May 3, 2024 18:33
Advertisement

-Advertisement-

ދަރިންގެ އުމުރުން 7 އަހަރު ވުމުން ނަމާދު ކުރަން އެކުދިންނަށް އަމުރު ކުރާށެވެ!

ކޮންމެ މަންމައަކާއި ބައްޕައެއްވެސް އަމާނާތެއްގެ ގޮތުގައި އެދެމީހުންނާ ﷲ ސުބުހާނަހޫ ވަތަޢާލާ ހަވާލު ކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހެއެވެ. އެ ދަރިންނަށް އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހެއެވެ. އެގޮތުން މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުތަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް ބަހާއި އަމަލުން ކިޔަމަންތެރިކަން އަދާކުރުމެވެ. އެއަށްފަހު ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީހިނދު ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަމެކެވެ.

އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އެކަން ބަޔާންކުރައްވައި ރަސޫލާ ﷺ ހަދީޘް ކުރައްވައިފައިވެއެވެ. މާނައީ: " ތިޔަބައިމީހުންގެ ދަރިންގެ އުމުރުން 7 އަހަރު ވުމުން ނަމާދު ކުރަން އެކުދިންނަށް އަމުރު ކުރާށެވެ. އަދި 10 އަހަރު ވުމުން ނަމާދު އަޅައިފިނަމަ އެކަމަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރާ އެންމެ ފަހުކަމަކަށް އަނިޔާނުވާނޭ ގޮތަށް ގައިގައި ޖަހައިގެން ނަމަވެސް އަދަބުވެރި ކުރުވާށެވެ. އަދި އެކުދިން ނިންދަވާ ތަންމަތިން ވަކި ކުރާށެވެ".

މި ޙަދީޘުން ލިބޭ އިރުޝާދަށް ބަލާއިރު، އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެކަމެކެވެ. އެންމެ ފުރަތަމަ ނަމާދުގެ ހަރަކާތްތައް ކުއްޖާ ދަސްކުރާނެއެވެ. އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުޢާތައް ކިޔަން މަސައްކަތް ކުރާނެއެވެ.

Advertisement

ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ނަމާދު ކުރުން ކަމުގައި ހަދަން ޖެހެއެވެ. ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި، ނަމާދަށް ޝައުގުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެކެވެ. ކުޑަކުދިން މިސްކިތަށް އަހުލުވެރި ކުރުވުމުގައި ބެލެނިވެރިންގެ ސަމާލުކަން ނުހަނު ބޭނުންވާނެއެވެ. މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް އެކުދިންނަށް ކިޔައިދިނުމަކީ މިސްކިތުގެ ޖަމާޢަތަށް ހާޟިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭންޖެހޭ އިރުޝާދެކެވެ. މިސްކިތަކީ ބިންމަތީގައިވާ މާތްﷲ ގެ ގެކޮޅުކަން ދަރިންނަށް ކިޔައިދީ މިސްކިތުގެ ސާފުތާހިރުކަމާއި މިސްކިތުގައި ކުރެވޭނެ ކަންތައްތަކާއި ކޮށްގެންނުވާނެ ކަންކަން ބެލެނިވެރިން ދަރިންނަށް ކިޔައިދޭން ޖެހޭނެއެވެ.

ނަމާދަށް އަހުލުވެރި ބަޔަކަށް ހެދުމަށް އަމަލީ ގޮތުން ކުރެވޭ މަސައްކަތުގެ އިތުރަށް، ދަރިންނަށްޓަކައި ހެޔޮ ދުޢާކުރުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ.

ނަމާދަކީ ތިމާ ކުރަންޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން ކުރަންޖެހޭ ކަމެއް ކަމުގައި އިހުސާސްކުރެވޭ ގޮތަށް ދަރިންނަށް މަގު ދައްކައިގެން ނުވާނެއެވެ. ބަރާބަރަށް ނަމާދު އަދާކުރުމަކީ މީހާގެ އަމަލުތައް ސީދާވުމަށް ލާޒިމުކަމެއް ކަމަށް ނަބަވީ ސުންނަތުގެ މިސާލުތަކުން ސާބިތުވެއެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް