ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް މިހާތަނަށް ނުވަސަތޭކައާ ގާތްކުރާ ޢަދަދަކަށް، ޒުވާނުން ކުރިމަތިލާފައިވާ ކަމަށް ރައީސުލްހުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިއީ، މިފަދަ ޕްރޮގްރާމަކަށް ބެލެނިވެރިން ބޭނުންވެފައިވާ މިންވަރާއި ޒުވާނުންގެ މެދުގައި މި ޕްރޮގްރާމަށް އޮތް ތާއީދުގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ދިވެހީން ބަލައިގަންނަ، ދިވެހި ޒުވާނުންގެ މެދުގައި މަޤްބޫލު، ނަމޫނާ ހަރަކާތެއްގެ ގޮތުގައި ތަރައްޤީ ކުރެވިގެންދިއުމަށް ނުހަނު ބޭނުންފުޅުވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަރައްވައި، ޕްރޮގްރާމްގެ ބައިވެރިންނާއި ބެލެނިވެރިން، މި ޕްރޮގްރާމަށް ކުރާ އުންމީދު ޙާޞިލުވާނެހެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވުމަށް މުދައްރިބުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.
ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާ މިކަމުގައި ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށްދެއްވައި، ބެލެނިވެރިންނާއި ރައްޔިތުން އުންމީދުކުރާފަދަ ހަރުދަނާ ބައެއްގެ ގޮތުގައި ބައިވެރިން ތަމްރީން ކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގައި ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވާ ޒުވާނުންނަކީ، އިސްލާމް ދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް ފަރުވާތެރި، ޤައުމިއްޔަތުގެ ވިސްނުންހުރި، ޤައުމަށް ބޭނުންތެރި، ރިވެތި އަޚުލާޤާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނުކޮށްދެއްވުމަށްވެސް އެދިވަޑައިގަތެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޤިޔާސް އާއި ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ. އަދި، ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންގެ އިތުރުން، ދިވެހި ވަޠަނީ ޚިދުމަތުގެ މަސައްކަތްކުރައްވާ ސިފައިންގެ އިސް އޮފިސަރުންވެސް ބައިވެރިވެވަޑައިގަތެވެ.
މޯލްޑިވްސް ނޭޝަނަލް ސަރވިސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއެކު، މޭ 28، 2025ގެ ނިޔަލަށް 891 ޒުވާނުން ކުރިމަތިލާފައިވާއިރު، ތަމްރީންގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި ފެށޭ ޖޫން މަހުގެ 1 ވަނަ ދުވަހުގެ 1200 ގެ ނިޔަލަށެވެ.