އެއްވެސް މެދުކެނޑުމެއް ނެތި ކަސްޓަމަރުންނާއި މާކެޓުގެ ބޭނުންތައް ފުއްދައިދިނުމުގެ ގާބިލުކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ. ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީއަކީ ތަފާތު ފަންޑިންގ ވަސީލަތްތަކާއި، ހަރުދަނާ ޓްރެޜަރީ އޮޕަރޭޝަންތަކާއިއެކު، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންދާކަމެއްކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
" ޚާއްސަކޮށް، އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އަލަށް 365 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނު ދޫކޮށްފައިވޭ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ މި ބޭންކުގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވޭ". ބީއެމްއެލް
ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތުކަމަށާއި މި ޕޮޒިޝަނުން ދައްކުވައިދެނީ ބޭންކުގައި ބޭރުފައިސާ ވިއްކުމުގެ ގާބިލުކަން ލިބިފައިވާ މިންވަރެވެ. އަދި މިއީ ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަން ފައިދާ ނުވަތަ ގެއްލުން ވެދާނެ މިންވަރު ދައްކައިދޭނެ މިންގަނޑެކެވެ.
" މިއީ ބޭންކުން ޔޫއެސްޑޮލަރ ދޫކުރުމަށް ހުރި ގާބިލުކަން އަންގައިދޭ މިންގަނޑެއް ނޫން. މިއާ ޚިލާފަށް، ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި އަދި ބޭރަށް ފައިސާ ފޮނުވުމާއި، އަދި ބޭންކުން ލޯނުދޫކުރުން ފަދަ ކަންތައްތައް ކުރުމުއްދަތެއްގައި ކުރުމަށް ބޭންކަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ލިބިފައިވާ ގާބިލުކަން. މި ދެ މިންގަނޑަކީވެސް ބޭންކުގެ މާލީ ދުޅަހެޔޮކަމާއި، ރިސްކް ޕްރޮފައިލް ވަޒަންކުރުމުގައި ބޭނުންކުރާ މުހިންމު މިންގަނޑުތަކެއް ކަމުގައި ވީނަމަވެސް، މިއިން ކޮންމެ މިންގަނޑަކުންވެސް ހާސިލުކޮށްދެނީ ތަފާތު މަގުސަދުތަކެއް".
2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ ދަށްމިންވަރަކަށް ކަމަށާއި އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން %20 އަށް (ޝޯޓް ޕޮޒިޝަނަކަށް) ވެއްޓުނުކަމަށް ބީއެމްއެލްއިން ވަނީ މައުލޫމާތުދީފައެވެ.
" މިއިން އަންގައިދެނީ 2024 ސެޕްޓެންބަރުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކިފައިވާކަން. އެ ވަގުތު ބޭންކަށް އޮތް ނުރައްކަލަކީ، ދިވެހި ރުފިޔާގެ އަގު ދަށްވެއްޖެނަމަ، މި ދެންނެވި އަދަދުގެ ނިސްބަތުން ބޭންކަށް ފޮރިން އެކްސްޗޭންޖް ގެއްލުންތަކެއް ލިބުން. މިއީ ބޭންކުގެ ލިކުއިޑިޓީއާ ނުވަތަ ކަސްޓަމަރުން ބޭނުންވާ ވަރަށް ފައިސާ ނެގުމާއި ބޭންކުން ފޮނުވަން ޖެހޭ ފައިސާ ފޮނުވުމުގެ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ނެތުމެއްނޫން. އެންއޯޕީ ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން އިސްނަގައިގެން އެކި އިދާރާތަކާ ގުޅިގެން ފިޔަވަޅުތަކެއް ވާނީ އަޅާފައި. މިގޮތުން، ބޭންކުން ކުރެވުނު ވިޔަފާރީގެ މުޢާމަލާތްތަކާއި އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ ފުރިހަމަ އެހީތެރިކަމާއެކު، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެންއޯޕީ ވަނީ ލޯންގ ޕޮޒިޝަން (އިތުރަށް ޑޮލަރު ގަނެފައިވާ ޕޮޒިޝަން) އަކަށް ގެނެވިފައި. މި އަހަރު ތެރޭގަވެސް ބޭންކުން އެންއޯޕީވަނީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަޑަށްވުރެ މާރަގަޅު މިންވަރެއްގައި ހިފެހެއްޓިފައި".
އަދި އެންއޯޕީ ޝޯޓް ޕޮޒިޝަން ރަނގަޅު ކުރުމުގެ އިތުރުން، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ކޯޕަރޭޓް ކުންފުނިތަކުގެ ބޭނުންތަކަށް، ޓީޓީ ހެދުމާއި ކާޑުތަކުގެ ބޭނުންތައް ހިމެނޭހެން، ޖުމްލަ 600 މިލިއަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރު މިދިޔައަހަރު ވިއްކައިގެން ބޭންކުގެ ވިޔަފާރި މުއާމަލާތްތައް ހިންގާފައިވާކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.













