April 29, 2024 03:59
Advertisement

-Advertisement-

ރޯދައަށް ހުންނައިރު ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާންޖެހޭ!

ރަމަޟާން މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެވެ. ޤުރްއާން ކިޔެވުމާއި ރޭއަޅުކަންކުރުމުގެ މައްސަރެވެ. ހިދާޔަތުގެ މައްސަރެވެ. ރަމަޟާން މަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ.

ރޯދައިގެ އަޅުކަމުގައި ރޫޙާނީ އިޖްތިމާޢީ، ސިއްޙީ ގިނަގުނަ ފައިދާތަކެއްވެއެވެ. ރޯދަ އަހަރެމެންނަށް ކެތްތެރިކަން ދަސްކޮށްދެއެވެ. ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައެވެ.

ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމެކެވެ. ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވެއެވެ. މިގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާންޖެހެއެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހެއެވެ.

Advertisement

ޙަދީޘުން ލިބޭ ޢިބްރަތަކީ، ރޯދަވެރިޔާ އަޚްލާޤު ރަނގަޅު ނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނޭ ކަމެވެ. އެހާރުން އޭނާ ވާހުށީ ޤިޔާމަތް ދުވަހުން މިދުނިޔޭގައި ކުޅަކަންތަކަށް ހިތާމަ ކުރާނޭ މީހަކަށެވެ.

ރޯދައަކީ ނުބައި އަޚްލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވައިފައިވެއެވެ. މާނައީ: "ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުރެ ފާޙިޝް ޢަމަލުތަކުންނާއި އަދި ހަޑިހުތުރު ބަސްތައް ބުނުމުންނާއި އަދި ޖާހިލުންގެ ޢަމަލުތަކުން ދުރުހެލިވާށެވެ! ފަހެ ރޯދައިގެ ދުވަހުގައި މީހަކު އަރައިރުންވެ ހަޑިހުތުރު ބަސްތައްބުނެ މީހަކާ މުޚާޠަބު ކޮށްފިނަމަ އެމީހަކު ބުނާށެވެ! ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ. ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ".

މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން މާތް ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ތަޤްވާވެރިކަން އިތުރުވާނޭ ހެޔޮ ޢަމަލުތައްކޮށް މި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް މިއަޅާގެ އަމިއްލަ ނަފްސަށާއި، ތިޔަ އެންމެތަކުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަމެވެ.

މިފަދަ ފަހި ފުރުސަތެއް ދެވަނަފަހަރަށް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، މި ބަރަކާތްތެރި މައްސަރުގައި ހަޔާތަށް ބޮޑު ބަދަލެއް ގެންނާށެވެ. މުޖުތަމަޢު އެއްބައިވަންތަކުރާ މުޖުތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައި ވާށެވެ! ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙްސާސްތަކުގައި ބައިވެރިވެ ނިކަމެތި ހާލުގައި އުޅޭ ފަޤީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށެވެ! އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނުކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާއެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް