May 19, 2025 04:14
Advertisement

-Advertisement-

ބަލިވެ އިނުމަށްޓަކައި ދުރާލާ ހަށިގަނޑު ސިއްހީގޮތުން ތައްޔާރު ކުރުން މުހިންމު!

ދިވެހިރާއްޖޭގައި ވެސް ދަރިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ކާމިޔާބު ނުލިބި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވާ މީހުން އުޅެއެވެ. މިފަދަ މީހުން ހަށިގަނޑު ސިއްހީ ގޮތުން ތައްޔާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ކައިވެނި ކުރުމަށްފަހު ދަރިން ހޯދުމަށް ރާވާ ހިސާބުން ޑޮކްޓަރަށް ދައްކާ ބޭނުންވާ ޓެސްޓްތައް ހަދައި ޑޮކްޓަރުގެ ލަފާ ހޯދުން ރަނގަޅެވެ.

ބަލިވެއިނުމަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފޯލިކް އެސިޑް ސަޕްލިމެންޓް (500 މައިކްރޯގްރާމް/ 0.5 މިލިގްރާމް) ކޮންމެ ދުވަހަކު ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ފޯލިކް އެސިޑަކީ މާބަނޑުވުމުގެ ފުރަތަމަ 3 މަސްދުވަހުގެ ކުރިންނާއި ބަލިވެއިނުމުގެ ފުރަތަމަ ތިންމަސްދުވަހުގައި ބޭނުންކުރުން ވަރަށް މުހިންމު މާއްދާއެކެވެ.

ކެއުމުގައި ވެސް ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރަން ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހެއެވެ. މިގޮތުން ފޯލިކް އެސިޑް ގިނަ އަދަދަކަށް ހިމެނިފައިވާ ފެހި ތަރުކާރީއާއި ގޮވާންފަދަ ކާބޯތަކެތި ގިނައިން ކެއުމުގައި ބޭނުންކުރަންވާނެއެވެ.

Advertisement

ފޯލިކް އެސިޑް މަދުވެއްޖެނަމަ ވާނީ ކިހިނެއް؟

ފޯލިކް އެސިޑް ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ބައިގެންދިއުމާއި ދުވަސްނުފުރާ ވިހެއުމުގެ އިތުރުން 'ނިއުރަލް ޓިއުބް ޑިފެކްޓްސް' ނުވަތަ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑިއާއި މައިބަދަ އުފެދެން ވާގޮތް ނޫންގޮތްގޮތަށް އުފެދެއެވެ. ހޯދުންތަކުން ދައްކާގޮތުގައި ބަލިވެއިނުމުގެ ކުރިން ފޯލިކް އެސިޑް ގަވާއިދުން ބޭނުންކުރުމުން 'ނިއުރަލް ޓިއުބް ޑިފެކްޓްސް'ގެ 70 އިންސައްތަ މައްސަލަތަކުން ރައްކާތެރިކޮށްދެއެވެ.

ނިއުރަލް ޓިއުބަކީ ގަރުބަގަތުމަށްފަހު ފުރަތަމަ ދޮޅުމަހެއްހާ ދުވަހުގެތެރޭގައި ބެދިގެންދާ ހޮޅިއެކެވެ. މިމުއްދަތުގެތެރޭގައި މި ހޮޅި ބެދުމަށްފަހު ތުއްތުދަރިފުޅުގެ ސިކުނޑިއާއި މައިބަދަ އުފެދެންފަށައެވެ. 'ނިއުރަލް ޓިއުބް' ބެދޭއިރު އެއްވެސް ހިސާބެއްގައި ހީނަރުކަމެއް އަތުވެއްޖެނަމަ މިމައްސަލަ ހުރި ހިސާބެއްގެ ގޮތުން، ސިކުނޑިން ނުވަތަ މައިބަދައިން ބައެއް ނިކުމެފައި ހުރުމުގެ އިތުރުން އެހެނިހެން ތަފާތުތައް ހުރުން އެކަށީގެންވެއެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ ދަރިފުޅަކީ ނުކުޅެދޭ ކުއްޖަކަށް ވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ.

އިސްވެދިޔަ ސަބަބުތަކަށްޓަކައި ބަލިވެއިނުމުގެ ކުރިން ފޯލިކް އެސިޑް ބޭނުންކުރުމަކީ އެންމެ ފައިދާހުރި ގޮތެވެ. ސަބަބަކީ ބަލިވެ އިނުމަށްފަހު ފޯލިކް އެސިޑް ކާން މަޑުކުރާނަމަ ގިނަ ފަހަރަށް ބަލިވެ އިންނަކަން އެނގެނީ ބަލިވެއިންނަތާ 2 މަސް ނުވަތަ 3 މަސްފަހުން ކަމަށްވާއިރު އެކަށީގެންވާ މުއްދަތަކަށް ފޯލިކް އެސިޑް ނުކެވުމަކީ ވެދާނެކަމެކެވެ. ބަލިވެއިންއިރު ފޯލިކް އެސިޑް ބޭނުންކުރަން ފަށާފައިނުވާނަމަ ބަލިވެއިންކަން އެނގޭއިރަށް ވީއެންމެ އަވަހަކަށް ޑޮކްޓަރުގެ ލަފާގެ މަތިން ފޯލިކް އެސިޑް ބޭނުންކުރަން ފަށާށެވެ.

މައުލޫމާތު: މަންމައާއި ކުޑަދަރިފުޅުގެ ކާނާ (ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ޔުނިސެފް ގުޅިގެން އެކުލަވާލައިފައިވާ ފޮތެއް)

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް