May 7, 2024 01:50
Advertisement

-Advertisement-

މިންހާ: އުމުރާއި ބަލާއިރު ހުނަރުވެރި ކުއްޖެއް!

މިންހާ މަހުޖޫބް ޝުޖާއު މިއީ އުމުރުން 12 އަހަރުގެ ހުނަރުވެރި ކުއްޖެކެވެ. އިންޓަވިއު ނެގިއިރު އަޅުގަނޑަށް އެންމެ ފާހަގަވީ އަމިއްލަ ނަފްސަށް މިންހާގެ އޮތް އިތުބާރާއި އަދި ފަސްޖެހުމެއްނެތި ކުރި ކޮންމެ ސުވާލަކަށް ޖަވާބުދެމުން ދިޔަކަމެވެ. މިންހާގެ މިހުނަރުގެ ސަބަބުން ވަނީ 'ދަ ސަރކްލް' ބައި އުގެއިލް ފައުންޑޭޝަން އިން ކުރިއަށް ގެންދާ "ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ" ޕްރޮގްރާމްގައި ޚާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނުމުގެ ފުރުސަތު ލިބިފައެވެ.

މި ޕްރެޒެންޓޭޝަންގައި މިންހާ އަލިއަޅުވާލައިފައިވަނީ އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދާ  "ލީޑަރސް އޮފް ޓްމޯރޯ"  ޕްރޮގްރާމް އާއި ގުޅޭގޮތުންނެވެ. ޒީޓައިމްސް އިން ކުރި ސުވާލަށް ޖަވާބުދެމުން މިންހާ ބުނިގޮތުގައި މިޕްރޮގްރާމުން މިހާތަނަށް އެންމެބޮޑަށް ދަސްވީ، ސެލްފް ކޮންފިޑެންސްއާއިއެކު ކަންކަމަށް ކުރިމަތިލުމަށެވެ.

" މި ޕްރޮގްރާމްގެ ކޮންމެ ސެޝަނެއްގައި ވާހަކަދެއްކީމަވެސް ވަރަށް ކޮންފިޑެންސް ލިބޭ. ސްކޫލްގައި ދަސްކޮށްނުދޭ ވަރަށް މުހިންމު ކަންކަން މި ޕްރޮގްރާމުން ދަސްވޭ. އާޓިކަލް ލިޔާއިރު ރަނގަޅަށް ރިސަރޗް ކުރުމަށާއި ކިޔުންތެރިޔާގެ ޝައުގުވެރިކަން ހޯދާނެގޮތަށް ލިޔުން ވަނީ ދަސްކޮށްދީފައި. އަދި ޕްރޮފެސަރ ޑރ.ހަސަން އުގެއިލް ވާހަކަދައްކަވާއިރު އަޅުގަނޑުމެންނަށް އަމިއްލަ ހިޔާލު ފާޅުކުރަން ފުރުސަތު ލިބޭ. އެހެންވެ ވަރަށް ގިނަ ކަންކަން ދަސްވެއްޖެ" މިންހާ މައުލޫމާތުދިނެވެ.

Advertisement

"ލީޑަރސް އޮފް ޓްމޯރޯ" ޕްރޮގްރާމްގެ ބައިވެރިން މިހާރުވެސް ދަނީ ތަފާތު ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ޖާނަލް އާޓިކަލް ލިޔުމުގެ އިތުރަށް ޔޫޓިއުބް ވީޑިއޯ އުފެއްދުންވެސް ހިމެނެއެވެ. 3 ގުރޫޕަކަށް ބަހާލައިގެން ކުދިންނާއި މަސައްކަތްތަކެއް ހަވާލުކޮށްގެން ކުރިއަށްގެންދެވޭއިރު މިންހާ މިހާރު ކުރަމުންދާ މަސައްކަތުގެ ތަފްސީލް ވެސް ވަނީ ދީފައެވެ.

މިންހާ ފޮތް ކިޔައިދެނީ

ސަރކްލް ކޮމްޕޮޒިޝަން އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ކުދިން ލިޔާ އާޓިކަލްތައް ޝާއިއުކުރުމަށް ހެދޭ ވެބްސައިޓެކެވެ. މިގޮތުން ހުށަހެޅޭ އާޓިކަލްތައް ބެލުމަށްފަހު ވެބްސައިޓްގައި ޝާއިއުކުރެވޭނެއެވެ. އަދި މިވެބްސައިޓް ފެއްޓުމުގެގޮތުން "ލީޑަރ އޮފް ޓްމޯރޯ"ގެ ދަރިވަރުން އިންސާނީ ތާރީހާއިގުޅޭގޮތުން އާޓިކަލް ލިޔުމަށް ހަވާލުކުރެވުނެވެ. މިގޮތުން 'ދަ ސިޓީ އޮފް ރޯމް' ގެ ނަމުގައި މިންހާ ލިޔުނު އާޓިކަލް އަށް ވަނީ ރަނގަޅު ތަރުހީބެއް ލިބިފައެވެ. މި އާޓިކަލްގައި އަލިއަޅުވާލައިފައިވަނީ ރޯމް ރަސްކަމަކުން އެމްޕަޔަރއަކަށް ބަދަލުވިގޮތާއި ޖޫލިއަސް ސީސަރ ރަސްކަމަށް އައުމާއި މަރުވުމާއި ދެމެދު ހިނގި ކަންކަމާއި ގުޅޭގޮތުންނާއި އޮގަސްޓަސް ސީސަރ ރަސްކަމަށް އައުމާއި ރޯމަން އެމްޕަޔަރގެ ނިމުމާއި ގުޅޭގޮތުންނެވެ.  

" ގްރޫޕް ވީޑިއޯގެ މަސައްކަތް ކުރާއިރު އެކަޑަމިކް ޓީމް އިން ބޮޑަށް ބަލަނީ ވީޑިއޯގެ ސްޓޯރީލައިންއަށް. އެޑްމިނިސްޓްރޭޓިވް ޓީމުން ކުރަންވީ މަސައްކަތް ބަހާލާނީ" މި ޕްރޮގްރާމްގެ ބައިވެރިން 'ހިސްޓްރީ އޮފް ހިޔުމަނިޓީ' ނަމުގައި ޔޫޓިއުބް ވީޑިއޯއެއް ހެދުމަށް ކުރާ މަސައްކަތުގެ ތަފްސީލް ދެމުން މިންހާ ބުންޏެވެ.

މިޕްރޮގްރާމް ގައި ކޮންމެކުއްޖެއްވެސް އަމިއްލަ ޕްރޮޖެކްޓެއް ހަދަން ޖެހެއެވެ. މިގޮތުން މިންހާ ކުރަމުން ގެންދަނީ ކުރުވާހަކައެއް ލިޔުމުގެ މަސައްކަތެވެ.  

ކޮންމެ ހަފްތާއެއްގައި ވެސް ހުކުރު އަދި ހޮނިހިރު ދެ ދުވަހު އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދާއިރު މިންހާ އަކީ 2020 ވަނަ އަހަރު ސަރކްލް ކިޑްސް ޕްރޮގްރާމްގައި ބައިވެރިވިކުއްޖެކެވެ. އެ ޕްރޮގްރާމްގައި ބައިވެރިވި ކުދިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުދިންނަށް "ލީޑަރސް އޮފް ޓްމޯރޯ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނުއިރު މިންހާ އަކީ އޭގެތެރެއިން ފުރުސަތު ލިބުނު ދަރިވަރެކެވެ.

މިންހާގެ މަންމަ ޝަހުމާ ހަލީމް މައުލާތުދިން ގޮތުގައި މި ޕްރޮގްރާމްގައި މިންހާ ބައިވެރިކުރީ އެފަދަ ލީޑަރޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އަލަށް ލިބި މިއީ ރާއްޖޭގެ ދަރިވަރުންނަށް މަދުން ނޫނީ ނުލިބޭ ފުރުސަތަކަށްވާތީއެވެ. 

"މިއީ ކުދިންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް، ހުރިހާ ސެޝަންތަކެއްގައި ކުދިންގެ ބައިވެރިވުން ވަރަށް ބޮޑު. ކުދިންނަށް ވާހަކަދެއްކުމުގެ ހުނަރާއި ކްރިޓިކަލް ތިންކިންގ ދަސްވެފައިވޭ. ވާހަކަ ދެއްކުމަށާއި ވިސްނުމަށް އައިސްފައިވާ ބަދަލު ވަރަށް ފާހަގަ ކުރެވޭ. ވަރަށް ކޮންފިޑެންސް ބިލްޑްވެފައި ހުރިކަން އެނގޭ" ޝަހުމާ ފާހަގަކުރިއެވެ.

މިންހާ އަކީ ފޮތް ކިއުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އަދި އިންސްޓަރގްރާމްގައި ފޮތް ރިވިއުކުރުމަށް foi_ha@ ކިޔާ ޕޭޖެއް ހިންގައެވެ. މީގެ ސަބަބުން އިންޓަރނޭޝަނަލް އޯތަރުންގެ ފޮތް ރިވިއު ކުރުމުގެ ފުރުސަތު މިންހާ އަށް ލިބެމުން ދެއެވެ. އަދި ފޮތް ގާޑިޔާ ކޮމިޔުނިޓީ ލައިބްރަރީ އިން އިންތިޒާމްކޮށްގެން ބުކް ކްލަބެއް ހޯސްޓު ކުރުމުގެ ފުރުސަތު ވެސް ވަނީ މިންހާއަށް ލިބިފައެވެ. 

މިންހާގެ އިންސްޓަގްރާމް ޕޭޖުގައި ފޮތަކާއި ގުޅޭގޮތުން ލިޔެފައި

އާއިލާއިން މައުލޫމާތު ދޭގޮތުގައި މާލެއަށް އުފަން މިންހާ އަކީ ޓޭބަލް ޓެނިސްގެ ގައުމީ ސްކޮޑްގައި ހިމެނޭ ކުއްޖެކެވެ. ޖޫނިއަރ ޓޭބަލް ޓެނިސް ސްކޮޑް އަދި ގައުމީ ކެޑޭޓް ޓީމުގައި ވެސް ހިމެނޭ މިންހާ އަކީ ކޮވިޑާއި ގުޅިގެން ލޮކްޑައުން ވުމުގެ ކުރިން ދުވާލަކު ހަތަރު ގަޑި އިރު ޓީޓީ ޕްރެކްޓިސް ކުރަމުންދިޔަ ކުއްޖެކެވެ. 2019 އިންޓަރ ސްކޫލް 12 އަހަރުން ދަށުގެ އަންހެން ސިންގަލްސް މުބާރާތުން ރިހިމެޑަލް އަދި 2020 ގެ ގައުމީ މުބާރާތުން 12 އަހަރުން ދަށުގެ 3 ވަނަ އަންހެން ކުޅުން ތެރިޔާކަންވެސް ހާސިލް ކޮށްފައިވެއެވެ. މިންހާ މިހާރު ޕްރެކްޓިސް ކުރަމުން ދަނީ ގައުމީ ޓީޓީ ޓީމާއި އެކުގައެވެ.

ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމަކީ އުގެއިލް ފައުންޑޭޝަންގެ ރައީސް ޕްރޮފެސަރ ޑރ. ހަސަން އުގެއިލްގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވެނީ އެ ފައުންޑޭޝަނުން ކުރިއަށްގެންދާ އެހެން ޕްރޮގްރާމް ތަކުން ފާހަގަކޮށްލެވޭ ނުވަތަ ދެވޭ އިންޓަވިއު އަކުން ފާސްވާ ކުދިންނަށެވެ. ބައިވެރިވާ ކުދިންނަށް އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކާމިޔާބު ލީޑަރަކަށްވުމަށް ބޭނުންވާ އިލްމާއި ހުނަރު އުގަންނައިދެވޭނެއެވެ. ކުއްޖާގެ ވަށައިގެންވާ މާހައުލަށް އަންނަ ބަދަލާއިމެދު ވިސްނާ ފިކުރުކޮށް މުއާމަލާތްކުރާނެގޮތް ދަސްކޮށްދެވޭނެއެވެ. މިއީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާނެ ދަރިވަރުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

 

+1
0
+1
12
+1
2
+1
9
+1
0
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް