Advertisement
header ad
XeeTimesXeeTimes
ރަސްމީ ފާލަން ފަރުމާކޮށްފައިވަނީ ކުރީގެ 2 ރައީސުންގެ ވެރިކަމުގެ ދުވަސްވަރުގެ ރަސްމީ ފާލަމުގެ ފަރުމާއަށް ބަލައިގެން!

ރަސްމީ ފާލަން ފަރުމާކޮށްފައިވަނީ ކުރީގެ 2 ރައީސުންގެ ވެރިކަމުގެ ދުވަސްވަރުގެ ރަސްމީ ފާލަމުގެ ފަރުމާއަށް ބަލައިގެން!

ޢިއްޒުއްދީން ފާލަން ރަމްޒުކޮށްދެނީ، ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަޤުބަލުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މިގޮތަށް ވިދާޅުވީ، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށްފަހު މިރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފާލަމަކީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފާލަން ފަރުމާކުރުމުގައި ދިވެހި ޘަޤާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. އެގޮތުން، ފާލަން ފަރުމާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި، ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމުގެ ފަރުމާއަށް ރިޢާޔަތްކޮށްގެންނެވެ. ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރެއްވި އަލްއަމީރު މުޙައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއްވެސް ފަރުމާގައި ހިމަނާފައިވެއެވެ.   

Article - in content
Advertisement

ރައީސް ވަނީ ޖުމްހޫރީ މައިދާނުގެ ފައްވާރާއި، ޢިއްޒުއްދީން ފާލަން އަދި ސަލްޓަން ޕާކު ހިމެނޭ މި ސަރަހައްދަކީ މާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ސަރަހައްދުކަން ފާހަގަކުރައްވައި، އެ ސަރަޙައްދުގެ ތަރައްޤީއަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވާފައެވެ.  

ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު ތަރައްޤީކުރައްވާނީ، ބަވަނަވަމުންދާ ދުނިޔޭގެ ޒަމާނީ ފަންނިއްޔާތު ބޭނުންކޮށްގެން އަދުގެ ޖީލަށް ޝަޢުޤުވެރިކުރަނިވި ގޮތެއްގައި ރާއްޖޭގެ ތާރީޚު ދަސްވާނޭ ގޮތަކަށް ކަމުގައި ވިދާޅުވިއެވެ.  

މީގެ އިތުރުން އެމް.ޓީ.ސީ.ސީ ފެރީ ޓަރމިނަލުން ފެށިގެން އެމް.އެމް.އޭގެ ޢިމާރާތާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް، މި ރަމަޟާން މަސް ނިމެންވާއިރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ފަށާނޭކަމަށްވެސް ވިދާޅުވިއެވެ. މިމަގު ތަރައްޤީކުރެވިގެންދާނީ، މަގުގައި ދެ ލޭން ހިމެނޭ ގޮތަށް، ޝީޓްޕައިލްކޮށް، މޫދުން ބައެއް ނަގައި، މަގު ފުޅާކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ. އަދި މި އަހަރު ނިމެންވާއިރަށް މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނޭކަމަށް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޢިއްޒުއްދީން ފާލަން މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން، ފާލަމުގެ މައި ސްޓްރަކްޗަރ ނުވަތަ ސުޕަރ ސްޓްރަކްޗަރ އަށް ގެއްލުންވެ، ފާލަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ލިބިދާނެތީ، ފާލަމުގެ މައި ސްޓްރަކްޗަރ އަލުން ފަރުމާކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —