Advertisement
header ad
XeeTimesXeeTimes
ކުދިންގެ އަހުލާގު ގޯސްވަނީތަ؟ ވިސްނާ ހައްލު ކުރަންޖެހިފައިވާ މުހިންމުކަމެއް! އިލްމާއި ހިލްމު

ކުދިންގެ އަހުލާގު ގޯސްވަނީތަ؟ ވިސްނާ ހައްލު ކުރަންޖެހިފައިވާ މުހިންމުކަމެއް!

ދަރިވަރުންގެ ނުވަތަ ކުދިންގެ އަހުލާގު ގޯސްވާތީ، ރާއްޖޭގެ ބައެއް ސްކޫލުތަކުންނާއި މުއައްސަސާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާތަން ފެނެއެވެ. އެކަމަކު ފުރިހަމަ ހައްލެއް ނުހޯދެއެވެ. ދަރިވަރުންގެ އަހުލާގު ރަނގަޅު ކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަންޖެހޭއިރު ބައެއް ދަރިވަރުންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެކީގައި ކިޔަވާ ދަރިވަރުންނަށް އޭގެ ނުބައި އަސަރު ކުރެއެވެ. ބައެއްފަހަރަށް ބުލީގެ ޝިކާރައަކަށް ދަރިވަރުންވެ ދިގުމުއްދަތަކަށް ބޭސްކުރަންޖެހޭ ހާލަތުވެސް މެދުވެރިވެއެވެ. ބެލެނިވެރިއަކު ހިއްސާކުރި ހިތްދަތި ހާދިސާއެކެވެ. ހުރި ހަމައެކަނި ދަރިފުޅު ބުލީގެ ޝިކާރައަކަށްވެ ސްކޫލަށް ދިއުންވެސް ހުއްޓާލީއެވެ. އޭގެ ފަހުން 2 އަހަރު ފާއިތުވީއިރުވެސް އެ ދަރިފުޅު ގެއިން ބޭރަށް ނުކުންނަން ފަސްޖެހެއެވެ. ބިރުގަންނަނީއެވެ. މީހުންނާ ވާހަކަދައްކައި ނުއުޅެއެވެ. ފަރުވާ އަށް މާބޮޑު ކުރިއެރުމެއް އަދި ނުލިބެއެވެ. މިފަދަ އެތައް ކުދިންނެއް މި މުޖުތަމައުގައި އެބައުޅެއެވެ. މިއީ ދުރާލާ ވިސްނަންޖެހޭ ކަމެކެވެ.

'ޑރ. ޖޭ ސްޓްއާރޓް އެބްލަން' މިމައުޟޫގައި ހާމަކޮށްފައިވެއެވެ. "ފާއިތުވި އަހަރުތަކުގައި ސްކޫލު ދަރިވަރުންގެ އަހުލާގަށް މާބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވޭ. ޓައިމްއައުޓް، ސަސްޕެންޑްކުރުން ފަދަ ކަންތައްތައް އަހުލާގު ރަނގަޅު ކުރުމަށް ކުރެވޭ. ދަރިވަރުން ރަނގަޅަށް މޯޓިވޭޓް ނުކުރުން އެއީ އަހުލާގު ގޯސްވުމަށް ދިމާވާ އެއް ސަބަބު. ސްކޫލު މާހައުލުގައި އަހުލާގު ގޯސް ކުދިންނަށް އެބަޖެހޭ ރަނގަޅު ގޮތް ދަސްކޮށްދޭން. އަދި ރަނގަޅު ފިޔަވަޅުތަކެއް އަޅަންޖެހޭ. ގޯސް ފިޔަވަޅެއް އެޅިއްޖެނަމަ އޭގައިން ކުރާނީ ނޭދެވޭ އަސަރު".

ދަރިވަރުގެ އަހުލާގު ގޯސްވާން މެދުވެރިވާ ސަބަބުތައް ރިސަރޗް ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.

Article - in content
Advertisement

ގަވާއިދުތައް ތަންފީޒު ނުކުރެވުން:

ބައެއް ފަހަރަށް ހެދިފައި ހުންނަ ގަވާއިދުތަކަށް އެކަށީގެންވާ ގޮތަށް އަމަލު ނުކުރެވޭތަން ފެނެއެވެ. ކުއްޖަކު ކުށަކަށް އަރައިގަންނައިރު ފުރަތަމަ ފަހަރަށް އެކަން ނުހުއްޓުވި އެކަށީގެންވާ ފިޔަވަޅު ނައަޅައިފިނަމަ އެކުއްޖަކު އެކުށް ތަކުރާރު ކުރާތަން ފެނެއެވެ. އަދި އެއީ އާންމުކަމެއްގެ ގޮތުގައި ދެކި އެހެން ކުދިންވެސް އެކަން ކޮޕީކުރާ ފަހަރު އާދެއެވެ.

ނުބައި އާދަތައް:

ތަފާތު މާހައުލުތަކުގައި ބޮޑުވާ ކުދިން އުޅޭއިރު އެކުދިން އުޅޭ މާހައުލެއްގެ ސަބަބުން ނުބައި އާދަތަކެއް ދަސްވެފައި ހުންނަ ފަހަރު އާދެއެވެ. ސްކޫލު މާހައުލުގައި މިފަދަ ކަމެއް ފާހަގަވެއްޖެނަމަ ބެލެނިވެރިޔާ އާއި ވާހަކަދައްކައިގެން ހައްލު ކުރަން އަވަސް ފިޔަވަޅެއް އަޅަންޖެހެއެވެ.

މޯޓިވޭޝަން ދަށްވުން

ބައެއް ހާލަތްތަކުގައި ދަރިވަރާއިމެދު އަމަލު ކުރެވޭ ގޮތަކުން މޯޓިވޭޝަން ދަށްވެ ކިޔެވުމާއި ދުރުވެ އެހެނިހެން ކަންތައްތަކަށް އިސްކަންދެވޭ ފަހަރު އާދެއެވެ. މިފަދަ ހާލަތްތަކުގައި އެފަދަ ކުދިން އިސްކަންދޭނީ އެކުދިން ހިތްހަމަޖެހޭ ގޮތްތަކަށް އުޅުމަށެވެ. ކިޔެވުމަކީ ކިހާ މުހިންމުކަމެއްކަން އެކުދިންނަށް ވިސްނައިދޭނެ ރަނގަޅު ގޮތްތަކެއް ހޯދަންޖެހެއެވެ.

ދަރިވަރުންގެ މެދުގައި ތަފާތުކުރުން

ދަރިވަރުންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅޭކަން އެކުދިންނަށް އިހުސާސްވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު ކިޔެވުމާއި އަހުލާގަށް ކުރެއެވެ. ކިޔެވުމުގައިވެސް ހުރިހާ ކުދިން އެއްވަރަކަށް މޮޅު ނުވެދާނެއެވެ. ތަފާތު ކުރުމެއް ނެތި ދަރިވަރުންނަށް އެއްހަމައެއްގައި ސަމާލުކަން ދޭންޖެހެއެވެ.

ކުދިންގެ އަހުލާގު ރަނގަޅު ކުރުމަށް ގޭގައި ކުރެވިދާނެ ކަންތައް:

ދަރިން އުޅޭ ނުއުޅޭ ގޮތް އެންމެ ކައިރިން ފެންނާނެ އެއްބަޔަކީ ބެލެނިވެރިންނެވެ. ކުއްޖާގެ އަހުލާގު ގޯސްވާކަން ފާހަގަވާ ދުވަހުން ފެށިގެން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ.

ރުޅި އިސްނުކުރުން:

ކުއްޖާއާއި ދިމާލަށް ބާރަށް ވާހަކަދައްކައި ރުޅިއިސްކުރުމުގެ ބަދަލުގައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަންޖެހެއެވެ. ވިސްނުންތެރިކަމާއެކު ކުދިންނަށް ވިސްނޭނެ ގޮތަށް ނަސޭހަތްތެރިވެ ވަރަށް ކައިރިން އުޅޭ ނުއުޅޭ ގޮތް ބަލަންޖެހެއެވެ. ކުއްޖާގެ އަހުލާގު ރަނގަޅަށް މޮނީޓަރކޮށް އެހެންބައެއްގެ އެހީތެރިކަން ހޯދަންޖެހޭ ހާލަތްތަކުގައި އެފަދަ އެހީވެސް ހޯދަން މަސައްކަތް ކުރަންޖެހެއެވެ.

އިސްކަންދޭންވީ ކުރި ގޯސްކަންތައް ރަނގަޅު ކުރުމަށް

ދަރިފުޅު ގޯސްކަމެއް ކޮށްފިނަމަ ހޯދަންވީ އެކުރި ގޯސްކަމެއް ރަނގަޅު ކުރާނެ ގޮތެކެވެ. މިސާލަކަށް ރޭގަނޑު ގެއިން ބޭރުގައި އެކަނި އުޅޭނަމަ އެއީ ގޯސްކަމެއްކަން ވިސްނައިދީ ބެލެނިވެރިއަކާއި އެކީގައި ނޫނީ ބޭރަށް ނުފޮނުވުމަށް މަސައްކަތް ކުރަންވީއެވެ.

ރަނގަޅު ރަހުމަތްތެރިންތޯ ޔަގީންކުރުން

ސްކޫލު މާހައުލުގައި ކުއްޖާއާއި އެކީ އުޅެނީ ރަނގަޅު ރަހުމަތްތެރިންތޯ ބަލަންޖެހެއެވެ. ބައެއްފަހަރަށް އިހުތިޔާރުކުރެވޭ ރަހުމަތްތެރިންގެ ސަބަބުންވެސް ކުއްޖާގެ އަހުލާގަށް ނޭދެވޭ އަސަރު ކުރެއެވެ.

ނިންމުން:

ދަރިވަރުންގެ ނުވަތަ ކުދިންގެ އަހުލާގަށް ނޭދެވޭ ބަދަލު އަންނާނީ އެއްދުވަހަކުންނެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ސަބަބެއް ވާނެއެވެ. މިމައްސަލައަށް ޖުމްލަ ހައްލެއް ހޯދުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަހުލާގު ގޯސްވާން މެދުވެރިވި ސަބަބު ހޯދުންކަމުގައި ބައެއް ރިސަރޗްތަކުގައި ފާހަގަކޮށްފައިވެއެވެ.

" މިސާލަކަށް އަހުލާގަށް ނޭދެވޭ ބަދަލު އައީ އާއިލީ މައްސަލަތަކެއްގެ ސަބަބުން؟ ކިޔެވުމުގައި ކުރިއެރުން ނުލިބޭތީ؟ އެކުވެރިންގެ ސަބަބުން؟ މިއީ ބަލަންޖެހޭ ކަމެއް. އަހުލާގު ގޯސްވާން މެދުވެރިވި ސަބަބު ހޯދިގެން ނޫނީ އެކަށީގެންވާ ހައްލެއް ނުލިބިދާނެ".

ބައެއް ދަރިވަރުންގެ އަހުލާގު ގޯސްވެފައިވަނީ މުދައްރިސުންނާއި ބެލެނިވެރިން ކަންބޮޑުވާ މިންވަރަކަށެވެ. ދުންފަތުން އިސްތިއުމާލު ކުރުމާއި ގުރޫޕުހަދައި ބޭރުގައި ގިނަވަގުތު ހޭދަކުރުމާއި ނަމާދު ގަޑިތަކުގައި ކުޅިވަރުކުޅުންފަދަ ކަންތައްތަކަކީ ހައްލުކުރަންޖެހިފައިވާ ކަމެކެވެ. ބެލެނިވެރިންނާއި މުދައްރިސުންގެ އެއްބާރުލުމާއެކު މިފަދަ ކުދިންގެ އަހުލާގަށް ހެޔޮ ބަދަލެއް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —