May 3, 2024 15:33
Advertisement

-Advertisement-

ކުޑަކުދިންނަށް ޚާއްސަ: ރަން ވަޅުގަނޑު މިވާހަކަ ކިޔުމަށްފަހު ޖަވާބުދިނުމަށް

މިއީ "އަރާކުރި 8" ވަނަ އަދަދު  "ކަޖޫބޭގެ މަޖާ 4" މި ފޮތުގެ ވާހަކައެކެވެ. އުމުރުފުރާ 8+

ވާހަކަ ކިޔުމަށްފަހު ދީފައިއެވާ މަސައްކަތް ކޮށްލާށެވެ!

މި ސިލްސިލާގެ ކުރީގެ ފޮތްތެއްގައި ކަޖޫބޭގެ އެކުވެރިއެއް ކަމަށްވާ، ދަހިވެތި ސޭޓުގެ ވާހަކައެއް ހިމެނިފައި ވާނެއެވެ. މީނާއަކީ އޭނާގެ ދަހިވެތިކަމުން އެއްވެސް އެއްޗެއް އެހެން މީހަކަށް ނުދީ، އޭނާއަށް ލިބޭހާ އެއްޗެއް ބައްކޮށްގެން އުޅޭ މީހެކެވެ. އެގޮތަށް މުދަލާވެގެން އުޅެއުޅެ މީނާ ވަނީ މިހާރު ފައިސާއާއި މުދާ ގިނަ ވަރަށް ބޮޑު މުއްސަންޖަކަށް ވެފައެވެ. އަދި ފައިސާ ގިނަވި ގިނަވިހެން އެ ތަކެތި ގެއްލިދާނެކަމުގެ ބިރުވެސް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެހެންކަމުން ފަހަކަށް އައިސް ދަހިވެތި ސޭޓު އޭނާގެ ފައިސާތައް މީހުންނަށް ނުފެންނަގޮތަށް ފޮރުވާފައި ބަހައްޓާނެ ރަނގަޅު ތަނަކާމެދު އަބަދުވެސް ހުންނަނީ ވިސްނާ ބަލަބަލައެވެ.

Advertisement

ފަހަކަށް އައިސް މިހާރު ކޮންމެ ރެއަކު ވެސް ދަހިވެތި ސޭޓު ފިހާރަ ލެއްޕުމަށްފަހު އެ ދުވަހަކު ލިބޭ ފައިސާއެއް ކޮންމެވެސް ތަނަކަށް ލައި ފޮރުވައެވެ. އަދި އެއްފަހަރަކު ފައިސާ ފޮރުވަން ލީތަނަކަށް އަނެއްފަހަރަކު ނުލައިވޭތޯވެސް ބަލައެވެ. އެހެން އުޅެންހަދައިގެން  ބައެއްފަހަރަށް ޚުދު ސޭޓަށްވެސް އެ ފައިސާ ފޮރުވަން ލެވުނު ތަނެއް ނޭނގިގެން އެ ހޯދުމަށްޓަކައި ވަގުތުތައް ބޭކާރުކޮށްލަނީ މަދެއްކޮށް ނޫނެވެ. ބައެއްފަހަރަށް ލެވޭތަން ނޭނގިގެން ފައިސާ ގެއްލިފައިވެސް އެބަހުއްޓެވެ. އެފަދަ ދުވަސް ދުވަހު އޭނާ ރޮއިހޭރިހަދާ އަޑަށް މީހުން އެ ގޭދޮށަށް އެއްވެއުޅެއެވެ.

ކޮންމެއަކަސް އެހެންއުޅެއުޅެ މި ދަހިވެތި ސޭޓުވަނީ އޭނާގެ ދަހިވެތިކަމުން ލިބުނު މަޝްހޫރުކަމަށްވުރެ، އޭނާގެ މުއްސަނދިކަމުން ލިބުނު މަޝްހޫރުކަން މިހާރު ރަށުގައި ބޮޑުކޮށްފައެވެ. މީނާގެ އެ މުއްސަނދިކަން ތާއަބަދު ދެމެހެއްޓޭނެ ގޮތަކާމެދު ވަރަށް ބޮޑަށް ވިސްނާފައި އެއް ދުވަހަކު ގޮތެއް ނިންމައިފިއެވެ. އެ ނިންމި ގޮތަކީ، އޭނާގެ އަތުގައިހުރި ހުރިހާ ފައިސާއެއް ރަނަށް ހެދުމެވެ.

ސޭޓުގެ ހުރިހާ ފައިސާއެއް ރަނަށް ބަދަލުކުރުމަށްފަހު، އެއްވެސް މީހަކަށް ނުފެންނަގޮތަށް ރޭގަނޑު ދަންވަރު މީހުން ނިދައި ފައިހިލައޮބުމުން އެކަނިމާއެކަނި ވަލުތެރެއަށް (ޖަންގައްޔަށް) ވަދެ ވަޅުގަނޑެއް ކޮނެފައި އެ ވަޅުގަނޑުގައި ރަންތައް ވަޅުލައިފިއެވެ. ސޭޓު މިގޮތަށް ކަންތައް ކުރުމަށްފަހުވެސް އޭނާގެ ލޮލަށް ހަމަނިދި ލިބޭގޮތެއް ނުވިއެވެ. ކޮންމެ ދުވަހަކު ދެއިރު އެއްކަލަތަނަށް ގޮސް ރަންތައް ހަމަޔަށް ހުރިތޯ ބަލަމުންދެއެވެ. 

އެއްދުވަހަކު، ދަހިވެތި ސޭޓުގެ ޢަމަލުތަކަށް ފާރަލަމުން މީހަކު ސޭޓު ކޮންމެ ދުވަހަކު ވަލަށް ވަދެ މިކުރަނީ ކީއްތޯ ބަލައި އެ ކުރާކަމެއް ހޯދައިފިއެވެ. ދެން އެއްރެއަކު މި ކަލޭގެ ކުރިކަމަކީ ވަލަށްވަދެ ސިއްރުން ސޭޓު ފޮރުވައިގެން ގެންގުޅޭ ރަންތައް ކޮނެގެން ނަގައިފިއެވެ.

ޖެހިގެންއައި ދުވަހު އާދައިގެމަތިން ދަހިވެތި ސޭޓު ރަންތައް ހުރިތޯ ޗެކުކުރިއިރު ރަންތައް ފޮރުވިތަނުގައި އެންމެ ރަން ފޮއްޗެއްހާ ހިސާބު ވެސް ނެތެވެ. އެ ވަގުތު އޭނާއަށް ލިބުނު ބޮޑު ހިތާމައެއްގެ ސަބަބުން ހޭނެތިގެން އެ ހުރިތަނަށް ވެއްޓިއްޖެއެވެ. ސޭޓަށް ހޭވެރިކަން ލިބުނުއިރު އޭނާ އޮތީ ކަޖޫބޭގެ ގޭގައެވެ. ކައިރީގައި ތިބީ ކަޖޫބޭގެ ދެމަފިރިންނެވެ. ކަޖޫބޭ ސޭޓާ ސުވާލުކުރިއެވެ. "ސޭޓަށް ތިޔަ ދިމާވި ކަންތައް މަށަށް ކިޔައިދީބަލަ!" ސޭޓު ރޮއިގެންފައި ބުންޏެވެ.

"އަހަރެންގެ ދުވަސް ހިނގައްޖެ. އަހަރެން މުޅިން ނިކަމެތިވެ ފަޤީރުވެއްޖެ. އަހަރެން މުޅި އުމުރުދުވަހު މަސައްކަތްކޮށްގެން އެއްކުރި ހުރިހާ މުއްސަނދިކަމެއް ގެއްލިއްޖެ." ދެން ނިކަން އަސަރާއެކު ކަންވީގޮތް ސޭޓު ކަޖޫބޭއަށް ކިޔައިދީފިއެވެ.

ދަހިވެތި ސޭޓަށް މި ދިމާވި ހިތާމަވެރި ވާހަކަތައް އަޑުއަހާފައި ކަޖޫބޭ ވެސް ވަރަށް ދެރަވެއްޖެއެވެ. އެކަމަކު ކަޖޫބޭ ވަރަށް ހަމަޖެހިލާފައި ސޭޓަށް ހިތްވަރު ދިނުމަށްޓަކައި ބުންޏެވެ. "ބަލަ! މިހާރު ސޭޓުގެ ބޮލަށް މާ ފަސޭހަ ވާނެއެއް ނޫންތަ؟ އެ ރަންތަކާމެދު ސޭޓު ފިކުރުކޮށްކޮށް ވިސްނަވިސްނާ ތިޔަ ހުންނަނީ ރޭގަނޑުގެ ނިދުމާ އަރާމުން ވެސް މަޙްރޫމްވެފައެއް ނޫންތަ؟ މިހާރު ގެއްލިދާނެތީ ބިރުން ފިކުރު ކުރާނެ އެއްޗެއް އަތަކު ނެތެއްނު. މިހާރު މާ ހިތަށް ފަސޭހަވާނެހެން މަށަށް ހީވަނީ"

ދަހިވެތި ސޭޓު ދެރަވެލާފައި ބުންޏެވެ. "މަލާމާތް ނުކުރޭ ކަޖޫބޭ! އަހަރެންނަށް އެ ރަންތައް ލިބިއްޖެނަމަ އެންމެ ފުރަތަމަ ވެސް މަ ދާނީ ޙައްޖަށް. އަދި ކުރިޔަށް އޮތް ތާނގައި މީހުނަށް އެހީވެ ޞަދަގާތް ކޮށްވެސް މަ ހަދާނަން!"

ދަހިވެތި ސޭޓު މިހެން ބުނުމުން، ކުއްލިއަކަށް ގޮސް ވަނީ އޭނާގެ ކޮޓަރިތެރެއަށެވެ.

އިރުކޮޅަކުން ކަޖޫބޭ ކޮޓަރިން ނިކުތީ ބޮޑު ރަން ދޮލަނގެން ހިފައިގެންނެވެ. ކަޖޫބޭ އައިގޮތަށް އައިސް ސޭޓުގެ ކުރިމައްޗަށް ގެނެސް އެ އަޅައިލީ، ސޭޓު ގެއްލިގެން އެ އުޅޭ ރަންތަކެވެ. އެ ވަގުތު ސޭޓުގެ މޫނުމަތި އުފަލުން ފޮޅިގެންދިޔައެވެ. ދެން ކަޖޫބޭ ސޭޓަށް ބަލައިލާފައި ބުންޏެވެ. "ކަލޭ ހޭނެތިފައި އޮތް ޚަބަރު ލިބިގެން އައި މިގޭ އަވައްޓެރިއަކު މި ތަކެތި މިގެއަށް ގެނެސް އަހަރެންނާ ޙަވާލުކޮށްފައި ސޭޓަށް ރައްދުކޮށްދިނުމަށް އެދިފައި ދިޔައީ. އަދި ސޭޓު ހޭއެރުމުން ސަލާން ބުނާށޭ ވެސް އެ މީހާ ބުނި. އޭނާ މި ރަންތައް ގެންދިޔައީ ޢިބްރަތެއް ހާސިލުކޮށްދިނުމަށް ކަމަށް ވެސް އޭނާ ބުނި".

  • ސުވާލުތައް

1- މުއްސަނދި ސޭޓުގެ މި ސިލްސިލާގެ މި ނޫން އެހެން ވާހަކައެއް ތިޔަ ދަރިވަރު ކީންތަ؟

2- އޭނާގެ ފައިސާ ގިނަވިވަރަކަށް ވިސްނަމުން ދިޔައީ ކޮންކަމަކާތަ؟

3- ފަހަކަށް އައިސް ސޭޓުގެ ފައިސާތަކަށް ހަދަންފެށީ ކިހިނެއް؟

4- ސޭޓަށް އެންމެ ބޮޑު މަޝްހޫރުކަމެއްލިބިފައި ވަނީ ކޮންގޮތަކަށް؟

5- ސޭޓުގެ ހުރިހާ ފައިސާއެއް ރަނަށް ބަދަލުކުރީ ކީއްވެގެން؟

6- އެއަށް ފަހު ސޭޓު އެ ރަންތަކަށް ހެދީ ކިހިނެއް؟

7- އެއްދުވަހަކު އޭނާ ހޭނެތެން މެދުވެރިވީ ކީއްވެ؟

8- ސޭޓު ހޭނެތިފައި އޮއްވާ ފެނުނީ ކާކަށްތަ؟

9- ދެން އެމީހާ ކަންތައްކުރީ ކިހިނެއް؟

10- ކަޖޫބޭ ހޭ އެރުމަށްފަހު ބުނީ ކީކޭތަ؟

11- އެ ރަންތައް އަނބުރާ ލިބިއްޖެނަމަ ދެން އޭނާ ކަންކުރާނެކަމަށް ބުނީ ކިހިނެއް؟

12- ސޭޓުގެ ރަންތައް އޭނާއަށް ލިބުނުތަ؟ ކިހިނެއް އެކަންވީ؟

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
1
+1
0
+1
4
+1
1
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް