މިއީ ރާއްޖޭގެ ބޭރުކަނޑުތަކުގައި ގިނައިން އުޅޭ ފުޅަނގީގެ ބާވަތެކެވެ. މި މަސް އާންމުކޮށް އުޅެނީ ހޫނުކަނޑުތަކުގައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައްޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގައި 13 ވަރަކަށް މަޑުކަށި ހުރެއެވެ. މި ދެ ކޮތަރިބައި ވެސް ހުންނަނީ މަހުގެ ދެ ފަރާތުން އެއްދިމާއެއްގައެވެ. މަހުގެ ކަންފަތްގަނޑު ހުންނަނީ ދިގުކޮށެވެ. ކަނޑުމަތީގެ އުދުހުމަށް މި ކަންފަތްގަނޑު ބޭނުން ކުރެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ރިހި ހުދުކުލައިގައެވެ.
މި މަހަކީ އާންމު ގޮތެއްގައި ކުދި ފަނިފަކުސަ ނުވަތަ ކުދި ދިރުންތައް ކައިއުޅޭ މަހެކެވެ. މި މަހުގެ ލޯ ބޮޑުވެފައި، ލޮލުގެ ފެނުން އާދަޔާޚިލާފަށް ތޫނުވުމުގެ ސަބަބުން ފަސޭހައިން ޝިކާރަކޮށްލުމުގެ ގާބިލުކަން މި މަހަށް ލިބިގެންވެއެވެ. މި ބާވަތުގެ މަހަކީ ކަނޑުމަހުގެ ބާވަތްތަކާއި، ކަނޑުގެ އެހެނިހެން ޝިކާރަވެރި މަސްތަކުގެ ކާނާއެކެވެ. މިފަދަ މަސްތަކުގެ ކިބައިން ސަލާމަތްވުމަށްޓަކައި، ކަނޑުގެ ސަތަހައިން މައްޗަށް ވަރަށް ދުރަށް އުދުހިލުމުގެ ގާބިލުކަން މި މަހަށް ލިބިގެންވެއެވެ.

ގިނަ ބާވަތްތަކުގެ ފުޅަނގި އާންމުކޮށް ދިރިއުޅެނީ އަތޮޅުން ބޭރު، މާކަނޑުގެ ފުން ސަރަހައްދުތަކުގައެވެ. ނަމަވެސް، ހޫނު ސަރަހައްދުތަކުގައި އުޅޭ ފުޅަނގި، މަދު ފަހަރަކު އައްސޭރިފަށާ ކައިރި ސަރަހައްދުތަކުން ވެސް ފެނެއެވެ. މި ބާވަތުގެ ފުޅަނގި ބިސް އަޅަނީ ކަނޑުގެ މަތީ ފަށަލައަށް އެއްފަހަރާ ގިނަ އަދަދެއްގެ ބިސް ދޫކޮށްލައިގެންނެވެ. މި ގޮތަށް ބިސް އެޅުމުގެ ސަބަބުން ބިސްތައް ފީވުމުގެ ފުރުސަތު އިތުރުވެ، އެހެން މަސްމަހާމެހި ބިސްތައް ކެއުމުގެ ނުރައްކާ ކުޑަވެގެންދެއެވެ.
އާންމުކޮށް ހުޅަނގު މޫސުމުގައި މިބާވަތުގެ މަސް ޏ.ފުވައްމުލަކު ކައިރީގައި އާދަޔާޚިލާފަށް ގިނައިން އުޅޭކަމަށްވެއެވެ. އަދި މި މަސް އުދުހިގެން އައިސް ފުވައްމުލަކުގެ އަތިރިމައްޗަށް އަރާކަމަށްވެއެވެ. މި މަސް ހޮވަން އެރަށުގެ އެކި އުމުރުފުރައިގެ ދެ ޖިންސުގެ މީހުން ވަރަށް ޝައުގުވެރިކަމާއެކު ހަރަކާތްތެރިވެއެވެ. ފުވައްމުލަކު ބަހުން މި މަހަށް "ހުޅައްމަހަ" ކިޔާ އުޅޭއިރު ހުޅަނގު މޫސުމުގައި ހުުޅައްމަހު ލުން ކިޔާއުޅެއެވެ. މިއީ މިރަށުގެ ކުދިބޮޑު އެންމެންގެ އެކުވެރިކަން ފެނިގެންދާ ޒަމާންވީ ކަމެކެވެ.
މި ބާވަތުގެ ފުޅަނގިއަކީ ބޮޑު ކަނޑުތަކުގައި ވަރަށް އާންމުކޮށް އުޅޭ ބާވަތުގެ މަހެކެވެެ. ސައިންސްވެރިން މި ބާވަތް ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ މިންގަނޑުން އަދި ރަސްމީކޮށް ދަރަޖަކޮށްފައި ނުވި ނަމަވެސް، މިއީ ނެތިދިއުމުގެ ބިރު އެންމެ ކުޑަ ބާވަތްތަކުގެ ތެރޭގައި ހިމެނޭނެ މަހެއްކަމަށްވެއެވެ. މި މަސް އެންމެ ބޮޑުވަނީ 18 ސެންޓިމީޓަރަށެވެ.
މަސްދަރު: އޯޝަނިއާ އަދި ރަދީފު













