March 18, 2026 01:29
Advertisement

-Advertisement-

ވާހަކަ: އިހާ (އަށްވަނަބައި)

ރާނިޔާގެ ނަން ގޮވާލުމާއެކު އޭނާ ހަތަރެސްފައި ފިނިވިއެވެ. މިއީ ދުވަހަކުވެސް އޭނާއަށް ވީގޮތެއް ނޫނެނެވެ. ކޮންމެ ފަހަރަކު އޭނާ ސްޓޭޖަށް އަރަނީ އިތުބާރާ ޖެހިލުން ކުޑަކަމާއެކުއެވެ. ރާނިޔާ އަންނަ މަންޒަރު ބަލަން އަޔާން ކަޅިޖަހާނުލާ ހުއްޓެވެ. ރާނިޔާއަކީ ޔަޤީނުންވެސް އެ ޙަފްލާގެ އެންމެ ރީތި ކުއްޖާކަން އެންމެންވެސް ގަބޫލު ކުރާނެއެވެ.

"މަރްޙަބާ.. މިރޭ ..ރާނީ ވަރަށް ވަރަށް ރީތި." އަޔާން ސެޓްފިކެޓް ހަވާލުކުރަމުން ބުންޏެވެ.

"ޝުކުރިއްޔާ." ފޮޓޯގަނޑަށް ހުއްޓެމުން ރާނިޔާ ބުންޏެވެ.

Advertisement

ކެއުމުގެ ވަގުތު ޖެހުމުން ރާނިޔާވެސް ތަށްޓަށް އެއްޗިހި އަޅައިގެން ހަސަން ޓީޗަރ އިން މޭޒުގައި އިށީނެވެ. އޮލަ ވާހަކައިގައި ތިއްބާ އަޔާން އައިސް ރާނިޔާ ގާތުގައި ހުރި ގޮނޑީގައި އިށީނެވެ. އޭނާ ގެނައީ ކޮށާފައި ހުރި މޭވާ ތަށްޓެކެވެ.  

"ސަރ. ހަމައެކަނި މޭވާ ކޮޅެއްތޯ؟" ހަސަން އެހިއެވެ.

"ލޫޅާފަތި ޓީޗަރުން ލިބޭނީ ހަށިގަނޑަށްވެސް ބަލައިގެން އުޅުނިއްޔާ. ދޯ ރާނީ." އަޔާން ބަލާލީ ރާނިޔާއަށެވެ. ރާނިޔާ ރަކިވިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ރާނީ.." ހަސަނަށް ބުނެވުނެވެ. އޭނާއަށް ހުރެވުނީ ހައިރާންވެގެން އަނގަޔަށާއި މޫނަށް ޖައްސާލެވުނު ވައްތަރު ރަނގަޅުކޮށްވެސް ނުލެވިއެވެ.  

"ރާނީއެއް ނޫންތަ ކިޔަނީ؟" އެންމެ ފަހުން އަޔާން އޮޅުވާލިއެވެ.

"އާނ.." ހަސަނު ހަގީގަތުގައިވެސް ހީކުރީ އަޔާނަށް ރާނިޔާގެ ނަން އޮޅުނީ ކަމަށެވެ.

"ވާހަކައެއް ބުނަން ބޭނުން. މިރޭ ތިގެއަށް ދާނަން. ރާނީ ގެންގޮސްދޭނީ އަހަރެން. މަޑުކުރާތި." އަޔާން ތެދުވަމުން ރާނިޔާގެ ކަންފަތްދޮށުގައި ބުންޏެވެ.

އަޔާން ދިޔައީ ޒަމީރު އައިސް ހުރުމުންނެވެ. ކުއްލިއަކަށް އަޔާން ހަފްލާ ދޫކޮށް ނިކުމެއްޖެއެވެ. އެމީހުން ވެހިކަލަށް އަރާ މިސްރާބުޖެހީ އޮފީހަށެވެ.

ރާނިޔާ ކެތްތެރިކަމެއްނެތި އަޔާނަށް އިންތިޒާރު ކުރަމުން ދިޔައެވެ. އޭނާގެ ހުރިހާ ރައްޓެހިންވެސް ހަފްލާ ދޫކޮށް ހިނގައްޖެއެވެ. ނަމަވެސް އޭނާ ހިތްބުނަނީ މަޑުކުރާށެވެ. އަޔާން އަންނާނެއެވެ. އެންމެ ފަހުން ބާރަވެސް ޖަހައިފިއެވެ. އަޔާނެއް ނައެވެ.

"އަހަންނަކީ ހަމަ ބޮޑު މޮޔައެއް. އަޔާން ބުނާ ކޮންމެ އެއްޗެއް އެބަ ގަބޫލުކުރެވޭ." ހިތާހިތުން ބުނެވުނެވެ. ރާނިޔާ ކަރުނަ ފޮހެލިއެވެ. ދެން މަޑުމަޑުން ދާން ނިކުތެވެ. އޭނާ ދާހިތެއް ނެތެވެ. ސައިކަލަށް އަރާފައިވެސް އިރުކޮޅަކު މަޑުކޮށްލިއެވެ. އޭނާއަށް ހަމަ އަޔާނަށް އިންތިޒާރު ކުރެވެނީއެވެ. ބާރަގަޑި ބައިވެއްޖެއެވެ. އަޔާނެއް ނައެވެ.

"ރާނިޔާ.. ކީއްވެ ތި އިންނަނީ؟. އެންމެން ހިނގައްޖެ. އަވަހަށް ގެއަށް ދޭ." ޕްރިންސިޕަލް ނިކުންނަމުން ބުނުއްވިއެވެ.

އަޔާން ހުރީ ޕްރިންސިޕަލް އަރިހުގައި ނޫންބާވައެވެ؟ ނޫނީ އޭނާ ނުބުނެ ދިޔައީ ބާވައެވެ؟ ދެން އެހެންވީއިރު އޭނާ ދޮގު ހެދީ ކީއްވެހެއްޔެވެ؟ ރާނިޔާ ތަޅުވަން އޭނާގެ އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އަޔާން ކިތަންމެ މޮޅަސް އަދި މުއްސަނދިނަމަވެސް ރާނިޔާމެން ކަހަލަ އާދައިގެ ކުދިންގެ ދިރިއުޅުމަކާ ކުޅޭކަށް ނުޖެހެއެވެ. މިކަހަލަ ޚިޔާލުތަކެއްގައި ހުއްޓާ ރާނިޔާއަށް ގެއަށް އާދެވިއްޖެއެވެ. އޭނާ ވީ ފޫއްސާއި ދެރައިން ހެދުންވެސް ބަދަލުނުކޮށް އެނދުގައި އޮށޯތެވެ. ނިދަން އުޅެ އުޅެ ނިދުނީ އެހާ ލަހުންނެވެ. އަޔާންގެ ފޯނަކަށް އޭނާ ކިތަންމެ ވަރަކަށްވެސް އިންތިޒާރު ކުރިއެވެ.

އަޔާނު ކޮންމެހެންވެސް ހަމަޖައްސަންޖެހޭ ކަންތައްތަކެއް ހަމަޖެއްސުމަށް އޮފީހަށް ދިޔައީއެވެ. މާލެކޮޅުން އޭނާއަށް އަންނަމުންދާ އަމުރުތަކަށް އޭނާ ވަރަށް ފަރުވާ ބަހައްޓައެވެ. އޭނާ އިރު އިރުކޮޅާ ގަޑިއަށް ބަލާލައެވެ. ދޭއް ޖެހީއެވެ. ގެއަށް ދިއުމާއެކު އޭނާ ރާނިޔާއަށް ގުޅިއެވެ. ރާނިޔާ ފޯނެއް ނުނަގައެވެ. އަޔާނަށް އަނެއްކާވެސް ގަޑިއަށް ބަލާލެވުނެވެ. މާދަންވެއްޖެކަން އޭނާއަށްވެސް އިހުސާސްވިއެވެ.

ސްކޫލު ބަންދު ދުވަހެއްކަމުން ރާނިޔާ މަންމަގެ ކަންކަން އަވަހަށް ނިންމާލިއެވެ. ދެން ކޮޓަރީގައި އޮތީއެވެ. އޭނާ ފޯނަކަށްވެސް ނުބަލައެވެ. އޭނާ މިއަދު ބޭނުމީ އޮވެލާށެވެ. މި ދިރިއުޅުމުގައި އޭނާ ވަރުބަލި ވެއްޖެއެވެ. އަޔާން ދިމާވިފަހުން އޭނާއަށް މިވާ އުނދަގޫތައް ބުނެދޭކަށްވެސް ނޭނގެއެވެ. އެންމެ ފަހުން އަސުރު ނަމާދު ކޮށްލައިގެން އޭނާ ގަސްތަކުތެރެއަށް ނިކުތެވެ. މީގެ ފަހުން ދުވަހަކުވެސް އޭނާ އަޔާނަކާއި ވާހަކައެއް ނުދައްކާނެއެވެ. އަޔާން އޭނާގެ ދިރިއުޅުމާ ކުޅޭކަށް ފުރުސަތެއް ނުދޭނެއެވެ. އަޔާނަކަށް އިންތިޒާރެއް ނުކުރާނެއެވެ.

މަސައްކަތް ނިންމާލުމަށްފަހު އަޔާން ކޮޓަރީގައި ޖައްސާލިއެވެ. ރާނިޔާ ދެކިލުމަކީ މިހާރު އޭނާ އެންމެ ބޭނުންވާ ގޮތެވެ. ކޮންމެ ފަހަރަކުވެސް ރާނިޔާއަށް ވަޢުދުވެފައި އޭނާ ބިޒީވަނީއެވެ. އޭނާ ބޭނުންވަނީ ރާނިޔާ އަބަދުވެސް އޭނާގެ ކުރިމަތީގައި ހުންނާށެވެ. އެ ލޯބި ލޯބި ހިނިތުންވުމުން އެ ލިބޭ އުފަލުން ހިތްފުރާލާށެވެ. އެންމެފަހުން އަޔާން ތެދުވެއްޖެއެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ރާނިޔާ ގާތަށް އެގެއަށް ދާން ކާރަށް އެރިއެވެ. 

މޫސުން ރީތި ދުވަހެއްގެ ހަވީރެވެ. އަޔާން މަޑުހިނގުމެއްގައި ގޮސް ރާނިޔާ މެންގެ ގޯތިތެރެއަށް ވަނެވެ. ހަވީރަށް ފޮޅިފައިވާ ގުލޭނޫރަންމާގެ ތާޒާވަސް މުޅިތަނަށް ފެތުރިފައިވެއެވެ. ގޯތިތެރޭގައިވަނީ ރީތި މާގަސްތަކާއި މީރުވަހުގެ އަސަރެވެ. ރާނިޔާ އުޅެނީ ގޯތީގައި ހުރި ގަސްތަކުގެ ތެރޭގައެވެ. އާދައިގެ ޓޮޕަކާއި ކުރު ހަރުވާޅެއް ލައިގެން ގަސްތަކެއް އިންދަމުން ދެއެވެ. ދެއަތުގައި ވަނީ ކިލައެވެ. މޫނަށް ވެއްޓޭ އިސްތަށިކޮޅު އަތުގެ ނުފުށުން ރަނގަޅުކޮށްލައެވެ. ރާނިޔާގެ މި މައުޞޫމު އާދައިގެ ދިރިއުޅުން އަޔާނަށް ވަރަށް ކަމުދިޔައެވެ.

"ރާނީ؟" އަޔާން ބޭނުންވީ ރާނިޔާ ސިއްސުވާލާށެވެ.

"އަޔާން.. އަންގާވެސް ނުލާ." ރާނިޔާ އެގޮތަށް ހުއްޓާ ކުއްލިއަކަށް އަޔާނަށް ފެނުމުން ލަދުގަތެވެ. ރާނިޔާގެ މި ލަދުގަތުމުގެ އަސަރުތަކުން އަޔާން ރާނިޔާއާ ސަމާސަ ކޮށްލާ ހިތްވިއެވެ. ނަމަވެސް އޭނާ ހިމޭންވިއެވެ. ހިންދިރުވާލިއެވެ. އަދި ޖަޒުބާތުތައް ކޮންޓުރޯލް ކުރިއެވެ.

"ވަރަށް ބޮޑަށް މާފުކުރޭ.. އަންނާނަމޭ ބުނެފައި ނާދެވުނީ އިމަޖެންސީ ކަމެއް ދިމާވުމުން. އަހަރެމެންގެ ވަރަށްބޮޑު ޒިންމާއެއް އެވަގުތަކަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމެއް ކުރުން." އަޔާން ރާނިޔާގެ މޫނުގައި ހުރި ކިލާތައް ފޮހެލައިދިނެވެ.

ރާނިޔާއަށް ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. އޭނާއަށް ތެޅިގަނެވުނެވެ. މިއީ އޭނާއަށް ދުވަހަކުވެސް ވީގޮތެއް ނޫނެވެ. އޭނާ ލަދުންގޮސް އަނެއް ފަރާތަށް އެނބުރުނެވެ. އޭނާ އަޔާންދެކެ ވަރަށް ލޯބިވެއެވެ. ކޮންމެ ސިކުންތެއް އަޔާނަށް އިންތިޒާރު ކުރެއެވެ. ނަމަވެސް އަޔާން އޭނާއާއި ސަމާސަ ކުރަނީއެވެ. އަޔާން އޭނާދެކެ ތެދުވެރި ލޯބި ވާނެހެއްޔެވެ؟ އެކަހަލަ ނިކަމެތި ކުއްޖަކު ބަލައިގަންނާނެ ހެއްޔެވެ؟ މިއީ ވަގުތީ ކަމެކެވެ. މާދަންވެސް އޭނާ ފުރައިގެން ދާއިރު ރާނިޔާ ބާކީވާނެއެވެ. އެކަނިވެ ނިކަމެތިވާނެއެވެ.

ނުނިމޭ.. 

+1
0
+1
2
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް