March 10, 2026 12:14
Advertisement

-Advertisement-

ވާހަކަ: އިހާ (ހަވަނަބައި)

އަޔާނަށް ގެއަށް ނުދެވެނީސް ކޯލެއް އައެވެ. އޭނާ ބާރުބާރަށް ދުއްވާފައި އަތިރިމައްޗަށް ދިޔައެވެ. އަދި ފުރަން ތައްޔާރަށް އޮތް ކޯސްޓްގާޑަށް އެރިއެވެ. ރީތިކޮށް އޮތް މޫސުން ގޯސްވަމުންދާކަމުގެ އަސަރުތައް ދަނީ ފެންނަމުންނެވެ. ބޯވިލާތަކުން ހަތަރު އުދަރެސް ދަނީ ބައްދަމުންނެވެ.

" އިސްދޫ އާއި ދިމާ ބޭރުގައި އެ ލޯންޗް އޮތީ." ޒަމީރު އޮޅުން ފިލުވައިދިނެވެ.

" ވަރަށް އަވަސް ކުރަންވާނެ. މޫސުންވެސް ފެންނަނީ ގޯސްކޮށް" އަޔާން ބުންޏެވެ.

Advertisement

ކޯސްޓްގާރޑް އެންމެ ފުލް ސްޕީޑްގައި ރާޅުތައް ކަފަމުން ދިޔައެވެ. އޮޔާދަމުން ދާ ލޯންޗާއި ކޯސްޓްގާރޑް ކައިރިކުރުމަށް ދުއްވަމުން ދަނީއެވެ. ކަނޑުގެ ގަދަ ރާޅުތަކުގައި ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގެ ޢަޒުމުގައެވެ. އަޔާނަށް އިރު އިރުކޮޅާ ގަޑިއަށް ބަލާލެވެއެވެ. ނުވައެއް ޖެހީއެވެ.

ރާނިޔާ ކެއްކުމުގައި އަވަދިނެތި އުޅުނެވެ. ތުނިކޮށް ތެޔޮރޮށި ފިހުނެވެ. އެ އަތޮޅުގެ މަޝްހޫރު ގޮޅަރިހަ ކެއްކިއެވެ. އަދި ފަރުމަސްކޮޅެއް ފިހުނެވެ. އޭނާ އިރުއިރުކޮޅުން ގަޑި ބަލާލައެވެ. އަވަސް އަވަހަށް އަނބުޖޫސް ގިރާ ފުރިޖަށް ލުމަށް ފަހު ފެންވަރަން ވަނެވެ. އޭނާ މިރޭ ލީ ހުދުކުލައިގެ ހެދުމެކެވެ. އިސްތަށިގަނޑުން ފެން ހިއްކާލާ އިސްތަށިގަނޑު ހާމައަށް ދޫކޮށްލިއެވެ. މޫނު ރީތިކޮށްލާ މަޑު ކުލައެއްގެ ލިޕްސްޓިކެއް ޖައްސާލިއެވެ. އަޔާން ބުނި ޖުމްލަ ހަނދާން ވުމުން އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުން ވެވުނެވެ. އަޔާންގެ އިންތިޒާރުގައި އޭނާ ޖޯލީގައި އިނެވެ. ނުވައެއް ޖެހީއެވެ.

ވިލާގަނޑުގެ އަސަރު ކޯސްޓްގާޑަށްވެސް ކުރަންފެށިއެވެ. ގަދަވަޔާއެކު ހުޅިނަގާ އަންނަމުންދާ ބޮޑެތި ރާޅުތަކެވެ. ގުގުރާ ވިދުމާއެކު ބޯކޮށް ވެހޭ ވާރޭއެވެ. އަޔާން ކޯސްޓްގާޑުގެ އެތެރޭގައި ހުރެ ކަނޑާދިމާއަށް ބޭރަށް ބޯދިއްކޮށްލާ ބަލާލިއެވެ. މޫސުން ދަނީ އިތުރަށް ގޯސްވަމުންނެވެ.

"ވިލާގަނޑު އަވަހަކަށް ނުދާނެ. މާބަނޑު އަންހެނެއްވެސް އެބައިން." ޒަމީރު ގޮވާލިއެވެ.

އެންމެން އެއްފަހަރާ އަޔާންގެ މޫނަށް ބަލާލިއެވެ. އަޔާންގެ އޯޑަރަކަށް އެންމެންވެސް އިންތިޒާރު ކުރާކަހަލައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާލަތުގެ ނާޒުކުކަމާއި ބިރުވެރިކަމުގެ އަސަރުތަކެވެ. ކުރަމުންދާ ވިއްސާރަ ކޮޅިގަނޑުގެ ނަތީޖާ އައިސްދާނެ ބިރުވެރި ގޮތެވެ.  

"އަވަސް.... ބާރަށް ދުއްވާ!" އަޔާން ގަޑިއަށް ބަލާލިއެވެ. ދިހައެއް ޖެހީއެވެ.  

ރާނިޔާ އުނދޯލިން ތެދުވެއްޖެއެވެ. އޭނާ ދެކޮޅަށް ހިނގަމުން ދިޔައެވެ. އަނެއްކާވެސް އުނދޯލީގައި އިށީނެވެ. ރާނިޔާގެ ބޭގަރާރުކަން އިތުރުވަމުން ދެއެވެ. އޭނާ އަނެއްކާވެސް ގަޑިއަށް ބަލާލިއެވެ. ދިހައެއް ޖެހީއެވެ. އަޔާނެއް ނާދެއެވެ. ވިއްސާރައިގެ އަސަރުތައް ދުނިޔެއަށް ވެރިވަމުން ދެއެވެ.

"އަނެއްކާ.. އަހަރެންނަށް މިކުރެވެނީ ކޮންކަމެއްބާ؟" ރާނިޔާއަށް ބޭ އިޚްތިޔާރުގައި ބުނެވުނެވެ.

ކަނޑުގެ ގަދަ ރާޅާއި ލައްވަމުން ބިއްވަމުން އޮޔާ ދަމުންދާ ލޯންޗާއި ކޯސްޓްގާޑް ކައިރި ކުރެވިއްޖެއެވެ. މިއީ ބިރުވެރި އަދި އެހާމެ އުނދަގޫ ވަގުތުކޮޅެކެވެ. ވަގުތުން ސިފައިން އެ ލޯންޗަށް ފޭބިއެވެ. ހާލަތު ބެލުމަށްފަހު ކޯސްޓްގާޑަށް މީހުން ބަދަލުކުރަން ފެށިއެވެ. ބޮޑެތި ރާޅުތަކުގެ ތެރެއިން އެއް ލޯންޗުން އަނެއް ލޯންޗަށް މީހުން ނެގުމަކީ އުނދަގޫ ކަމެކެވެ. މި ބިރުވެރި ވަގުތުކޮޅުގައި ސިފައިން އެކަމުގައި ހަރަކާތްތެރިވަމުން ދިޔައީ ފިސާރި ކުޅަދާނަ ކަމާއެކުއެވެ. އެމީހުންގެ ފަރާތުން ފެންނަނީ ޖެހިލުންކުޑަކަމާއި ހިތްވަރާއި ސާބިތުކަމެވެ.  

ކުޑަކުދިން ރޯއަޑާއި އަންހެންވެރިން ގިސްލުމުގެ އަޑުން އަސަރު ނުކުރާނެ އެއްވެސް މީހަކު އެވަގުތު ނުހުންނާނެއެވެ. މައިންގެ މޫނުން ފެންނަން ހުރި ބިރުވެރިކަން ބަޔާންކޮށްދެވޭނެ އެއްވެސް މީހެއް އެތާކު ނުމެނެތްމެއެވެ. ހާލަތުގެ ނާޒުކުކަން އެނގެނީ ހަމައެކަނި ސިފައިންނަށެވެ. ކުއްލިއަކަށް އަންހެނަކު ބާރަށް ރޮއިހޭރިގަތް އަޑު އިވުނެވެ. ހީވަނީ ހަށިގަނޑުގައި ހުރި ހުރިހާ ވޭނަކާއި ރިހުމެއް އެއްފަހަރާ ބޭރުކުރަން އުޅޭހެންނެވެ.

"މަންމާ.." މާބަނޑުމީހާ ބާރުބާރަށް ރޮއި ހޭރެނީއެވެ. އަޔާން އެދިމާއަށް އަވަސްވެގަތެވެ. އެ މާބަނޑުމީހާ ބަނޑުގައި ރިހޭތީ ކެތްނުކުރެވިގެން ތެޅެނީއެވެ. ހީވަނީ ދެންމެ ދެންމެ ވިހާފާނެހެންނެވެ. ނޫނީ ފުރާނަ ހިނގައިދާނެހެންނެވެ.

"ފަރުވާ ރޫމަށް ބަދަލުކުރޭ... އަވަސް". އަޔާންވެސް މާބަނޑު މީހާ ކޯސްޓް ގާޑަށްލާން މަސައްކަތް ކުރަމުންދިޔައެވެ. އިތުރު ތިން ސިފައިންނާއެކު އަޔާން އެ އަންހެންމީހާ އުފުލާލާ ކޯސްޓްގާޑަށް ބަދަލުކުރަން މަސައްކަތް ކުރަނީއެވެ. ކަނޑުގެ ގަދަ ރާޅުތަކުން ދެ އުޅަނދު ހަލުވަމުން ދާތީ މިއީ ކުރަން ނުހަނު އުނދަގޫ އަދި ބިރުވެރިކަމެކެވެ. އެންމެން ކޯސްޓް ގާޑަށް ބަދަލު ކުރުމަށްފަހު އިންޖީނު ހުއްޓިފައިވާ ލޯންޗު ކަފުޖެހިއެވެ.

ރާނިޔާގެ ހިތަށް ތަފާތު އެއްޗިހި އަރާ ފައިބަމުންދެއެވެ. އަޔާނަށް އިންތިޒާރު ކުރެވުމަކީ އޭނާގެ މޮޔަކަން ކަމުގައި ހީވިއެވެ. ދުވަހަކުވެސް ނުދެކޭ މީހަކު ހަމަ ބުނެލާ އެއްޗަކަށް އިތުބާރު ކުރުމަކީ ކޮންކަހަލަ ހަމަނުޖެހޭ ކަމެއް ހެއްޔެވެ؟ އޭނާ މަގުމައްޗަށް ނިކުމެ ބޭރު ބަލާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އުދަރެސް ބައްދަމުން ދާ ވިލާގަނޑު ހީވަނީ ދެންމެ ދެންމެ އޮހިގެން ފާނެހެންނެވެ.

ކޯސްޓްގާޑު ވީހާވެސް އަވަހަކަށް އިސްދޫއަށް ދެވޭތޯ ދުއްވަނީއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. މާބަނޑުމީހާގެ ރޮއިހޭރުމުގެ އަޑުން ގެނެސްދޭ ބިރުވެރިކަމެވެ. ކަނޑުމައްޗަށް ވިހައިފިނަމަ ވެދާނެގޮތުގެ ކަންބޮޑުވުމެވެ. ކުއްލިއަކަށް މާބަނޑުމީހާގެ ހަޅޭކުގެ އަޑާއި އެކުވެގެން ތުއްތު ކުއްޖަކު ރޮއިގަތް އަޑުއިވުނެވެ.

"އަލް ޙަމްދު ލިﷲ.." ސިފައިންގެ ޑޮކްޓަރަށް ބުނެވުނެވެ.

އަޔާން މަޑުމަޑުން ޑޮކްޓަރާއި ގާތްވެލިއެވެ. ތުއްތު ކުއްޖާއަށް ބަލާލެވުނެވެ. ޑޮކްޓަރު އެ ތުއްތު ކުއްޖާ އަޔާނާއި ހަވާލުކޮށް އަންހެން މީހާގެ ފަރުވާއަށް ފެށިއެވެ. އަޔާން އެ ކުއްޖާ ނުހަނު އޯގާތެރިކަމާއެކު އުރާލިއެވެ. އަދި އޭނާގެ ފޯނުން ބަންގިޖަހާލިއެވެ. ﷲ އަކްބަރުގެ ނަޣުރާއިން މުޅިތަނަށް ދިރުން ގެނުވިކަހަލައެވެ. އެންމެންގެ ހިތްތައް އުންމީދުގެ ހުޅުކޮޅުން އުޖާލާވި ކަހަލައެވެ.   

ނުނިމޭ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް