"ޑޮލްފިންސް ނޯޒް" މި ތަނަކީ ވެސް އޫޓީގައިވާ ވަރަށް ތަފާތު ޤުދްރަތީ ރީތި ތަނެކެވެ. މިއީ ހިލައިން ކަނޑައި ނަގައިގެން ހަދާއިފައިވާ ކޯމަސް ނޭފަތެކެވެ. މިތަނަކީ ވެސް ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު ތަނެކެވެ.

މިއީ ފޮޓޯނަގަން ވެސް ވަރަށް ރީތި ތަނަކަށް ވާތީ މި ތަނުގައި އަޖްނާމެން ވެސް ވަރަށް ގިނަ ފޮޓޯތައް ނެގިއެވެ. އަދި މި ތަނަކީ ހިންދީ އަދި ތަމަޅަ ފިލްމުތަކުގެ މަންޒަރު ވަރަށް ގިނައިން ނަގާ ތަނެކެވެ. މިތަން ހުޅުވައިފައި ހުންނަނީ، ހެނދުނު 9.00 ން އިރުއޮއްސި 6.00 އަށެވެ.

މީގެ އިތުރުން އޫޓީގައި ހުންނަ "ކެތަރިން ފޯލް" އަކީ ވެސް މަޝްހޫރު ތަނެކެވެ. އަދި ވަރަށް ރީތި ޤުދުރަތީ މަންޒަރެކެވެ. އޫޓީއަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ވެސް ކެތަރިން ފޯލް ބަލައިލުމަކީ މުހިންމު ކަމެކެވެ. އަޖްނާމެން ވެސް އެ ތަން ބަލައިލަން ދިޔައެވެ.
ކެތަރިން ފޯލުގެ 250 ފޫޓު މަތިން، ތިރިޔަށް ފައިބާ ފެން ކޯރުތަކެއް ފަދައިން ތިރިއަށް ފެންތައް ފައިބަފައިބާ ހުރެއެވެ. އެ ތަނުގައި އުޅޭއިރު ހީވަނީ ވިލާތަކުގެ ތެރޭގައި އުޅެވޭހެންނެވެ. އޫޓީއަކީ ވަރަށް ފިނި ރަށަކަށް ވާއިރު، އަދި ކެތަރިން ފޯލްގެ ފިނިކަން މާ ބޮޑަށް އިޙްސާސް ކުރެވެއެވެ.
އެޑިޓަރުގެ ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާ އަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 49 ފޮތެއް މިހާތަނަށް ނެރެ އާންމު ކުރައްވާފައިވެއެވެ.









