ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓްއަޕް ގްރާންޓުގެ ދަށުން، ނިޔާފް މުޙައްމަދު އިސްނަގައިގެން ފެށި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެ، އެ ވިޔަފާރީގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭން ފަށައިފިއެވެ. ނިޔާފް މި ވިޔަފާރީގެ ބިންގާ އެޅީ ޒަމާނީ ޕްރޮސެސިންގ އަދި ޕެކޭޖިންގ ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގައި މަތީ ފެންވަރުގެ ކަނޑުމަހުގެ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ އަމާޒުގައެވެ. އެގޮތުން، 2024 ވަނަ އަހަރު ހުޅުވާލި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ކާމިޔާބުކޮށް ފެށި މި ވިޔަފާރީގެ މައިގަނޑު މަގުސަދަކީ، ޕްރޮޓީން ގިނަ، ރައްކާތެރި އަދި އީޖާދީ މަހުގެ އުފެއްދުންތަކެއް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. ގދ. ހޯނޑެއްދޫގައި ޤާއިމުކޮށްފައިވާ މި ފެކްޓަރީން އުފައްދާ ޓޫނާ ޖާރކީ، ރިސޯޓް ހިމެނޭހެން ރާއްޖޭގެ 17 އަށްވުރެ ގިނަ ރަށެއްގެ 80 އަށް ވުރެ ގިނަ ފިހާރައިން ލިބެން ހުރެއެވެ. މީގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ 30 އަށް ވުރެ ގިނަ ފިހާރަ ހިމެނެއެވެ. ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަކީ އައު ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ކޮންމެ އަހަރަކުވެސް ހޮވާލެވޭ އެންމެ އުއްމީދީ ދެ ވިޔަފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހޮވޭ ކޮންމެ ވިޔަފާރިއަކަށް 500،000 (ފަސް ލައްކަ) ރުފިޔާގެ ހިލޭ އެހީ ބޭންކުން ދޫކުރެއެވެ. މިއީ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، އީޖާދީ ވިސްނުންތަކާއެކު ނުކުންނަ ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނުހަނު މުހިންމު އިސްނެގުމެކެވެ.
















