May 20, 2024 09:44
Advertisement

-Advertisement-

ލޭއަޅާ މީހަކަށް ވުމަކީ ފަސްޖެހެންވީކަމެއް ނޫންކަން ސުހާ ސާބިތުކޮށްދީފި، މިއީ ނަމޫނާއެއް

މަރިޔަމް ސުހާ އަކީ ތެލަސީމިއާ ބަލި ތަހަންމަލު ކުރާ ޒުވާނެކެވެ. މާލެއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ސުހާ އަކީ ހާރިޖީ ވުޒާރާގައި ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މުރާލި ހީވާގި ޒުވާނެކެވެ. ލޭއަޅަން ޖެހުނަސް އާދައިގެ މީހެއް ފަދައިން ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްކުރެވޭނެ ކަމާއި، އާންމު ދިރިއުޅުމެއް އުޅެވިދާނެކަން ސުހާ ވަނީ ސާބިތު ކޮށްދީފައެވެ.

ސުހާ އަދ ގައި ރާއްޖެ ތަމްސީލު ކުރަނީ
އުމުރުން 6 މަހުން ފެށިގެން އޭނާ އަންނަނީ ގަވާއިދުން ލޭ އަޅަމުންނެވެ. މިހާރުވެސް މަހަކު ދެ ފަހަރު ލޭ އަޅަންޖެހޭ ކަމަށް ސުހާ ބުންޏެވެ. ސުހާގެ އާއިލާގައި އެއްބަނޑުއެއްބަފާ ކުދިންގެ ތެރެއިން ސުހާ ނޫން އެހެން ތެލަސީމިއާ ކުއްޖެއް ނުހުރެއެވެ. އެހެންނަމަވެސް ސުހާގެ އާއިލާގައި، އޭނާއަަށް ބޮޮޑުދައިތަ ކިޔާ ކުއްޖަކާއި، ދެބެންގެ ދެދަރި ކުދިން ތެރޭގައި ތެލަސީމިއާ ކުދިން ތިބެއެވެ.

މައިންބަފައިންނާއި މުޅި އާއިލާއިންވެސް އެހެން ކުދިންނާއި ތަފާތުނުކޮށް ސުހާއަށް ހުރިހާ ފުރުސަތުދޭކަން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.

Advertisement

ސުހާއަކީ ތެލަސީމިއާ ކޮމިއުނިޓީއަށް ނަމޫނާއެކެވެ. އެހެން މީހުން ނުވާނެއޭ ބުނި ކިތަންމެ ކަމެއް އޭނާ ވަނީ ގަދަ ހިތްވަރާއެކު ހާސިލްކޮށްފައެވެ. އިސްކަންދަރު ސުކޫލުން ޕްރައިމަރީ ތައުލީމު ހާސިލްކޮށް އަމީނިއްޔާ ސުކޫލުން ސެކަންޑަރީ ތައުލީމުވެސް ހާސިލުކުރީ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ. ފޮރިން މިނިސްޓްރީގައި ވަޒީފާ އަދާކުރަމުން ސުހާ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އިން 2016 ވަނަ އަހަރު ބެޗްލަރސް ޑިގްރީވެސް ހާސިލް ކޮށްފައެވެ.

މުޖުތަމައުން މާޔޫސްކޮށްލާ، އެކަމަކު ހިތްވަރެއް ބައްޔެއް ނުވޭ

ދިރިއުޅުމުގައި މާޔޫސްވާ ކިތަންމެ ކަމެއް ސުހާއަށްވެސް ކުރިމަތިވާނެއެވެ. އެހެންނަމަވެސް ހަށިފޮޅާލާފައި ހިތްވަރު ކުރަނީއެވެ. އޭނާ ބުނީ އެހެންމީހުންނާއި ހިލާފަށް ތެލަސީމިއާ މީހުން ކޮންމެ ކަމެއްގައިވެސް ދެގުނަ ހިތްވަރުލާނެ ކަމަށެވެ. މުޖުތަމައުން ބަލައިގަންނަ ބަޔަކަށް ވުމަށް އެދި ސުހާ ފަދައިން ތެލަސީމިއާ ކުދިންނާއި މީހުން އެ ކުރާ ހިތްވަރަކީ އަޅުގަނޑުމެންނަށް ވަޒަންވެސް ކޮށްލެވޭނެ ކަމެއް ނޫނެވެ. ލޭއެޅުމާއި ޑެސްފަރޯލް އިންޖެކްޝަނާއި ޕަންޕާއި އެކި ބޭސްތަކާއިއެކު މުޅި އުމުރަށް އެ އުފުލާ ބުރައަކީ ކިހާ ބޮޑު ގުރުބާނީއެއްތޯއެވެ.


ތެލަސީމިއާ ކޮމިއުނިޓީގެ ބައެއް ރައްޓެހިންނަށް ދިމާވެފައިވާ ހިތްދަތި ކަންކަން 'ޒީޓައިމްސް' އާއި ހިއްސާކުރަމުން ސުހާ ބުނީ ލޭއަޅާ ކުއްޖަކަށްވާތީ ބައެއް ކަންކަމުން މަހްރޫމުކޮށް އެހެން ކުދިންނާއި ތަފާތުކޮށްފައިވާ ކަމަށެވެ. އެފަދަ ކިތަންމެ ރައްޓެހިންނެއް ސުހާގެ އެބަތިއްބެވެ. އަދި ވަޒީފާ އަދާކުރާ ތަންތަނުން މިފަދަ މީހުންނާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ސުހާ ފާހަގަ ކުރިއެވެ.

ނަމަވެސް ސުހާ ސާބިތުކޮށްދީފައި އެވަނީ މުޖުތަމައުން އެކުރީ ގޯސް އަމަލެއްކަމާއި، ލޭއަޅާ ކުއްޖެއް ކަމުގައިވިޔަސް ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލް ކުރެވިދާނެ ކަމެވެ.

އަދި އުމުރުން 30 ހުން މަތިވެފައިވާ ތެލަސީމިއާ މީހުންވެސް އުޅޭއިރު ސުހާ ބުނީ ބައެއް މީހުން އާއިލާއެއް ފަށައިގެން ދަރިން ހޯދައިގެން ދިރިއުޅެމުންދާ ކަމަށެވެ. ހަމަ އެގޮތަށް ސުހާވެސް އެދަނީ ހިތްވަރު ގަދަކުރަމުންނެވެ.

"އެއް އިރެއްގައިވެސް ނުބަލަން އަމިއްލައަކަށް ނުވާނެއެކޭ ނޫނީ ބައްޔޭ، އެގޮތަކަށް އާއިލާއިންވެސް ނުދެކޭ. މައިންބަފައިންވެސް ނުބަލާ. ބޮޑުވަމުން އަންނައިރުވެސް އެ ތަފާތު ނުގެންގުޅެންޏާ ނުބަލާނެތާ އެ ގޮތަކަށް، އެހެންވީމަ ދެން އެހެންމީހުންނަށްވުރެ އިތުރު ހިތްވަރެއް ލައިގެން ކަންނޭގެ މި އުޅެވެނީ".
އަބަދުވެސް ސޮސައިޓީން އެ ދެކޭ ގޮތް ބަދަލުކުރަން ބޭނުންވާތީ އެހެންމީހުން 100 ޕަސެންޓް ދޭ ކަންކަމުގައި ސުހާ ފަދަ ޕޭޝަންޓުން 200 ޕަސެންޓް ދޭ ކަމަށް އޭނާ ބުންޏެވެ.


" ނުވާނެއޭ ބުނާ މީހުންނަށް ޔަގީންކޮށްދޭން ބޭނުންވޭ ވާނެކަން ކިޔެވޭނެކަން، ޖޮބަށް ދެވޭނެކަން، އެހެންކަންތައްވެސް އެހެންމީހުންނާއި އެއްގޮތަށް ކުރެވޭނެކަން."
ލޭއަޅަން ކައިރި ވުމުން ކުރީބައިގައި އާއިލާއާއި ރައްޓެހިންގެ އެހީތެރިކަމާއެކު އަމިއްލައަށް ޑޯނާސް ހޯދަން މަސައްކަތް ކުރާކަމަށާއި، ޑޯނަރުން ހޯދުމަށް އަބަދަކު ފަސޭހައެއް ނޫން ކަމަށްވެސް ސުހާ ފާހަގަ ކުރެއެވެ.
ސުކޫލު ދައުރުގެ ހަނދާންތައް 'ޒީޓައިމްސް' އާއި ހިއްސާކުރަމުން ސުހާ ބުނީ އޭނާގެ ބައެއް ރައްޓެހިންނަށް ސުކޫލުގައި ތަފާތުކުރުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. "ވަރަށް ހަގު އުމުރުގައި ބައެއް ރައްޓެހިންނާއި ދިމާއަށް މީހުން ބުނެފަ އެބަހުރި ދެން 12 ވަރަކަށް އަހަރު ވަންދެން ދޯއޭ ދުނިޔޭގައި ހުންނާނީ. އެކަމަކު އަޅުގަނޑާއި ދިމާއަށް މީހަކު އެކަހަލަ އެއްޗެއް ބުނި ހަނދާނެއް ނުވޭ. ސުކޫލުގައި އުޅުން އިރު ވަރަށް އެކްޓިވްކޮށް އުޅުނީ. ހުރިހާ ކަމެއްގައި ބައިވެރިވަން".

ޖަރުމަނު އެމްބަސީގައި މަސައްކަތް ކުރި، ތަފާތު ތަޖްރިބާއެއް

ސުހާ ވަނީ ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރު ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީގައިވެސް މަސައްކަތްކޮށްފައެވެ. ގަވާއިދުން ލޭއަޅަން ޖެހޭނެކަން އެނގިހުރެ އާއިލާ އާއި އޮފީހުންވެސް ސުހާ އެކަނި ބޭރުގައުމަކަށް ވަޒީފާއަށް ދިއުމުގެ ފުރުސަތު ދޭނީ ސުހާގެ އެވަރުގެ ހިތްވަރެއް ހުރުމުންކަން ޔަގީނެވެ.

"ފުރަތަމަ ކުޑަކޮށް އުނދަގޫވި އާ ގައުމަކަށްވެފަ ކޮވިޑްގެ ލޮކްޑައުން އާ ހެދި. ޖާމަނީއަކީ ތެލަސީމިއާ އެހާ ކޮމަން ތަނެއްނޫން. އެހެންވީމާ އެހާ ގިނަ ޕޭޝަންޓުންނެއް ނުތިބޭ. ޑޮކްޓަރސްވެސް އެހާ ފެމިލިއާއެއް ނޫން ތެލަސީމިއާ ފަރުވާއަށް. ފުރަތަމަ އުނދަގޫވި އެޗްބީ މެއިންޓެއިން ކުރަންޖެހޭ ވަރަކަށް ކޮށްގެން ލޭ އަޅާދޭނެ ޑޮކްޓަރެއް ހޯދަން. ވަރަށް ޓްރައިކޮށްގެން އެހެންގައުމުތަކުގެ ޕޭޝަންޓުންނާއި ވާހަކަ ދައްކައިގެން ދިމާވި ޖާމަނީގައި އުޅޭ މިސްރު ޕޭޝަންޓެއް. އޭނާގެ އެހީތެރިކަމާއެކު ޑޮކްޓަރެއް ހޯދީ. ނަން ނޯޓުކޮށްގެން ދެމަސްފަހުން ޑޮކްޓަރަށް ދެއްކުނީ.  ދެން ވަރަށް ފަސޭހަވި. އެކޮޅުގައި ނުޖެހޭ އަމިއްލައަށް ލޭ ހޯދާކަށް. ޝެޑިއުލްކޮށްފަ ހުންނަ ތާރީހުތަކަށް ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކާފަ ޖެހިގެން އަންނަ ދުވަހު ލޭ އަޅަންދާން ޖެހެނީ." ހެނދުނު ލޭއެޅުމަށްފަހު ލަސްނުކޮށް ސުހާ ދަނީ އެމްބަސީގައި އޭނާ ކުރަން ހުންނަ މަސައްކަތް ކުރުމަށް ވަޒީފާއަށެވެ.  


ރާއްޖޭގައި ހަރަކާތްތެރިވާ ތެލަސީމިއާ ސޮސައިޓީގެ އެކްސްކޯ މެންބަރެއްގެ ދައުރު އަދާކުރި ސުހާ ވަނީ 2017 ން 2019 އަށް އެ ސޮސައިޓީގެ ޗެއާރޕާސަންގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. ސުހާ ބުނީ ތެލަސީމިއާ ކުދިން ކަންބޮޑުވާ އެތައްކަމެއް އަދިވެސް ހުރީ ހައްލުނުވެ ކަމަށެވެ.

"ރާއްޖޭގައި ލޭވެސް ފަސޭހައެއް ނޫން ހޯދާކަށް ބައިވަރު ކުދިން އުޅޭ ހަމަ ލޭ ނުލިބިގެން. ބޭސް އެއްޗެހިވެސް އެބަހުރި މެދުކެނޑިފަ ލިބުން ސްޓޮކް ނެތިގެން ކަހަލަ ކަންކަން ދިމާވެފައި އެބަހުރި. އަދިވެސް ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންބޮޑުވުންތައް އެބަހުރި."

އެންމެ ބޮޑު ހިތްވަރަކީ އާއިލާ އާއި ރައްޓެހިން

ސުހާ ބުނީ ދިރިއުޅުމުގައި މިހާ ހިސާބަށް އާދެވުނީ އޭނާއާއި މެދު އާއިލާއިން ގެންގުޅޭ "ކޮންފިޑެންސެއް" ގެ ސަބަބުން ކަމަށެވެ. އެ ހިތްވަރު އޭނާއަށް ލިބެނީ އެއްވެސް ކަމެއްގައި ތަފާތު ނުކޮށް ހާސިލްކުރަން ބޭނުން ކޮންމެ ކަމެއް ހާސިލްކުރުމަށް އާއިލާއިން ފުރުސަތު ދޭތީ ކަމަށް އޭނާ ކިޔައިދިނެވެ. އަދި ހަޔާތުގެ މި ދަތުރުގައި ރައްޓެހިންނަކީ ސުހާއަށް ވަރަށް މުހިންމު ބައެކެވެ. އެކުވެރިންގެ އެހީތެރިކަމާއި ނުލާ ސުހާއަަށް މިއަދު އާދެވިފައި ހުރި ހިސާބަކަށް ނާދެވުނީސް ކަމަށް އޭނާ ގަބޫލު ކުރެއެވެ. 

"އާއިލާގެ އިތުރުން ތެލަސީމިއާ ކޮމިއުނިޓީގައި އެންމެ ގާތްކޮށް އުޅޭ ރަހުމަތްތެރިންވެސް އެއީ ވަރަށް ބޮޑު ސަޕޯޓެއް. "އެންމެ ބޮޑު އެޗީވްމެންޓަކީ މިއަދާ ހަމައަށް ސިއްހަތު ރަނގަޅު ދިރިއުޅެމެއްގައި އުޅެވޭތީ ކަމަށް ސުހާ ބުންޏެވެ. "ރަނގަޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއްގައި މިއުޅެވެނީ. އެހެންމީހުން ނުކުރެވޭނެއޭ ބުނި ބައިވަރު ކަންކަން މިހާރު އެބަ ހާސިލްވޭ، އަޅުގަނޑު ނޫން އެހެން ތެލަސީމިއާ ކުދިންނަށްވެސް."
އެންމެ ދެކެން ބޭނުންވަނީ ތެލެސީމިއާ މީހުން އިތުރުވާ ރޭޓް ދަށްވުން

ސުހާ ބުނީ އޭނާ އެންމެދެކެން ބޭނުންވަނީ އަލަށް ތެލަސީމިއާ ކޮމިއުނިޓީއަށް އިތުރުވާ ކުދިން ނުވަތަ ތެލަސީމިއާ ކުދިން އުފަންވާ މިންވަރު މަދުވާނެ ދުވަހެއް ކަމަށެވެ. އަދި މިހާރު ލިބެމުންދާ ފަރުވާއަށްވުރެ ރަނގަޅު ފަރުވާ ބޭނުންވާ ކަމަށާއި، ސިއްހީ ފަރުވާގެ ނިޒާމު މަތިވާން ޖެހޭ ކަމަށްވެސް ސުހާ ފާހަގަ ކުރިއެވެ.

ސަރުކާރުން އެ ކުރާ ހަރަދުން ނިކުންނަންޖެހޭ ނަތީޖާއެއް ނުނިކުންނަ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. " 19 ގެ އަހަރުތަކުގައި ވެސް ދިން ފަރުވާ އަދިވެސް މި ދެނީ. ތެލަސީމީއާ މީހުންނަށް ދޭނެ ނަސޭހަތަކީ ޓްރީޓްމެންޓް ރަނގަޅަށް ނަގާށޭ. އަމިއްލަ މީހާގެ ހާލަތު އަމިއްލަ މީހާ ދަސްކޮށްގެން އަމިއްލައަށްވެސް މަސައްކަތް ކުރާށޭ. ފުރިހަމަ ދިރިއުޅުމެއް އުޅެން ދަސްކުރަން" މިއީ ސުހާގެ ނަސޭހަތެކެވެ.

ސުހާ ބުނީ ތެލަސީމިއާ އެކު އުޅެން ދަސްކުރުމަށް އެހެންކުދިންނަށް ނަސޭހަތްދޭ ކަމަށެވެ. އަދި ތެލަސީމިއާ އާއި ހެދި މިވެނި ކަމެއް ނުވާނެއޭ ބުންޏަސް ތެލަސީމިއާ މީހަކަށް ނުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ސުހާ ބުންޏެވެ.

"ރަނގަޅު ލައިފެއް އުޅެވޭނީ ފަރުވާ ހޯދައިގެންނޭ. ދަސްކުރާށޭ އަމިއްލަ މީހާގެ ހާލަތު ދަސްކޮށްގެން ރަނގަޅު ލައިފެއްގައި އުޅެވޭނެނަމަ ޓެލަސީމިއާ ހުއްޓަސް ނެތަސް ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ސުހާ ގަބޫލު ކުރެއެވެ.

ސުހާ އާއި ތެލަސީމިއާ ކޮމިއުނިޓީން ހާސިލްވާން އެދޭ ބައެއް ކަންކަން

ތެލަސީމިއާ އާއި ގުޅޭ ބައިނަލްއަގްވާމީ އެތައް ކޮންފަރެންސެއްގައިވެސް ރާއްޖެ ތަމްސީލްކޮށްފައިވާ ސުހާ، ތެލަސީމިއާ ދުވަހ 'ޒީޓައިމްސް' އާއި ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކެއްވެސް އެބަހުއްޓެވެ. އަދި އެންމެ ރަނގަޅުކޮށްލަން ބޭނުންވާ ބައެއް ކަންކަން އޭނާ ފާހަގަ ކުރިއެވެ. 

  • ތެލަސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުން
  • ތެލަސީމިއާ އަކީ ހަމައެކަނި ލޭ އެޅުމެއް ނޫން. މަލްޓިޑިސިޕްލިނަރީ މަލްޓިކެއާ ޕްލޭންތައް ޕޭޝަންޓުން ބޭނުންވޭ
  • ހިދުމަތް ނުލިބޭނަމަ 1990 ގެ ކުރީކޮޅު ތެލަސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ ހާލަތެކޭ އެއްގޮތަށް މުސްތަގުބަލުގެ ތެލަސީމިއާ ކުދިންގެ ދިރިއުޅުމުގެ ހާލަތު އޮވެދާނެތީ ވަރަށް ކަންބޮޑުވޭ.

މީގެ އިތުރުން ސުހާ ބުނީ ރަށްރަށުގައި ދިރިއުޅޭ ތެލަސީމިއާ ކުދިންނާއި މީހުންނަށް އެއްހަމައެއްގައި ފަރުވާގެ ފުރުސަތުތައް ނުލިބޭކަން ފާހަގަކުރެވޭ ކަމަށާއި މިއީވެސް އޭނާ އާއި ތެލަސީމިއާ ކޮމިއުނިޓީގެ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ކޮންމެ އަހަރެއްގެ މޭ 8، ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު މިއަހަރުގެ ޝިއާރަކީ "އެމްޕަވަރިން ލައިވްސް، އެމްބްރޭސިން ޕްރޮގްރެސް، އިކުއިޓަބަލް އެންޑް އެކްސެސިބަލް ތެލަސީމިއާ ޓްރީޓްމެންޓް ފޯ އޯލް" އެވެ.

'ޒީޓައިމްސް' އިން އެދެނީ ސުހާ އާއި ރާއްޖޭގެ ތެލަސީމިއާ މީހުންނާއި ކުދިންގެ އާއިލާތަކަށް މިހާރަށްވުރެ ފަހި ހިދުމަތްތަކާއި ފަރުވާ ހޯދޭނެ ލުއި ފަސޭހަގޮތްތައް ކުރިމަގުގައި ފެނިގެން ދިއުމެއެވެ. އަދި ދުވަހުގެ ތަހްނިޔާ ތެލަސީމިއާ ކޮމިއުނިޓީއަށް އަރިސް ކުރަމެވެ.

+1
0
+1
0
+1
6
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް