May 1, 2025 08:49
Advertisement

-Advertisement-

ފޮޓޯ ކްރެޑިޓް: ރެއިސިންގ ޗިލްޑްރެން ނެޓްވޯކް

ކުޑަދަރިފުޅު މާގިނައިން ރޯތީ ކަންބޮޑުވާނަމަ ވިސްނަންވީ ކަންތައްތައް!

ކުޑަދަރިފުޅު އާދަޔާ ޚިލާފަށް ބާރަށް ރޯމަންޒަރު ބަލަން ހުރުމަކީ ހިތަށް ވަރަށް އަސަރުކުރާ ކަމެކެވެ. ޚާއްސަކޮށް އަލަށް ދަރިފުޅަކު ލިބިގެން އުޅޭއިރު މިގޮތަށް ދަރިފުޅު ރޯތަން ފެނުމުން ކޮންމެވެސް ގޯހެއް އުޅޭހެންހީވެ ކަންބޮޑުވާ ފަހަރު އާދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އަލަށް އުފަންވާ ކުދިން، އެކުދިންގެ އުމުރުން 2 މަސް ވަންދެން މިގޮތަށް ރުއިން އެއީ އާންމުކަމެކެވެ. އެކަމަކު ވިސްނަންވީ ކަމަކީ ދަރިފުޅު ރޯނީ ކޮންމެވެސް ކަމެއް ބޭނުންވެގެންކަމެވެ. ރޯން މެދުވެރިވާ ސަބަބު ދެނެގަތުން މުހިންމެވެ.

އާންމުކޮށް ކުޑަދަރިފުޅު ރޯ ސަބަބުތައް

ބަނޑުހައިވުން: ދަރިފުޅު ބަނޑުހައިވެއްޖެނަމަ ވަރަށްބާރަށް ރޯނެއެވެ. މިފަދަ ހާލަތްތަކުގައި ބަނޑުފުރުމުން ރުއިން ހުއްޓާލައެވެ.

Advertisement

ނެޕީ ފޯވުން: ނެޕީ ބަދަލުނުކޮށް ގިނައިރުވެ ނުވަތަ ޕުއްޕުލުމަށްފަހު ދަރިފުޅު ރޮއެފާނެއެވެ. އެއީ ފޯވެފައިވާ ނެޕީ ޖެހުމުން ދަރިފުޅަށް އުނދަގޫވާތީ އެވެ.

ބަލިވުމުން: ދަރިފުޅަށް ގާތުންދީ ނެޕީ ބަދަލުކުރުމުން ހުއްޓާނުލާ ރޯނަމަ ޑޮކްޓަރަކަށް ނުވަތަ ސިއްޙީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެއެވެ. އެއީ ބައެއްފަހަރަށް ދަރިފުޅުގެ ބަނޑުގައި ވައިހެދުމުން ނުވަތަ އެނޫންވެސް އުނދަގޫތަކެއް ވާނަމަ ހުއްޓާނުލާ ރުއިން އެކަށީގެންވެއެވެ.

ނިދަން ބޭނުންވުމުން: ދަރިފުޅު ނިދަން ބޭނުންވުމުން ވަރަށްގިނައިން ރޯތަން ފެނެއެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވަކިގަޑިއަކަށް ނިންދެވޭތޯ މަސައްކަތްކުރުމެވެ.

ރުއިން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތައް

އާންމުކޮށް ދަރިފުޅު ރޯ ސަބަބުތައް ދެނެގަނެ އެކަންތައްތަކަށް ހައްލު ހޯދައިދިނުމަށް، ކުރިން މިލިޔުމުގައިވާ ކަންތައްކުރުމުގެ އިތުރަށް ރުއިން ފަސޭހައިން ހުއްޓުވުމަށް ތިރީގައިވާ ކަންތައް ކުރެވިދާނެއެވެ.

1- ދަރިފުޅު ކިތަންމެ ކުޑަނަމަވެސް ދަރިފުޅާއި ވާހަކަ ދައްކާށެވެ. ނޫނީ ދަރިފުޅު ހިންހަމަޖެހޭނެ ފަދަ ނާނާ އެއްވެސް ކިޔައިދެވިދާނެއެވެ.

2- ފެންވަރުވާލުމަށްފަހު ނުވަތަ ނެޕީ ބަދަލުކުރުމަށްފަހު ހެދުން ބަދަލުކޮށްލާށެވެ. އެއިރުން ދަރިފުޅަށް ހިންހަމަޖެހުން ލިބޭނެއެވެ.

3- ދަރިފުޅު އުއްޑުން ބޭއްވުމަށްފަހު ތަދުނުވާނެގޮތަށް ދެފައިތިލައިގައި ހިފަހައްޓައިގެން ބައިސްކަލް ދުއްވާއިރު ފަޔަށް ގެންނަ ހަރަކާތާއި އެއްގޮތަށް ދެފައި ހަރަކާތްކޮށްލާށެވެ. އަދި ފޫޅުގެ ވަށައިގެން މަޑުމަޑުން ދެއިނގިލި ބޭނުންކޮށްގެން މަސާޖު ކުރެވިދާނެއެވެ. އެއިރުން ގޭހުގެ އުނދަގުލެއްވާނަމަ އެކަމަށް ލުއެއްލިބުން އެކަށީގެންވެއެވެ.

4- ބައެއްކުދިން ބުއްފުޅިބޯއިރު ރަނގަޅަށް ބޯން ނޭނގުމުގެ ސަބަބުން ވައިއެތެރެވެ އޭގެ އުނދަގޫ ކުރިމަތިވެއެވެ. ދަރިފުޅު ރޯނަމަ ވައިލެއްވުމަށް މަސައްކަތް ކުރެވިދާނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކުޑަދަރިފުޅުގެ އުމުރުން 6 ހަފްތާވުމުން ރޯމިންވަރަށް ބަދަލުއާދެއެވެ. އޭގެ ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ދިރިއުޅޭ މާހައުލަށް ހޭނުމުން އެކުދިންނަށް އެއަންނަ ބަދަލެވެ. 

 

ނޯޓް: މަޢުލޫމާތު ނަގާފައިވަނީ ރެއިޒިންގ ޗިލްޑްރެން، ކިޑްސް ހެލްތް އަދި އެންސީޓީ.ޔޫކޭ ވެބްސައިޓް އިންނެވެ.

+1
0
+1
0
+1
1
+1
1
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް