އައްޑޫސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ޤާއިމުކޮށް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ހާމަކޮށްފައެވެ.

" އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި މަތީ ފަންތީގެ ބައިނަލްއަޤުވާމީ ޑިއުޓީ ފްރީއެއް ޤާއިމްކުރުމުގެ މަޤްޞަދަކީ ލަގްޒަރީ ރީޓެއިލްގެ ޚިދުމަތް ރާއްޖޭގެ ދެކުނަށް ތަޢާރަފްކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމާއެކު، ދިވެހިރާއްޖޭގެ ދެކުނުގެ ވިޔާރީގެ ފުރުސަތުތައް ފަހިކޮށް، ފަތުރުވެރިކަމާއި އިޤްތިޞާދީ ދުވެލި ހަލުވިކުރުން. މިއީ ދިވެހިރާއްޖޭގެ އިޤުތިސާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެއް". އެމްއޭސީއެލް
އައްޑޫސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމްކުރުމަށް ތައްޔާރުވަމުން އަންނަ ޑިއުޓީ ފްރީ އޮޕަރޭޝަންގެ ސަބަބުން ރާއްޖޭގެ ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ރޫޓުތައް ދެކުނުގެ ވިއުގައަށް ތަޢާރަފްކުރުމުގެ ފުރުސަތުތައް ފަހިވެގެން ދިއުމާއެކު، ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ މައުލޫމާތުދީފައެވެ. މި ޑިއުޓީ ފްރީއަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރެވިގެންދާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުންނެވެ.
މިއީ އައްޑޫސިޓީގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ގޮތުން ގެންގުޅެމުން އަންނަ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން އެޅިގެންދާ އިޤްތިޞާދީ މުހިންމު ފިޔަވަޅެއްކަމަށާއި އަދި މިކަމަކީ ދިވެހިރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ދުނިޔެ ގަބޫލުކުރާ ފެންވަރަށް އުފުލާލުމަށާއި ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދީ، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ރާއްޖޭގެ ދެކުނަކީ މުހިންމު މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު މުހިންމު ބަހާއެއްކަމަށް ވެސް ވަނީ ބުނެފައެވެ.













