ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި އެންމެހާ ބެލެނިވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދިވެހީން އެދޭ ތަމައްދުން ޙާޞިލް ކުރެވޭނީ އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖްތަމަޢު ގުޅިގެން ޤައުމީ މަސައްކަތްތަކެއް ފެށިގެންކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކޮންމެ ދުވަހަކުވެސް މި ޤައުމު ކުރިއަށް ފިޔަވަޅުތަކެއް އަޅަނީ މަސައްކަތްތެރީންގެ ސަބަބުންކަމުގައި ފާހަގަކުރައްވައި މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ސަރުކާރު ދެމި އޮންނާނެކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ގިނަ ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭކަމަށް ވިދާޅުވިއެވެ. އަދި ޤައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަ ކުރުމަށްޓަކައި، މަސައްކަތުގެ އަޚްލާޤާއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭކަމުގައި ވިދާޅުވިއެވެ. އަދި ހަމައެއާއެކު ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތުގައިވާގޮތަށް ކޮންމެ މުސްލިމަކީވެސް ކެރި ކުޅަދާނަވީ މިންވަރަކުން، މަސައްކަތްތެރިއަކަށް ވުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.
ރައީސްގެ ޚިޠާބު ނިންމަވާލަވަމުން "ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ޤައުމުގެ ހީވާގި ޚިދުމަތްތެރީން" ކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީކަމަށާއި އަދި، މާދަމާ ޤައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާޞިލުކޮށްދޭނީވެސް މަސައްކަތްތެރީންކަމުގައި ފާހަގަކުރެއްވިއެވެ.