ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ 60 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް އިއްޔެ ފެށީ ހެނދުނު 6:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. ޓާރމިނަލް 1 ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފްއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހާ ގުޅޭ ހާއްސަ ކޭކެއް ވަނީ ފަޅައިފައެވެ. މި ރަސްމިއްޔާތަށްފަހު ކުންފުނީގެ މެނޭޖުމަންޓުގެ ބޭފުޅުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކަށް ޒިޔާރަތް ކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވައި މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ހިތްވަރު ދެއްވައިފައެވެ. ވީއައިއޭގެ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން އިއްޔެ ހަވީރު ވަނީ ހާއްސަ ރަސްމިއްޔާތަކާއެކު ހަވީރުގެ ސައެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި އަހަރީ ދުވަހާ ގުޅުވައިގެން ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބޭއްވި ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނައަށް ދިޔަ ޑިޕާޓްމަންޓަށް ވަނީ އިނާމު ދީފައެވެ. މި އިނާމުތައް ހަވާލުކޮށްދެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދުއެވެ.
no images were found












