ވޭތުވެދިޔަ ދެދުވަހު ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައުރުވި އެއް ޕޯސްޓަކަށް ވާނީ ދައުލަތަށް ތުއްތުކުއްޖަކު ނެގި ގޮތާއި މެދު ހިތްހަމަނުޖެހިގެން އާންމު ކޮށްފައިވާ ޕޯސްޓެކެވެ. މި ޕޯސްޓްގައި ބުނެފައިވަނީ ވިހޭތާ 3 ވަނަ ދުވަހު މަންމަގެ ނުގަބޫލުގައި ކުއްޖަކު ދައުލަތަށް ނެގި ވާހަކައެވެ. މިއީ މި އޯގަސްޓްމަހުގެ 5 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދައިގެން އުފަންވި ކުއްޖެއްގެ ވާހަކައެވެ.
މަންމަގެ މެސެޖު
ސަބަބެއްކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވަނީ މަންމައަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހަކަށްވުން ކަމަށާއި، މީގެ ކުރިން އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅެފައިވާތީ ކަމަށް މަންމަ ވަނީ ހާމަކޮށްފައެވެ.
" އަހަރެން ބަނޑުބޮޑުއިރު އުޅުނު ހާލު ބަލަން ޖެންޑަރއިން ނާދޭ. އަހަންނަކީ އެހާ ނުރައްކާ މީހެއްނަމަ މާބަނޑު ދުވަސްވަރު ހާލު ބަލާލަން ނައީ ކީއްވެ. އަހަރެން ވިހާނެ ދުވަހެއްގެ އިންތިޒާރުގައި ފާރަޔަށް ތިބީ އެދަރިފުޅު އަތުލުމުގެ ބޭނުމުގައި. އަހަރެންގެ އަތް އެހެން އިނދެގެންވެސް އަހަރެން މިއުޅެނީ އެކަނި. އަޅާލާނެ މީހަކު ނެތަސް އަހަރެންގެ އަމިއްލަ ލެއިން އުފެދުނު ދަރިފުޅު އަހަރެންގެ ނުގަބޫލުގައި މަޖުބޫރުން އަތުލައި އެހެން އާއިލާއަކާއި ހަވާލުކުރީ އިންސާފުން ހެއްޔެވެ؟ އެއީ އަހަރެންގެ ދަރިފުޅު. މިއިން އެއްވެސް ކަމެއް އަހަރެން ކައިރީ ނުބުނޭ". ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓުގައި ދަރިފުޅުގެ މަންމައާއި ހަވާލާދީ ލިޔެފައިވެއެވެ.
މި މަންމަ އިތުރަށް ކިޔައިދީފައިވާ ގޮތުގައި ދަރިފުޅަށް ގާތުން ދެވުނީވެސް އެންމެ ފަހަރަކުއެވެ. އެންއައިސީޔޫއަށް ވެއްދިފަހުން 1 ދުވަސް ވަންދެން ދަރިފުޅު މަންމައަށް ނުދައްކާކަމަށް ވަނީ ބުނެފައެވެ. ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ އޮގަސްޓް 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ވަނީ ދަރިފުޅާއި ދުރު ނުކުރުމަށާއި ދަރިފުޅާއިއެކު ގެންދިޔުމަށް އާދޭސް ކޮށްފައެވެ.
" އެކުއްޖާ އަށް ކިރުފޮދެއް ދިނުމުގެ ހައްގު މައަކަށް ލިބެންޖެހޭނެ ނޫން ހެއްޔެވެ؟ އެކުއްޖާގެ ކުށަކީ ކޮބާ؟ އާދޭސް ކޮށްފަ ބުނަން އަހަރެންވެސް ދަރިފުޅާއިއެކު ގެންދޭ. އަހަރެން މިހެންއޮވެ މޮޔަވެދާނެ". ދަރިފުޅު އުފަންކުރުމަށް ހެދި ސިޒޭރިއަންގެ ވޭނުގައި އޮތް މަންމަ ހިތްދަތިކަމާއެކު ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ނޫސްބަޔާން
މި މައްސަލަ ސޯޝަލް މީޑިއާގައި ބޮޑު ބަހުސަކަށްވެފައި ވަނިކޮށް 'ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ' މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަމަލުކުރާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ފަދައިން ކަމަށެވެ.
" ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް. ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ ކުރިން ކުއްޖާގެ މައިންބަފައިންގެ ގާތުގައި ކުއްޖާ ބަހައްޓައިގެން ކުއްޖާގެ ހައްޤުތައް ހިމާޔަތްކުރުމަށް ދައުލަތުން އަބަދުވެސް މަސައްކަތްކުރާނެ. މައިންބަފައިން ކައިރީގައި ކުދިން ނުބެހެއްޓޭ ހާލަތުގައި ކުއްޖާގެ އާއިލާގެތެރެއިން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފަރާތެއް ހުރިކަމުގައިވާނަމަ ކުއްޖާ އެފަރާތެއްގެ ގާތުގައި ބެހެއްޓުމަކީ ދައުލަތުން ކުއްޖާގެ މަސްލަހަތަށް އިސްކުރާނޭ ކަމެއް. ކުއްޖާގެ އާއިލާގެ އެއްވެސް ފަރާތަކުން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތުގައި މެނުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނެވޭނެ". މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ގިނަބައެއްގެ ނުރުހުން
މި މައްސަލައިގައި ދައުރުވަމުންދާ އެކި ޕޯސްޓުތައް ގިނަ އަދަދެއްގެ މީހުން ހިއްސާކޮށް ކޮމެންޓްކޮށްފައިވާއިރު އެންމެ ގިނަ މީހުން ގޮވާލާފައިވަނީ މަންމަގެ ނުރުހުމުގައި ދަރިފުޅު މަންމައާއި ދުރަށް ނުގެންދިއުމަށެވެ.
" މިއީ ބޮޑު އަނިޔާއެއް. މިއީ ސީރިއަސް މައްސަލައެއް. އެމަންމަގެ ކުށަކީ ފަގީރުވުން؟ އަޅާލާނެ މީހެއް ނެތުން؟ ނުކުޅެދުންތެރިކަން ހުރުން". މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.
މިމައްސަލައިގައި މިނިސްޓްރީ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އެންމެ ގިނަ މީހުން އެދިފައިވަނީ މަންމަ އަށް ނުބެލޭ ހާލަތެއް މެދުވެރިވެފައިވާނަމަ އެކަން ޔަގީން ކުރުމަށެވެ. އަދި ދަރިފުޅު ގެންދާއިރު މަންމަވެސް ގެންދިއުމަށް ވަނީ އެދިފައެވެ.
އެޗްއާރުސީއެމް ކޮބާ؟
މިފަދަ މައްސަލަތަކުގައި އެޗްއާރުސީއެމްގެ ދައުރު ފުޅާވާން އެބަޖެހެއެވެ. މައްސަލަ ބެލުމަށްފަހު ކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ހާމަވާންޖެހެއެވެ. އެހެންނޫނީ ރައްޔިތުންގެ ހިތްހަމަނުޖެހުން ދާނީ ބޮޑުވަމުންނެވެ. މިމައްސަލައިގައި ދަރިފުޅާއި މަންމަގެ ހައްގު ކުޑައެއް ނޫނެވެ. ފާޑުކިޔުން އަމާޒުވުމުން ކޮމިޝަނުން މައްސަލަ ބަލަނީ ކަމަށް ބުނުމަކުން ނުފުދެއެވެ.
ޤާނޫނީ ވަކީލު އާޒިމާ ދެކެވަޑައިގަންނަވާ ގޮތް
މިމައްސަލައަށް ބަލާއިރު މައްސަލައަކީ ގާތުން ދޭންޖެހޭ ކުއްޖަކު އޭނާގެ މަންމަ އިއުތިރާޒު ކުރާ ހާލަތުގައި ދައުލަތަށް ނެގުންކަމުގައި ޤާނޫނީ ވަކީލު އާޒިމާ ޝަކޫރު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދަރިފުޅު ގަބޫލުގައި ދިނުމެއް ނޫން ކަމަށާއި، ނޫނީ ދޫކޮށްލުން ނޫންކަމަށެވެ.
" މިފަދަ ހާލަތްތަކުގައިވެސް ދޫކޮށް ނުލެވޭނެ އިޖުރާއަތްތަކެއް ހުންނާނެ. ތުއްތު ދަރިފުޅުގެ މަންމަ ޤާނޫނީ ޝަކުވާއެއް ކުރާއިރު، އަދި އޭނާއަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއް ނަމަވެސް އެދަރިފުޅުގެ މައްޗަށް އެންމެ އިސް ޤާނޫނީ ހައްގު އޮތް ފަރާތަކަށްވާހިނދު އޭނާގެ ޝިކާޔަތު އަޑުއަހައި މައްސަލައިގައި ކަން ހިނގާފައިވަނީ ރަނގަޅަށްތޯ ނޫނީ ނޫންތޯ ބެލުމަށް ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާތަކުން އިސްވެ މިމައްސަލަ ބެލުމަކީ ތުއްތުދަރިފުޅާއި އެ ދަރިފުޅުގެ މަންމަގެ ވެސް ހައްޤުކަމުގައި އަޅުގަނޑު ދެކެން. މިހާލަތުގައި އެއީ ހިޔުމަން ރައިޓްސް ކޮމިޝަނާއި ޗިލްޑްރަން އޮމްބަޑްޕަރސަން ކަމުގައި އަޅުގަނޑު ދެކެން". އާޒިމާ ވިދާޅުވެފައިވެއެވެ.
މަދުބަޔަކު ދެކޭގޮތް
މިމައްސަލައިގައި ސަރުކާރުގެ ނިންމުމާއި އެއްކޮޅަށް ވަކާލާތު ކޮށްފައިވަނީ ވަރަށް މަދު އަދަދެއްގެ މީހުންނެވެ. އެމީހުން ފާހަގަކޮށްފައިވާ ގޮތުގައި މަންމައަކާއި ޅަދަރިއަކު ދުރުކުރުމަކީ ހިތްދަތިކަމަކަށްވިއަސް ނަފްސާނީ ބަލިމަޑުކަމެއްގެ ސަބަބުން ދަރިފުޅަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ފާޑުކިޔުން އަމާޒުވާނީ ސަރުކާރަށެވެ. އިހުމާލުވެވެނީ ކުށެއް ނެތް ކުއްޖަކަށެވެ.
" އެއިރުން ބުނާނެ ކީއްވެހޭ ކުރިން ދަރިފުޅު ނުނެގީ. ކީއްވެހޭ ޒިންމާ އަދާނުކުރީ. ރަނގަޅު އެއްގޮތްވެސް ނޯންނާނެ". މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.
ނިންމުން
މިއީ ރަނގަޅަށް ބަލަންޖެހޭ މައްސަލައެކެވެ. ލޯބިވާ ދަރިފުޅު ދުނިޔެއަށް އުފަންވިތާ ދެތިން ދުވަސްތެރޭ އެދަރިފުޅާއި މަންމަ ވަކިވާން ޖެހުން އެއީ މަންމައަކަށް ބަރުދާސްތުކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި އެއީ އެމަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހިތްދަތިކަމަކީ އަރައިގަނެވޭނެ ކަމެއް ނޫނެވެ. ގުޅުންހުރި މުއައްސަސާތަކުން މަންމަގެ ހާލަތު ރަނގަޅަށް ބަލަންޖެހެއެވެ. އެމަންމައަކީ ދަރިފުޅު ބެލޭނެ ހާލަތުގައި ހުރި މީހެއް ކަމުގައިވާނަމަ އަނބުރާ ދަރިފުޅު ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.









