May 3, 2024 11:29
Advertisement

-Advertisement-

ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަކީ އަހަރެމެންގެ ހަށިގަނޑުގެ އެއްބައި – ޢީދު ޚުޠުބާ

ޢީދު ދުވަހުގެ ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ބައެއްގެ އިޖުތިމާޢީ ފޭރާން ވަރުގަދަވުމަކީ، އެ މުޖުތަމަޢަކަށް ފާގަތިކަމާއި އަމަން އަމާންކަން ގެނުވާނެ ކަމެކެވެ. ބައެއްގެ ތެރޭގައި ރިވެތި އަޚްލާޤު ފެތުރިއްޖެނަމަ، އެބައެއްގެ މެދުގައި އެއްބައިވަންތަކަން އާލާވާނެއެވެ. ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް، އިސްލާމީ އުޚުއްވަތްތެރިކަމާއި، ރިވެތި އަޚްލާޤު، ވީރާނާވިޔަ ނުދޭށެވެ! ދުލުގެ އާފާތްތަކުގެ ޝިކާރައަކަށްވެ، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގު ހެދުމާއި، ދޮގު ހެކިދިނުމާއި، މަލާމާތްކޮށް ފުރައްސާރަކުރުމާއި، ހަޑި ހުތުރުބަހުން ވާހަކަދައްކާ ބަޔަކަށް ނުވާށެވެ.

ފިޠުރު ޢީދުގެ މި އުފާވެރި މުނާސަބަތުގައި، އެކަކު އަނެކަކާ ހިނިތުންވުމާއެކު ބައްދަލުކޮށް، ސަލާންގަލާންކޮށް، ހަދިޔާ ބަދިޔާ ބަދަލުކޮށް، ކުޅިވަރާއި އުފާފާޅުކުރުމުގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު، ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންގެ މަތިން ހަނދާން ނައްތާނުލާށެވެ! އެ ލޮބުވެތި އަޚުންނާއި އުޚުތުން އެދަނީ، މާތްވެގެންވާ އަލްމަސްޖިދުލް އަޤްސާއާއި އެ ބަރަކާތްތެރި ފަސްގަނޑުގެ ދިފާޢުގައި ޖިހާދު ކުރަމުންނެވެ.

ފާއިތުވެގެންދިޔަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް އެމީހުން އުޅެމުންދިޔައީ ނުހަނު ނިކަމެތި ހާލުގައެވެ. ރޯދަ ވީއްލުމަށާއި، ހާރުކެއުމަށް ކާނެ އެއްޗެއް ބޯނެ އެއްޗެއް، ލިބިގެން ނުވާ ހާލުގައެވެ. އެމީހުން ރޭ އަޅުކަން ކުރަމުން ދިޔައީ، ޞިހްޔޫނީންގެ އަނިޔާވެރި ހަމަލާތަކުން ސުންނާފަތިކޮށްފައިވާ ބިނާރުތަކާއި، ހިރަފުސްތަކުގެ ތެރޭގައެވެ. މިހާލަތުގައިވެސް އެ އަޚުންނާއި އުޚްތުންގެ ކިބައިން ފެނިގެންދިޔައީ ﷲ ގެ މިންވަރުފުޅަށް ރުހިގެންވުމާއި ނުގުޑާފަދަ ވަރުގަދަ އީމާންކަމެކެވެ. މިއީ އެކަންކަމުން އަހަރެމެން ޢިބުރަތް ލިބިގަންނަންވީ ކަންކަމެވެ.

Advertisement

މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، އެ ވޭނުގައި ހަށިގަނޑުގެ ބާކީހުރި ގުނަވަންތައް ބައިވެރިވެއެވެ. ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަކީ އަހަރެމެންގެ ހަށިގަނޑުގެ އެއްބައެވެ. އެމީހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކީ، އަހަރެމެންނަށް ލިބޭ ނިކަމެތިކަމެކެވެ. އަދި އެމީހުންނަށް ލިބޭ ކޮންމެ ޢިއްޒަތަކީ އަހަރެމެންނަށްވެސް ލިބޭ ޢިއްޒަތެކެވެ. އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަސްރުދެއްވުން އެދި ދުޢާކުރާށެވެ. އަހަރެމެންގެ ޤާބިލިއްޔަތު ތަންދިން މިންވަރަކުން، އެމީހުންނަށް އެހީގެ އަތް ދިއްކޮށްލުމުގައި ފަސްނުޖެހޭށެވެ. މި މަތިވެރި ޢީދު ދުވަހުގައި ﷲ އަށާއި އެކަލާނގެ ދީނަށާއި، އެ ދީނުގެ އަހުލުވެރިންނަށް ނަސްރުދޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ!

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް