May 3, 2024 14:57
Advertisement

-Advertisement-

އައިޝާމިސް: ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރުމުގައި މެދުނުކެނޑި 36 އަހަރު

މިފަހަރު 'ޒީޓައިމްސް'ގެ ފަރުދުން ކެޓަގަރީގައި މިގެނެސްދެނީ ތަޢުލީމީ ދާއިރާގައި މުދައްރިއްސެއްގެ ގޮތުގައި  މެދުކެނޑުމެއްނެތި 36 އަހަރު ޚިދުމަތް ކޮށްފައިވާ އަދި މިހާރުވެސް އެތައް ދަރިވަރުންތަކަކަށް ކިޔަވައިދެއްވަމުން އަންނަ ހިރިޔާ ސްކޫލުގެ ޕުރައިމަރީ ޓީޗަރ އައިޝަތު އަލިފުޅު (އައިޝާމިސް)ގެ ހީވާގި އިޚުލާސްތެރި ޚިދުމަތުގެ ވާހަކައެވެ.

ރ.އަތޮޅު މަދަރުސާގެ އިތުރުން ޅ.ހިންނަވަރުގައި ހުންނަ ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ އުނގެނުމަށްވެސް ވަނީ ނުހަނު ގިނަ މަސައްކަތް ކޮށްދެއްވާފައެވެ. ކިޔަވައިދިނުމުގެ މަސައްކަތުގެ އިތުރުން އައިޝާމިސް ވަނީ ގާލްގައިޑް އަދި ލިޓްލްމެއިޑް ލީޑަރެއް ގޮތުގައި 30 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

އައިޝާމިސްއަކީ  ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވުނު ކަމުގެ އުފާ އިހުސާސްކުރެވޭ 7 ދަރިންގެ މަންމަ އެކެވެ. އޭނާގެ ކާމީޔާބީ ރަމްޒުކޮށްދޭ އެންމެ ވަރުގަދަ އެއް ދަލީލަކީ އޭނާގެ، ދަރިންނަކީ ވެސް ތަޢުލީމީ ގޮތުން ފާހަގަ ކޮށްލެވޭ، ޒިންމާދާރު ވަޒީފާތަކެއް އަދާކުރާ ރިވެތި އަހުލާގެއްގެ ވެރި ދަރިންތަކަކަށް ވުމެވެ. އައިޝާމިސް ވެސް ސިފަކުރެއްވީ ގިނަ ދަރީންގެ މަންމަ އަކަށްވެހުރެ މިހިސާބަށް އައުމަކީ އަދި އިތުރަށް އެކަމާމެދު އުފާކޮށް ފަޚުރުވެރިވާ ކަމެއްގެ ގޮތުގައެވެ.

Advertisement

"ގިނަ ދަރިންގެ މަންމައަކަށްވެ ހުރެ، ވަކި ދިރިއުޅުމެއްގައި މައިންބަފައިންނާއި ދުރުގައި ބީރައްޓެހި ރަށެއްގައި އެތަކެއް އުނދަގޫތަކާއެކު އުޅެމުން، ގޭތެރޭގެ ކަންކަން ބަލަހައްޓަމުން، ދަރީން ތަރުބިއްޔަތު ކުރަމުން، މިހާ ގިނަ ދުވަހު ޚިދުމަތުގައި  ދެމިހުރެވުން މިއީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ. " އެދުވަހު ކުރިއަށްދެވެން އޮތް އެތައް ފުރުސަތުތަކެއް ދަރިންނަށްޓަކައި  ދޫކޮށްލަން ޖެހުނު ނަމަވެސް، ދަރިންގެ ހައްޤުގައި ޤުރުބާން ކުރަން ޖެހުނު ކޮންމެ ކަމެއްކުރީ އުފަލުން ކަމުގައި ފާހަގަކުރައްވާ އައިޝާމިސް އެ އިހްސާސް ވެސް ހިއްސާ ކޮށްލެއްވިއެވެ.

ތަޢުލީމީ ދާއިރާއަށް ޝައުޤުވެރިކަން އުފެދުނު ހިސާބުގެ ވާހަކަ ފެއްޓެވީ 1980 ގެ ކުރީކޮޅުންނެވެ. އޭރުގެ ވާހަކަތަކާއި ހާލަތު އައިޝާމިސް ސިފަކޮށްދެއްވީ ފުޅިބައްތި ދިއްލައިގެން ކިޔަވަމުންދިޔަ ދުވަސްވަރާ ހިސާބުންނެވެ. އެންމެ ކުޑައިރު ވެސް ތަޢުލީމު އުގެނުމުގެ ޝައުޤުވެރިކަން ހުންނަކަމަށާއި، ކަރަންޓެއް ނެތް ދުވަސްވަރެއްގައި ފުޅިބައްތީގެ އަލީގައި ނުނިދާ ގިނަ އިރުތަކެއް ވަންދެން ހޭލާ ފޮތްކިޔަން އިންނަ ކަމުގެ ހަނދާންތަކާ އެކުގައެވެ. އިތުރަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެން ދިއައީ، މަންމަ އާއި ބައްޕަ އޭރުގެ ހާލަތަށް ބަލައި ލިބެން ހުރި މަދުވަސީލަތުން ވެސް ތަޢުލީމު އުނގެނުމަށް ދިން ހިތްވަރެވެ. އަދި އެކަމަށްޓަކައި ހިތްވަރު ދިނުމަށް ފަހިކޮށްދެވުނު ފުރުސަތުތަކެވެ.

މިއަދު ހިރިޔާ ސްކޫލުގެ ޕްރައިމަރީ ދަރިވަރުންނަށް އިނގިރޭސިއަށް ހާއްސަ މާއްދާތައް ކިޔަވައިދެއްވަމުން ގެންދަވާ އައިޝާމިސް ގިނަބަޔަކު ފާހަގަ ކުރަނީ ދަރިވަރުން ވަރަށް ލޯބިވާ އެކުދިންގެ ކުރިއެރުމަށް ވިސްނުންތެރި ހިޔާލުތަކާއިއެކު މަސައްކަތް ކުރާ ޓީޗަރެއްގެ ގޮތުގައެވެ. އަދި އެހާމެ އަވަހަށް ކުދިންގެ ގާބިލިއްޔަތުތަކާއި ހުނަރު ދެނެގަނެ އެކުދިންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފަށައިގެން ކިޔަވައިދިނުން ބައްޓަން ކުރުމަށް ލޯބިކުރާ ޓީޗަރެއްގެ ގޮތުގައެވެ. ރިވެތި ބަހުން މުޢާމަލާތް ކުރުމާއި ރިވެތި އަބުރުވެރި އުޅުމެއް އުޅުމަށާއި، ރަނގަޅު މެހެމާންދާރީ އަދާކުރުމަށް ބާރު އަޅާ އެގޮތަށް އަމަލު ކުރާ ޓީޗަރ އެއްގެ ގޮތުގައެވެ. ކުރުކޮށް ބުނަނީނަމަ މުދައްރިސެއްގެ ގައިގައި ހުންނަން ޖެހޭނެ ރިވެތި ހުރިހާ ސިފައެއް ހުރި ޓީޗަރެކެވެ.

އެންމެ ފުރަތަމަ ތަޢުލީމީ ދާއިރާއާ ގުޅުނީ ރައީސް މަޢުމޫނުގެ ވެރިކަމުގެ ކުރީކޮޅު ކުރިއަށް ގެންދެވި އެންމެނަށް އަސާސީތަޢުލީމު އުނގަންނައި ދިނުމުގެ ޕްރޮގްރާމުގެ ދަށުން ބޮޑެތި މީހުނަށް ކިޔަވައިދިން ކްލާސްތަކުގެ ތެރެއިންނެވެ. އޭރު ރަށުން ކިޔެވެން ހުރި ވަރަކަށް ކިޔަވައިގެން ހުއްޓާ މި ކްލާސްތައް ފެށުމުން މިފުރުސަތުގެ ބޭނުން އައިޝާ މިސް ހިފަން ފެށިތާ ދެހަފުތާއެއްހާ ދުވަސްވީތަނާ ޖެހުނީ ބޮޑެތި މީހުންނަށް އެ ކުލާސްތަކުގަ ކިޔަވައިދޭ މީހަކަށް ބަދަލުވާން ކަމުގައި އައިޝާމިސް ފާހަގަ ކުރިއެވެ. އުމުރުން ހަގު ނަމަވެސް އޭރުވެސް އައިޝާ މިސްގެ ކިބާގައި ހުރި ހުނަރާއި ތައުލީމީ ފެންވަރު އެ ކުލާސްތައް ހިންގާ، އިންތިޒާމު ކުރެއްވި ބޭފުޅުން ދެނެގަތެވެ.

" އޭރު ރަށުން ކިޔެވެން ހުރި ވަރަކަށް ކިޔަވައި ނިމިގެން ފޫހިވެފަ ހުއްޓާ އަސާސީ ތަޢުލީމު ޕްރޮގްރާމް ފެށުމުން އޭގައި ކިޔެވުމަށް އަޒުމު ކަނޑައަޅައިގެން އެ ކްލާސްތަކަށް ދާންފެށުމުން އަޅުގަނޑު ވާންޖެހުނީ ކިޔަވައިދޭ މީހަކަށް. އެކުލާސް ހިންގެވުމަށް ތިއްބެވި މީހުން ދެނެގެންފި އަޅުގަނޑު ކިބާގައި ހުރި ހުނަރެއްކަން ކިޔަވައި ދިނުމަކީ. އެހެންކަމުން އަޅުގަނޑު ޖެހުނީ ވަގުތުން ކިޔަވައިދޭ މީހަކަށް ބަދަލުވާން. އެދުވަހަށްފަހު ދެކެން ފެށި ހުވަފެނެއް ޓީޗަރަކަށް ވުމަކީ" އައިޝާ ޓީޗަރުގެ ފުރަތަމަ ތަޖުރިބާ ހިއްސާ ކޮށްލިއެވެ.

އެއަށްފަހު 1983 ވަނަ އަހަރު، ރަށު އޮފީހުން ލިބުނު ފުރުސަތެއްގައި މާލޭގައި ހިންގި "ލީޑަރޝިޕް ޓްރެއިނިން ކޯހެއް ފުރިހަމަކޮށް، އެނބުރި އައިތަނުން ހަމަ އެ އަހަރު ރަށުން ބޭރުގައި އަތޮޅުތަޢުލީމީ މަރުކަޒުތަކަށް ގޮސްގެން އެ ސްކޫލުތަކުގާ ރަސްމީ ތަޢުލީމު ކިޔެވުމުގެ އިތުރު ފުރުސަތުތައް އެހިސާބުން ލިބުނެވެ.

ރަށުން ބޭރުގައި ހުއްޓާ، އޭރު އޮތް މުދައްރިސުންގެ ދަތިކަމާހުރެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޓީޗަރުންނަށް ހެދުމަށް ހޮވާލި ކުދިންކޮޅެއްގެ ތެރޭގައި ހިމެނިގެން ދެއަހަރު ދުވަހުގެ ޕްރައިމަރީ ޓީޗިންގ ކޯސް ހެދުމަށް ފުރުޞަތު ލިބިގެން ދިޔަ ކަމަށާއި އެ ކޯހަށްފަހު 1988 ގައި ޓީޗަރެއްގެ ގޮތުގާ ފުރަތަމަ ކިޔަވާދިނުމާ ގުޅުނުކަމަށް އައިޝާމިސް ފާހަގަކުރެއްވިއެވެ.  އެއަށްފަހު ތަޢުލީމާއި ތަޖުރިބާގެ ގޮތުން ތަފާތު ހަރުފަތްތައް ގިރާކުރަމުން އައިސް މިއަދު އައިޝާ މިސްއަކީ އިނގިރޭސި މީޑިއަމުން  މާސްޓަރސް އޮފް ޓީޗިންގ އެންޑް ލާނިންގ ފުރިހަމަކޮށްފައިވާ ޓީޗަރެކެވެ. ފިސާރި ހީވާގީ ނަމޫނާ އަންހެން ކަނބަލެކެވެ. ދެގޮތެއްނުވެ ގައުމީ ޚިދުމަތުގައި ދެމިހުންނެވި ދަރިވަރުންގެ ލޯތްބާއި އިޙުތިރާމު ލިބިފައިވާ ޓީޗަރެކެވެ. ގައުމުގެ އެތައް މައިންނަކަށް ކުރިއަށް ދިއުމަށް ހިތްވަރުދޭ ނަމޫނާ މަންމަ އެކެވެ. އިނގިރޭސި ބަހުން ބުނާ ނަމަ "އޯލް އިން ވަން" އެވެ.

ތައުލީމީ ދާއިރާގައި މެދުކެނޑުމެއްނެތި މިހާ ގިނަދުވަހު ކުރިއަށް ދިޔުމުގެ  އެންމެ ބޮޑު ހިތްވަރެއްގެ ގޮތުގައި އައިޝާމިސް ފާހަގަކުރެއްވީ އޭނާގެ މައިންބަފައިންގެ ފަރާތުން ލިބުނު ހިތްވަރެވެ. އަދި އެމީހުން ފަޚުރުވެރިވާނެ އަންހެން ދަރިއެއް ހުރިކަން އަންގައިދިނުމަށް ހިތުގައި ބިންވަޅު ނެގިފައި އޮތް އޮތުމެވެ. އައިޝާމިސްއަށް ކިޔަވައިދެއްވި މުދައްރިސުން ކުރި އުންމީދުތައް ހަޤީޤަތަކަށް ހަދައިދިނުމަށް އަތުކުރި އޮޅާލައި ކިޔެވުމަށްޓަކައި  ވީ ޤުރުބާނީއާ ނުގުޑާ ފަދަ އަޒުމެވެ.

މުދައްރިސެއްގެ ގޮތުގައި 25 އަހަރު، ލީޑިންގ ޓީޗަރެއްގެ ގޮތުގައި 11 އަހަރު، މުޅި ޖުމްލަ 36 އަހަރު ދިވެހި ދަރިވަރުން ބިނާ ކުރުމުގައި މެދުކެނޑުމެއްނެތި ހޭދަ ކުރެވުނު މިދުވަސްތައް އޭނާ ސިފަކުރައްވަނީ، މިއީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު ޝަރަފުގެ ގޮތުގައެވެ. އަދި ގިނަ ގޮންޖެހުންތަކާ އެކުވެސް  ސާބިތުކަމާއެކު މިހިސާބަށް މިކުރެވުނު ދަތުރަކީ ލިބުނު އަދި ލިބެމުންދާ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައެވެ. 

ދިވެހިން ދިވެހިންގެ ކަންކަމުގައި ޝާމިލުވާ މިންވަރު އިތުރު ކުރަންޖެހޭކަމަށާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކުރެވޭނީ ޤައުމީ މަންހަޖުގެ ތެރެއިން ގެނެވޭ ބިނާ ކުރަނިވި ބަދަލުތަކުން، ޤައުމުގެ އެންމެ އަގުބޮޑު ރައުސުލްމާލު ކަމުގައިވާ ދިވެހި ކިޔަވާކުދިންނަކީ ހަރުދަނާ ބައެއްގެ ގޮތުގައި ހެދިގެންކަމަށް އައިޝާ މިސް ފާހަގަ ކުރިއެވެ. އެހެންކަމުން މިހާރަށްވުރެން ބޮޑަށް ދަރިވަރުން ބިނާ ކުރުމުގައި ހަރުދަނާ އުސޫލުތަކެއް އުފެދިގެންއައުން މުހިއްމު ކަމުގައިވެސް އައިޝާ މިސް ވަނީ ފާހަގަ ކޮށްފައެވެ.

އަދި އައިޝާ މިސްއަށް ކިޔަވައިދެއްވި މުދައްރިސުންގެ ތެރެއިން ޑރ. މުސްތަފާ ލުތުފީގެ ނަން ޝުކުރުވެރިކަމާއި އެކު ފާހަގަކުރެއްވިއެވެ. އަދި ފިރިމީހާއާއި، ދަރިން އަދި ދެފަރާތުގެ ޢާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަކީ މިދާއިރާގައި ކުރިއަށް ދިއުމަށް ކޮންމެ ދުވަހަކު ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމުގައި ފާހަގަކުރެއްވިއެވެ.

+1
0
+1
2
+1
23
+1
0
+1
1
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް