May 7, 2024 04:48
Advertisement

-Advertisement-

އަރީން މިކިޔައިދެނީ ރަނގަޅު ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށް ހުށަހަޅައިދޭނެ ގޮތް!

އުމުރުން 12 އަހަރުގެ މުހައްމަދު އަރީން އާރިފު އަކީ ސައިންސާއި ޓެކްނޮލޮޖީ އަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އައްޑޫ ސިޓީ ހިތަދޫ އަށް އުފަން އަރީން މިހާރުވެސް ދަނީ ޓެކްނޮލޮޖީ އަށް ޚާއްސަ ފޮތެއް ލިޔަމުންނެވެ. މިފޮތުގެ ފަންސަވީސް އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އަރީން ވަނީ މައުލޫމާތުދީފައެވެ.

ޒީޓައިމްސް އިން ކުރި ސުވާލުތަކަށް ޖަވާބުދެމުން އަރީން ބުނީ ސްކޫލް ނިންމުމަށްފަހު ކުރިއަށްދާން ބޭނުންވަނީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކަމަށެވެ. މިހާރުއްސުރެ އަރީން ދަނީ ކާމިޔާބާއި ހަމައަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތް ހިތްވަރާއިއެކު ކުރަމުންނެވެ.

އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުން މިފަހަރު ގުރޭޑު 5 ނިމުނު އަރީން ދަނީ އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދާ ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަންގެ 'ލީޑަރސް އޮފް ޓްމޯރޯ' ޕްރޮގްރާމްގައި ބައިވެރިވެ ޤާބިލްކަން ދައްކަމުންނެވެ. އަރީން އަށް މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ މިދިޔަ އަހަރު ބޭއްވި 'ދަ ސަރކްލް ކިޑްސް' ޕްރޮގްރާމްގައި ބައިވެރިވި ކުދިންގެ ތެރެއިން ފުރުސަތު ލިބިގެންނެވެ.

Advertisement
ދަ ސަރކްލް ކިޑްސް ޕްރޮގްރާމް ފުރިހަމަކުރުމުން އަރީން އަށް ލިބުނު ނަތީޖާ

" މިވަގުތު ޓެކްނޮލޮޖީ އާއި ގުޅޭ ފޮތް ތައްޔާރުކުރުމުގެ އިތުރަށް މަސައްކަތް ކުރަނީ ޔޫޓިއުބް ވީޑިއޯގެ އެޑްމިނިސްޓްރޭޓިވް ޓީމުގައި. އަދި ސަރކްލް ކޮމްޕޮޒިޝަން ތައްޔާރު ކުރުމުގައިވެސް އެޑްމިނިސްޓްރޭޓިވް ޓީމުގައި މިދަނީ މަސައްކަތް ކުރަމުން. މި ޕްރޮގްރާމްގައި ބައިވެރިވުމުން ގްރެމަރ ސްކިލްސް ރަނގަޅުވެ، އަމިއްލަ ނަފުސަށް އިތުބާރުކުރަން ދަސްވެ ކަންކަން ކުރަންޖެހޭ ރަނގަޅުގޮތް ދަނީ ދަސްވަމުން" އަރީން ކިޔައިދިނެވެ.

އަދި އަރީން އަކީ ކުރިން އެއްވެސް ވަރަކަށް ޕްރެޒެންޓޭޝަން ހުށަހަޅައިދިން ކުއްޖެއް ނޫންކަން ފާހަގަކޮށް ވަނީ މިހާރު ޕްރެޒެންޓޭޝަން ތައްޔާރުކޮށް ހިތްހަމަޖެހޭ ވަރަށް ހުށަހަޅައިދޭން ދަސްވިކަމަށް ބުނެފައެވެ. އަރީން އަށް ލިބިފައިވާ މި ހުނަރުގެ ސަބަބުން ވަނީ ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން އިން ކުރިއަށްގެންދާ ' ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ' ޕްރޮގްރާމްގައި ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނުމުގެ ފުރުސަތު ލިބިފައެވެ.

" މިހާރު ޖެހިލުމެއްނުވޭ މީހުންގެތެރޭގައި ވާހަކަދައްކަން. އިތުބާރުއޮވޭ ރަނގަޅަށް ވާހަކަދެއްކޭނެ ކަމުގެ. ވަރަށް އުފާވޭ މިފަދަ ފުރުސަތެއް ލިބުނީމަ. 'ދަ މޮންގޮލްސް އެންޑް ގެންގިސް ޚާން' އާއި ގުޅޭ ޕްރެޒެންޓޭޝަން ސަބްމިޓް ކުރީމަ ވަރަށް ރަނގަޅު ކޮމެންޓް ލިބުނު" އަރީން ފާހަގަކުރި ޕްރެޒެންޓެންޝޭންގައި ވަނީ ހަނގުރާމައިގައި ކާމިޔާބު ލިބުނުގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ.

އަރީން ތައްޔާރުކުރި ޕްރެޒެންޓޭޝަން

ތިރީގައި މިވަނީ ރަނގަޅު ޕްރެޒެންޓޭޝަނެއް ދިނުމުގައި އިސްކަންދޭންޖެހޭނެ ކަންތައްތައް އަރީން ކިޔައިދިން ގޮތެވެ.

  • ޕްރެޒެންޓޭޝަން ފެށުމުގެކުރިން އަޑުއަހާ މީހުންނަށް ޕްރެޒެންޓޭޝަނާއި ގުޅުންހުރި މައުޟޫއަކަށް ވާހަކައެއް ކިޔައިދެވިދާނެ. އެއިރުން ޝައުގުވެރިވާނެ.
  • ޕްރެޒެންޓޭޝަން ޕޮއިންޓްސް ލިޔަންވާނީ ވަރަށްކުރުކޮށް. އަމިއްލައަށް އެޕޮއިންޓްތައް ތަފްސީލްކޮށް ކިޔައިދޭންވާނެ.
  • އެނިމޭޝަން އާއި ފޮޓޯތައް މަދުކޮށްފަ ހިމަނަންވާނީ މައުޟޫއާއި ގުޅޭ މުހިންމު ފޮޓޯތައް.
  • އޯޑިއެންސް ޝައުގުވެރިކުރުމަށް ޕްރެޒެންޓޭޝަންގައި ހިމަނަންވާނީ 'ފެކްޓްބޭސް' މުހިންމު މައުލޫމާތު.
  • 5 މިނިޓްގެ ޕްރެޒެންޓޭޝަނެއްގައި ހުންނަންވާނީ 3 ސްލައިޑް. ސްލައިޑްތައް ކިޔައިދީ ނިމުމުން ސުވާލުކުރުމުގެ ފުރުސަތުދޭންވާނެ.

އަރީން ވަނީ ޕްރެޒެންޓޭޝަން ދޭއިރު ދަސްވި އެންމެ ޝައުގުވެރި ކަންތައްތައް ވެސް ކިޔައިދީފައެވެ.

" ވަރަށް ކުޑަކުދިންތަކަކަށް ޕްރެޒެންޓޭޝަން ނަގައިދިނީ. އެހެންވެ ބެލިން އެކުދިންނަށް އެނގޭނެ ގޮތަކަށް ތަފްސީލްކޮށް ކިޔައިދޭން. އަދި އަޑުއަހާ ހިތްވާގޮތަކަށް ކިޔައިދޭން. މިސާލަކަށް 'ދަ މޮންގޮލްސް އެންޑް ގެންގިސް ޚާން' އާއި ގުޅޭ ޕްރެޒެންޓޭޝަންގައި އެންމެ ޝައުގުވެރިބަޔަކީ ހަނގުރާމައިގެބައި. އެއީ އެކުދިންނަށް އާ މައުލޫމާތުތަކަކަށް ވާތީ. އެހެންވެ ޝައުގުވެރިވާނެ ގޮތަކަށް ހަނގުރާމައިގެ ބައި ގިނައިން ކިޔައިދިނިން" އަރީން ކިޔައިދިނެވެ.

އަރީން އަކީ ހަމައެކަނި މޮޅު ހުށަހެޅުންތެރިއެއް ނޫނެވެ. ކުޅަދާނަ ފޯވާޑެކެވެ. ފުޓްބޯޅައިގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް ދަނީ އެކަޑަމީއަކުން ޚާއްސަ ތަމްރީންތަކެއް ވެސް ހޯދަމުންނެވެ.

" އެސްކޭޖީ ގައި އުޅުނުއިރު ޗެމްޕިއަން ޓީމަކަށް ވަނީ ހޮވިފައި އަރީން ކުޅުނު ޓީމް. އަދި ގުރޭޑު 1 ގައި 2 ވަނަ ޓީމަށް ލިބުނު. ގުރޭޑު 2 ގައި 3 ވަނަ ޓީމަށް ލިބުނުއިރު ގުރޭޑު 4 ގައި ވެސް ވަނީ ޗެމްޕިއަންކަން ޓީމަށް ލިބިފައި. މި ކާމިޔާބީތައް ލިބުނީ އައްޑުއަތޮޅު ހުރިހާ ސްކޫލެއްގެ މެދުގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުން. ހޮބީ އަކީ ވެސް ފުޓްބޯޅަ ކުޅުން" އުފަލާއިއެކު އަރީން ފާހަގަކުރިއެވެ.

2019 ވަނަ އަހަރު ބޭއްވި އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުން ޗެމްޕިއަންކަން ލިބިގެން ނަގާފައިވާ ފޮޓޯއެއް

އަރީންގެ ބައްޕަ އަލީ އާރިފު ފާހަގަކުރިގޮތުގައި އަރީން އަކީ ތަފާތު މައުލޫމާތުތައް ހޯދުމަށް ލޯބިކުރާ ކުއްޖެކެވެ.

" ވަރަށް މައުލޫމާތު މުއްސަދި ކުއްޖެއް. އަޅުގަނޑުވެސް ބައެއް ފަހަރަށް އިންޓަނެޓުން ހޯދުމުގެ ބަދަލުގައި އަރީން ކައިރީގައި އަހާލަން. ޖަވާބުދޭނެ ކުރާ ސުވާލަކަށް. އަދި ކިޔެވުމުގައި ވެސް ވަރަށް މޮޅު ކުއްޖެއް. ސްކޫލުގައި ކިޔަވައިދޭ ޓީޗަރުންވެސް ބުނާނެ އަރީން އާއި ގުޅޭގޮތުން ރަނގަޅުކުރަން ބުނާނެ އެއްޗެއް ނެތޭ. ވަރަށް ވަރަށް ރަނގަޅޭ ބުނާނެ. މިހާތަނަށް ވަނީ އެންމެމަތިން ފާސްވެފައި" އާރިފު މައުލޫމާތު ދިނެވެ.

ރިސޯޓު ދާއިރާގައި މަސައްކަތް ކުރާ އާރިފު އިތުރަށް ބުނީ ޕްރޮފެސަރ އުގެއިލް އަކީ އައްޑުއަތޮޅު ހިތަދު އަށް އުފަން ބޭފުޅަކަށް ވާތީ އާއި އެކު ވަރަށް ގިނައިން ޕްރޮފެސަރ އާއި ގުޅޭ މައުލޫމާތު އަރީން އާއި ހިއްސާކުރަމުން ދިޔަ ކަމަށެވެ. މީގެ ސަބަބަކަށް ވީ އަރީން ގެ ޝައުގުވެރިކަން ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަންގެ ޕްރޮގްރާމްތަކާއި ދިމާލަށް މިސްރާބުޖެހުމެވެ. ޕްރޮފެސަރ އުގެއިލް ސެޝަންތަކެއް ނަންގަވައިދެއްވާ 'ލީޑަރސް އޮފް ޓްމޯރޯ' ޕްރޮގްރާމްގައި ޕްރޮފެސަރ އާއި ވާހަކަދައްކަން ފުރުސަތު ލިބިގެންދިއުމަކީ އަރީން އަށް ލިބުނު ބޮޑު ހިންހަމަޖެހުމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. މިހާތަނަށް އަރީން ދަނީ މިދިޔަ އަހަރުން ފެށިގެން ޕްރޮގްރާމްގައި ހަވާލުކުރެވޭ ހުރިހާ މަސައްކަތްތަކެއް ރަނގަޅަށް ނިންމަމުންނެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

 

+1
0
+1
13
+1
1
+1
2
+1
1
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. Varah furihaama reporteh mifadha kudhinge vaahaka thah genaumun Gina parents emeehunge dharin ge hunaru tharqqee kuran ithuru baarakah vaane. Shukriyya thikuraa masakkathah

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް