1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާ ޙައްޖާޖީންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސައިފައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (ޢެމްއޭސީއެލް) އިން މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެނޑް އެންޑައުމަންޓްސް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި އިދާރާތައް ގުޅިގެންނެވެ.

މި އަހަރު ރާއްޖެއިން ފުރާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓް އަދި ސައުދިއާގެ ދެ ފްލައިޓްއިންނެވެ. މި ފްލައިޓްތަކުން ފުރާ ޙައްޖާޖީންނަށް މައްކާރޫޓް އިނިޝިއޭޓިވްގެ ދަށުން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފައެވެ. މި ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 15، 17، 18 އަދި 19 ވަނަދުވަހު އެވެ.
މީގެ ތެރެއިން 15 މޭ 2026 ވާ ހުކުރު ދުވަހު ފުރުމަށް ހަޖެހިފައިވާ، ސައުދީއާގެ ފުރަތަމަ ފްލައިޓުން 242 ޙައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިދުވަހު ޙައްޖުވެރިން ގޮވައިގެން އެއަރޕޯޓަށް އަންނަ ބަސްތައް މަޑުކުރާނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށެވެ. އަދި ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު އެހެން އަހަރުތަކެކޭ އެއްފަދައިން ވޯޓަރ ފްރަންޓު އިމާރާތުގެ ތިރީގައި ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން ، 17، 18 އަދި 19 ވަނަ ދުވަހު ފުރާ ޙައްޖާޖީންގެ ގޮވައިގެން އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ޑްރޮޕް އޮފް އަށެވެ. އަދި މިދުވަސްތަކުގައި ޙައްޖާޖީން މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ.

ޙައްޖާޖީން ފުރުމަށް ހަޖަހިފައިވާ ވަގުތުތަކުގައި، ފުރުމުގެ އެންމެހާ ކަންކަން ފަސޭހަކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއަރޕޯޓުގެ އޮފިޝަލުން މި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެކަމަށް އެމްއޭސީއެލްއިން ވަނީ މައުލޫމާތުދީފައެވެ.













