May 7, 2024 01:23
Advertisement

-Advertisement-

މިޝްކާ: ރާޒުވާ އިން ރަން މެޑަލް ހޯދުމަށްފަހު ކޯޑިންގެ ހުނަރު ދަސްކުރުމުގައި

މަރްޔަމް މިޝްކާ މިގްދާދު އަކީ 'ސައުތް އޭޝިއަން އޮންލައިން ޗެސް ފެސްޓިވަލް' އިން ރަން މެޑަލް ހޯދައިފައިވާ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. ޢިޔާސުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ މިޝްކާ، ރާޒުވާ ކުޅެން ފެށީ އުމުރުން އެންމެ 8 އަހަރުން ފެށިގެންނެވެ. މިހާތަނަށް ވަނީ ތަފާތު އެކި މުބާރާތްތަކުގައި ވާދަކޮށް ވަނަތައް ހޯދާފައެވެ.

ރާޒުވާ އިން މިޝްކާ އަށް ރަންމެޑަލް ލިބުމާއި ގުޅިގެން ލިބުނު ސެޓިފިކެޓް

'ޒީޓައިމްސް' އަށް އިންޓަވިއު ދެމުން މިޝްކާ ބުނެފައިވަނީ އެންމެކުރާހިތްވާ ކަމަކީ ފޮތް ކިޔުން ކަމަށެވެ.

" ލިޔުމާއި ޕަޒްލްސް ސޯލްވް ކުރުމަކީ ވެސް ވަރަށް ކުރާހިތްވާ ކަމެއް. ނިމިގެންދިޔަ ޢީދު ޗުއްޓީގައިވެސް މަންމަ އާއި ދެމީހުން ވާނީ ' 1008 ޕީސް ޖިގްސޯ ޕަޒްލް ' އެއް ސޯލްވްކޮށްފައި. މީގެއިތުރުން ' ޗެސް ' އަދި 'ލޮޖިކް ގްރިޑް ޕަޒްލްސް' ވެސް ކުޅެން" މިޝްކާ ބުންޏެވެ.

Advertisement
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިޝްކާ އަދި ރާޒުވާއިން ކާމިޔާބު ހޯދި ދަރިވަރުން

މިޝްކާ އަކީ، ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުގެއިލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ 'ދަސަރކްލް' ގެ ޕްރޮގްރާމެއް ކަމުގައިވާ 'ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ' ޕްރޮގްރާމްގައި ކޯޑިން ހުނަރު ދަސްކުރަމުންދާ ދަރިވަރެކެވެ.

މިޝްކާ ފާހަގަކުރިގޮތުގައި އުފެއްދުންތެރިކަމަކީ ފެންނަން ހުންނަ ކަންތައްތަކުގެ އިދިކޮޅެވެ. އެމީހެއްގެ ގައިގައި ހުންނަ ހުނަރު ދެއްކުމަށް އެންމެބޮޑު ބައެއް އަދާކުރަނީ އެމީހާގެ ގައިގައި ހުންނަ ޤާބިލުކަމެވެ.

" ރާއްޖޭގެ މީހުންނަށް އަދި އިޤްތިސާދަށް ބަލާއިރު އާދައިގެ ހުނަރުތަކަށް މާބޮޑު ހިތްވަރެއް ނުލިބޭ. އަދި އެއީ އެހާ ބަލައިގަންނަ ކަންކަން ނޫންކަން ފާހަގަކުރެވޭ. މީހުން ބަލައި ނުގަންނަކަންކަން ކުރާ މީހުން ބާކީ ކުރާކަން ވެސް ފާހަގަކުރެވޭ. މިކަހަލަ ކަންކަން ހައްލުކުރުމަށް އެއްވެސް ގަވާއިދެއް ހެދިފައި ނުވާކަން ވެސް ފާހަގަވޭ." 

މިސާލެއްގެ ގޮތުން މިޝްކާ ފާހަގަކުރީ ގިނަ މީހުންނަށް ދޮން މީހުން ރީތިވުމާއި ކަޅު މީހުން ހުތުރުވާ މައްސަލައެވެ. އިޝްތިހާރު ތައްޔާރުކުރާ މީހުންވެސް ކަޅު މީހުން ދޮންވުމަށް އެކި ކަހަލަ ޕްރޮޑަކްޓްސް ބޭނުންކޮށް ޖާދުލެއްހެން ދޮންވާނެކަމަށް ދައްކާ އިޝްތިހާރު ތަކަށް ރަސްމީގޮތުން ހައްލެއް ނުލިބުން މިއީ އޭނާގެ ކަންބޮޑުވުމެކެވެ.

" އިޝްތިހާރު ތަކުގެ ސަބަބުން މީހުން އަމިއްލަ ނަފްސަށް މަލާމާތްކުރާ ވަރަށް ކަންތައްތައް ގޮސްފައިވޭ. ކުދި އާބާދީ އަކާއި ބަލާއިރު ރާއްޖޭގައި ވެސް މިއީ އިޖްތިމާއީ މައްސަލައެއް. މިފަދަ ކަންތައްތަކަކީ އުފެއްދުންތެރިކަމެއް ނޫން." މިޝްކާ

އުފެއްދުންތެރިކަމަށް ބަލާއިރު ކުރެހުމާއި، ލިޔުންތެރިކަމަކީ މީހުންގެތެރޭގައި ވަރަށް ބޮޑަށް ބަލައިގަންނަ ދެ ހުނަރު ކަމަށް މިޝްކާ ގަބޫލުކުރެއެވެ.

" މިކަންކަމަށް ޗެލެންޖްވެސް މީހުން ކުރޭ. އެކަކަށްވުރެން ރަނގަޅަށް އަނެކަކު ކުރުމަށް މިކަހަލަ ހުނަރުތައް މަގުފަހިކުރޭ. އަދި އެކަން ސިކުނޑިއަށް ވަދެ މީނައަށް ވުރެން ރަނގަޅަށް އަހަރެން ކުރާނެމޭ ބުނާ އަޑު ސިކުނޑި އަބަދުވެސް މީހާއަށް ވިސްނައިދޭ. މި އަޑު މީހާ ހުނަރުވެރިކުރުވާ." މިޝްކާ

ޖުމްލަ ގޮތެއްގައި އުފެއްދުންތެރި ކަމަކީ ހިތްވަރުހުރެގެން ކުރެވޭނެ ކަމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.

' ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމުން ރަނގަޅަށް ކަންތައް ބަލައި ހޯދަން ދަސްވިކަމަށް ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ވެބްސައިޓް ޑިވެލޮޕް ކުރަން ފަސޭހަވި ކަމަށް ފާހަގަކުރިއެވެ.

މިޝްކާގެ މަންމަ ސޯބިރާ އިސްމާޢީލް ފާހަގަކުރިގޮތުގައި މިއަހަރު ޖެނުއަރީ މަހުން ފެށިގެން  މި ޕްރޮގްރާމްގައި މިޝްކާ ބައިވެރިކުރީ ބެލެނިވެރިން އެކަމަށް ބޭނުންވެގެންނެވެ.

" ސްކޫލްގެ ކޯޑިން ޕްރޮގްރާމާއި 'ސަރކްލް' ޕްރޮގްރާމް ތަފާތު. ސްކޫލުގައި ކުރިއަށްގެންދާ ޕްރޮގްރާމްގައި ދަސްކޮށްދޭން ބޭނުންކުރަނީ ޕައިތަން. އެކަމަކު މިފަހަރު ޕްރޮގްރާމްގައި އެޗްޓީއެމްއެލް ބޭނުންކޮށްގެން ވެބްސައިޓް ތައްޔާރުކުރަން ދަސްކޮށްދޭތީ ތަފާތުވަނީ ކަމަށް ދަރިފުޅު ވަނީ ފާހަގަކޮށްފައި" މިޝްކާގެ މަންމަ ބުންޏެވެ.

މިޝްކާ މިހާރު މަސައްކަތް ކުރަމުން ގެންދަނީ ސަރކްލް ގެ ޕްރޮގްރާމްތަކުގެ ދަރިވަރުން އަމިއްލައަށް ތައްޔާރުކުރާ ' ދި އައިލެންޑް ލެޖެންޑް ވެބްސައިޓް' ގެ މަސައްކަތެވެ. މިވެބްސައިޓަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ގުޅޭގޮތުން މަޢުލޫމާތު ހިމެނުމަށް ތައްޔާރުކުރާ ވެބްސައިޓެކެވެ. މީގެއިތުރުން މިޝްކާ ވަނީ އުގެއިލް ފައުންޑޭޝަނުން ކުރިއަށްގެންދިޔަ 'ކްރިއޭޓިވް އިންގްލިޝް' ޕްރޮގްރާމްގައި ޕެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
0
+1
4
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް