May 6, 2024 18:59
Advertisement

-Advertisement-

އާއިޝާ ކިޔައިދެނީ ' ޓޫ މިނިޓްސް ރޫލް' ބޭނުންކޮށްގެން ފިލާވަޅު ދަސްކުރާނެ ގޮތް!

ބ.ދަރަވަންދޫ އަށް އުފަން އާއިޝާ ބިންތި އާސިފް މުޙައްމަދު މިއަހަރު ތަޢުލީމް ހާސިލްކުރަމުން ދަނީ މާލޭގެ ރެހެންދި ސްކޫލުގައެވެ. އާއިޝާ އަކީ ކުޑައިރުއްސުރެ ތަފާތު އެކި މުބާރާތްތަކުން ރަންވަނަތަކެއް ހޯދައިފައިވާ ދަރިވަރެކެވެ. ކުރިން ތަޢުލީމް ހާސިލްކުރީ ހިރިޔާ ސްކޫލްގައެވެ. 

2020ވަނަ އަހަރު އުގެއިލް ފައުންޑޭޝަނުން ކުރިއަށްގެންދިޔަ 'ދަ ސަރކްލް ކިޑްސް' ޕްރޮގްރާމްގައި ފާހަގަކުރެވޭ ދަރިވަރަކަށް ހޮވިގެން އާއިޝާ މިހާރު ފުރިހަމަ ކުރަމުން ގެންދަނީ އެ ފައުންޑޭޝަނުން ކުރިއަށްގެންދާ 'ލީޑަރސް އޮފް ޓްމޯރޯ' ޕްރޮގްރާމެވެ.

ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމްގައި އާއިޝާ ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް

އާއިޝާ ފާހަގަކުރިގޮތުގައި މި ޕްރޮގްރާމުން އެންމެބޮޑަށް ދަސްވީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމުގެ އިތުރަށް ވިސްނައިގެން ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ހައްލު ކުރާނެގޮތެވެ.

Advertisement

" މިސާލަކަށް ތަނަކަށް ދާން އުޅޭއިރު އެ ހިނގާ މަގުން ނުދެވިއްޖިއްޔާ ދެން އެންމެ ފަސޭހައިން ދެވެން އޮންނަނީ ކޮން މަގަކުންތޯ އަމިއްލައަށް ވިސްނަން އެނގުނު. އަދި ސުވާލަކަށް ޖަވާބުދޭއިރު ވިސްނަން އެނގޭ ތަފާތު ގޮތްގޮތަށް ޖަވާބު ހޯދިދާނެކަން" އާއިޝާ ބުންޏެވެ.

މި ޕްރޮގްރާމްގެ ސަބަބުން ދިރިއުޅުމަށް އައި އެންމެބޮޑު ބަދަލަކީ ފިލާވަޅުތައް ހެދުމަށް ކުރިއަށްވުރެ ޝައުގުވެރި ގޮތްތަކެއް ފެނި، ހެނދުނު ހޭލައިގެން އަވަހަށް ފިލާވަޅުތައް ނިންމާ، ވަގުތަށް ކަންތައްތައް ނިންމަން ދަސްވުން ކަމަށް އާއިޝާ ވަނީ ބުނެފައެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރިއަށްގެންދާކަން ފާހަގަކޮށް މިހާރުވެސް ގުރޫޕް މަސައްކަތެއްގެ ގޮތުގައި ޔޫޓިއުބް ވީޑިއޯއެއް ތައްޔާރު ކުރަމުންދާ ކަމަށް ފާހަގަކުރިއެވެ.

" ޕްރޮފެސަރ ޑރ. ހަސަން އުގެއިލް ކިޔައިދެއްވާނެ ޓޫ މިނިޓްސް ރޫލް އެއް. އެ ރޫލްގައި ވާގޮތަކީ ނިންމަންޖެހޭ ކިތަންމެ ބޮޑު ފިލާވަޅެއް އޮތަސް އެ ފިލާވަޅު 2 މިނިޓުން ނިމޭނެކަމަށް ހިތަށް އަރުވައިގެން ފިލާވަޅުހަދަން ފަށާނީ. އެއިރުން ވަރަށް ފަސޭހަ ފިލާވަޅު ނިންމަން. އަވަހަށް ނިންމިދާނެ ކަމުގެ އިހުސާސް ކުރެވޭ" ފިލާވަޅު ނިންމުމުގައި އާއިޝާ ގެންގުޅޭ އުކުޅު ފާހަގަކުރަމުން ބުންޏެވެ.

'ލީޑަރސް އޮފް ޓްމޯރޯ' ޕްރޮގްރާމްގައި އާއިޝާ ދަނީ ކޮވިޑް19 ގެ ސަބަބުން ދިރިއުޅުމަށް އައި ބަދަލާއި ގުޅޭގޮތުން ޖާނަލް އާޓިކަލް އެއް ލިޔަމުންނެވެ. މިގޮތުން ގޭގައި މަޑުކުރަންޖެހުން އެއީ ދިރިއުޅުމަށް އައި އެންމެބޮޑު ބަދަލުކަމަށް ފާހަގަކޮށް ވަނީ މިބަދަލުގެ ސަބަބުން ގޭގައި ހުރެގެން އަމިއްލައަށް 'ޓެކްނިކަލް' އެއްޗެހި މަރާމާތުކުރަން ދަސްވިކަން ފާހަގަކޮށްފައެވެ. މިގޮތުން ބައްޕައާއި އެކު ހަލާކުވެފައިވާ މެޝިން އަދި ރިމޯޓްފަދަ އެއްޗިއްސަށް ދިމާވެފައިހުންނަ މައްސަލަތައް ހައްލުކުރިކަމަށް ފާހަގަކުރިއެވެ.

 ކޮވިޑް19 ގެ ސަބަބުން ދިރިއުޅުމަށް އައި އެންމެބޮޑު ނޭދެވޭ އަސަރަކީ، އެޑިޔުކޭޝަން މިނިސްޓްރީން ގެނައި ބަދަލާއި ގުޅިގެން މިދިޔަ އަހަރު ކިޔެވި ގްރޭޑުގައި ގިނަ ދުވަސް ހޭދަކުރަން ޖެހުމުން ކިޔެވުމަށް އައި ލަސްކަން ކަމަށް ބުންޏެވެ.

އާއިޝާ ވެސް ވަނީ އުގެއިލް ފައުންޑޭޝަނުން ހިންގާ 'ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ' ޕްރޮގްރާމްގައި ޕްރެޒެންޓޭޝަނެއް ހުށަހަޅައި ދީފައެވެ. 'ދަ ޑިސްކަވަރީ އޮފް އަޔަން އޭޖް' ނަމުގައި ތައްޔާރުކުރި ޕްރެޒެންޓޭޝަންގައި ވަނީ އަޔަން އެންމެ ފުރަތަމަ ފެނުނުގޮތާއި، އައި ބަދަލުތަކުގެ ތަފްސީލް ބަޔާންކޮށްފައެވެ.

މިދިޔަ ޓާމުގައި ގުރޭޑު 6 ނިމުނު އާއިޝާ އަށް ސްކޫލުގައި ވަނީ ވަރަށްގިނަ ކާމިޔާބީތަކެއް ލިބިފައެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތަކުގެތެރޭގައި:

  • ޤުރުއާން މުބާރާތް: އަންމަފޮތް އެކީގައި ހިތުން ކިޔައިދީފައިވޭ. ޒުވާން ޤާރީ ޕްރޮގްރާމް ފުރިހަމަކޮށްފައިވޭ. ސްކޫލުގައި ބޭއްވި އޯޕަން ޤުރުއާން މުބާރާތުން ގްރޭޑް 6 އިން 3 ވަނަ.
  • ކެމްބްރިޖް އިންގްލިޝް އެންޓްރީ ލެވެލް ސެޓިފިކެޓް އިން އީއެސްއޯލް ގައި އެލްއެލްސީގެ ފަރާތުން ބައިވެރިވެގެން ޑިސްޓިންކްޝަން ލިބިފައިވޭ.
  • އިންގްލިޝް ލިޓަރަރީ ވީކް: 'ވޯރޑް ބިލްޑިންގ' ސްޕީކިންގ، ވޮކެބްލަރީ، ކްރިއޭޓިވް ރައިޓިންގ އިން 1 ވަނަ ލިބިފައިވޭ.
  • އަދަބީފޯވަހި: ބަނދި ކިޔުމާއި ޅެންކިޔުމުގެ މުބާރާތުން އެންމެމޮޅު 5 ދަރިވަރުންގެ ތެރޭގައި ހިމެނިފައިވޭ.
އާއިޝާ އަށް ލިބިފައިވާ ބައެއް ސެޓިފިކެޓްތައް

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި، އުގެއިލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ 'ދަ ސަރކްލް' ގެ ޕްރޮގްރާމްތަކަކީ ވަރަށް ތަފާތު ޕްރޮގްރާމްތަކެއް ކަމަށް އާއިޝާގެ މަންމަ އައިމިނަތު ޠާއިޤާ ވަނީ ފާހަގަކޮށްފައެވެ.

" މިޕްރޮގްރާމްގައި ބައިވެރިކުރުމުން ކުރިއަށްވުރެ ބޮޑަށް މީހުންނާއި ގުޅިގެން މަސައްކަތްކުރުމާއި މަޝްވަރާކޮށް ވާހަކަދައްކަން ކެރޭ. ވަރަށްބޮޑު ބަދަލެއް އައިއްސި." އާއިޝާގެ މަންމަ ފާހަގަކުރިއެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
9
+1
48
+1
6
+1
3
+1
6
+1
3
+1
0

Advertisement

ގުޅުންހުރި ލިޔުންތައް