April 29, 2024 17:27
Advertisement

-Advertisement-

ވާހަކަ: ލޭތިކި (އެކާވީސްވަނަބައި)

ޝަރުވާންގެ ވާހަކަތަކަށް މަންމަގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. ޝަރުވާން ބޭނުންވީ ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް އޭނާގެ އަނބިމީހާ ސަލާމަތް ކުރާށެވެ. ނަމަވެސް މަންމަގެ ޚިޔާލު ވަރަށް ތަފާތެވެ. މަންމަ ބޭނުންވަނީ މިކަމުން މުޅި ރަށް ސަލާމަތް ކުރާށެވެ. މަންމަގެ ކުރިމަތީގައި ހިނގައިދިޔައީ ގަބޫލު ކުރެވޭނެ މަންޒަރެއް ނޫނެވެ. އެކަމާއި ދެމީހުންގެ މެދުގައި ހޫނު ބަހުސެއް ހިނގުމަށްފަހު މަންމަ ކޮޓަރިއަށް ވަނެވެ. ޝަރުވާންވެސް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރީގެ ފަނޑު އަލިކަމުގެ ތެރެއިން ސުވައިދާ ފެނުނެވެ. އެނދުގައި އޮށޯވެލައިގެން އޮތްއިރު ހީވަނީ ވަރަށް ބިރުން އޮތް ހެންނެވެ. ޝަރުވާން ފެނުމާއި އެކު ކޮޅަށް ތެދުވެ ޝަރުވާނާއި ދިމާލަށް ހިނގައިގަތެވެ. އަދި އަޑަށް ވަރަށް ބާރުލާފައި ވާހަކަ ދައްކަން ފެށިއެވެ.

"ކަލޭގެ މަންމައަށް އަހަރެންގެ ގޮތް އެނގިހުރެ ކަލެއާއި ކައިވެނި ކުރުވީ. ދެން ކީއްކުރަން މިހާރު އަހަރެންގެ ދުވަސް ދުއްވާލަން އެއުޅެނީ" ސުވައިދާގެ ހަރުކަށި ޖުމްލަތަށް ޝަރުވާނަށް އަމާޒު ކުރަމުން ދިޔައެވެ.

"އެކަން އެގޮތަށް ވިޔަކަ އަހަރެން ނުދޭނަން. އެއަށްވުރެ އަހަރެން ސުވައިދާ ދެކެ ވަރަށް ލޯބިވޭ" ޝަރުވާން ބޭނުންވީ ސުވައިދާގެ ރުޅި މައިތިރި ކުރާށެވެ. ސުވައިދާ ހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރުވެސް އިތުރަށް އެއްވެސް ވާހަކައެއް ޝަރުވާނެއް ނުދައްކައެވެ. ކުށްވެރިއެއްހެން އަޑު އަހާލަން ހުރީއެވެ. ސުވައިދާ ކިޔާނެ އެއްޗެއް ކިޔަންދެނެވެ. އެންމެފަހުން ސުވައިދާގެ ރުޅިމަޑުވުމަށްފަހު އެނދުގައި އޮށޯވެލިއެވެ.

Advertisement

"އަހަރެން ވާހަކައެއް ބުނަންތަ" ޝަރުވާން ވަރަށް ލޯބިން ބުނެލިއެވެ.

"ބުނެބަލަ އަހަރެން މިއޮތީ އަޑުއަހަން" ފޫހިފާޑަކަށް ސުވައިދާ ބުނެލިއެވެ.

"ސުވައިދާގެ ފަރާތުން އެއްވެސް މީހަކަށް ގެއްލުމެއް ނުދޭތި. އަހަރެން އަބަދުވެސް ސުވައިދާގެ ދިފާއުގައި ހުންނާނަން" ޝަރުވާން ބުނެލިއެވެ.

ދެމީހުންގެ ވާހަކައިގައި ތިއްބާ ޝަރުވާނަށް ނިދުނުއިރެއްވެސް ނޭގެއެވެ. ޝަރުވާނަށް ނިދުނު ވަގުތު ބަލާފައި ސުވައިދާ ކޮޓަރިން ނިކުމެ ހިނގައިގަތީ ރަށުތެރެއަށެވެ. ރަށުތެރޭގެ ހާލަތު ބަލާލުމަށެވެ. ހަސަންބެމެން މިހާރު ވަނީ ސީދާ ސުވައިދާ އާއި ދިމާކޮއްލާފައެވެ. އެކަން އެހެން ވިޔަ ނުދޭން ކުރެވެން ހުރި ކޮންމެ ކަމެއްވެސް ސުވައިދާ ކުރަން ވަނީ ހިތުލައިފައެވެ. ސުވައިދާ މާދުރަށް ހިނގާކަށް ނުޖެހުނެވެ. ކުރިމަތިން ބައްދަލުވީ ރޭ ސުވައިދާއަށް ހަމަލަދޭން އުޅުނު ގުރޫޕްގެ އެންމެ އިސްކޮށް އުޅުނު އަރީފެެވެ. އޭނާއަށް ސުވައިދާ ފެނުމާއި އެކު ފަހަތަށް ޖެހިލިއެވެ. ނަމަވެސް ސުވައިދާ ބާރު ބާރަށް ގޮސް އޭނަ އާއި ހަމަކޮއްލިއެވެ.

"ގާތް ނުވާތި" ސުވައިދާއަށް އަރީފް އިންޒާރު ދިނެވެ.

"ކީއްކުރާނީ" ސުވައިދާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

"ކަލޭ ތިއަށްވުރެ ކުރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް ދުވަސް ދުއްވާލާނަން" އަރީފް ބުނެލިއެވެ.

"އެއްވެސް ކަމެއް ނުކުރެވޭނެ" ސުވައިދާ އަރީފްގެ ގާތަށް ޖެހިލިއެވެ.

"ދެން ނާންނާތި. މިއޮތީ ތަވީދު. މަރުވާން ބޭނުން ނޫނިއްޔާ ނާންނާތި" އަރީފް ފަހުގެ އިންޒާރު ދިނެވެ.

"އޯހް ތަވީދު ދޯ. ކަލޯގެ އަތަކު މިހާރު ތަވީދެއް ނެތޭ. އެ ތަވީދު ކަލޯގެ އަނބިގޮއްޔެގެ ބާލީސް ދަށުގައި" ސުވައިދާ ގޮސް އަރީފްގެ ކަރުގައި ބާރަށް ހިފައިލިއެވެ. ވީތަދުން އަރީފް ހަޅޭލަވަން މަސައްކަތް ކުރި ނަމަވެސް އެކަންވީ ބޭކާރެވެ.

"ޕްލީސް ދޫކޮއްލާ. އަހަރެން މި މަރުވަނީ. އެހެން ނަހަދާ" އަރީފް އާދޭސް ކުރަންފެށިއެވެ.

"ކޮބާ ދެންމެ ގަދަވެލާފައި ބުނިހާ ބަސްތައް. ބުނީމެއްނު އަހަރެން މަރާލާނަމޭ" ސުވައިދާގެ ހަރުކަށިބަސްތައް ބޭރުކޮއްލިއެވެ. އަދި އަރީފްގެ އަނގަމަތީގައި ހިފައި ދަތްޕިލަ ބޭރަށް ނެރުނެވެ. އެއިރުވެސް ސަލާމަތްވާން އެދި އާދޭސް ކުރަމުން ދިޔައެވެ. އަރީފަށް އެހީތެރިވޭތޯ މީހުންނަށް ގޮވަން ފެށިއެވެ. ނަމަވެސް އެއަޑު އަހާނެ އެއްވެސް މީހަކު އެގަޑީ އެހިސާބުގައިވެސް ނެތެވެ. އަރީފްގެ ހަށިގަނޑުން ފުރާނަ ބޭރުވިކަން ޔަގީންވުމާއިއެކު އޭނަގެ ހަށިގަނޑު ބިންމަތީ ދަމާފައި ގެންގޮސް އަތިރިމައްޗަށް އެއްލައިލިއެވެ. އަދި ވަރަށް ހަމަޖެހިލާފައި އަނެއްކާވެސް ރަށުތެރެއަށް އަރައިގެން ދާން ފެށިއެވެ. ސުވައިދާގެ ބޭނުމަކީ އޭނާއަށް ގެއްލުންދޭ ބަޔަކަށް ގެއްލުން ދިނުމެވެ. ސުވައިދާ މަޑުމަޑުން ހިނގަމުން ދިޔައެވެ.

ހެނދުނު އިރުއެރުމާއި އެކު އަނެއްކާވެސް ރަށުތެރޭގައި މީހެއްގެ މަރުގެ ޚަބަރު ފެތުރި މުޅި ރަށަށް އެކަމުގެ ބިރުވެރިކަން ފެތުރިގެންފިއެވެ. އަރީފްގެ މަރުގެ ވާހަކައެވެ. އަރީފް މަރާލައިފައި އޮތީ ކުރިންވެސް ހަމީދާގެ މަރާއި ދާދި އެއްގޮތަކަށެވެ. މިހާރު ރަށުގެ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެއީ ޖިންނިއެއްގެ ކަމެކެވެ. އެކަން އެމީހުން ޔަގީން ކުރަން ބޭނުންވިއެވެ. އެމީހުންނަށް އެބިރުވެރިކަމުން ސަލާމަތް ކޮއްދޭން ހަސަންބެއަށް ކޮއްދެވޭނެ ކޮންމެ ކަމެއް ކޮއްލަދޭން އެދުނެވެ.

ރަށުގެ ރައްޔިތުންނަށް ހަސަންބެ ދިން އުފާވެރި ކަމާއި އެކު ވަރަށް ކިޔަމަންވެ ތިއްބެވެ. އެހެން ރޭތަކާއި މިރޭ ވަރަށް ތަފާތެވެ. ފުރަތަމަ ކަމަކީ ހަސަންބެ އެދުމަށް ކިޔެވެލި ކިޔަވާ ތަން ބަދަލު ކުރުމެވެ. މިރޭ ހަމަޖެއްސި މައިދާނަކީ ޝަރުވާންމެންގެ ކުރިމަތީގައި އޮންނަ ހުސްބިމެވެ. އެމައިދާން އޮތީ ހަސަންބެ ބޭނުންވާ ގޮތަށް ވަރަށް ފުރިހަމައަށް ތައްޔާރު ކޮއްފައެވެ. މުޅި ހިސާބު އޮތީ ދޮންވެލި ލައިފައެވެ.

ގަޑިން އަށެއް ޖެހުމާއި އެކު އެސަރަހައްދަން މީހުން ޖަމާވާން ފެށިއެވެ. ނަމަވެސް ކުޑަކުދިންނާއި އަންހެނުން އައުން މަނަލެވެ. މީހުން ޖަމާވެ އެތައް އިރެއްވީ އިރުވެސް ހަސަންބެގެ ޚަބަރެއް ނުވެއެވެ. އެސަރަހައްދުގައި ތިބި މީހުންގެ މޫނުމަތިން މާޔޫސްކަމާއި ބިރުވެރިކަން ފެންނަމުން ދިޔައެވެ. އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން ދިޔައެވެ. ހަސަންބެއަށް ކަމެއްވީތޯ ބަލަން އެއްބަޔަކު އޭނާ އުޅޭ ގެއާއި ދިމާލަށް ދިޔައެވެ. އެއިން އެއްވެސް ބަޔަކަށް ހަސަންބެ ނުފެނުނެވެ. އެންމެން ބިރުވެރިކަމުގައި ތިއްބާ ފެނުނީ ހަސަންބެ ވަރަށް ދުރުން އަންނަ މަންޒަރެވެ. އެމީހުންގެ މޫނުމައްޗަށް އުފާވެރި ކަމުގެ ކުލަވަރު ވެރިވިއެވެ. އެންމެން މަޑުކޮއްލައިގެން ތިބީ ހަސަންބެ އެހިސާބަށް އަންނަންދެނެވެ. ހަސަންބެ އެއައި ގޮތަށް އައިސް އެއްވެފައި ތިބި މީހުންގެ މެދުގައި މަޑުކޮއްލުމަށްފަހު މައްޗަށް ބަލަހައްޓައިގެން ހުއްޓެވެ. ދެލޯ މަރައިގެންނެވެ. އިރުކޮޅަކުން ދެލޯ ހުޅުވާލާފައި އެއްވެފައިވާ މީހުންނާއި ވާހަކަ ދެއްކިއެވެ. އެއްވެސް މީހަކު މިރޭ މައިދާން ދޫކޮއްލާފައި ނުދާން އިރުޝާދު ދިނެވެ. އެހެންވެއްޖެއްޔާ އެމީހަކަށް ވަރަށް ނުރައްކާ ވާނެ ކަމާއި އަރީފަށް ވެސް އެހެންވީ ހަސަންބެގެ ބަސް ނޭހުނީމާ ކަމަށް ބުންޏެވެ. ހަސަންބެގެ އޯޑަރަށް އޭނާގެ ގްރޫޕްގެ މީހުން ބިންމަތީގައި އިށީނެވެ. މުޅި ހިސާބުގައި ދޮންވެލި ލާފައި ވާތީ އެހިސާބު ފެންނަނީ ވަރަށް ހުދު ކޮށެވެ. ކިޔެވުން ފަށައިގެން މާގިނައިރެއް ނުވަނީސް އުޑުމަތި ބަނަވެ ވައިގަދަވާން ފެށިއެވެ. އަދި މަޑުމަޑުން ވާރޭގެ އަަސަރު ކުރަން ފެށިއެވެ. ނަމަވެސް އެއްވެސް މީހަކު މައިދާން ދޫކޮށް ނުދިއުމަށް ތަކުރާރުކޮށް ހަސަންބެ އެދެމުން ދިޔައެވެ. ނަމަވެސް ވައިގަދަވާން ފެށުމުން އެތަނުން ބައެއް މީހުން ބިރުން މައިދާން ދޫކޮއް ދުއްވައިގަތެވެ. ނަމަވެސް ހިތްވަރާއި އެކު ހަސަންބެގެ ބަސްއަހައިގެން ތިބި މީހުން ތިއްބެވެ. ވަކި ވަރަަކަށް ކިޔެވުމަށްފަހު ހަސަންބެގެ ކުރިމަތީގައި ހުރި މޭޒުމަތީގައި އޮތް ރަތްކުލައިގެ ފޮތި ކޮޅުގައި އަލިފާން ރޯކޮއްލިއެވެ. ދެން ކަންތަކާއި ޖެހުނީއެވެ. ޝަރުވާންމެންގެ ގެއިން ސުވައިދާ ދުވެފައި ނިކުތެވެ. ފަހަތުން ޝަރުވާނާއި އޭނާގެ މަންމަ ހަލީމާވެސް ނިކުތެވެ.

"އެ ނިކުތީ ޖިންނި. އެ ޖިންނިއަކަށް މިހިސާބަށް ނާދެވޭނެ. ބިރު ނުގަނޭ" ހަސަންބެ ބާރަށް ގޮަވައިލިއެވެ.

ސުވައިދާ ދުވެފައި އާދެވުނީ ވަކި ހިސާބަކަށެވެ. ހީވީ ދެފަޔަށް މޮހޮރު ޖަހައިލިހެންނެވެ. ނަމެސް ޝަރުވާން ދުވެފައި އައިސް އެމީހުންގެ ތެރެއަށް ވަދެ ހަސަންބެއަށް ހަމަލަ ދިނެވެ. ނަމަވެސް ވަށައިގެން ތިބި މީހުން ޝަރުވާން ހުއްޓުވާ ހަސަންބެގެ އިރުޝާދުގެ ދަށުން ހަތަރެސްފައި ބަނދެލިއެވެ. އަދި އެމީހުންގެ މެދުގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި ބޭންދިއެވެ. ނަމަވެސް ހުއްޓުމެއްނެތި އެމީހުންނަށް ހަމަލަ ދޭން މަސައްކަތް ކުރި ނަމަވެސް ހަތަރެސްފައި ބަނދެފައިވާތީ އެކަމެއް ކާމިޔާބެއް ނުވިއެވެ. އެމީހުންގެ ކިޔެވުން ހުއްޓާ ނުލައި ކުރިއަށް ދިޔައިރު ބޯކޮށް ވާރޭ ވެހި ގުގުރަން ފެށިއެވެ. އަދި އެމީހުންނާއި ދިމާލަށް އަލިފާން ބޯޅަތައް އަންނަން ފެށިއެވެ.

"މި ހަލީމާ މަރާލަނީ. އެހެން ނޫނިއްޔާ ތިކަން ހުއްޓާލާ" ސުވައިދާ ހުރީ ޝަރުވާންގެ މަންމަގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެންނެވެ. އެމަންޒަރު ޝަރުވާނަށް ރަނގަޅަށްވެސް ފެނުނެވެ. ނަމަވެސް މަންމަ ބޭނުންވީ ސުވައިދާގެ ވަސްވެސް މި ދުނިޔެއިން ފޮހެލާށެވެ.

"ހަލީމާ ދޫކޮއްލާ" ހަސަންބެގެ އިންޒާރު އައެެވެ.

"ކަލެއަަށްތަ އެނގެނީ. މި ހަލީމާ ހުރިހާ ނުބައެއް ހަދަނީ. ހަލީމާ މަރައިލާނަން" ސުވައިދާގެ ހަރުކަށި ބަސްތައް އިއްވަމުން ގެންދިޔައެވެ. ނަމަވެސް އިރުކޮޅަކުން ސުވައިދާ ބިންމައްޗަށް ވެއްޓުނީ ހަސަންބެ ރޯކޮއްލި ފޮތިގަނޑު އޭނަ އާއި ދިމާލަށް އެއްލުމުންނެވެ. ސުވައިދާ ބިންމައްޗަަށް ވެއްޓުމާއިއެކު ދެން ފާޅުވީ އެހެން ޖިންނި ތަކެކެވެ. އިސާހިތަކު އެމީހުން ހަސަންބެމެންގެ ގްރޫޕަށް ހަމަލަ ދޭން ފެށިއެވެ.

"އަހަރެން މިއީ ސުވައިދާގެ މަންމަ. ޖިންނިއެއް ކަމަކު ތިހެން ނުހަދާ. ހުރިހާ ނުބައެއް ހަދަނީ މި ހަލީމާ. ފުރަތަމަ އޭނަ މަރާލާ" ސުވައިދާގެ މަންމަ ފުރަތަމަ ފަހަރަށް ފާޅުވިއެވެ.

"ކަލޭ ތިއީ ޖިންނިއެއް. މިރަށުން ބޭރުކޮއްލީވެސް އެހެންވެ" ހަލީމާގެ ގާތަށް ރުޅިއައިސްގެން ސުވައިދާގެ މަންމަ އާއި ދިމާލަށް އެތިފަހަރު ގޮވައިގަތެވެ.

ނަމަވެސް އެކަންތައް ވެސް ހުއްޓުވީ ހަސަންބެއެވެ. އެމީހުންގެ އާދޭސްތައް ހަސަންބެ އަޑު އަހާކަށް ބޭނުމެއް ނޫވެ. އޭނަ ބޭނުންވީ ޖިންނިންގެ ކިބައިން ސަލާމަތް ކުރުމެވެ. ހަސަންބެ އިރުޝާދާއި އެކު އޭނަގެ ބައިވެރިން ކިޔެވެލި ކިޔެވުން ނުހުއްޓައެވެ. އެމީހުންގެ ކަމަކީ ކިޔެވުމެވެ.

"ހަސަނާ އަޑު އަހާބަލަ. އަހަރެންނަކީ ޖިންނިއެއް ނަމަވެސް އަހަރެން މިރަށުން ބޭރު ކޮއްލީ ހަލީމާ. އަހަރެންގެ ފިރިމީހާ އާއި ހިތާވެގެން އޭނާއަށް ފަންޑިތަ ހެދީ. އެންމެފަހުން އޭނަ މަރުވީ. އަހަރެމެން ދޫކޮއްލާ" ސުވައިދާގެ މަންމަ ވަރަށް އަސަރާއިއެކު އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް އެ އާދޭސްތައް ހަސަންބެެއަކަށް އަޑެއް ނީވެއެވެ. ސުވައިދާގެ މަންމަ އާދޭސް ކުރަމުން ދަނިކޮށް ސުވައިދާ އަނދާ ހުލިވަމުން ގޮސް ގެއްލުނެވެ. އެކަމާއި ސުވައިދާގެ މަންމަ ރުޅި ގަދަވެ ޝަރުވާންގެ މަންމަގެ ކަރުގައި ބާރަށް ހިފައިލިއެވެ. އަދި އިރުކޮޅެއް ވަންދެން ހުރުމަށްފަހު ދޫކޮއްލީ ހަލީމާ މަރުވިކަން ޔަގީން ވުމުންނެވެ. އަދި ހަސަންބޭ އާއި ގާތަށް ޖެހިލާފައި އެމީހުންނަށް ދެން އެކަހަލަ ގޯނާ ނުކުރުމަށް އެދުނެވެ. ގޯނާ ކުރަން ފަށައިފިއްޔާ އެމީހުން މާގޯސް ވާނެ ކަމަށް ބުންޏެވެ. އަދި އެމީހުންގެ ކިބައިން ބަދަލު ހިފާލާނެ ކަމަށާއި ނަމަވެސް ޝަރުވާނަށް ގެއްލުމެއްވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ޝަރުވާން ދުނިޔޭގައި ހުރިހާ ދުވަހަކު މިރަށް ރައްކާތެރިކޮއްދޭނެކަމަށް ބުނުމަށްފަހު ގެއްލުނެވެ. ސުވައިދާގެ މަންމަ ގެއްލުމާއި އެކު ވެހެމުން ދިޔަ ވާރެ އާއި ޖެހެމުން ދިޔަ ބާރުގަދަ ވައިވެސް ހުއްޓުނެވެ. ހަސަންބެ އާއި އޭނާގެ ބައިވެރިންނަށް ކާމިޔާބު ލިބުނީތީ އެމީހުން ދިޔައީ އުފާ ކުރަމުންނެވެ. ހަސަންބެ އައިސް ޝަރުވާންގެ ދޫކޮއްލިއެވެ. ޝަރުވާން ރޮމުން އައިސް މަންމަގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލައިގަތެވެ. އަދި މަންމަ ކީއްވެ ކުރި ކަމެއްތޯ އެހިއެވެ. ނަމަވެސް އެއަށް އެމަންމަ ޖަވާބެއް ނުދެއެވެ. ޝަރުވާންގެ ކުރިމަތީގައި އޮތީ ފުރާނަ ނެތް މަސްގަނޑެވެ. އެއީ ތެދެކެވެ. ޝަރުވާންގެ ކޮޓަރިންނާއި އެހެނިހެން ތަންތަނުން އެ ލޭތިކި ފެނެއެވެ. އެންމެ ބޮޑަށް ފާހަގަވީ ގަސްތަކަށް ފެންދޭން އުޅުނު ދުވަހު އަތުން ފޭބި ލެއެވެ. އެއިރުވެސް ޝަރުވާން ހިތަށް އެރިއެވެ. މިއީ ކޮން ލޭ ތިއްކެއް ބާވައެވެ. ޝަރުވާން އޭނަގެ މަންމަގެ މޫނަށް ބަލައިލިއެވެ. މޫނުމަތިން އެއްވެސް ޒަޚަމެއް ފެންނާކަށް ނެތެވެ. މަންމަވެސް ލޯބިވާ މީހަކު ހާސިލްވޭތޯ އުޅުނީއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެދިޔައީއެވެ. އެކި މީހުންނަށް މިންވަރު ކުރައްވާނީ އެކި ވަރަށެވެ. އެކަމަށް ޖެހޭނީ ޝުކުރުވެރި ވާށެވެ. ޝަރުވާން މަންމަގެ މޫނުގައި ކޮއްޓައިލީ ވަަރަށް ލޯބިން އަދި އެހާމެ އަސަރާއި އެކީގައެވެ. އެވަގުތު މަންމަގެ އަނގައިންވެސް އައީ ހަމަ އެކަހަލަ ލެ އެވެ. އެކަހަލަ ލޭތިއްކެކެވެ.

= ނިމުނީ =

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް