Advertisement
header ad
XeeTimesXeeTimes
ޑރ. ޝާފިޔާގެ ގަލަމުން: ފުރާވަރުގެ ކުދިންނާއި ސައިބަރ ބުލީކުރުން: ގޮންޖެހުންތަކާއި ޙައްލު އިލްމާއި ހިލްމު

ޑރ. ޝާފިޔާގެ ގަލަމުން: ފުރާވަރުގެ ކުދިންނާއި ސައިބަރ ބުލީކުރުން: ގޮންޖެހުންތަކާއި ޙައްލު

ކޮލަމް ތަޢާރަފް

"ޑރ. ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިޞްލާޙުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާމެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

21 ވަނަ ގަރުނުގައި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއެކު، އިންޓަރނެޓާއި ސޯޝަލް މީޑިއާއަކީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވަނީ ވެފައިކަން މިކޮލަމުގައި ލިޔެވުނު ވަރަށް ގިނަ ލިޔުންތަކުގައި އިޝާރާތްކޮށްލެވިފައިވާނެއެވެ. ސައިބަރބުލީކުރުމަކީ އަމިއްލައަށް ދިފާޢުވުމުގެ ކުޅެދުންތެރިކަން ނެތް މީހުންނަށް ދެރަ ދިނުމޭ ވެސް ބުނެވިދާނެއެވެ. އެހެން ގޮތަކަށް ސިފަ ކުރާނަމަ އެއީ އެފަދަ ކުދިންނަށް އުނދަގޫކޮށް އަދި އަނިޔާކުރުމުގެ ގޮތުން ކޮމްޕިއުޓަރާއި މޯބައިލް ފޯނު ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ގަސްދުގައި ތަކުރާރުކޮށް ހިންގާ ނޭދެވޭ ޢަމަލެކެވެ (ސްމިތް އަދި އޭނާގެ ބައިވެރިން، 2008). އިންޓަރނެޓުގެ ޚިދުމަތް އާންމުވެ، އާ މީޑިއާތައް ތަޢާރަފްވުމާއެކު، ފަހުގެ އަހަރުތަކުގައި ސައިބަރބުލީގެ މައްސަލަ ވަނީ ނުހަނު ބޮޑަށް އިތުރުވެފައެވެ. ޔުނިސެފް (2019) ހިންގި އޮންލައިން ސަރވޭއަކުން ދައްކާ ގޮތުގައި، ޗައިނާގެ 10 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން 24% ކުދިން ވަނީ ސައިބަރބުލީގެ ނުތަނަވަސްކަން އަދި ނުރައްކައުތެރިކަން ތަޖުރިބާ ކޮށްފައެވެ. އެހެން ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދިންނާއި ކުޑަކުދިންގެ ތެރެއިން ސައިބަރބުލީގެ އަނިޔާ ލިބޭ މިންވަރު އުޅެނީ 14% އާއި 57.5% އާ ދެމެދުގައެވެ (ކޮވަލްސްކީ އަދި އޭނާގެ ބައިވެރިން، 2014).

Article - in content
Advertisement

ސައިބަރބުލީކުރުމުގެ ތެރޭގައި ތަފާތު ކަންކަން ހިމެނެއެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަހުގެ ހަމަލާތަކުން ސައިބަރބުލީކުރުމާއި، ވަނަން ބޭނުންކޮށްގެން ސައިބަރބުލީކުރުމާއި، އަދި ދޮގު މައުލޫމާތު ފެތުރުމުގެ ސައިބަރބުލީއެވެ (ލިމްބަރ އަދި އޭނާގެ ބައިވެރިން، 2018).  މި ބަޔާން ކުރެވުނު ކޮންމެ ކަމަކުން ވެސް ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އިޖުތިމާއީ އުޅުމަށް ކުރާ ނުފޫޒާއި އަސަރުތައް ތަފާތެވެ (ވަންޑެބޮޝް، އަދި ވާން ކްލީމްޕުޓް، 2009). ބަހުގެ ހަމަލާތަކުން ސައިބަރބުލީކުރުމުގައި ސީދާ ބަހުގެ ބޭނުންކުރެވޭ ނޭދެވޭ ހަމަލާތައް ހިމެނެއެވެ. މީގެ ސަބަބުން އަނިޔާލިބޭ ކުއްޖާއަށް ނަފްސާނީގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހެއެވެ (ރީބެލް އަދި އޭނާގެ ބައިވެރިން، 2012). ބަހުގެ ބޭނުންކޮށްގެން ވަނަން ކިޔައިގެން ބުލީކުރުމުގައި، އަމިއްލަ އައިޑެންޓިޓީ ސިއްރުކުރެވޭތީ އަމިއްލަ ނަފްސު ކޮންޓްރޯލްކުރުން ކުޑަވެއެވެ. ހަމަ މިއާއެކު ބުލީކުރުމުގެ ކަންކަން އިތުރަށް ގޯސްވެގެންދެއެވެ (ޖެންޓައިލް އަދި ބާރލެޓް، 2012) ދޮގު މައުލޫމާތު ފެތުރުމުގެ ސައިބަރބުލީގައި ދޮގު ވާހަކަތައް އުފައްދައިގެން އެހެން ކުދިންގެ އަބުރާއި އަބުރުވެރިކަން ހަލާކުކޮށްލައެވެ (ސޮރެންސަން، 2021).

ސައިބަރބުލީގެ ސަބަބުން ފުރާވަރުގެ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. ދިރާސާތަކުން އެނގޭ ގޮތުގައި ސައިބަރބުލީގެ ސަބަބުން އަނިޔާލިބޭ ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެއެވެ. ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތައް ދިމާވެއެވެ. ބައެއް ފަހަރު މިފަދަ ކަންކަމަށް އެންމެ ނުރައްކާތެރި ފިޔަވަޅުތައް އަޅާ ހިސާބަށްވެސް ކަންކަން ގޮސްފައި އެބަހުއްޓެވެ (ޗެން އަދި ޗެން، 2020). މީގެ އިތުރުން، ސައިބަރބުލީގެ ސަބަބުން އަނިޔާލިބޭ ކުއްޖާގެ ޢާއިލީ ގުޅުންތަކާއި އެހެން މީހުންނާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރުމާއި، މުޖުތަމަޢަށް މީހުންގެ ތެރޭގައި އުޅުމުގެ ގާބިލުކަމަށް ނޭދެވޭ އަސަރުކުރެއެވެ (ސްމިތް އަދި އޭނާގެ ބައިވެރިން، 2008).

ނަމަވެސް، ކުރީގެ ދިރާސާތަކުގައި ސައިބަރބުލީގެ ސަބަބުން ލިބޭ ގެއްލުންތައް ބަޔާންކޮށްފައިވާ އިރު ޢާއިލީ ފެންވަރުގައި ހުންނަ ސަބަބުތަކުން ސައިބަރބުލީއަށް ކުރާ އަސަރުތަކާ ބެހޭގޮތުން ހެދިފައިވާ ދިރާސާތައް އެކަށީގެންވާ ވަރަށްވުރެ މަދެވެ. ޚާއްޞަކޮށް، ފުރާވަރު ކުދިން ސައިބަރބުލީކުރުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބު ކަމަށްވާ "ހަރުކަށި/އަނިޔާވެރި ތަރުބިއްޔަތު" (Harsh parenting) އާ ބެހޭ ދިރާސާތައް ވަރަށް މަދެވެ.

މިއަދު ކޮލަމަށް އިޚްތިޔާރު ކޮށްލެވިފައިވާ ފަހުގެ ދިރާސާއަކީ ވޫ އަދި އޭނާގެ ބައިވެރިން 2026 ގައި ހަދާފައިވާ ދިރާސާއެކެވެ. ދިރާސާ އަމާޒު ހިފާފައިވަނީ އަނިޔާވެރި ގޮތްތަކާއި ހަރުކަށި ތަރުބިއްޔަތުގެ (Harsh parenting) ސަބަބުން ކުދިން ސައިބަރބުލީކުރުމަށް ހުށަހެޅޭ މިންވަރާއި ހުރި ގުޅުންތަކަކީ ކޮބާތޯ ދެނެގަތުމަށެވެ. ޚާއްޞަކޮށް އާންމު އާބާދީގެ ތެރޭގައި މި ދެކަމުގެ މެދުގައިވާ އެކުވި ގުޅުންތައް ދެނެގަތުމުގައި އަދިވެސް ހޯދުންތައް މަދުކަން ވެސް މިދިރާސާއިން ފާހަގަކޮށްފައިވެއެވެ.  މި ދިރާސާއަކީ ފުރާވަރު ކުދިންގެ ތަރުބިއްޔަތާއި ސައިބަރބުލީގެ ގުޅުން "ނެޓްވޯކް އެނަލިސިސް" (Network Analysis) ގެ ވައްތަރު ބޭނުންކޮށްގެން ހެދިފައިވާ ކްރޮސް-ސެކްޝަނަލް ދިރާސާއެކެވެ. ދިރާސާގައި ތަހުލީލުކުރެވުނީ ސާނަވީ ސްކޫލްތަކުގެ 1,409 ދަރިވަރުން ވަނީ އަމިއްލައަށް މަޢުލޫމާތު ފުރާ 'ކުއެސްޗަނޭއަރ' އެއް ބޭނުންކޮށްގެން އެއްކުރެވުނު މަޢުލޫމާތެވެ. ދިރާސާގެ ސައްޙަކަން އިތުރުކުރުމަށްޓަކައި، ކުއެސްޗަނޭއަރގެ ސަބްސްކޭލްތައް ނެޓްވޯކްގެ އެކި އެކި މަފުހޫމުތަކުގެ މެދުގައިވާ ގުޅުންތައް ދެނެގަނެވުނެވެ. އަދި ސައިބަރބުލީ ކުރާ މިންވަރު މަތީ ކުދިންނާއި ދަށް ކުދިންގެ ތަފާތު ބެލުމަށް "ނެޓްވޯކް ކޮމްޕެރިޒަން ޓެސްޓް" ހެދުނެވެ.

ދިރާސާގެ ހޯދުންތަކުގެ ތެރޭގައި:

1.  އަނިޔާވެރި/ހަރުކަށި ތަރުބިއްޔަތާއި ފުރާވަރު ކުދިން ސައިބަރބުލީކުރުމާ ދެމެދު ސީދާ އެދެވޭ/ޕޮޒިޓިވް ގުޅުމެއް (Positive correlation) އޮތްކަން ފާހަގަކުރެވުނެވެ.

2.  ބަހުގެ ހަމަލާއާއި އަސްލު ނަން ނޫން ވަނަންތައް ބޭނުންކޮށްގެން ބަހުގެ ހަމަލާތަކުން ކުރެވޭ ސައިބަރބުލީ އަކީ އެންމެ ބޮޑަށް އަސަރު ކުރާ ގޮތެވެ. މީގެ އިތުރުން އޮންލައިންކޮށް ވަކި ކާކުކަން ނޭނގޭ ގޮތަށް އުޅޭ އުޅުން (Anonymous identity) ފާހަގަކުރެވުނީ ސައިބަރބުލިންގެ އެކި އަމަލުތައް ގުޅުވައިދޭ އެންމެ ފާހަގަކުރެވޭ ކަންތައް ގޮތުގައެވެ.

3.  ސައިބަރބުލީކުރާ މިންވަރު އާންމުކޮށް މަތީ ގްރޫޕުތަކުގައި ނެޓްވޯކް ގުޅުންތަކުގެ ތެރެއިން ވަރުގަދަކަން ފާހަގަކުރެވުނެވެ.

މި ދިރާސާގެ ހޯދުންތަކުން އެނގެނީ، ފުރާވަރު ކުދިން ސައިބަރބުލީކުރުމަށް މަގުފަހިވާ މައިގަނޑު ނުރައްކަލެއްގެ ގޮތުގައި އަނިޔާވެރި/ހަރުކަށި ތަރުބިއްޔަތު ލިބެނީ ކޮންބަޔަކަށްތޯ ބަލައި، އެކަމަށް ޙައްލު ހޯދުމުގެ މުހިންމުކަމެވެ. އަދި މިފަދަ ނޭދެވޭ ކަންކަން މަދުކުރުމަށްޓަކައި ޚާއްޞަ އިޞްލާޙީ ޕްރޮގްރާމްތައް ބެލެނިވެރިންނަށް ހިންގަންޖެހޭކަން މި ދިރާސާއިން އެނގިގެންދެއެވެ. މިއަދު ވެސް މައިގަނޑު ގޮތެއްގައި މިހުށަހަޅާލެވުނު ދިރާސާތަކުގެ އަލީގައި ހިއްސާކޮށްލުން މުހިންމު ވިސްނުންތަކާއި ޚިޔާލުތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

ކުއްޖާ އަމިއްލައަށް ބުލީކުރާ މީހަކަށް ވިޔަނުދިނުމަށް އަޅާނެ ފިޔަވަޅުތައް

ކުއްޖާ އަމިއްލައަށް ސައިބަރބުލީކުރާ މީހަކަށް ވިޔަނުދިނުމަށްޓަކައި ބެލެނިވެރިއެއްގެ ގޮތުން އަންނަނިވި ކަންކަން ކުރެވިދާނެއެވެ:

  • "ޑިޖިޓަލް ހަމްދަރުދީ" (Digital Empathy) އަށަގަންނުވުން: ސްކްރީނުގެ އަނެއްފަރާތުގައި އިންނަނީވެސް އިޙްސާސްތަކެއް ހުންނާނެ އިންސާނެއްކަން ކުއްޖާއަށް އަބަދުވެސް ހަނދާންކޮށްދޭށެވެ. "މީހަކު ތިޔަފަދަ އެއްޗެއް ނުވަތަ ކޮމެންޓެއް ކުއްޖާއަށް ކޮށްފިނަމަ ކުރެވޭނީ ކޮން އިޙްސާސެއް؟" ސުވާލުކޮށް، އަނެކާގެ މަގާމުގައި ހުރެ ވިސްނާލަން ދަސްކޮށްދޭށެވެ. އަދި އެކުވެރިންގެ މެދުގައި ސަމާސާކުރުމާއި އަނެކާ ލަދުގަންނުވާލުމުގެ ތަފާތު ސާފުކޮށް ކިޔާދީ، އަނެކާ ދެރަވާފަދަގޮތަކަށް މަލާމަތްކޮށް ކުރާ ސަމާސާއަކީ ސަމާސާއެއް ނޫންކަން ބުނެދޭށެވެ.

  • އޮންލައިން އަޚްލާޤީ މިންގަނޑުތައް (Digital Citizenship) ދަސްކޮށްދިނުން: ބޭރުތެރޭގައާއި ގޭތެރޭގައި މީހުންނަށް އިޙްތިރާމްކުރަންޖެހޭ ފަދައިން، އިންޓަރނެޓުގެ މަންސަތަކުގައި ވެސް އިޙްތިރާމާއެކު ބަސްމަގު ބަހައްޓަން އުނގަންނައިދޭށެވެ. މީގެ އިތުރުން "3 ސިކުންތުގެ އުޞޫލު" (The 3-Second Rule) ބޭނުންކޮށް، ކޮންމެ މެސެޖެއް ނުވަތަ ކޮމެންޓެއް ޕޯސްޓްކުރުމުގެ ކުރިން؛ މިއީ ތެދު މައުލޫމާތެއްތޯ، އަނެކާއަށް ފައިދާހުރި ބަހެއް ތޯ، އަދި ބެލެނިވެރިޔާއަށް ނުވަތަ ޓީޗަރަށް ފެނުނަސް އުނދަގޫނުވާނެ އެއްޗެއްތޯ ވިސްނާލަން ދަސްކޮށްދޭށެވެ.

  • ކުއްޖާގެ އޮންލައިން ޙަރަކާތްތައް ބެލެހެއްޓުން: ކުއްޖާ ބޭނުންކުރާ އެޕްލިކޭޝަންތަކާއި ކުޅޭ ގޭމްތައް ދެނެގަނެ، ކުދިންނާއި ގާތް ގުޅުމެއް ގާއިމުކުރާށެވެ. ފުރާވަރުގެ ކުރީކޮޅު (13-15 އަހަރާ ދެމެދު) ކުއްޖާގެ އޮންލައިން އެކައުންޓްތަކަށް ބެލެނިވެރިޔާގެ ހައިސިއްޔަތުން މޮނިޓަރކޮށް ނޭދެވޭ ބަސްމަގެއް ފެންނަނަމަ ވަގުތުން ނަސޭހަތްދޭށެވެ.

  • "ބައިސްޓޭންޑަރ" (Bystander) އެއްގެ ދައުރު ސާފުކޮށްދިނުން: ގްރޫޕް ޗެޓްތަކުގައި އެހެން ކުއްޖަކަށް ގަނާކުރާއިރު، އެކަމަށް "ލައިކް" ދިނުމާއި "ޝެއަރ" ކުރުމަކީވެސް އެ އަނިޔާގައި ބައިވެރިވުންކަން ބުނެދޭށެވެ. އެފަދަ ކަމެއް ފެނިއްޖެނަމަ ބައިވެރިނުވެ، އަނިޔާލިބޭ ކުއްޖާއަށް ހިތްވަރުދީ، ބޮޑު މީހަކަށް ރިޕޯޓުކުރަން ބާރުއަޅާށެވެ.

  • އަމިއްލަ ނަމޫނާ ދެއްކުން: ބެލެނިވެރިން ސޯޝަލް މީޑިއާގައި އެހެން މީހުންނަށް ފާޑުކިޔައި، ހުތުރު ބަހުން ވާހަކަދައްކާނަމަ ކުދިންވެސް ދަސްކުރާނީ އެގޮތެވެ. އެހެންކަމުން ބެލެނިވެރިޔާ ރަނގަޅު ނަމޫނާ ދައްކަންޖެހެއެވެ.

  • ރުޅިއާއި އިޙްސާސްތައް ކޮންޓްރޯލްކުރަން ދަސްކޮށްދިނުން: ގިނަ ފަހަރަށް ކުދިން ބުލީކުރަނީ އަމިއްލަ ހިތުގައި ހުންނަ ރުޅިއެއް ނުވަތަ އެކަނިވެރިކަމެއްގެ ސަބަބުންނެވެ. ކުއްޖާއަށް ދިމާވާ ދަތިތަކާ މެދު ގޭތެރޭގައި ވާހަކަދައްކައި، ރުޅިގަދަވާ ވަގުތުތަކުގައި ފޯނާ ދުރުވެ ހަމަޖެހޭނެ ގޮތްތައް ދަސްކޮށްދޭށެވެ.

އަމިއްލަ ދަރިފުޅު ބުލީކުރާކަން އެނގިއްޖެނަމަ ވަގުތުން އަޅަންވީ ފިޔަވަޅުތައް

އަމިއްލަ ދަރިފުޅު އެހެން ކުއްޖަކަށް ސައިބަރބުލީކުރާކަން އެނގުމަކީ ބެލެނިވެރިންނަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ދިމާވާކަމެކެވެ. ނަމަވެސް، މިފަދަ ހާލަތެއްގައި ޢަމަލުކުރާނެ ގޮތްތައް ބެލެނިވެރިން ދެނެގަނެ އެކަން ރަނގަޅަށް މެނޭޖުކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ރަނގަޅުގޮތަކީ އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ރުޅިއައިސްގެން ވަގުތުން އަދަބުދިނުމުގެ ބަދަލުގައި، ޙިކުމަތްތެރިކަމާއެކު ފިޔަވަޅުތަކެއް އެޅުމެވެ.

  1. ހަމަޖެހިގެން އިނދެ ކުއްޖާއާ ވާހަކަދެއްކުން: އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު، ސާފު، އެކަމަކު ސީދާ ހަރުދަނާ ބަސްމަގު ބޭނުންކޮށްގެން ބެލެނިވެރިޔާއަށް އެނގުނު މައުލޫމާތު ހިއްސާކޮށް މައްސަލައިގެ ސީރިއަސްކަން ބުނެދޭށެވެ.

  2. އަމަލު ހުއްޓުވައި ސަބަބު އޮޅުންފިލުވުން: ގަނާކުރުމުގެ ގޮތުން ކޮށްފައިވާ ޕޯސްޓްތަކާއި ކޮމެންޓްތައް ވަގުތުން ޑިލީޓްކުރުވައި، ކުއްޖާ އެކަން ކުރި މައިގަނޑު ސަބަބު (މަޖަލަކަށް، އެކުވެރިންގެ ނުފޫޒުން، ނުވަތަ ރުޅިއެއްގެ ސަބަބުން) ދެނެގަންނާށެވެ.

  3. އަނެކާގެ އިޙްސާސްތައް ދަސްކޮށްދިނުން: "އެހެން މީހަކު ކުއްޖާއަށް މިފަދަ އެއްޗެއް ކިޔައިފިނަމަ ކުރެވޭނީ ކޮން އިޙްސާސެއް؟" ސުވާލުކޮށް، އޮންލައިންކޮށް ބުނާ އެންމެ ބަހަކުންވެސް އަނެކާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެކަން ސާފުކޮށްދޭށެވެ.

  4. ޒިންމާ ނެގުމާއި މާފަށްއެދުން: ކުއްޖާ ކުރި ކުށް އަމިއްލައަށް ޤަބޫލުކުރުވައި، އަނިޔާލިބުނު ކުއްޖާގެ ކިބައިން (މެސެޖަކުން ނުވަތަ ސްކޫލް ކައުންސިލަރު މެދުވެރިކޮށް) ސާފުކޮށް މާފަށްއެދެން އަންގާށެވެ.

  5. އެކަށީގެންވާ ނަތީޖާއެއް ކަނޑައެޅުން: ވަގުތީ ގޮތުން ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކުރުން ފަދަ ކަމެއް ކުރުމާއެކު، ސައިބަރބުލީގެ ނުރައްކަލާ ބެހޭގޮތުން އިތުރަށް ކިޔާ ދިރާސާ ކުރުން  ފަދަ އިޞްލާޙީ ފިޔަވަޅަކާ ގުޅޭ ކަމެއް ދަރިފުޅާ ހަވާލުކުރާށެވެ.

  6. ސްކޫލަށް އެއްބާރުލުން ދިނުމާއި ސުޕަވައިޒްކުރުން: މައްސަލައާ ގުޅިގެން ސްކޫލުން ގުޅައިފިނަމަ ދިފާޢީކޮށް ވާހަކަ ނުދައްކާ ސްކޫލަށް އެއްބާރުލުން ދޭށެވެ. އަދި އަލުން ފޯނު ދޭއިރު "Parental Controls" މެދުވެރިކޮށް މޮނިޓަރކޮށް، ބޭނުންވެއްޖެނަމަ ކައުންސިލަރެއްގެ އެހީތެރިކަން ހޯދާށެވެ.

ސައިބަރބުލީކުރުމަކީ މިއަދުގެ ޑިޖިޓަލް ޒަމާނުގައި ކުދިންނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް މައްސަލައެވެ. މިކަމުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި، ތަޢުލީމަށާއި، އަދި އިޖުތިމާއީ ގުޅުންތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބިގެންދެއެވެ. ބެލެނިވެރިންނާއެކު ތަންފީޒު ކުރާނެ ހަރުދަނާ ސިޔާސަތުތަކެއް ސްކޫލުގައި ވެސް އެކުލަވާލުން މުހިންމެވެ. މިފަދަ ކަމުން ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެފަދަ މާހައުލެއް ސްކޫލުގެ ތެރޭގައި ޤާއިމުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، މި މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނީ ގޭތެރެއިންނާއި ސްކޫލުން ގުޅިގެން މަސައްކަތްކޮށްގެންނެވެ.

ބެލެނިވެރިންނަށް ދޭން އޮތް އެންމެ މުހިންމު މެސެޖަކީ: ތިޔަބޭފުޅުންގެ ކުދިންގެ އޮންލައިން ދިރިއުޅުމަކީ، އެކުދިންގެ ޙަޤީޤީ ދިރިއުޅުމުގެ ބައެއްކަން ޤަބޫލުކުރައްވާށެވެ. ކުދިންނަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދައިދިނުމަށްފަހު، އެކުދިން އިންޓަރނެޓުގައި ކުރާ ކަންކަމަށް ފާރަވެރިނުވެ ދޫކޮށްލުމަކީ ނުރައްކާތެރި ކަމެކެވެ. ކުދިންނާއެކު ގާތް ގުޅުމެއް ބާއްވައި، އޮންލައިންކޮށް ދިމާވާ ކަންކަމާ ގުޅޭގޮތުން ހުޅުވިފައިވާ ގޮތެއްގައި ވާހަކަދައްކަވާށެވެ. ކުއްޖަކު ގަނާކުރުމުގެ ޝިކާރައަކަށް ވިޔަސް، ނުވަތަ އަމިއްލައަށް އެހެން ކުއްޖަކަށް ގަނާކުރާކަން އެނގުނަސް، ރުޅިއިސްކުރުމުގެ ބަދަލުގައި ޙިކުމަތްތެރިކަމާއެކު މައްސަލަ ޙައްލުކުރަން މަސައްކަތްކުރައްވާށެވެ. ހަރުކަށި ތަރުބިއްޔަތުގެ ބަދަލުގައި، ލޯތްބާއި އޯގާތެރިކަމާއެކު ދެވޭ ތަރުބިއްޔަތަކީ ކުއްޖާ ސައިބަރބުލީކުރުމުން ދުރުކޮށްދޭނެ އެންމެ ވަރުގަދަ އައްޑަނައެވެ. ޑިޖިޓަލް ދުނިޔޭގައި ރަނގަޅު އަޚްލާޤެއް ބައްޓަންކުރުމަށް، އެންމެ ފުރަތަމަ ނަމޫނާއަކަށް ވާންވީ ބެލެނިވެރިންނެވެ.

ހަވާލާދޭ ލިޔުންތައް

ބާރލެޓް، ސީ. ޕީ.، އަދި ޖެންޓައިލް، ޑީ. އޭ. (2012). އެޓިޓިއުޑިނަލް ޗޭންޖް، ސައިބަރބުލީއިންގ، އަދި އަނޮނިމިޓީ އިން ދަ އޮންލައިން އެންވަޔަރަންމަންޓް. ކޮމްޕިއުޓަރސް އިން ހިއުމަން ބިހޭވިއަރ, 28(5), 1732–1738.

ޗެން، އެލް.، އަދި ޗެން، ޖޭ. (2020). ސައިބަރބުލީއިންގ ވިކްޓިމައިޒޭޝަން އަދި މެންޓަލް ހެލްތު އަމޮންގ އަޑޮލެސެންޓްސް: އަ މޮޑެރޭޓެޑް މީޑިއޭޝަން މޮޑެލް. ޖަރނަލް އޮފް ޔޫތު އަދި އަޑޮލެސެންސް, 49(8), 1645–1658.

ހިންދޫޖާ، އެސް.، އަދި ޕަޗިން، ޖޭ. ޑަބްލިޔު. (2014). ބުލީއިންގ ބިޔޯންޑް ދަ ސްކޫލްޔާޑް: ޕްރިވެންޓިންގ އެންޑް ރެސްޕޮންޑިންގ ޓު ސައިބަރބުލީއިންގ (2 ވަނަ އެޑިޝަން). ކޯވިން ޕްރެސް.

ކޯވާލްސްކީ، އާރ. އެމް.، ގިއުމެޓީ، ޖީ. ޑަބްލިޔު.، ޝްރޯޑަރ، އެޭ. އެން.، އަދި ލެޓެނަރ، އެމް. އާރ. (2014). ބުލީއިންގ އިން ދަ ޑިޖިޓަލް އޭޖް: އަ ކްރިޓިކަލް ރިވިއު އެންޑް މެޓާ-އެނަލިސިސް އޮފް ސައިބަރބުލީއިންގ ރިސާރޗް އަމޮންގ ޔޫތު. ޕްސައިކޮލޮޖިކަލް ބުލެޓިން, 140(4), 1073–1137.

ލިމްބަރ، އެސް. ޕީ.، ކޯވާލްސްކީ، އާރ. އެމް.، އަދި އަގަޓްސްޓަން، އޭ. (2018). ސައިބަރބުލީއިންގ އަމޮންގ އަޑޮލެސެންޓްސް: މެޝަރސް، ޕްރިވެލެންސް، އެންޑް ޕްރެޑިކްޓަރ ވެރިއަބަލްސް. ޖަރނަލް އޮފް އަޑޮލެސެންޓް ހެލްތު, 63(6), 674–682.

ރީބެލް، އޯ.، ޔޭގަރ، އާރ. އެސް.، އަދި ފިޝަރ، ޔޫ. ސީ. (2012). ސައިބަރބުލީއިންގ އިން ޖަރމަން ސްކޫލްސް: ސައިބަރބުލީއިންގ ފޯމްސް، ރިސްކް ފެކްޓަރސް، އެންޑް އިންޓަރވެންޝަން ސްޓްރެޓެޖީސް. ޖަރނަލް އޮފް މީޑިއާ ޕްސައިކޮލޮޖީ, 24(1), 17–28.

ސްމިތު، ޕީ. ކޭ.، މަހްދަވީ، ޖޭ.، ކަރަވަލްސީ، އެމް.، ފިޝަރ، އެސް.، ރަސެލް، އެސް.، އަދި ތިޕަން، އެން. (2008). ސައިބަރބުލީއިންގ: އިޓްސް ނޭޗަރ އެންޑް އިމްޕެކްޓް އިން ސެކަންޑަރީ ސްކޫލް ޕިއުޕިލްސް. ޖަރނަލް އޮފް ޗައިލްޑް ޕްސައިކޮލޮޖީ އެންޑް ޕްސައިކިއޭޓްރީ, 49(4), 376–385.

ސޮރެންސަން، އެލް. (2021). ޑިސްއިންފޮމޭޝަން އެންޑް ފޭކް ނިއުސް އެޒް ޓޫލްސް އޮފް ސައިބަރބުލީއިންގ އަމޮންގ ޔޫތު. މީޑިއާ އެންޑް ކޮމިއުނިކޭޝަން, 9(2), 112–121.

ޔުނިސެފް. (2019). އެވްރީޑޭ ލެސަންސް: އެންޑް ވަޔޮލެންސް އިން ސްކޫލްސް. ޔުނިސެފް އޮފީސް އޮފް ރިސާރޗް - އިނޮސެންޓީ.

ވަންޑެބޮޝް، އެޗް.، އަދި ވާން ކްލީމްޕުޓް، ކޭ. (2009). ސައިބަރބުލީއިންގ އަމޮންގ ޔަންގްސްޓަރސް: ޕްރޯފައިލްސް އޮފް ބުލީސް އެންޑް ވިކްޓިމްސް. އެގްރެސިވް ބިހޭވިއަރ, 34(4), 377–388.

ވޫ، ޖޭ.، ޝާއޯ، ވައި.، ހޫ، ޖޭ.، އަދި އެހެންބޭފުޅުން. (2026). ދި ރިލޭޝަންޝިޕް ބިޓްވީން ހާޝް ޕޭރެންޓިންގ އެންޑް އެޑޯލެސެންޓް ސައިބަރބުލީންގ: އަ ނެޓްވޯކް އެނަލިސިސް. ބީ.އެމް.ސީ ސައިކޮލޮޖީ، 14(572). https://doi.org/10.1186/s40359-026-04329-4

އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަ ދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —