ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކަސްޓަމަރުން މުދަލާއި ޚިދުމަތް ހޯދާކަމަށް ވަނީ ހާމަކޮށްފައެވެ.
މިގޮތުން ކުރާ މުއާމަލާތްތަކުގެ އަދަދު މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ. އެވްރެޖްކޮށް ދުވާލަކު 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ކުރެވޭ.
ރާއްޖެއިން ބޭރުން ތަކެތި ގަތުމަށާއި ޚިދުމަތްތަކަށް ފައިސާދެއްކުމަށްޓަކައި ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރެވޭ މުއާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މީގެތެރެއިން ވެސް އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި މިންވަރު މިހާރުވަނީ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރުވެފައެވެ.
ބޭރު ފައިސާއަށް އޮތް މި ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބޭންކުން ފޯރުކޮށްދޭ އެހެނިހެންޒަރޫރީ ހިދުމަތްތަކުގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ހެދުމަށް ވަނީދަތިތަކެއް ކުރިމަތިވެފަ. މީގެ ސަބަބުން މި ޚިދުމަތްތައް ލިބުމުގައި ލަސްތަކެއްދިމާވެ، ކަސްޓަމަރުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފަ.
ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ރާއްޖެއަށްބޭނުންވާ ޒަރޫރީ މުދަލާއި ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށްޓަކައި، ބޭރުގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކުގައި ރުފިޔާ ކާޑުން ދުވާލަކަށްބޭނުންކުރެވޭނެ ލިމިޓްތަކެއް ބީއެމްއެލް އިން ވަނީ ކަނޑައަޅާފައެވެ.
ދެމެހެއްޓެނިވިގޮތެއްގައި އަދި ދޭތެރެ ދޭތެރެއިން މުރާޖައާ ކުރެވޭ ގޮތަށް ކަނޑައެޅިފައިވާ މިލިމިޓްތަކަށް އަމަލުކުރަން ފަށާނީ 13 ސެޕްޓެންބަރު 2026 އިން ފެށިގެން.
އީ-ކޮމާސް މުއާމަލާތްތަކަށް ކަނޑައެޅިފައިވާ ޖުމްލަ އަދަދު
ބީއެމްއެލްގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސްމުއާމަލާތްތައް ކުރުމަށްޓަކައި، ކޮންމެ މަހަކު 16 މިލިއަން ޑޮލަރާ ހަމައަށް ބޭންކުންމިވަނީ އަދަދެއް ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައަޅާފައިވާ މަހުގެ ޖުމްލަ އަދަދުގެތެރެއިން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ދެވޭ ޚިދުމަތްތަކުގެ މުހިންމުކަމަށްރިއާޔަތްކޮށް، ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް ދުވާލަކު ބޭނުންކުރެވޭނެ ވަކިލިމިޓްތަކެއް ބޭންކުން ވަނީ ކަނޑައަޅާފައެވެ. އެ ލިމިޓްތަކުގެ ތަފްސީލް ތިރީގައިއެވަނީއެވެ.
ވަކި ދާއިރާއަކަށް ނުވަތަ ވިޔަފާރިއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ކަސްޓަމަރުންނަށް ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވިދާނެއެވެ. ނުވަތަ ޑޮލަރު ކާޑެއް އޮތްނަމަ އެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ފުރިހަމަކުރެވޭނެއެވެ.
ދުވާލަކު ބޭނުންކުރެވޭނެ ލިމިޓް ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގައި ރީސެޓްވާނެއެވެ.
1. އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް
ބީ.އެމް.އެލްގެ ކާޑުތައް ބޭނުންކޮށްގެން އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް ޕްލެޓްފޯމްގެ ލިސްޓެއް ބޭންކުން އާންމުކުރާނެއެވެ. މި ލިސްޓުގައި ތައުލީމީ، ސިއްހީ، ދަތުރުފަތުރާއި ހޮޓެލް ބުކިން، އަދި އެހެނިހެން ޒަރޫރީ ޚިދުމަތްތައް ނުހިމެނޭނެއެވެ. މި ކެޓެގަރީގައި ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބައިނަލްއަގުވާމީ ބޮޑެތި ރީޓެއިލް އަދި ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ހިމެނެއެވެ. މިފަދަ ވިޔަފާރިތަކަށް މަހަކު ޖުމްލަ 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
2. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް
ކަސްޓަމަރުން މިހާރު ބޭނުންކުރާ މިންވަރަށް ބަލައި، މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަކި މިންވަރެއް ވަނީ ކަނޑައަޅާފައެވެ. މި ކެޓެގަރީއަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
3. ދަތުރުފަތުރާއި ހޮޓެލް ބުކިން
އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ ގުޅުންހުރި މުއާމަލާތްތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ. އެހެން މީހުންނަށް ދަތުރުފަތުރުގެ ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން، ބޭރު ފައިސާ ބޭރަށްދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން މި ކެޓެގަރީގެ ވިޔަފާރިތަކަށް ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ. މި ފިޔަވަޅަކީ ކަސްޓަމަރުންގެ އަމިއްލަ ދަތުރުފަތުރުގެ ބޭނުންތަކަށް ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ.
4. ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި އެހެނިހެން މުހިންމު ޚިދުމަތްތައް
ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން މުހިންމު ދާއިރާތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ. ބޭންކުން މި ދާއިރާގެ މުއާމަލާތްތައް ބަލަމުންދާނެއެވެ. އަދި ބޭނުންވާ ހާލަތްތަކުގައި ބަދަލުތައް ގެންނާނެއެވެ.
5. އެހެނިހެން ހުރިހާ ވިޔަފާރިތަކެއް
މަތީގައި ބަޔާންކުރެވިފައި ނުވާ ބޭރުގެ އެހެނިހެން އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
މިގޮތަށް ލިމިޓް ކަނޑައެޅުމުގެ ބޭނުމަކީ ޒަރޫރީ ނޫން ކަންކަމަށް ކުރާ ބޭރު ފައިސާގެ ހަރަދުތައް ކޮންޓްރޯލްކޮށް، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށް ދިނުމަށް އިސްކަން ދިނުމެވެ. ބީއެމްއެލް އިން މުއާމަލާތްތައް ކުރާ މިންވަރާއި، ކަސްޓަމަރުން މުއާމަލާތްކުރާ ގޮތްތަކާއި، އަދި ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ދާއިރާތަކަށް ކަނޑައެޅިފައިވާ އަދަދުތަކަށް އެވަގުތަށް އެންމެ އެކަށީގެންވާ ބަދަލުތައް ގެންނާނެއެވެ.
6. ސިއްހަތާއި ތައުލީމު
ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުޢާމަލާތްތަކަށް އެއްވެސް މާރޗަންޓް ލެވެލްއެއްނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައެޅިފައެއްނުވެއެވެ. މިފަދަ މުއާމަލާތްތައްހަމަޖެހިގެންދާނީ ބީއެމްއެލް އިން މަހަކަށް ކަނޑައަޅާފައިވާ 16 މިލިއަން ޑޮލަރުގެ ޖުމްލައަދަދުގެ ތެރެއިންނެވެ. އަދި މި ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެކަންކަށަވަރުކުރުމަށްޓަކައި، މަތީގައި ބަޔާންކޮށްފައިވާ ކެޓެގަރީތަކާ ވަކިން ހާއްސަބަފަރއެއް (އިތުރު މިންވަރެއް) ބޭންކުން ދަމަހައްޓާނެއެވެ. މި ކެޓަގަރީގެ ދަށުންކުރެވޭ މުއާމަލާތްތައް ބޭންކުން ގާތުން މޮނިޓަރ ކުރަމުންދާނެއެވެ. އަދި ހާލަތަށްރިޢާޔަތްކޮށް، ކަނޑައެޅިފައިވާ އަދަދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.









