މިދިޔަ އޭޕްރީލް މަހުގެ ކަރަންޓު ބިލް ލިބުމާއެކު ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ ސުވާލު އުފައްދާފައެވެ. މިގޮތުން ނިމިދިޔަ މާރިޗްމަހުގެ ބިލާއި އެޕްރީލް މަހުގެ ބިލުގެ އަދަދު އެއްވަރުވުމުން އެއީ ކިހިނެއްވީކަމެއްތޯ އުފެދޭ ސުވާލަށް ސްޓެލްކޯއިން ވަނީ ޖަވާބު ދީފައެވެ.
މިއަހަރުގެ މާރިޗްމަހު (ރަމަޟާންމަހު) ގެ ކަރަންޓުބިލަށް ޑިސްކައުންޓް ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓުބިލަށްވެސް ވަނީ ޑިސްކައުންޓް ދީފައި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
" މާރިޗްމަހު (ރަމަޟާންމަހު) ގެ ދުވަސްތައް ނިމުމަށްފަހު އޭޕްރީލް މަހުގެ ބިލްތަކުންވެސް މިއަހަރު ވާނީ ޑިސްކައުންޓް ދީފައި. އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑު މަހަކަށްވާތީ ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލްމަހުވެސް ދީފައިވަނީ". ސްޓެލްކޯއިން ފާހަގަކުރިއެވެ.
އޭޕްރީލްމަހު ކަރަންޓުބިލު ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު އެ ބިލުގައިވާ "ކަރަންޓް ބޭނުންކުރެވުނު ވަރު" އޭގެ ކުރީމަހާއި ތަފާތުވި ނަމަވެސް، ބައެއް ބިލުތަކުގައި ބިލް އެމައުންޓް (ފައިސާގެ އަދަދު) މާރިޗް މަހުގެ (ރަމަޟާންމަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ ކުރިން ފާހަގަކުރި ލުއި ދިނުމުން ކަމުގައި ސްޓެލްކޯއިން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.