މިއީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްކޮޅެވެ. މެންދުރުވަގުތުގައި ގެއިން ބޭރަށް ނުކުމެއްޖެނަމަ އާދަޔާޚިލާފު ހޫނުކަމެއް އިހުސާސް ކުރެވެއެވެ. އެހެންވުމުން ގިނަ މީހުން ބަލަނީ ކޮންމެހެން ނުކުންނަންޖެހިގެން ނޫންގޮތަކަށް މެންދުރުގަޑީގައި ގެއިން ނުވަތަ އޮފީހުން ބޭރަށް ނުނުކުތުމަށެވެ.
އަހަރުގެ ހޫނުގަދަ ދުވަސްތަކުގައި އިންތިހާއަށް ކަރަންޓް ބިލު ބޮޑުވާ ވާހަކަ އަބަދުވެސް އަޑުއިވެއެވެ. އާންމުން ހޭލުންތެރި ކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ނިމިދިޔަ ރަމަޟާންމަހުގައިވެސް މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރަމުން އައިގޮތުގެ ތަފްސީލް ސްޓެލްކޯއިން ދިޔައީ އާންމު ކުރަމުންނެވެ. އަދި ސަމާލުވުމަށް ގިނަ މެސެޖުތަކެއް އެކުންފުނިން ދިޔައީ ހިއްސާ ކުރަމުންނެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރަށް ވުމުން އިހުސާސް ކުރެވޭ ހޫނުމިން މަތިވަމުން އަންނަކަން ފާހަގަކުރެވޭތީ ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސެއިން ފަހުމީ ވަނީ ސޯޝަލް މީޑިއާގައި ޚާއްސަ ޕޯސްޓެއްވެސް ހިއްސާކުރައްވާފައެވެ.
" އަޅުގަނޑުމެން އެންމެންވެސް ކަރަންޓް ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެން. ޚާއްސަކޮށް އޭސީފަދަ ތަކެތި ބޭނުންކުރާއިރު އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށްނުކުރުމަށާއި ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓް ބޭނުންނުކުރުމަށް އިލްތިމާސް ކުރަން. މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓް ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު". ފަހުމީ ވިދާޅުވިއެވެ.

އެންމެ ގިނައިން ކަރަންޓް ބޭނުންކުރި ދުވަހުގެ މެންދުރުފަހު 3:00 ގައި 114 މެގަވޮޓްގެ ކަރަންޓް ބޭނުންކޮށްފައިވެއެވެ. އެހެންވުމުން ފަރުދީގޮތުން ކަރަންޓް އިޤްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފަހުމީ ފާހަގަކުރެއްވިއެވެ.
" ކަރަންޓް ހެޔޮގޮތުގައި ބޭނުންކޮށް އިސްރާފް ނުކުރުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަމާ" ފަހުމީގެ ޕޯސްޓްގައި ވިދާޅުވިއެވެ.
ހޫނު މޫސުމާއި ދިމާކޮށް ކަރަންޓް ބިލު އިންތިހާއަށް ބޮޑުވުމުން ޝަކުވާކުރާ މީހުންވެސް އުޅެއެވެ. ކަރަންޓް އިޤްތިސާދު ކުރުމަށް ފަރުދީ ފެންވަރުގައިވެސް ކުރެވިދާނެ ކަންތައް އެބަހުއްޓެވެ.
ކަރަންޓް ބިލު ކުޑަކުރުމަށް ކުރެވިދާނެ ކަންތައް:
- އިންވާޓަރ އޭސީ ބޭނުންކުރުން
- އޭސީގެ ފިނިމިން ވަކިމިންވަރެއްގައި 25 ޑިގްރީގައި ބެހެއްޓުން. އިރުއިރުކޮޅާ ނިއްވާފައި ނުޖެއްސުން
- ބިއްލޫރި ދޮރުތަކުގައި ދޮރުފޮތި ބޭނުންކުރުން، އެއިރުން ހޫނުމިން ދަށްކޮށްދިނުމަށް އެހީވޭ
- ކޮންމެހެން ދިއްލަން ޖެހިގެން ނޫނީ ބޮކިތައް ނުދިއްލުން
- ކޮމްޕިއުޓަރ އަދި ޑީކޯޑަރ ފަދަ ތަކެތި ބޭނުންނުކުރާއިރު ނިއްވާލުން
- ކޮންމެ ދުވަހަކު މަދުއެތިކޮޅެއް ދޮވުމުގެ ބަދަލުގައި ވަކިގޮތަކަށް ބަހާލައިގެން ދޮވުން
- ކަރަންޓަށް އަރާވަރު މޮނީޓަރކޮށް ބިލް ބޮޑުވާ ސަބަބު ދެނެގަތުން
- ސްމާޓް މީޓަރ ބޭނުންކުރުން