްތިގެ މޫނުމަތިން ރުޅީގެ އަސަރު ކުޑަކޮށް ކެނޑިގެން ދިޔައެވެ.
"އާނ، އެނގޭ. އަހަރެން ކުރި ކަންތައްތަކުން ވަރަށް ގިނަ މީހުންނަށް ގެއްލުން ވެއްޖެ. އެކަމަކު އެ ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރަމުން މި ދަނީ" އަމީނާ ބޯ ޖަހާލަމުން ބުންޏެވެ.
"ކަލޭ ތެދުބަހުން ވާހަކަ ދައްކަނީތަ؟ ކަލޭ ހަޤީޤަތުގައިވެސް ބަދަލުވާން މަސައްކަތް ކުރަނީތަ؟" ސިއްތި އަހާލިއެވެ.
"އާނ، ތެދުބަހުން ވާހަކަ ދައްކަނީ. ހަޤީޤަތުގައިވެސް ބަދަލުވާން މަސައްކަތް ކުރަނީ. ކުރިން ކުރި ކަންތައްތަކަށް ވަރަށް ދެރަވޭ" އަމީނާ ކަރުނަ ފުހެލަމުން ބުންޏެވެ. އަމީނާ ބޭނުންވީ މިކަމުން އަވަހަށް ސަލާމަތްވާށެވެ. އެތަނުން ސިއްތި ފޮނުވާލައި ސިއްތިގެ އަނގަ ބަންދުކޮއްލާށެވެ.
"އެކަމަކު ކަލޭ އަނެއްކާވެސް އެފަދަ ކަމެއް ކޮށްފިއްޔާ، އަހަރެން ދެން މާފެއް ނުކުރާނަން" ސިއްތިގެ މޫނުމަތިން ރުޅީގެ އަސަރު މުޅިން ފިލައިގެން ދިޔައެވެ.
އަމީނާ ސިއްތިގެ ކައިރިއަށް ގޮސް، އޭނާގެ އަތުގައި ހިފާލިއެވެ. "ޝުކުރިއްޔާ ސިއްތި. ޔަޤީން، ދެން އެފަދަ ކަމެއް ނުކުރާނަން" އަމީނާ ބުންޏެވެ.
އަޝްރަފާއި އަމީނާގެ މަންމަ މި މަންޒަރު ބަލަމުން ދިޔައެވެ. އެ މީހުންގެ މޫނުމަތިން ހިނިތުންވުމެއް ފެނުނެވެ. ރުޅީގެ ވިލާގަނޑު ފިލައިގެން ގޮސް، މަޑުމައިތިރި ޖައްވެއް އުފެދުނެވެ. އަމީނާ ބޭނުންވީ އެމައްސަލަ ހައްލުކޮށް އަވަހަށް އެތަނުން ސިއްތި ފޮނުވާލާށެވެ. އަދި ދެން އެކަހަލަ ވާހަކައެއް ސިއްތިގެ ދުލުން ބޭރު ނުވާނެ ގޮތެއް ހަދާށެވެ. އަމީނާއަށް އެކަމަށް ފެނުނު ހައްލަކީ ސިއްތިއާއި ވީހާވެސް ގުޅުން ބަދަހި ކުރުމެވެ.
ސިއްތި ގޭގެ ގޯތިތެރެއިން ނިކުމެގެން ދިޔުމާއެކު، އަމީނާ ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ލިއެވެ. މައްސަލަ ހައްލުވެ، ކަންތައް ކުރިޔަށްދިޔަ ގޮތާމެދު އަމީނާ ހިތްހަމަޖެހުނެވެ.
އަމީނާ ފަހަތަށް ބަލާލިއެވެ. އޭނާގެ ލޮލަށް އަޝްރަފް ފެނުމާއެކު، އޭނާގެ ހިތަށް އުފަލާއި ހަމަޖެހުމެއް ލިބުނެވެ. އަޝްރަފް ހުރީ ހިނިތުންވެފައި ހުރި މޫނަކާއެކު، އަމީނާއަށް ހިތްވަރުދޭ ކަހަލަ ގޮތަކަށެވެ.
"ރަނގަޅަށް ކަންތައް ހައްލުކޮށްލެވުނުދޯ" އަޝްރަފް ވަރަށް މަޑުމައިތިރި އަޑަޑަކުން އަހާލިއެވެ.
"އާނ، ހީވަނީ މިހާރު ކަންތައް ރަނގަޅުވެއްޖެހެން. ސިއްތިއާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާނަން" އަމީނާ ބޯޖަހާލަމުން ޖަވާބު ދިނެވެ.
ދެމަފިރިން އެކަކު އަނެކަކަށް ބަލާލިއެވެ. އެ ދެމީހުންގެ ލޮލުން ފެންނަނީ އެކަކު އަނެކަކަށްޓަކައި ލޯބީގެ ނަޒަރެކެވެ. ދެމީހުންވެސް ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. ސިޓިންގރޫމަށް ވަދެވުމާއެކު އަމީނާގެ މަންމަ ގޮވައިލިއެވެ. އަމީނާ ގޮސް މަންމަގެ ގާތުގައި ހުއްޓުނެވެ. މަންމަގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެންނަމުން ދިޔައެވެ.
"ނަސީބެއްނު ސަލާމަތްވިކަން. އަދިވެސް އަހަރެންގެ ހިތް ބުނޭ އެ ސިއްތީގެ އުނދަގޫ ޖެހޭނެއޭ" އަމީނާގެ މަންމަ ހިތްވަރު ދިނުމުގެ ރާގެއްގައި ބުނެލިއެވެ.
"މަންމާ ކަންބޮޑުނުވޭ. އަހަރެމެން މިތިބީ ރައްކާތެރިކަމާއެކު. އެ ސިއްތި އަހަރެމެންނަށް އެއްވެސް ގެއްލުމެއް ނުދެވޭނެ"އަމީނާ މަންމައަށް ބަލާލިއެވެ. މަންމަގެ މޫނުމަތިން ފެންނަ ކަންބޮޑުވުމުގެ ކުލަވަރު އޭނާއަށް ވަރަށް ސާފުކޮށް ފެނުނެވެ.
"އާނ، އަހަރެމެން މިތިބީ ސަލާމަތުން. މަންމަ ކަންބޮޑުވާން ނުޖެހޭނެ. އަހަރެން އަމީނާ ރައްކާތެރިކޮށްދޭނަން" އަޝްރަފް އަމީނާގެ ކޮނޑުގައި އަތްލަމުން ބުންޏެވެ.
"ޝުކުރިއްޔާ ދަރިފުޅާ. ތިޔަ ދެ ކުދިންގެ ލޯބިވާތީ އަހަރެން ވަރަށް އުފާވޭ. އެކަމަކު އަދިވެސް އަހަރެންގެ ހިތުގައި ބިރު އެބައޮތް" އަމީނާގެ މަންމަ ހިނިތުންވެލަމުން ބުންޏެވެ.
"މަންމާ، އަހަރެމެންގެ ލޯބި ވަރުގަދަ. އެއްވެސް މީހަކަށް އަހަރެމެން ވަކިއެއް ނުކުރެވޭނެ. އަހަރެމެން އެކަކު އަނެކަކަށް ލޯބިވާހާ ހިނދަކު، އެއްވެސް ނުރައްކަލެއް އަހަރެމެންނަކަށް ނާންނާނެ" އަމީނާ މަންމަގެ އަތުގައި ހިފަހައްޓަމުން ބުންޏެވެ.
"އަހަރެމެންގެ ލޯބި އެއްވެސް އެއްޗަކަށް ނުވަތަ މީހަކަށް ނުފޮހެވޭނެ. އަހަރެމެން އަބަދުވެސް އެކުގައި ތިބޭނަން" އަޝްރަފް އަމީނާގެ އަތުގައި ހިފާލަމުން ބުންޏެވެ.
"އަހަރެންގެ ލޮބުވެތި ދަރިންނޭ، ތިޔަ ދެ ކުދިންގެ ލޯބި އަބަދުވެސް ދެމިއޮންނާނެ. އަހަރެން ތިޔަ ދެ ކުދިންނަށް ދުޢާ ކުރަން" އަމީނާގެ މަންމަ އުފަލުން ރޮމުން ބުންޏެވެ.
އެ ރޭ އަމީނާއާއި އަޝްރަފް ނިދަން އޮށޯތެވެ. ދެމަފިރިން އެކަކު އަނެކަކަށް ބަލާލިއެވެ. އެ ދެމީހުންގެ ލޮލުން ފެންނަނީ އަދިވެސް އެކަކު އަނެކަކަށްޓަކައި ލޯބީގެ ނަޒަރެކެވެ. އެ ދެމީހުންގެ ލޯބި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔައެވެ. އެ ދެމީހުންގެ ހިތުގައި އޮތް ލޯބީގެ އަލިކަން އެއްވެސް އެއްޗަކަށް ނިއްވާނުލެވޭނެ ކަހަލައެވެ.
އެހެންނަމަވެސް، އަމީނާގެ މަންމަ ދެއްކި ވާހަކައިން އަމީނާގެ ހިތަށް ކުޑަ ބިރުވެރިކަމެއް ވަދެގެން ދިޔައެވެ. ސިއްތިގެ އުނދަގޫ ޖެހޭނެ ކަމަށް މަންމަ ހީކުރަނީ ބާވައެވެ؟ މި ޚިޔާލުތައް އަމީނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.
"ކިހިނެއްވީ އަމީނާ؟" އަޝްރަފް އޭނާގެ އަނބިމީހާގެ މޫނަށް ބަލާލަމުން އަހާލިއެވެ.
"ނޫން... ކަމެއް ނުވޭ. ހަމަ މަންމަ ދެއްކި ވާހަކައިން ވިސްނެނީ އަދިވެސް" އަމީނާ ޖަވާބު ދިނެވެ.
"އަޅުގަނޑުމެންގެ ލޯބި ވަރުގަދަ. އެއްވެސް މީހަކަށް އަޅުގަނޑުމެން ވަކި ނުކުރެވޭނެ. ކަންބޮޑުނުވޭ" އަޝްރަފް އަމީނާގެ އަތުގައި ހިފާލަމުން ބުންޏެވެ.
"ޝުކުރިއްޔާ ފިރިމީހާ. ތިބުނި ބަހުން އަހަރެންގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ" އަމީނާ ހިނިތުންވެލިއެވެ. އަޝްރަފްގެ ބަސްތަކުން އޭނާގެ ހިތަށް ހިތްވަރު ލިބުނެވެ.
= ނުނިމޭ =