Advertisement
header ad
XeeTimesXeeTimes
ޢަރަފާތު ދުވަސް: ގިނަ އަދަދެއްގެ އަޅުން ނަރަކައިން މުއްތިކުރައްވާ ދުވަސް ދީން

ޢަރަފާތު ދުވަސް: ގިނަ އަދަދެއްގެ އަޅުން ނަރަކައިން މުއްތިކުރައްވާ ދުވަސް

ޢަރަފާތު ދުވަހު އިސްލާމީ އުންމަތް ދައްކައިދެނީ އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަމެވެ. މާތް ﷲ ގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް ﷲ އަށް މުނާޖާ ދެންނެވުމަށްޓަކައެވެ.

ޙައްޖު ދުވަހަކީ އަހަރުގެ ތެރޭގައިވާ އެންމެ މާތް ދުވަހެވެ. އެ ދުވަހަކީ ޢަރަފާތު ދުވަހެވެ. ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަހެވެ. ޢަރަފާތު ބިމުގައި ޙައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަހެވެ.

ޢަރަފާތު ދުވަހު ޙައްޖުވެރީން ނޫން މީހުން ރޯދަހިފުމީ، މުސްތަހައްބު ކަމެކެވެ. ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެއްވުމުން މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވައިފައިވެއެވެ. މާނައީ " (އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ) އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ". ޙައްޖުވެރިޔާ އެދުވަހު ރޯދައަށް ހުރުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާއަށް މުސްތަހައްބު ވަނީ ދުޢާކުރުމާއި ޒިކުރުކުރުމާއި ކީރިތި ޤުރުއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމެވެ.

Article - in content
Advertisement

މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވައިފައިވެއެވެ. މާނައީ: " ޢަރަފާތު ދުވަހަށް ވުރެ ގިނައިން ﷲ ތަޢާލާ އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ". އެދުވަހު އެ ޖަމާޢަތުގައި ބައިވެރި ނުވެވޭ މީހުންވެސް ގިނަގިނައިން ޒިކުރުކުރުމާއި ދުޢާކުރުމާއި ރޯދަހިފުމާއި އެ ނޫންވެސް ހެޔޮ ޢަމަލު ގިނަކުރުން ހުއްޓެވެ.

ޢަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް ﷲ އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަހެވެ. ޢަރަފާތު ދުވަހަކީ ބަރަކާތްތެރި ދުވަހެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —