Advertisement
header ad
XeeTimesXeeTimes
ކުލީގެ އަޅަކަށްވެ ޖީލެއްގެ އުފާވެރިކަން ނެތިދަނީ!

ކުލީގެ އަޅަކަށްވެ ޖީލެއްގެ އުފާވެރިކަން ނެތިދަނީ!

ފަސްލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭ ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ދިރިއުޅެނީ މާލެސިޓީގައެވެ. މާލެ، ހުޅުމާލެ ހިމެނޭ ގޮތަށް މިސަރަހައްދުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ބޯހިޔާވަހިކަން ނެތުމެވެ. ބޮޑުކުލީގައި އެތައްހާސް ބަޔަކު މާލެސިޓީގައި ޒަމާނުއްސުރެ ދިރިއުޅެމުން އަންނައިރު ކުލީގެ ސަބަބުން ޖީލެއްގެ އުފާވެރިކަން ނެތިދަނީއެވެ. މިކަމަށް އެދެވޭ ހައްލެއް މިހާތަނަށް އެއްވެސް ސަރުކާރަކަށް ހޯދިފައެއް ނުވެއެވެ.

އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އާބާދީގެ ނިސްބަތުން ބަލާއިރު މިހާތަނަށް ސަރުކާރުން އަޅާފައިވާ ފުލެޓުތަކަކީ އެކަށީގެންވާ މިންވަރެއް ނޫނެވެ. މުޖުތަމައުގެ އުފާވެރިކަން ގޮސް ގުޅިފައިމިވަނީ ދިރިއުޅޭ މާހައުލާއެވެ. އާއިލާއާއެކު ގަނަތެޅުން އެއީ އުފާވެރިކަމެކޭ ނުބުނެވޭނެއެވެ.

މާލެސަރަހައްދުގައި ދިރިއުޅޭ އެންމެންނަކީ މިސަރަހައްދުގައި އުޅޭހިތުން ހަމައެކަނި އުޅޭބައެއް ނޫނެވެ. އޭގެތެރޭގައި އަމިއްލަ ރަށުން ރަނގަޅު ތަޢުލީމާއި ވަޒީފާއާއި ބޭސްފަރުވާ ލިބެން ނެތިގެން އުޅޭ މީހުން ގިނައެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ ދަތިކަން އޮތްއިރު މިއީ އަވަސް މުސްތަގުބަލެއްގައި ހައްލު ހޯދަން ޖެހިފައިވާ ކަމެކެވެ.

Article - in content
Advertisement

'ޒީޓައިމްސް' އާއި މައުލޫމާތު ހިއްސާކުރި ބައެއް މީހުން ވަނީ އެމީހުން ދިރިއުޅޭ ދަތި ހާލަތު ކިޔައިދީފައެވެ. އެކަނިވެރި މައެކެވެ. 4 ދަރިންނާއެކު ދިރިއުޅެނީ އެއްކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. ބޮޑެތިވަމުން އަންނަ އަންހެން އަދި ފިރިހެން ކުދިންނެވެ. އެއްތަނެއްގައި ތޮއްޖެހިގެން އުޅެން ޖެހުމުން ދިމާވާނެ މައްސަލަތަކަށް ހައްލެއް ހޯދެން ނެތެވެ. ބޮޑުއަގުގައި ދެކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ނެގޭކަށް ނެތެވެ. ދިރިއުޅުމަށް ކުރާ މަސައްކަތުން ލިބޭ އާމްދަނީއިން ކިރިޔާ ދެކޮޅު ޖެއްސެނީއެވެ.

ބަލި ދެކުދިންނާއެކު ދިރިއުޅޭ ދެމަފިރިން ވަނީ އެމީހުންގެ ހިތްދަތި ދިރިއުޅުން ކިޔައިދީފައެވެ. " އާއިލާ މިބަލަހައްޓަނީ އަޅުގަނޑަށް ލިބޭ އާމްދަނީއިން. ދަރިންގެ މަންމައަށް އާމްދަނީ ހޯދަން އިތުރު މަސައްކަތެއް ކުރެވެން ނެތް. ހުރިހާވަގުތެއް ހުސްކުރަން މިޖެހެނީ ދެކުދިންގެ ބޭސްފަރުވާއާއި އިތުރު ކަންކަމަށް. އަޅުގަނޑުމެން ދެމަފިރިން ހަމަޖެހިލައިގެން ނިދާނުލެވޭތާވެސް 5 އަހަރު. އުޅެން ޖެހިފައި މިވަނީ އެހާ ކުޑަތަންކޮޅެއްގައި" 2 ކުދިންގެ ބައްޕަ ކިޔައިދިނެވެ.

ލިބޭ އާމްދަނީގެ ބޮޑުބައެއް ކުއްޔަށް!

ދެމަފިރިން އެކީގައި މަސައްކަތްކުރިއަސް މާލެސަރަހައްދުގައި ދިރިއުޅުން މިވަނީ ދަތިކަމަކަށްވެފައެވެ. ދުވަހެއް ދުވަހަކަށް ކުލި ބޮޑުވަމުން އަންނައިރު ބިލުތައްވެސް އެހާބޮޑެވެ. މުސާރަ ލިބުމާއެކު ގިނަ މީހުންގެ މުސާރައިގެ 75 އިންސައްތަ ދޭން ޖެހެނީ ބިލުތަކާއި ކުއްޔަށެވެ. ބާކީ އޮންނައެތިކޮޅުން ކެއުންބުއިމާއި ސްކޫލު ޚަރަދު އަދި ޒަރޫރީ އެހެނިހެން ޚަރަދުތައް ކޮށްފަ ބޭސްފަރުވާއަށް ސަލާންޖަހަން ޖެހިފައިވާ މީހުންވެސް ގިނައެވެ. ލޮލުން ކަރުނަ އޮހެރޭ ހާލު މިހިތްދަތި ވާހަކަތައް ކިޔައިދޭ އެތައް އާއިލާއެއް އެބައުޅެއެވެ. އެކަމަކު ބޯހިޔާވަހިކަން ކިތަންމެ ބޭނުންވިއަސް އެ ފުރުސަތު ނުލިބޭ މީހުން ގިނައެވެ.

އިޖުތިމާއީ ބޮޑު މައްސަލައެއް!

ތޮއްޖެހިގެން ދިރިއުޅެން ޖެހުމުން ބޮޑެތިވަމުން އަންނަ ކުދިން ގެއިން ބޭރުގައި ގިނަވަގުތު ހޭދަކުރާހިތްވެއެވެ. މަގުމަތިން ދިމާވާ ރައްޓެހިންގެ އަވާގައި ޖެހި ގޯސްމަގު ޚިޔާރު ކުރެވޭތަން އާދެއެވެ. މައިންބަފައިންނަށް އެނގޭއިރު އޮންނަނީ ކޮންމެވެސް ގޭންގެއްގެ ދަށުގައި ކުއްޖާވެ މަސްތުވާތަކެއްޗާއި މާރާމާރީގެ އަޅަކަށްވެފައެވެ. މިފަދަ އެތައް ކުދިންނެއް މުޖުތަމައުގައި އެބަތިއްބެވެ. ގޭތެރޭގެ މާހައުލަކީ ކުދިންނަށް އުފާވެރި މާހައުލެއްގެ ގޮތުގައި ހެދޭނީ އެކުދިން ހިތްހަމަޖެހިގެން އުޅެލެވޭނެ ވަރުގެ ޖާގައެއްވެސް ހުރެގެންނެވެ.

އާބާދީ އިތުރުކުރުމަށް އޮތް ހުރަހެއް!

އާބާދީގެ އަދަދު އިތުރުވަމުން އަންނަ މިންވަރާއިމެދު ކަންބޮޑުވުންތަކެއް މުއައްސަސާތަކުން ފާހަގަކޮށްފައިވެއެވެ. އެ ޚަބަރާއެކު ސޯޝަލް މީޑިއާގައި އަޑުއުފުލި ގިނަ މީހުން ފާހަގަކޮށްފައިވަނީ " އާބާދީ އިތުރު ކުރާނީ ކިހިނެއް؟ އެ ދަރިން ގެންގުޅޭނީ ކޮންތާކު؟ މިއުޅެނީ ނިދާލާނެ ތަންކޮޅެއްވެސް ނެތި.. ގިނަ ފަހަރަށް ނިދަންޖެހެނީ ސިޓިންރޫމުގައި ގޮދަޑިއެއް އަޅައިގެން". ތެދެކެވެ މިއީ މިއަދުގެ ހާލަތެވެ. އާބާދީ އިތުރު ކުރުމަށް ވިސްނާ ގިނަ މީހުންގެ ޝަކުވާއަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމެވެ. އަދި ލިބޭނެކަމުގެ ޔަގީންކަމެއްވެސް ނެތުމެވެ.

ދިރިއުޅޭނެ ތަނެއް ނެތިގެން ކައިވެނިކުރާ ތާރީޚު ފަސްކުރާ މީހުންވެސް އުޅެއެވެ. އެއީ ލިބޭ އާމްދަނީއިން ކޮޓަރިއެއް ކުއްޔަށް ހޯދޭނެ ގޮތެއް ނެތުމުންނެވެ. އޭގެ ބަދަލުގައި ތިންހާސް ރުފިޔާ ދީގެން އެހެން މީހުންނާއެކު އެއްކޮޓަރިއެއްގައި ދިރިއުޅުން ނޫންގޮތެއް އެފަދަ ޒުވާނުންނަށް ނެތީއެވެ.

ޝަރުތު ހަމަވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ؟

ސަރުކާރުން އެންމެފަހުން އިއުލާންކުރި ފުލެޓްތަކަށްވެސް އެތައްހާސް މީހުން ކުރިމަތިލިއެވެ. ގިނަ އަދަދެއްގެ މީހުންނަކީ ރާއްޖޭގެ އެއްވެސް ރަށެއްގައި ބޯހިޔާވަހިކަމެއް ނެތް މީހުންނެވެ. ޝަރުތު ހަމަވާ މީހުންނަށް ބޯހިޔާވަހިކަން އަވަހަށް ފޯރުކޮށްދޭށެވެ. އެހެންނޫނީ ކުލީގެ އަޅަކަށްވެ ދިގުދެމިގެންދާ ގެއްލުމެއް ގައުމަށް ދާނީ ލިބެމުންނެވެ. އައުސަރުކާރުންވެސް ވަޢުދުވިގޮތަށް ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭންޖެހެއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

އައި 03ސެޕްޓެމްބަރ2024

ވަރަށް ރަގަޅަށް އުޅެވޭ މީހުން ވެސް ރަށް ދޫކޮށް ގޮސްފައި ވޭ 1

Bodukuli 02ސެޕްޓެމްބަރ2024

Bala amilla rashuga kuli nudhakka ulheven ovva kaaku bunegen kuli dhakkan male’ annanee .beys faruvaa noon komme kameh rahrashun vaan ebahuri . 🤷 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —