މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާ ލޮބުވެތި މަންމައިންނަށް އަރިސްކުރަމެވެ. މަންމައިން އެވާ ޤުރުބާނީގެ އަގު ވަޒަންކުރާނީ ކިހިނެއް ހެއްޔެވެ؟ ބަނޑުބޮޑުވީއްސުރެ ކުއްޖާ ދުނިޔެއަށް އުފަންވުމަށްފަހުވެސް މަންމައިން އެދައްކަނީ އާދަޔާޚިލާފު ހިތްވަރެކެވެ.
ޅަފަތުގެ ދުވަސްވަރު
ދުނިޔެއަށް ދަރިފުޅު އުފަންވާއިރުއްސުރެ މައިމީހާގެ ހުރިހާ ވަގުތެއް ހުސްކުރަނީ އެދަރިފުޅަށް ބޭނުންވާ ކަންތައްތައް އެންމެ ފުރިހަމައަށް ކޮށްދެވޭތޯއެވެ. ތުއްތު ދަރިފުޅު ކަމަކަށް ބޭނުންވެދާނެތީ އަބަދުވެސް ކައިރީގައި ހުންނަނީ ލޯތްބާއެކުގައެވެ. އެ ހަށިގަނޑުގައި އަޅާވޭނަށް ވަމުން އަންނަ ވަރުބަލިކަމަކަށް ބެލުމެއްނެތި ޚިދުމަތްކުރުމުގައި ރެއާއި ދުވާލު އެހޭދަކުރަމުންދަނީ އުފަލާއިއެކުގައެވެ. ދަރިފުޅަށް ހިނގައިގަނެވޭ އުމުރަކީވެސް ފަސޭހަ އުމުރެއް ނޫނެވެ. ލިބިދާނެ ގެއްލުމަކަށް ފާރައަށް އެހުންނަނީ ހިތުގައިވާ މައިވަންތަ ކުލުނެއްގެ ސަބަބުންނެވެ.
ފުރާވަރަރު
ދަރިން ބޮޑެތިވަމުން އަންނަ ދުވަސްވަރު ދޭންޖެހޭ އަޅާލުމާއި ލޯބި ވަކި ކުޑައެއް ނޫނެވެ. ދަރިފުޅު ނުބައި މަގަކުން ދިޔަ ނުދީ ރަނގަޅު އަޚުލާގެއްގައި ބޮޑުކުރުމަށް މައިންބަފައިން ޚާއްސަކޮށް މަންމަ ކުރާ މަސައްކަތް ޝުކުރު ހައްގެވެ. ސްކޫލަށް ގެންގޮސްދީ ފިލާވަޅު ދަސްކޮށްދީ މުޖުތަމައުގައި އުޅެންވާ ރިވެތި އަޚުލާޤު ދަސްކޮށްދިނުމަށް މަންމަގެ ޒިންމާ ބޮޑެވެ.
ގިނަފަހަރަށް ދަރިއަކު ގޯސްމަގަކުން ދާއިރުވެސް މައިމީހާ ކުށްވެރިކުރާ މީހުން އުޅެއެވެ. ތަރުބިއްޔަތާއިމެދު ސުވާލު އުފައްދާ މީހުން އުޅެއެވެ. މިހުރިހާކަމަކަށް ވިސްނައިގެން މަންމައިން އެދައްކާ ހިތްވަރަށް ސާބަހެވެ.
ދަރިންގެ ފަރާތުން މަންމައިން އެދެނީ ކޮންކަމެއް؟
ދަރިން ބޮޑެތިވެ ވަޒީފާ އަދާކޮށް އަމިއްލަ ދިރިއުޅުމެއް ފަށާހިސާބުން ގިނަފަހަރަށް އޮންނަނީ ދިރިއުޅުން މާބޮޑަށްވެސް 'ބިޒީ' ވެފައެވެ. އެދަރިފުޅު މީހަކަށް ހެދުމަށް އެންމެ ބޮޑު ޤުރުބާނީއެއްވި މަންމައާއި ބައްޕަގެ މަތިން ހަނދާންނެތޭ ފަހަރު މަދުންނަމަވެސް އާދެއެވެ. އެމަންމަގެ ހިތުގައި ޖެއްސޭ ފަހަރު އާދެއެވެ. މިއީ ހާދަހާ ބޮޑު ހިތްދަތިކަމެކެވެ.
މަންމައިންގެ ލޯތްބާއި އަޅާލުން ކުޑައިރު ބޭނުންވިގޮތަށް އެމަންމަ އުމުރުން ދުވަސްވާ ދުވަހުން އެންމެ ބޮޑަށް ބޭނުންވާނީ ދަރިންގެ އަޅާލުމާއި ލޯތްބެވެ. 'އެކަނިވެރި' ނުކުރާށެވެ. އަޅާލުމާއި ލޯތްބާއި ޤަދަރު ދޭށެވެ. އުފާކޮށްދޭށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތައިގެން ލިބޭނީ ހިތްހަމަޖެހުމެވެ.
ދެދުނިޔޭގެ އުފަލަށްޓަކައިވެސް މައިމީހާއަށް ހެޔޮކޮށް ހިތާށެވެ. އަދި އަމިއްލަ ދަރިންނަށްވެސް ނަމޫނާ ދައްކާށެވެ. އެއިރުން އުމުރުން ދުވަސްވާ ދުވަހަކުން އެދަރިންގެ ފަރާތުން ލިބޭ ލޯބިވެސް އިތުރުވާނެއެވެ. މިއީ ދުނިޔެއިން ފެންނަން އޮތް ހަގީގަތެކެވެ. އަދިވެސް އެއްފަހަރު ލޯބިވާ މަންމައިން އެވާމަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރަމުން މަންމައިންނަށް އުފާވެރި ދުވަހަކަށް އެދެމެވެ.
ކިޔުންތެރިންގެ ހިޔާލު
މަންމަމެންނަކީ ދަރިންނަޓަކާ ބޮޑެތި ޤުރުބާނީތައް ވާން ތިބިބަޔެއް. ނަމަވެސް މީގެ ތެރޭގައި އެބައުޅޭ ދަރިންނާ އަޅާނުލާ މައިންބަފައިން. ދަރިންދެކެ ލޯބިވާކަމަށް ސޯޝަލް މީޑިއާގަ މޮޅެތި ޕޯސްޓްތައް ޖަހާފަ ގިނަމީހުންގެ ސަމާލުކަން އެޕޯސްޓްތަކަށް ލިބުނީމަ އެވީ. މީ މަދުން ނަމަވެސް މިމުޖުތަމައުން ފެންނަ ހިތި ހަޤީގަތެއް.